ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ބޭރުގައި ހުންނެވި ސަބަބު ސާފުވެއްޖެ: މީކާއިލް

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ސެކިއުރިޓީ ބްރީޗްވި ހާދިސާއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައި ނުގަންނަވައި ބޭރުގައި މަޑުކުރައްވަނީ އަމިއްލަ ވިސްނުންފުޅެއްގައި ނޫން ކަން މިހާރު ސާފުވެގެން ގޮސްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިފަދައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ މައްސަލައިގެ ބަހުސްގެ ތެރެއިން ނެވެ.

"ހައެއް ފަހެއް" ގައި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ރާއްޖޭގައި ދިރުއުޅެން ރައްކާތެރި ނޫން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރާއްޖެ ވަޑައިގަންނަވަން ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް ރައީސް ނަޝީދަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ސަރުކާރުން ދަނީ ބުނަމުން ނެވެ. އަދި ބޭރުގައި މަޑުކުރައްވަނީ ރައީސް ނަޝީދުގެ އަމިއްލަ ވިސްނުންފުޅު ހުރި ގޮތަށް ކަމަށް ވަނީ ސިފަކޮށްފަ އެވެ.

މީކާއިލް މިއަދު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވި ހާދިސާއިންވެސް އެ ވާހަކަތަކުގައި ބުރަދަނެއް ނެތް ކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިހާރު މި ހިނގައިން އުޅޭ ހާދިސާއިން ވެސް ސާފުވާ އެއްކަމަކީ ތެދެއް ނޫން ކަން. ރައީސް ނަޝީދަކީ އެމަނިކުފާނަށް މަޖިލީހުގެ ހިދުމަތުގައި ހުންނެވެން ހުރި އެންމެ ސިކުންތެއް ވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން. އެހެން ނަަމަވެސް ދައުލަތެއްގެ ސިފައިގައި މިފަދަ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭ ވިކްޓިމްއަކަށް ދޭން ޖެހޭ އިތުބާރު އަޅުގަނޑުމެންނަށް ކިހިނެއްތޯ ދެވޭނީ. އަނެއްކާވެސް އެމަނިކުފާނާ ޖެހިގެން ހުންނަވާ ދައުލަތުގެ އަނެއް ބާރުގެ ވެރިޔާ ސެކިއުރިޓީ ބްރީޗްވީ" މީކާއިލް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހިންގި ޕާލަމަންޓް އިންކުއަރީގައި ލަފާ ދިން ކަންތައްތަކާ ގުޅޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކުން އެޅި ފިޔަވަޅުތައް މަޖިލީހާ އެންމެ ފުރިހަމައަށް ހިއްސާ ނުކުރާތީ ފާޑުވިދާޅުވި އެވެ. އަދި އަނެއްކާވެސް ސެކިއުރިޓީ ބްރީޗްގެ މައްސަލަތަކުގެ ވާހަކަ ދައްކަން ޖެހުމުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.