(10 ނޮވެމްބަރ 2020 އާ ގުޅޭ)
ލައިތު ސަލާމަތްކުރުމުގައި މަސައްކަތްކުރާ ޓީމުގެ ތެރޭ އިސްކޮށް އޭނާ ހުންނަން ބޭނުމެވެ. ނަމަވެސް ޑަކްޓަރީ ފާސް އޮވެމެ އޭގެ ބޭނުމެއްނުކުރެވުނެވެ. މިވަގުތު އޭނާ ވެސް އެވަނީ ބަލިމީހާގެ މަޤާމުގައެވެ. ކެންޒާގެ ޚިޔާލު ހިތަށް އުނދަގޫކުރަން ފެށީ ދެނެވެ. ލައިތު ހޭއަރަންވާއިރަށް ކެންޒާ ހޯދާށޭ ޔާދިންގެ ޟަމީރު ބުނަންފެށިއެވެ.
"ބައްޕަ އެއްޗެކޭ ނުބުނީ ކެންއަށް ބްލޭމްކުރާތީތަ؟" ކުއްލިއަކަށް ޔާދިންގެ ހިތަށްވަނެވެ.
ބައްޕަ ނުކުންނަން ހިނގައިގަތް ހިނދު އަތުގައި ޔާދިންއަށް ހިފާލެވުނެވެ. ޢާއިލާއަށް ވާނޭ ގޮތާމެދު ޔާދިން ކަންބޮޑުވަނީއެވެ. ބައްޕަ ދާން އެ އުޅެނީ ޢާއިލާއާ ބައްދަލުކުރަންކަން ޔާދިންއަށް އެނގޭތީއެވެ. ޔާދިންގެ އަތުގައި އަސަދު ފިރުމާލިއެވެ. ޔާދިން ހާސްކަން އަސަދު ދެނެގަތް ކަހަލައެވެ. ނަމަވެސް އޭނާ މަޑެއްނުކުރިއެވެ. ޢާއިލާ ބައްދަލުކުރަން ޖެހޭނެތީއެވެ. ސުޖާއުއާއެކީ އަސަދު ނުކުންނަން ހިނގައިގަތެވެ. ޔާދިން ތެދުވަން ބޭނުންވިޔަސް ބޮލަށް ބަރުވެފައިވާކަން އިޙްސާސް ކުރެވި ހިތްވަރު ގެއްލުނެވެ. ތަދަށް ޖަހާފައިވާ އިންޖެކްޝަންތަކުގެ އަސަރު ކުރަން ފެށީކަން ޔާދިންއަށް އެނގެއެވެ. ހަށިހިމޭންކަން މުޅި ހަށިގަނޑަށް ވެރިވަމުން އައިއިރު ލޯ ހުޅުވައިގެން އޮންނަން ވެސް އޭނާއަށް ބޮޑުކަމަކަށް ވާންފަށައިފި އެވެ. ހަށިގަނޑާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވިޔަސް ސިކުނޑި އެއްބާރުލުން ނުދިނެވެ. އެ ވެސް ހީވަނީ ވަގުތީ ގޮތުން މަސައްކަތްކުރުން ހުއްޓާލައި އަރާމުކުރަން ބޭނުންވެފައިވާ ހެނެވެ.
އަސަދު ފެނުމާއެކު ކަސްތޫރީގެ ކަންބޮޑުވުން އިންތިހާއަށް ދިޔައެވެ. އަސަދުގެ ޓީޝާޓުގެ ފަސްބަޔާ ދިމާއިން ލޭހިކިފައި ހުރިތަން އެންމެންނަށް ވެސް ފެނުނެވެ. ދަރިފުޅުގެ ގާތަށް ކަސްތޫރީ އަވަސްވެލިއެވެ. މަންމަގެ ދިއްކޮށްލެވިފައިވި ދެ އަތުގައި އަސަދު ހިފާލިއެވެ. ލައިތު ކޮބާތޯ ފަރުޒީނު އަހާލީ އެވަގުތެވެ. ދައްތައާ ނަޒަރު ސީދާކޮށްލި ގޮތަށް އަސަދަށް އެއްޗެކޭ ނުބުނެވުނެވެ. ސުޖާއު ވާހަކަދެއްކީ ދެނެވެ. އޭނާ އަސަދަށް ހިތްވަރު ދިނުމަށް ކޮނޑުގައި އަތް ބާއްވާލިއެވެ.
