ގައުމުގެ ހާލަތު ގޯސްވަމުންދާ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އޭނާގެ ސަޕޯޓަރުންނަށް މުޒާހަރާ ހުއްޓާލުމަށް ގޮވާލައްވައިފި އެވެ.
އިމްރާން މިކަމަށް އެދިވަޑައިގަތީ ޕާކިސްތާނު ރުޕީސްގެ އަގު ވެއްޓި، އިގްތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓިދާނެ ކަމަށް ކުރެވޭ ލަފާކުރުންތަކަކާ ގުޅިގެންނެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި ވޭތުވެ ދިޔަ އޯގަސްޓު މަހު ޕާކިސްތާނުން ލޯނެއްވެސް ނަގާފައިވެ އެވެ.
ޕާކިސްތާނުގެ ރަވަލްޕިންޑީގައި ބޭއްވި މުޒާހަރާގައި އިމްރާން ވަނީ އަންނަ އަހަރު ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވާ ޕާކިސްތާނުގެ އާންމު އިންތިހާބު އަވަސްކުރުމަށް އަނެއްކާވެސް ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވާފަ އެވެ. މި އެއްވުމުގައި އިމްރާން ބައިވެރިވެވަޑައިގަތީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާ އެކު އެވެ. އެގޮތުން އޭނާ ވާހަކަ ދައްކަވަން ހުންނެވީ ވަޒަން ނާރާ ގޮތަށް ހަދާފައިވާ ބްލެޓްޕްރޫފް ބިއްލޫރިގަނޑެއްގެ ފަހަތުގައި ހުންނަވައިގެންނެވެ.
ރާވަލްފިންޑީގައި އިއްޔެ ބޭއްވި އެއްވުމަކީ އިމްރާން އަވަހާރަކޮށްލުމަށް މިމަހުގެ ކުރީކޮޅު ދިން ބަޑީގެ ހަމަލާ އިން ސަލާމަތްވެވަޑައިގެންނެވި ފަހުން އެއްވުމެއްގައި އިމްރާން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އެއްވުމެވެ. މި އެއްވުމުގައި ވެސް 25،000 އާއި 30،000 ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވެފައިވެ އެވެ.
ރާވަލްފިންޑީގައި މި އެއްވުން ބާއްވާފައި މިވަނީ އިމްރާނަށް ބަޔަކު ހަމަލާ ދިނުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ވިދާޅުވެ ޕާކިސްތާނުގެ ހައިކޯޓުގެ އިސް ފަނޑިޔާރު އާމިރް ފާރޫގް ވާހަކަދައްކަވާފައި ވަނިކޮށެވެ. އެހެންވެ އިމްރާން ބައިވެރިވި އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 10،000 ފުލުހުން ހަތިޔާރާ އެކު ހަރަކާތްތެރިވި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އިމްރާނަށް ދިން ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނުގެ މިހާރުގެ ސަރުކާރާއި، އަސްކަރިއްޔާގެ ވެރީން ކަމަށް އިމްރާން ތުހުމަތުކުރައްވަ އެވެ.
މިފަދަ ހަމަލާއަކަށް ތައްޔާރީގާ 10،000 ފުލުހުން ހަތިޔާރާއި އެކު އެކި ދިމަދިމާލުން މި އެއްވުން ބަލާ، ފާރުލާން ބެހެއްޓުނު ކަން ޕާކިސްތާނުގެ ފުލުހެއް އެގައުމުގެ ޖިއޯ ޓީވީ ޗެނަލްއާ ހިއްސާކުރައްވާފާ ވެއެވެ.
ޕާކިސްތާންގައި ވެރިކަމުގެ ދައުރު ހަމަވަންދެން މިހާތަނަށް އެއްވެސް ބޭފުޅަކަށް ބޮޑުވަޒީރުގެ މަގާމު ފުރުއްވިފައެއް ނުވެ އެވެ. އުމުރުފުޅުން 70 އަހަރުގެ އިމްރާން ވެސް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަގާމުން ދުރުކުރީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެންނެވެ. އޭގެފަހުން އިމްރާން ގެންދަވަނީ އަވަސް އިންތިހާބަކަށް ގޮވާލައްވަމުންނެވެ. އެކަމަކު އިންތިހާބެއް ބޭއްވޭނީ ރޭވިފައިވާ ގޮތަށް އަންނަ އަހަރު ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ.