ހަބަރު

މިވަގުތު ނާޖާއިޒު ފައިދާ ނަގަން އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނަން: އެމްޕީ ޝިނާން

Oct 18, 2015

ރައީސްއަށް ދިން ހަމަލާގެ ތަހުގީގެއް ކުރިއަށްދަނިކޮށް އެކަމަށް ފުރުސަތު ނުދީ ވަގުތުގެ ނާޖާއިޒު ފައިދާ ނެގުމަށް އެއްވެސް ފަރާތަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސްއަށް ދިން ހަމަލާއަކީ މުޅި އުންމަތަށް ދިން ހަމަލާއެއްކަން ސިފަކުރައްވަމުން މިރޭ ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިނާން ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ވެރިއަކު އަވަހާރަކޮށްލަން އުޅުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެ ހާލަތު ބަދަލު ނުވާ އިރު، އެ ހަމަލާގެ ހަގީގަތް ހޯދަން ޖެހޭ ކަމަށް ޝިނާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާގެ ހަގީގަތް ނުހޯދައި އަޑީގައި ތިބި ފަރާތްތަކަށް އަދަބު ނުދެވިއްޖެ ނަމަ ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތެވެ.

ޝިނާން ވިދާޅުވި ގޮތުގައި އެ ހާދިސާގެ ތަހުގީގަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން މަޖިލީހުގެ ތެރެއިން ލިބޭނެ އެވެ. އަދި ޕީޕީއެމް އާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ތިބީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށާއި މި ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ޝިނާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވަކި މީހަކު ދޫކޮށްލުމަށް ޓަކައި ހަމަ މިދަނޑިވަޅާ ދިމާކޮށް މަގުތަކަށް މީހުން އެއް ކުރިޔަސް އަދި ކިތަންމެ ވަރަށް ރޭވުންތައް ރޭވިއަސް އެ ކަންކަން ނާކާމިޔާބު ކުރުމަށް މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ޝިނާން ދެއްވި އެެވެ.

"އިދިކޮޅު ފަރާތްތަކުން ވެސް އަޅުގަނޑު ދަންނަވާނީ މަގުތަކަށް މީހުން އެއްކޮށްގެން މިވަގުތުގެ ފައިދާ ނަންގަވަން ނޫޅުއްވާށޭ. އަޅުގަނޑުމެން މިކަމަކަަށް ފުރުސަތެއް ނުދޭނަމޭ. މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަމޭ. އެއީ ޔުނީފޯމް ބޮޑީތަކަށް އިތުރު ބާރު ދީގެންވެސް މިކަންކަން ހުއްޓުވާ ނަމޭ. އެބޭފުޅުން ގަބޫލު ކުރައްވަން ޖެހޭ ކިތަންމެ ވަރަށް ރޭވިޔަސް، މާ މޮޅަށް ކަންކަން ރާއްވަވާ ފަރާތެއް ވާކަން،" ޝިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާދީގެން ޕީޕީއެމްގެ އިމާރާތުގައި ރެދުއަޅުވާލެވޭނެ ކަމަށް ގަބޫލު ކުރިޔަސް އެއީ ކުށްހީއެކެވެ. އޭގެ ބަދަލުގައި ޕީޕީއެމްގެ ފައުންޑޭޝަން އޮތީ ގުޑުމެއް އަރުވާނުލެވި ވަރުގަދަކަމާއި ބަދަހިކަން މަތީގައި ކަމަށް ޝިނާން ވިދާޅުވި އެވެ. މަޖިލީހުގެ މެންބަރުންނާއި މުޅި ކެބިނެޓް އަދި ޕާޓީގެ ދެން ތިއްބެވި ލީޑަރުން ވެސް ތިބީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށް ޝިނާން ވިދާޅުވި އެވެ. އަދި ސަރުކާރުން ފަށާފައިވާ އިގްތިސާދީ މަސައްކަތްތަކަށް ހަމަލާގެ ސަބަބުން ހުއްޓުމެއް ނާންނަ ކަމަށް ޝިނާން ވިދާޅުވި އެވެ. އަދި މި ސަރުކާރަށް އެކަމުން ބުރުލެއް އަރުވާ ނުލެވޭނެ ކަމުގެ ޔަގީންކަން ވެސް ޝިނާން ދެއްވި އެވެ.

