މިދިޔަ މަހު ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ޒަހަމްވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޔަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފިޔަވައި އެހެން ހުރިހާ ޒަހަމްތަކެއް ފަސޭހަ ވެފައިވާ ކަަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.
ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޖަރުމަނުވިލާތުގަ އެވެ. ޖަރުމަނުގެ ހޮސްޕިޓަލްގައި ސާޖަރީއެއް ވެސް ހައްދަވާއިފައިވާ އިރު މީގެ ކުރިން އޭޑީކޭގައި ވެސް އެތައް ސާޖަރީއެއް އެމަނިކުފާނު ހައްދަވައިފައި ވެއެވެ.
ރައީސް ނަޝީދުގެ ބޭބެ ޑރ. މުހައްމަދު ނާޝިދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ފަޔަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފިޔަވައި އެހެން ހުރިހާ ޒަހަމްތަކެއް ފަސޭހަވެފައިވާ ކަމަށެވެ.
"މިއަދަށް ޝެޑިއުލްކޮށްފައި އޮތް އެންޑޯސްކޮޕީ ވެސް މިހާރު ވަނީ ކެންސަލްކޮށްފައި. ޒަހަމްވި ތަންތަނުގެ ލަކުނުތައް ފިލުވަން ސާޖަރީ ހައްދަވަން ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައެއް ނުގަންނަވާ،" ނާޝިދުގެ ޓުވީޓުގައި ވެއެވެ.
ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުން މީގެ ކުރިން ވިދާޅުވީ އެމަނިކުފާނުގެ ހަށިގަނޑުގެ އެކި ހިސާބަށް ދަގަނޑު އެތިކޮޅުތަކެއް ވަތން ކަމަށެވެ. އަދި ދަގަނޑުކޮޅުތަކުގެ ތެރެއިން މޭކަށިގަނޑަަށް ވެދެފައިވާ އެތިކޮޅުތައް ހުރީ ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށް ކަމަށާއި އެ އެތިކޮޅު އެއް ސެންޓިމީޓަރަށް ވުރެ ތިރިވި ނަމަ ވެސް އެމަނިކުފާނުގެ ހިތަށް ހެރޭނެ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވީ ގޮތާ ގުޅޭގޮތުން ޕާލަމަންޓުން މިހާރު ދަނީ އިންކުއަރީއެއް ވެސް ކުރިއަށް ގެންދަމުން ނެވެ. އަދި އެ ރިޕޯޓް އަންނަ ހަފްތާގައި ނިމޭނެ ކަަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ވަނީ ބުނެފަ އެވެ.