އިދިކޮޅު ފަރާތްތައް

ފިނިފެންމާ ލޯންޗު ގޮއްވާލަން އުޅުނު މީހުން ދޫކޮށްލާފައިވާތީ އިދިކޮޅުގެ ކަންބޮޑުވުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗުކޮޅުގައި ގޮއްވާލުމުގައި އުޅުނު މީހުން ދޫކޮށްލައި އެކަން ސިޔާސީ ކުުރި މައްސަލައިގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ މެމްބަރުން ފާޑު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިފަހުން ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ދިރާސާކޮށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އެކުލަވާލި ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ އިންސާނިއްޔަތަށް ދިން ހަމަލާއެއް ކަމަށާއި މިކަން ސިޔާސީކޮށް އެކަމުގެ ސީރިއަސްކަން ގެއްލުވާލައިގެން ނުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާގެ ވާހަކަ ދައްކާއިރު ރައީސް ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗުކޮޅުގައި ގޮއްވާލި ހާދިސާގެ ވާހަކަވެސް ދެއްކުން މުހިންމު ކަމަށެވެ.

އެ ހާދިސާގައި ރައީސް ޔާމިންގެ އަނބިކަނބަލުންނަށާއި ހަށި ފާރަވެރިން ޒަހަމްވިއިރު އެ އާއިލާތަކަށް އިންސާފު ނުލިބެނީ ކީއްވެގެންތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ. އަދި ރައީސް ޔާމީންއަށް ހަމަލާ ދިނުމުގެ ތުހުމަތު އޮތް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެހެނިހެން މީހުންގެ މައްސަލަތައް ކުރިއަށް ނުދާތީ ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެހެން ނަމަވެސް ރައީސް ނަޝީދަށާއި އެމަނިކުފާނުގެ ހަށި ފާރަވަރިންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް އިންސާފު ލިބޭތަން ދެކެން ބޭނުން ކަމަށް ވިދާޅުވި އެވެ.

".. ނައިފަރު ޝިޔާމް މަރާލަން ބޮން ގޮއްވީމާ އެއީ ކުނި ބިސް ބޮމަކަށް ވެފައި ރައީސް ނަޝީދު މަރާލަން ގޮއްވާލާ ބޮމަކީ އެއީ ވަރުގަދަ އައިއީޑީއަކަށް ވާގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ވިސްނުން ގެންގުޅުމަކީ އެއީ ބަލި ވިސްނުމެއް އެއީ." ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީންއަށް ދިން ހަމަލާއާ ގުޅިގެން މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އޭރު ކުރެއްވި ޓުވީޓުތަކަށްވެސް ޝިޔާމް ފާޑުވިދާޅުވި އެވެ. ހާއްސަކޮށް ރައީސް ޔާމީންއަށް ދިން ހަމަލާއާ ގުޅިގެން މަގުތަކުގައި ސިފައިން ހަތިޔާރާއެކު ފޯރިމެރުމުން އޭރު އެމްޑީޕީން ފާޑުކިޔާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދަށް އަމާޒުވި ހަމަލާއަށް ފަހު ސިފައިން މަަގުތަކުގައި ހަރަކާތްތެރިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިއަދު ކުރި ބަހުސްގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްވެސް ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލަ ކުރިއަށް ނުދާތީ ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް އެ ހަމަލާގެ ފަހަތުގައި ތިބި މީހުންނާ ސަރުކާރުން ޑީލް ހަދައި ހުކުމްތައް މުރާޖާކުރި ކުރުމަކީ ރައީސް ޔާމީންއާއި ރައީސް ނަޝީދަށްވެސް އިންސާފު ނުލިބޭނެކަމުގެ ދަލީލެއް ކަމަށެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން ހަމަލާ ދިނީ އެމަނިކުފާނު 2015 ވަނަ އަހަރު ހައްޖަށް ވަޑައިގަތުމަށް ފަހު މާލެ ވަޑައިގަތް "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެން ނެވެ. އެ ހަމަލާގައި އެމަނިކުފާނު ޒަހަމްވެ ވަޑައިނުގަތަސް އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއި ހަށި ފާރަވެރިއަކު އެކި ޒަހަމުތައް ލިބިވަޑައިގެންނެވިއެވެ. އެ މައްސަލައިގައި އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 15 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް އެ ހުކުމް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.