"މުޅި ޕީޕީއެމް މަޖިލިސް އަދި ކެބިނެޓް މި އޮތީ ރައީސް ޔާމީންގެ ފަހަތުގައި. ނޫސްތަކަށް ބައްލަވައި ތަރައްގީގެ މަޝްރޫއުތައް އެ ދަނީ ކުރިއަށް. އެކަމަށް ހުއްޓުމެއް ނެތް. އަނެއްކާ ރައީސް ކަމަކަށް ގޮވާލައްވައިފި ނަމަ މަޖިލީހުން ދޭން ޖެހޭ އެހީތެރިކަން އަޅުގަނޑުމެން ދޭން މިތިބީ ތައްޔާރަށް. މީގެ ސަބަބުން މި ސަރުކާރަށް ލޮޅެއް ނާންނާނެ،" އޭޖީ އަނިލްއާ އެކު ވާހަކަ ދައްކަވަމުން ޝިނާން ވިދާޅުވި އެވެ.

މަޖިލީހުން މި މައްސަލައިގައި ރިއެކްޓް ކުރީ ތަންކޮޅެއް ލަހުންކަމަށް ޕްރެޒެންޓަރު ސުވާލު ކުރެއްވުމުން ޝިނާން ވިދާޅުވީ މައްސަލައިގެ ހައްސާސީ ކަމުން މަޖިލިސް ވެސް މަޑުކުރީ ސަރުކާރުން މިކަމުގައި ތަހުގީގު ގެންދާ ހިސާބަކަށް ބަލަން ކަމަށެވެ. އަދި މަޖިލީހުން ކުރާ ކަމެއްގެ ސަބަބުން ސަރުކާރުން މިހާރު ގެންދާ ތަހުގީގާ ފުށުއެރުން ކަހަލަ ކަމެއް ކުރިމަތި ވެދާނެތީ މަޖިލީހުން އެކަމުގައި މަޑުން އޮތީ ކަމަށް ވެސް ޝިނާން ވިދާޅުވި އެވެ. އެހެން ނަމަވެސް ސަރުކާރުގެ ފެހި ސިގްނަލް ލިބުމުން މަޖިލީހުން އެކަމުގައި މިހާރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޝިނާން ވިދާޅުވި އެވެ. އަދި މަޖިލީހުގެ 241 ކޮމިޓީގެ މަސައްކަތްތަކުން ސަލާމަތް ތެރިކަން ކަށަވަރު ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ފަދަ ކަންކަން ދެނެގަނެވޭނެ ކަމަށް ޝިނާން ވިދާޅުވި އެވެ.

"މި ހުރިހާ ގޮތަކުން އަޅުގަނޑުމެން ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމި ތިބޭނަން. މިކަން އަޅުގަނޑުމެން ކުޑަކަމެއްގެ ގޮތުގައި ދުލެއް ނުކުރާނަން. ތަހުގީގާ ގުޅިގެން ރައީސް އެދިވަޑައިގަންނަވާ ކޮންމެ ކަމަކަށް އަޅުގަނޑުމެންގެ ޕީޖީ ގްރޫޕް އިޖާބަދޭނެ. މި ތަހުގީގުން އަޅުގަނޑު ދަންނަވާނީ ގިނަ ކަންކަމެއްގެ ހަގީގަތް ހާމަވާނެ،" ޝިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންކްއަރީ ކޮމިޝަންގައި ތިއްބެވީ ވެސް މިފަދަ ތަހުގީގަކަށް އެންމެ ގާބިލް ބޭފުޅުންނެވެ. އަދި ރައީސްގެ އިރުޝާދާ އެކު ކާމިޔާބު ތަހުގީގެއް ކޮށް މިކަމުގެ ހަގީގަތް ހޯދޭނެ ކަމަށް ޝިނާން ގަބޫލު ކުރައްވަ އެވެ. އޭނާ ވިދާޅުވީ ހަމަލާތައް ދީގެން މީހަކު އަވަހާރަކޮށްލައިގެން ވެރިކަން ހޯދަން އުޅުމަކީ މާ ކުރީގެ ވަރަށް ނާތަހުޒީބު ގޮތެއް ކަމަށެވެ. އަދި ކަނޑިބަޑި އާއި ބަޑިބޭސް ބޭނުންކޮށްގެން ވެރިކަން ހޯދަން އުޅުމަކީ ޒަމާނީ ވެށްޓަކުން ފެނިގެން ނުވާނެ ކަމެއްކަން ފާހަގަ ކުރައްވަމުން ޝިނާން ވިދާޅުވީ ވެރިކަން ހޯދަން ޖެހޭނީ ރައްޔިތުންގެ ވޯޓު އެ މީހުންގެ އިތުބާރާއި ލޯބި ހޯދައިގެން ކަމަށެވެ. އެ ނޫން ގޮތަކަށް ވެރިކަން ގެންނަން ބަޔަކު މަސައްކަތް ކުރާ ނަމަ، ޑިމޮކްރަސީގެ މަފްހޫމް މުޅިން އޮޅޭނެ ކަމަށް ވެސް ޝިނާން ވިދާޅުވި އެވެ.