ގަސްދުގައި ލައިތަށް އަމާޒުކޮށް ދެވުނު ހަމަލާއެއްކަމަށް ސުޖާއު ލަފާކުރިއެވެ. ލައިތު އިންނަން އުޅޭ ކުއްޖާ ރަހީނުކޮށްފައިވާކަން ސުޖާއު ބުންޏެވެ. އެހިނދު ކެންޒާ ސަލާމަތްކުރަން ނޫޅޭތޯ ލައިރާ ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބު ހޯދަން ދެންތިބި މެންބަރުން ވެސް ބޭނުންވެފައި ތިބިކަހަލައެވެ. ފުލުހުން މައްސަލަ ބަލަންފަށައިފިކަން ސުޖާއު ޔަގީންކޮށްދިނެވެ. ހުރިހާ ތަފްސީލެއް ޢާއިލާއާ ޚިއްޞާކުރެވެން ނޯންނާތީ އޭނާއަށް ކޮންމެކޮންމެ ސުވާލަކަށް ޖަވާބުދޭން އުނދަގޫވީއެވެ. ކެންޒާގެ ބައްޕައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން ފަރުޒީނު ބުންޏެވެ. އޭނާ ބައިވެރިވޭތޯ ފަރުޒީނު އެއްސެވެ. އެންމެންގެ ސުވާލުތައް ހުއްޓުވާލީ އަސަދެވެ. ފުލުހުން ހުރިހާކަމެއް ބަލައި ޢާއިލާއަށް އަންގާނެކަން އަސަދު ބުންޏެވެ.
ފަޅާކޮޓަރިތެރެއިން ލައިތުގެ ބެލެނިވެރިޔާއަށް ގޮވާލުމުން އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. އަސަދުގެ ފަހަތުން ދެންތިބި އެންމެން ވެސް އައެވެ. ޑަކްޓަރު ނުކުތީ އިރުކޮޅެއް ފަހުންނެވެ. ޢާއިލާގެ އެންމެންނަށް ބަލާލާފައި ރޫމާން އަސަދަކީ ކޮބާތޯ ޑަކްޓަރު އަހާލިއެވެ. އެހިނދު އަސަދު ކުރިއަށް ނުކުތެވެ. ލައިތުގެ ބައްޕަ ކަމުގައި އަމިއްލައަށް ބުނެލިއެވެ. ޑަކްޓަރު ދިނީ އެންމެންގެ ހިތްތައް ފުނޑުފުނޑުވާވަރުގެ ޚަބަރެކެވެ. ލައިތުގެ ބޮލަށް ލިބިފައިވި ގެއްލުމުގައި އޭނާ ހޭނާރާ ކަމެވެ. ދެން ވެސް ލައިތަށް ލިބިފައިވި އަނިޔާތަކުގެ ތަފްސީލު ޑަކްޓަރު ދިނެވެ. ތިއޭޓަރުން ނެރެ އައިސީޔޫއަށް ލައިތު ބަދަލުކުރަނީކަން ޑަކްޓަރު ބުންޏެވެ. ކޯމާއަކަށް ލައިތު ދިއުން ގާތްކަމުގައި ޑަކްޓަރު ބުންޏެވެ. ޑަކްޓަރުގެ ވާހަކައިން ލައިތު ހޭއަރާނޭކަމުގެ ކުޑަވެސް އުންމީދެއްނެތޭ އަސަދަށް ހީވިއެވެ. ދެ ލޮލުން ފޭދުނު ކަރުނަ ފުހެލަން އަސަދު އަވަސްވެލިއެވެ. ލައިތު ރާއްޖޭން ބޭރަށް ގެންދިއުމުގެ ޚިޔާލު އަސަދުގެ ސިކުނޑީގައި އުފެދުނެވެ. ދަރިފުޅު ހޭއަރަންދެން ބަލަން ހުރުމަށްވުރެ ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އެ ދަރިފުޅު ރަނގަޅުވާނޭ ފަދަ ފަރުވާއެއް ދޭނެ ޑަކްޓަރެއް ހުރެދާނޭކަމުގެ އުންމީދުގައި އަސަދުވިއެވެ. ގޮތް ހުސްވެފައިވާ މީހެއްގެ ގޮތުގައި ހުންނާކަށް އަސަދުގެ ނަފްސުގެ ފަޚުރު ތަނެއްނުދެއެވެ.
އައިސީޔޫއަށް ގެންދިއުމަށް ލައިތު ނެރެވުނުއިރު އެ ހަށިގަނޑު އެއްކޮށް ނިވާވާނޭހެން ފޮތިގަނޑު އަޅާފައި އޮތެވެ. ބޮލާއި ދެ ލޮލުގައި ބެންޑޭޖުފޮތި އޮޅާފައި ހުއްޓެވެ. މޫނުގެ އެއްފަޅި ދުޅަވެފައި އޮތްވަރު އެންމެންނަށް ވެސް ފެނެއެވެ. ކަސްތޫރީ އަރިއަޅާލި ހިނދު ފަރުޒީނާއި ސަރަފީނާއާ ދެ މީހުން މަންމަގެ ގައިގާ ހިފެހެއްޓިއެވެ. އެންމެ ކައިރިން ފެނުނު ގޮނޑިބަރީގައި ކަސްތޫރީ ގޮވައިގެން އައިސް އިށީނެވެ.
"ނިފްރާ... ނިފްރާގެ ދުވަސް ވެސް ބަޔަކު ދުއްވާލީ... އެހާ ރަޙުމްކުޑަކޮށް... މިއަދު އެ ދަރިފުޅު ވެސް ބައެއްގެ ޝިކާރައަކަށްވީ." ކަސްތޫރީގެ ދެ ލޯ ކަރުނުން ފުރި ބަންޑުންވިއެވެ.
ލައިތު އައިސީޔޫއަށް ވައްދައި، ހުރިހާކަމެއް ނިމުނުއިރު ވެސް ސެހްރާނަށް ހުރެވުނީ އެތާ ދޮރުމަތީއެވެ. ޖިނާނު އައިސް ކޮނޑުގައި އަތް ބާއްވާލުމުން ސެހްރާނު އިސްޖަހާލިއެވެ. ދެން އޭނާ ހިނގައިގަތީ ޔާދިންގެ ގާތަށް ވަނުމަށެވެ. އޭނާއާއެކު ޖިނާނު ހިނގައިގަތުމުން ސެހްރާނު އެދުނީ މާމައާއި މަންމަމެން ގާތުގައި ޖިނާނު މަޑުކުރުމަށެވެ. އެއްވެސް އިޚްތިޔާރެއްނެތް ފަދައިން ޖިނާނު ބޯޖަހާލިއެވެ.
އެނދުގައި އޮތް ޔާދިންއަށް ސެހްރާނު ބަލާލިއެވެ. ދެ ލޯ މެރިފައިވާތީ އެނދު ކައިރީ ހުރި ގޮނޑީގައި ސެހްރާނު އިށީނެވެ. ޔާދިންއަށް ލިބިފައިވި ޒަޚަމްތަކަށް ސެހްރާނު ބަލާލިއެވެ. އޭނާގެ ލޭ ހޫނުވަނީއެވެ. އޭނާގެ ކޮއްކޮމެންނާ އެފަދަ ރަޙުމެއްނެތް ގޮތަކަށް އަނިޔާދިން ބައެއްގެ ދުވަސްދުއްވާލަން ހިތް ގޮވަނީއެވެ. އެބައެއްގެ ވަސް ވެސް ފުހެވިގެންދާން ސެހްރާނު ބޭނުންވެއެވެ. ހަމައެއާއެކު އެރޭ ސެހްރާނާއެކު ޕެންޓްހައުސްއަށް ގޮސްފައި ލައިތު ގެއަށް އައުމަށްފަހު، އަލުން ބޭރަށްދިޔައިރު ނުބުނީތީ އެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ލައިތު އަމިއްލައަށް ހުރިހާކަމެއްގައި ނިންމުން ނިންމާތީ އެގޮތް އަބަދުވެސް ސެހްރާނަށް ކަމަކުނުދެއެވެ. މީހެއްގެ އެހީތެރިކަމަށް އެދުމަކީ ލައިތު އާދަވެފައިވާ ގޮތެއްނޫނެވެ. އެހެންވިޔަސް އޭނާއަށް އެހީތެރިވުމަށް އެތައް ބަޔަކު ތައްޔާރަށް ތިބިކަން ލައިތަށް ވިސްނައިދޭން ސެހްރާނު އަބަދުވެސް މަސައްކަތްކުރެއެވެ.
* * * * *
ކޮޓަރިތެރެއިން އިވިއިވި ހުރީ ކެންޒާގެ ރުއިމުގެ އަޑެވެ. މިފްރާހުއަށް ގޮވާ ނެރުމަށްފަހު މުބީން ވާހަކަދެއްކިއެވެ. ކެންޒާއާ ވާހަކަދައްކާނީ އޭނާކަން މުބީން ބުނުމުން މިފްރާހު ދެކޮޅު ހެދިއެވެ. ނަމަވެސް މުބީން އެ ފުރުޞަތެއް ނުދިނެވެ. ކެންޒާ ގޮވައިގެން ދާން ބޭނުންވާނަމަ އޮތީ އެންމެ ގޮތެއްކަމުގައި މުބީން ބުންޏެވެ. އޭނާގެ އަޑު ނާހަންޏާ ކެންޒާ ބަހައްޓާފައި މިފްރާހު އެނބުރި ޢާއިލާގެ ގާތަށް ދާން މުބީން އަމުރުކުރި އެވެ. ކެންޒާއާ މުބީން ވާހަކަދެއްކުން އެއްބަސްވާނޭކަން ބުންޏެވެ. ހިތާދެކޮޅަށް މިފްރާހު އާނއެކޭ ބުނީ އޭނާއާއެކު ކެންޒާ ގެންދަން ބޭނުންވާތީއެވެ. އަނެއްކޮޅުން މުބީން ދެއްކިވާހަކަތަކުން މިފްރާހު ހައްޔާރުވާނޭކަން އެނގޭތީ، އެކަމާ އޭނާ ބިރުގަނެއެވެ. ޖަލަށްދާކަށް އޭނާ ބޭނުމެއްނޫނެވެ. ކުރި ހުރިހާކަމެއް އޭރުން ބޭކާރުވީއެވެ. އޭނާ އަތުން އޭރުން ކެންޒާ ބީވާނެކަން ޔަގީންވެއެވެ.
މިފްރާހުގެ ކޮޓަރިއަށް މުބީން ވަނުމުން ކޮޓަރި ކައިރީ ދެކޮޅަށް ހިނގާލަހިނގާލަ މިފްރާހަށް ހުރެވުނެވެ. އޭނާއަށް ކެންޒާ ރޯއަޑު އިވެއެވެ. އެ ރުއިން ވަކިން ބާރުވެލިއެވެ. ދެފަހަރަކު މަޑު ހަޅޭކެއްގެ އަޑު އިވުނެވެ. އެއްޗެއް ވެއްޓުނު އަޑު ވެސް އިވުނެވެ. ދެއަތްއުރާލުމާއެކު މެޔާ ދިމާއިން ބާރުކޮށްލެވުނީ ކެތްތެރިވާން އަމިއްލަ ނަފްސަށް މިފްރާހު ވިސްނައިދެމުންނެވެ. ކެންޒާގެ ރުއިން ހުއްޓުނުކަން އެނގުމުން މިފްރާހު ހައިރާންވިއެވެ. މުބީންއާއި ކެންޒާއާ ދެމެދު ދެކެވެނީ ކޮންވާހަކައެއް ކަމެއް އޭނާ ނުދެނަހުއްޓެވެ. އެހެންވިޔަސް ކެންޒާ ޤަބޫލުވުމަކީ އަޖައިބުވާންޖެހޭވަރު ކަމެކެވެ. ހިތްހަމަޖެހުމުގެ ފުންނޭވާއެއް މިފްރާހަށް ދޫކޮށްލެވުނެވެ. މުބީން ނުކުންނާނޭ އިރެއްގެ އިންތިޒާރުގައި ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
"ފުރަން ރެޑީވޭ..." ދޮރުމަތީ ހުރެ މުބީން ބުނެލިއެވެ. މިފްރާހުގެ ނަޒަރު ދަތުރުކޮށްލީ ކޮޓަރިތެރެއަށެވެ. ތަޅުން މަތީ އިން ކެންޒާ އޭނާއަށް ފެނުނެވެ.
މުބީން ނުކުމެގެން ދިއުމުން މިފްރާހު ކޮޓަރިއަށް ވަނެވެ. ކެންޒާގެ އަތުގައި މިފްރާހު ހިފާލުމުން ފޮޅުވާލާކަށް އޭނާ މަސައްކަތެއް ނުކުރިއެވެ. އަޖައިބުވެ އަންތަރީސް ވެ ހުރެ ވެސް މިފްރާހުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކެންޒާގެ މޫނުގައި މުބީން ޖަހާފައި ހުރިކަމުގެ ނިޝާން ފެންނަން ހުއްޓެވެ. މިފްރާހު އެ މޫނުގައި ފިރުމާލައި ނިތްކުރީގައި ބޮސްދެމުން މަޢާފަށް އެދުނެވެ. އަދި އޭނާ އައްސާފައި އޮތް ކެންޒާގެ އަތް މުހާލަނީކަން ބުނެލިއެވެ. ކެންޒާ އަނގައިންނެއް ނުބުންޏެވެ. ފެންފޮދެއް ކެންޒާއަށް ދޭން މިފްރާހު އެނބުރިލީ ހިނދު އޭނާގެ ޓީޝާޓުގެ ފުރަގަހުން ކެންޒާ ހިފާލިއެވެ. ފެންފުޅިއާއެކު މިފްރާހު އެނބުރިލިއެވެ. ކެންޒާގެ ކަރުނުން ފުރިފައިވި ދެ ލޯ ހުރީ މިފްރާހަށް ހުއްޓިފައެވެ. ތަޅުންމަތީ ދެކަކޫ މައްޗަށް ތިރިވެ ކެންޒާ ދެއަތް ޖޯޑުކޮށްލިއެވެ.
"އެންމެ ފަހަރަކު އޭނާ ދުށުމުގެ ފުރުޞަތުދީ... އެއަށްފަހު މިފްރާހު ގެންދިޔަ ކޮންމެ ތަނަކަށް ހިނގައިދާނަން، ޕްލީޒް... ޕްލީޒް... އެންމެ ފަހަރަކު، އަހަރެން ރުހުމުގަ ދާނަން... ޕްރޮމިސް ދާނަންކަން، ސޯ... ޕްލީޒް، ފަހު ފަހަރަށް އޭނާ ދުށުމަށް، ހަމަ އެންމެ ފަހަރަކު... އޭގެ ފަހުގަ އަހަރެން މީ މިފްރާހުގެ މީހެއް." ކެންޒާ އާދޭސްކުރަމުން މިފްރާހުގެ އަތްތިލައިގަ ހިފާލިއެވެ.
"ޕްރޮމިސް." ކެންޒާގެ އަތުގައި ހިފައި ކޮޅަށް ނަގަމުން މިފްރާހު އަހާލިއެވެ. ވަގުތުން ކެންޒާ ބޯޖަހާލިއެވެ.
"އެކަންޏެއްނުދެވޭނެ، މާބެއަށް އެނގިފަ ދެވޭނީ." މިފްރާހު ބުނެލިއެވެ. ކެންޒާ ދާން ހުރީވިއްޔާ އޭނާ އެދޭކަންތައް ކޮށްދޭން މިފްރާހު ގަސްދުކުރިއެވެ. ކެންޒާ ދެން ވެސް އެއްބަސްވިއެވެ. އޭނާ މިފްރާހު ނުރުހޭކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދިނެވެ. ފެންފުޅި އެއްއަތުން ހިފަހައްޓައިގެން ހުރެ ކެންޒާގެ ގައިގާ މިފްރާހު ބައްދާލިއެވެ. އެހާ ގާތްވުމުން ކެންޒާ ބުނި ބަހާ ދެކޮޅުވާނޭ މިފްރާހު ހީކުރިއެވެ. ނަމަވެސް ކެންޒާ އެފަދަ ކަމެއް ނުކުރެއެވެ. މިފްރާހަށް ފުރުޞަތުދީގެން ހުރި ކަހަލައެވެ. މަޑުމަޑުން ދުރަށް ޖެހިލައި ކެންޒާގެ އަތަށް މިފްރާހު ފެންފުޅި ލައިދިނެވެ. އެނދުގައި ކެންޒާ ބައިންދާ ފެންފޮދެއް ބޯލަން ބުނެފައި މިފްރާހު ނުކުތީ މުބީންއާ ވާހަކަދައްކާށެވެ. މިފްރާހު ނުކުތުމާއެކު ކެންޒާއަށް މޫނުގައި ދެއަތްއަޅާލެވުނެވެ. އެހިތް ފުނޑުފުނޑުވެފައިވާ ކަހަލައެވެ. ދިރިހުރެމެ މަރުވަނީއޭ ހީވާ ކަހަލައެވެ. ޒަޚަމްތަކެއްނެތި މުޅިގައިގާ ވޭން އަޅަނީއެވެ. މިފްރާހުގެ ކޮންމެ ބީހުމަކުން އެ ހަށިގަނޑު ފިއްސާލާ ފަދައެވެ. އަރާމެއްނުވާ ހޫނު ދިލައެއް އޭނާގެ ކޮންމެ ބީހުމަކުން ކެންޒާއަށް އިޚްސާސް ކުރުވައެވެ.
* * * * *
ފަތިހުގެ ވަގުތެވެ. ކެންޒާ ޕެންޓްހައުސްއަށް ވަންއިރު ދޮރުކައިރީ މިފްރާހު ހުއްޓެވެ. އެތަނަށް އައުމުގެ ކުރީން ކެންޒާ ފޯނު ދޭން އެދުމުން، ސިމްކާޑު ނެގުމަށްފަހު މިފްރާހުވަނީ ކެންޒާއަށް ފޯނު ވެސް ހަވާލުކޮށްފައެވެ. ކެންޒާ އެދުމުން އެތެރެއަށް ނުވަދެ މިފްރާހު މަޑުކުރިކަން ނަސީބެކޭ ކެންޒާ ހިތަށްއެރިއެވެ.
"ހާދަ ލަސްވީ..." ހުޅުވުނު ދޮރުން ކެންޒާ ނުކުންތަން ފެނި މިފްރާހު ބުނެލިއެވެ.
