ނޯތު ކޮރެެއާއިން ފެންނަ މަަންޒަރު ރާއްޖޭން ފެންނަން އެދި ވަޑައި ނުގަންނަވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު އެހެން ވިދާޅުވީ އެމަނިކުފާނު އިއްޔެ ރާއްޖެ ވަޑައިގެންނެވުމުން އެމްއެންޑީއެފްއިން ސެކިއުރިޓީ ދިން ގޮތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފާޑު ކިޔައި ބައެއް ފަރާތްތަކުން ހަޖޫ ކިޔާތީ ކަންބޮޑުވުން ފާޅުކުރައްވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގެ ދެއްކެވި ވާހަކަަތަކާ ގުޅުވަ އެވެ.
"ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހުން ރާއްޖެއިން ބޭރުގައި ފަސް މަސް ދުވަސް ވަންދެން ހުންނެވުމަށް ފަހު އިއްޔެ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން އެމްއެންޑީއެފްއިން ދަނީ އެމަނިކުފާނަށް ވަރަށް ވަރުގަދަ ސެކިއުރިޓީއެއް ދެމުން ނެެވެ. އެގޮތުން ކާރުކޮޅުގައި އެމަނިކުފާނު ދަތުރުކުރައްވާއިރު ބޮޑީގާޑުން ކާރުގެ ފަހަތުން ހަތިޔާރާއެކު ދުވެ އެވެ. އެކަމަށް މީހުން ފާޑުކިޔައި އަދި ހަޖޫ ޖައި އެކަން ނޯތު ކޮރެއާގެ ރައީސްގެ ކާރުކޮޅު ފަހަތުން ބޮޑީގާޑުން ދުވާ މަންޒަރާ ވަރުން އަޅުވަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ނޯތު ކޮރެއާއިން ފެންނަ މަންޒަރު ޝިޔާމްގެ ހިތަށް ތަސައްވަރު ކުރެވުމަކީ އެމަނިކުފާނު ވެސް ހިތާމަ ކުރައްވާ ކަމެއް ކަަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސެކިއުރިޓީއާަ ގުޅޭ ކަންކަމުގެ އިންތިޒާމްތައް ހަމަޖައްސަނީ އެމަނިކުފާނާއި މަޖިލީހަކުން ނޫން ކަަމަށާއި އެކަން ހަމަޖައްސަނީ "ތުރެޓް ލެވަލް" ބެލުމަށް ފަހު އެމްއެންޑީއެފުން ކަމަށަވެެ.
"އަޅުގަނޑުވެސް އެދެނީ އަޅުގަނޑުމެން އެންމެނަށް މިިނިވަންކަމާއި އެކީގައި އުފާ އުފަލުގައި އުފާ ކުރަމުން ދެވޭނެ ދުވަހަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަދު މަޖިލީހުގައި ޝިޔާމް ވިދާޅުވީ ރައީސް ނަޝީދު އިއްޔެ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓިގޮތާ ގުޅޭ ވީޑިއޯ ސޯޝަލް މީޑީއާގައި މީހުން ޝެއާކޮށް ޖޯކަކަށް ހަދައިގެން އުޅުނު ނަމަވެސް އެއީ ޖޯކެއް ނޫން ކަމަށެވެ. އަދި އެ ވީޑިއޯއިން އެނގިގެން ދަނީ މި ރާއްޖޭގެ ހާލަތު ކަމަށެވެ.