ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަވަހާރަކޮށްލުމުގެ މަގުސަދުގައި މީގެ ދެ ދުވަސް ކުރިން ދިން ހަމަލާގައި އެއްވެސް ގޮތަކަށް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް ޕާކިސްތާންގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝެހްބާޒް މި ވާހަކައެއް ދައްކަވާފައި މިވަނީ އިމްރާނަށް ދިން ހަމަލާގެ އަޑީގައި ޝެހްބާޒުގެ އިތުރުން ޕާކިސްތާނުގެ އިންޓީިރިއާ މިނިސްޓަރު ރާނާ ސަނައުﷲ އާއި ސިފައިންގެ އިސް ޖެނެރަލަކަށްވެސް އިމްރާން ތުހުމަތުކުރައްވާފައި ވަނިކޮށެވެ.
އިމްރާނަށް ބަޑިން ހަމަލާ ދިނީ އޭނާ އިސްވެ ހުންނަވައިގެން މިދިޔަ ހުކުރު ދުވަހު ޕާކިސްތާންގެ އިރުމަތީ ސިޓީއެއް ކަމަށްވާ ވަޒީރުއާބާދުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ހުންނަވަނިކޮށެވެ. އިމްރާނަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަނާތު ފަޔަށެވެ. މި ހަމަލާގައި އިތުރު ހަތަރު މީހަކުވެސް ޒަހަމުވި އެވެ. އަދި ހަމަލާ ދިންތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ތުހުމަތުކުރެވުނު މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
އިމްރާން ހާނަށް ދިން ހަމަލާ ތަހުގީގުކުރުމަށް ގޮވާލައި އޭނާގެ އެތައް ހާސް ސަޕޯޓަރުން ގެންދަނީ ޕާކިސްތާންގެ އެކި ސަރަހައްދު ތަކުގައި މިހާރު ވެސް މުޒާހަރާކުރަމުންނެވެ.
ޝެހްބާޒް ވިދާޅުވީ އޭނާއާއި އަދި އެހެންވެސް ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތަކީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ކުރާ ތުހުމަތެއް ކަމަށެވެ.
"މިމައްސަލައިގައި އަޅުގަނޑުގެ އަތެއްވާ ކަމުގެ އެއްވެސް ހެއްކެއް ފެނިއްޖެނަމަ އަޅުގަނޑު މި މަގާމުގައި ހުރުމުގެ ހައްގެތް ނެތް. އެކަމުގެ ހެކި ފާޅު ވެއްޖެނަަމަ އަޅުގަނޑު ސިޔާސީ މަސައްކަތާ ދާއިމަށް އަލްވަދާއު ކިޔާނަން،" ލާހޫރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ޝެހްބާޒް ވިދާޅުވި އެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ކަމުން އިމްރާން ހާން ދުރުކުރީ މިދިޔަ އޭޕްރީލް މަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެންނެވެ. އިމްރާން ވަނީ އެއީ އެމެރިކާ އަޑީގައި އޮވެ އަދި މިހާރުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ބައިވެރިވެގެން ކުރެއްވި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.