ކެންޒާގެ އަތްދަބަހަށް މިފްރާހު ބަލާލިއެވެ. ދަބަސް ދައްކަން މިފްރާހުބުންޏެވެ. އެއާއެކު ކެންޒާ ދަބަސް ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތް ޕާސްޕޯޓް ލައިތު ނެގިއެވެ. ދަބަހުގައި ދެން ހުރި އެއްޗަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. ކެންޒާގެ އެއްފަރާތުގައި ހުރި ފޮށީގައި މިފްރާހު ހިފާލުމާއެކު އިމާރާތުން ފޭބުމަށް ހިނގައިގަތެވެ.
ހޮސްޕިޓަލަށް ވަދެގެން އައިއިރު ކެންޒާގެ ހަރަކާތްތަކަށް ފާރަލަމުން ދުރުދުރުގައި އުޅޭމީހުން އޭނާއަށް ފެނެއެވެ. މިފްރާހު ގާތުގައި ނެތަސް މުބީން ހުރީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ. ކަސްތޫރީ ގޮވައިގެން ނުކުންނަން އައި ފަރުޒީންއާއި ސަރަފީނާ ފެނުމުން، ތަނބެއްގެ ފަހަތަށް ވަދެ ކެންޒާ ފިލީ ބޭއިޚްތިޔާރުގައެވެ. އެމީހުން ނުފެންނަ ހިސާބަށް ހިނގައްޖެކަން ޔަގީންވުމުން ލައިތު ދުށުމަށް އޭނާ އައެވެ.
"ކެން..." ލައިރާ ދުވެފައި އައިސް ކެންޒާގެ ގައިގާ ބައްދައިލިއެވެ. އެންމެންނަށް ލިބުނީ ހައިރާންކަމެވެ. ކެންޒާގެ ހާލު އެންމެން އަހަންފެށިއެވެ. ކެންޒާގެ ލޮލުން އޭނާއަށް ބަލަން ދުރުގައި ހުރި މީހާ ކަސިޔާރުވެގެން ނުދެއެވެ. ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ކެންޒާ އައި ބޭނުން ހާމަކުރިއެވެ. ސެހްރާނާއެކު ލައިތު ދުށުމަށް ކެންޒާ އައެވެ. އެމީހުންގެ ނުހަނު ގާތުގައި ލައިރާ ހުއްޓެވެ. ލައިތުއާ ބައްދަލުކުރަން ކެންޒާ އެދެން ފެށުމުން ސެހްރާނު އެކަން ހަމަޖައްސައިދޭން އުޅުނެވެ. ޢާއިލާއިން ފަހަރަކު މީހަކަށް ލައިތުގެ ގާތަށް ވަދެވޭ ގޮތަށް ހަމަޖެހިފައި އޮތުމުން އެ ފުރުޞަތު ކެންޒާއަށް ހޯދައިދޭން އެތަނުގައި ތިބި އެންމެން ބޭނުންވެއެވެ.
އެއްފަރާތު ގޮނޑިބަރީގައި ގަބުވެފައި އިން އަސަދު ފެނުމުން ކެންޒާއަށް ރޮވުނެވެ. އަތުގައި އޮތް ވޮލެޓަށް ގެއްލިފައި އަސަދު އިނެވެ. ކޯތާފަތް ފުހެލާފައި ކެންޒާ އައިސް އަސަދުގެ ގާތުގައި އިށީނެވެ. ކެންޒާ ބައްޕާއޭ ގޮވާލި އަޑު އިވި އަސަދުގެ އަތުން ވޮލެޓު ދޫވިއެވެ.
"އައި އޭމް ސޮރީ..." ކެންޒާ މަޑުމަޑުން ބުނެލިއެވެ. އަދި ވެއްޓުނު ވޮލެޓު އޭނާ ނެގިއެވެ. ނަމަވެސް ވޮލެޓުގެ އެތެރޭގައިވި ފޮޓޯގަނޑު ފެނި އޭނާ ގަނޑުވިއެވެ. އަސަދަށް ބަލާލާފައި ފޮޓޯއަށް ބަލާލިއެވެ.
