ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޕީޕީއެމް ޕީޖީ ގްރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހުއްދަ ދިން ސަބަބު އެ މަޖިލީހުން ސާފުކޮށްދީފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ދެ މައްސަލައެއް އެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހާމަކޮށް ޕީޕީއެމް އާއި ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމެއް މަޖިލީހުގެ އިދާރާގައި ބާއްވާފައިވާ މިއަދު މެންދުރު ފަހު 2:30 ގައެވެ. އެ ބައްދަލްވުމަކީ ހިޔާ ފްލެޓް ތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން އޮޅުވާލުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގެ ވެރިންނަށް ލިބިފައިވާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަދު މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ އާއި މަސްކިރުން ކޮންޓްރޯލް ކުރުމަށް ނިންމި ނިންމުން ބަދަލު ކުރުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ބޭއްވި ބައްދަލްވުމެކެވެ.
މިއީ މި ފަހުން ސިޔާސީ ޕާޓީއަކަށް މަޖިލީހުގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ. މި ފުރުސަތު އިދިކޮޅު ދެ ޕާޓީއަށް ދިނީ ސަރުކާރާއި މެދު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮތް ކަންބޮޑުވުމާއި ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުގެ ތެރެއިން ކަމަށް ބައެއް މީހުން ދެކެއެވެ. އެފަދަ ވަރަށް ގިނަ ޝުއޫރުތައް ސޯޝަލް މީޑިއާގައި ދަނީ ފާޅު ކުރަމުންނެވެ.
މަޖިލީހުގެ އިދާރާއިން މިރޭ ބުނީ ޕީޕީއެމް ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމަކީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާލަމެންޓަރީ ގްރޫޕްތަކަށް ހުޅުވާލާފައިވާ ފުރުސަތެއްގެ ދަށުން ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. އަދި ހުރިހާ ޕާލަމެންޓަރީ ގްރޫޕަކަށް އެ ފުރުސަތު އޮތްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ 2020 ވަނަ އަހަރުގެ ތިން ވަނަ ދައުރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއުލާނު ކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި މައުލޫމާތު ދެއްވީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރާއި ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖިލީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ހީނާ ބައިވެރިވެވަޑައިގެންނެވި ނަމަވެސް ބައްދަލްވުމުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ގެންދަނީ އެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ހީނާއަށް ދެއްވުމުންވެސް ފާޑުވިދާޅުވަމުންނެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ބައިވެރިވެވަޑައިގަތީ އެ ދެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ސެކްރެޓަރީގެ ހައިސިއްޔަތުން ކަމަށާ ހީނާ އަކީ ޕީޕީއެމް އާއި ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ސެކްރެޓަރީ ކަމަށެވެ.