ދުނިޔެ

ޕާކިސްތާން ބޮޑުވަޒީރު އިމްރާން ސައޫދީގައި

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އަރިހުގައި ވަޑައިގެންނެވި ވަފުދު މިޑްލް އީސްޓް ގްރީން އިނީޝިއޭޓިވް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ވަޑައިގެންފި އެވެ.

އިމްރާންއަށް ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޕްރިންސް މުހައްމަދު ބިން އަބްދުއްރަހްމާން އެވެ.

އޭނާއަކީ ރިޔާޒްގެ އެކްޓިން ގަވަރުނަރު އެވެ. އިމްރާނަށް މަރުހަބާ ދެންނެވުމަށް ސައުދީގެ އެހެން އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިޑްލް އީސްޓް ގްރީން އިނީޝިއޭޓިވް ސަމިޓަކީ މިއަހަރުގެ ކުރީކޮޅު ވަލީއަހުދު މުހަންމަދު ބިން ސަލްމާން އިސްނަންގަވައިގެން ފެއްޓެވި ޕްރޮޖެކްޓެކެވެ.

އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ސަރަހައްދީ ފެންވަރުގައި "ގްރީން ޕޮލިސީ ސޮލިއުޝަން" ކަނޑައެޅުމެވެ. މިސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ގައުމުތަކުގެ ލީޑަރުންނާއި މަންދޫބުން ހޯމަ ދުވަހު ރިޔާޒަށް އެއްވާނެ އެވެ.

މިޑްލް އީސްޓް ގްރީން އިނީޝިއޭޓިވްގެ އަމާޒްތަކުގެ ތެރޭގައި މިސަރަހައްދުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު 60 އިންސައްތަ އަށް ދަށްކުރުމަށް ނިޒާމެއް އެކުލަވާލުން ހިމެނެ އެވެ. އަދި ދުނިޔޭގައި ހިންގާ އެންމެ ގިނަ ގަސް އިންދުމުގެ މަޝްރޫއުގައި 50 ބިލިއަން ގަސް އިންދުން ހިމެނެ އެވެ.

އިމްރާން ކުރިން ވިދާޅުވި ގޮތުން މިޕްރޮގްރާމްގެ ދަށުން ދުނިޔެއަށް އެހީތެރިވުމަށްޓަކައި ޕާކިސްތާންގައި ވެސް ގަސް އިންދާނެ އެވެ.