"ރައިޒަން..." ކެންޒާއަށް ކިޔާލެވުނެވެ. އެއީ އޭނާގެ ފުރާވަރުގެ ރަޙުމަތްތެރިޔާއެވެ. ހިތުގައި ލޯބި އުފަންކުރި ރަޚުމަތްތެރިޔާއެވެ. ބޮޑުވެގެން ދެމީހުން ކައިވެނިނުކޮށް ތިއްބިއްޔާ ކެންޒާއާ ކައިވެނި ކުރާނަމޭ ބުނި ފިރިހެން ކުއްޖާއެވެ. ކެންޒާއަށް އެންމެ ފުރަތަމަ ހަދިޔާއެއް ދިން އެކުވެރިޔާއެވެ. ބޮކެއް ދިނުމަށް، އެ ބޮއް ދިނީ "ޕްރިންސެއް"ކަމާއި، އެހެންވީމަ ކޮންމެވެސް ދުވަހަކު އެ ބޮއް ޕްރިންސަކަށް ބަދަލުވެގެން ކެންޒާގެ ކުރިމައްޗަށް އަންނާނޭ ބުނެ، ހުވަފެން ދެއްކި ފިރިހެންކުއްޖާއެވެ. ކެންޒާގެ އިސްތަށިގަނޑު ރީތިވެގެން އެ އިސްތަށިގަނޑުން އަތް ދޫނުވެގެން އުޅުނީ ރައިޒަންއެވެ. އޭނާއާ ގުޅިފައިވި އެއްވެސް ކަމެއް ކެންޒާ ހަނދާނެއްނުނެތެވެ. ކުއްލިއަކަށް ވީނުވީއެއް ނޭނގި ކެންޒާގެ ހަޔާތުން ރައިޒަން ގެއްލުނީއެވެ.
"މީ... ރައިޒަން... އޭނާގެ މަންމަ..." ފޮޓޯއަށް އިޝާރާތްކޮށް ކެންޒާ ބުންޏެވެ. އަސަދުގެ ވޮލެޓުން އެ ފޮޓޯ ފެނުމުގެ ކުރީން ކެންޒާ އެ ފޮޓޯ ދުށީ ރައިޒަންގެ ފޯނުންނެވެ. އެ ފޯނު ހުޅުވޭ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ފެންނަ ފޮޓޯއަކީ އެއީއެވެ.
"އާން، ނިފްރާއާއި ލައިތު އެއީ... ލައިތު ބުނިތަ؟..." އަސަދު ވެސް ހައިރާންވިއެވެ. ޢާއިލާ ތެރޭގައި ލައިތަށް ރައިޒަންގެ ނަމުން ގޮވާނޭ މީހަކު ނުހުންނާނެއެވެ. ރައިޒަން ލައިތަކީ ނިފްރާއާއި އަސަދުގެ ދެމެދުގައި އެއްބަސްވެވިގެން ކިޔުނު ނަމެކެވެ. އެ ދަރިފުޅުގެ ނަމާ އޭނާގެ ނަން ގުޅިފައި ވިޔަސް އެ ނަން ކިޔެން ނެތުމުގެ ސަބަބުން އެ މީހުން ކީ ނަމެކެވެ. އަސަދު ބޭނުންވީ އޭނަގެ ނަމާ ގުޅުވާށެވެ. ރައިޒަންކީ އެހެންވެއެވެ. ނިފްރާ ބޭނުންވީ ލައިރާއަށްފަހު އަސަދަށް ލިބުނު ފިރިހެން ދަރިފުޅަށްވީމަ އެ ނަމާ އެއްގޮތް ނަމެއް ކިޔާށެވެ. ލައިތުކީ އެހެންވެއެވެ. ނިފްރާ ވަކިވުމުން ރައިޒަންގެ ނަން ކިޔުން ހުއްޓުނީއެވެ. އަނބިމީހާގެ ހަނދާނުގައި ލައިތުގެ ނަމުން ފިރިހެން ދަރިފުޅަށް ގޮވަން ފެށީއެވެ.
"ނުބުނޭ... އެއްވެސް އެއްޗެއް ނުބުނޭ..." ޝަކުވާގެ ރާގުގައި ކެންޒާ ބުންޏެވެ. އޭނާގެ ހިތަށް ކުރިއަށްވުރެ ވެސް ބޮޑަށް ތަދުވެއްޖެއެވެ.
ސެހްރާނު އައިސް މަޑުކޮށްލީ އެވަގުތެވެ. ލައިތުގެ ގާތަށް ކެންޒާ ވަންއިރު އޭނާގެ ހަތަރެސްފައި ވެސް ވަނީ ފިނިވެފައެވެ. ދެ ލޮލުން ކަރުނަ ހުސްވުމެއް ނުވެއެވެ. އޭނާ ލައިތުއާ މުޚާޠިބުކުރީ ރައިޒަންގެ ނަމުންނެވެ. އެތައް ވާހަކައެއް ކެންޒާ ދެއްކިއެވެ. ރޮއެ އާދޭސްކުރިއެވެ. އެ އެނދުގެ ކައިރިއަށް ކެންޒާ ތިރިވިއެވެ. ބޭރުގައި ލައިރާއާއި ސެހްރާނު ތިބިއިރު އެކަކަށް ވެސް ކެންޒާ ދައްކާ ވާހަކައެއް ނީވެއެވެ. އެހެންނަމަވެސް ކެންޒާގެ ކޮންމެ ހަރަކާތެއް އެމީހުންނަށް ފެނެއެވެ.
ކެންޒާ ނުކުމެ ޔާދިންގެ ގާތަށް އައެވެ. ކެންޒާ ސަލާމަތްވީ ކިހިނެއްތޯ އޭނާ އެއްސެވެ. ކެންޒާ އެ ސުވާލުތަކަށް ޖަވާބެއް ނުދިނެވެ.
"އަހަރެންގެ ޖާނަލް އޮތީ ޔާދުގެ އަތުގަކަން އެނގޭ." ކެންޒާ ބުންޏެވެ. ޔާދިން އިސްޖަހާލައި ބޯޖަހާލިއެވެ. މިވަގުތު ކެންޒާ ދައްކަން އެ އުޅެނީ ކޮންވާހަކައެއްބާއޭ ޔާދިން ހިތަށް އެރިއެވެ.
ކެންޒާ އެއްޗެކޭ ބުނަން އުޅެފައި އޭނާގެ އަތް ދަބަސް ހުޅުވާލިއެވެ. ނެގި ސިޓީ އުރަ ޔާދިންގެ އަތަށް ލައިދިނުމާއެކު އެ އަތުގައި ކެންޒާ ހިފަހައްޓާލިއެވެ. އެ ސިޓީއުރަ ޒުބިންއާ ހަވާލުކޮށްދޭން ކެންޒާ ބުންޏެވެ. އަދި ލައިތުއަށް ދެރަގޮތެއްވިޔަ ނުދޭން ކެންޒާ އެދުނެވެ. އޭނާގެ ގާތުގައި ޔާދިން ހުރެދިނުމަށް ކެންޒާ ބުންޏެވެ.
"ވަޓް އާ ޔޫ ޑުއިން..." އަތް ދަމައިގަންނަމުން ޔާދިން ބުނެލިއެވެ. އޭނާގެ ހިތްބިރުގަތީއެވެ. ކެންޒާ އުޅޭ ގޮތުން އޭނާ ވަދާޢުގެ ސަލާމްކުރަން އައީހެން ޔާދިންއަށް ހީވީއެވެ.
ކެންޒާ ރޮމުން އާދޭސްކުރަން ފެށުމުން ޔާދިން އާނއެކޭ ބުނެލިއެވެ. ހަމައެއާއެކު ލައިތަށް ބޭނުންވަނީ ކެންޒާކަން ޔާދިން ބުންޏެވެ. ހިމޭންވުމާއެކު ކެންޒާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"އޭނާ ޖެހޭނީ ތެދުވަން... އަހަރެން ބޭނުންވާނަމަ އޭނާ ތެދުވާނެ... ހީ ވިލް ނީޑް ޔޫ، ހެލްޕް ހިމް." ކެންޒާ ބުނެލިއެވެ.
ޔާދިން ހައިރާންކަމެއްގައި ވަނިކޮށް ކެންޒާ ނުކުމެއްޖެއެވެ. ލައިރާގެ ގާތުގައި މަޑުކޮށްލުމާއެކު ދަބަހުން ނެގި ސިޓީއުރައެއް ދިއްކޮށްލިއެވެ. ލައިތު ތެދުވުމުން އެ ތަކެތި އޭނާއާ ހަވާލުކޮށްދޭން ކެންޒާ އެދުނެވެ. އަޖައިބުވެ ހުރެ ކެންޒާގެ ދެއަތުގައި ލައިރާ ހިފެހެއްޓިއެވެ. ކެންޒާ އަމިއްލައަށް ލައިތާ ހަވާލުކުރުމަށް ލައިރާ އެދުނެވެ.
"އަހަރެންގެ އަތުގައި ބާއްވައިފިނަމަ ނުދެވިދާނެ... ލައި، ޕްލީޒް، މި އެކުވެރިޔާއަށް ޓަކައި، ދެން ދުވަހަކުވެސް ކަމަކު ނޭދޭނަން."
"ކެން... ކޮންތާކަށް ދާން ތިއުޅެނީ، ލައިތު އޮތް ހާލު ނޭނގޭތަ." ލައިރާއަށް ބުނެވުނެވެ.
"މިވަގުތަށް އިހަށް ދަނީ، އަހަރެން އަންނާނަން..." ކެންޒާ ބުނެލިއެވެ. ލައިރާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.
"ލައި... ލޯބިވާ މީހުންނަށް ހަޤީޤަތް ނުފޮރުވާ، ޒުބިން އަތުވެއްޖެނަމަ އޭނާއަށް ކިޔާދޭތި، ވަގުތުފާއިތުވިޔަ ނުދީ، ދުރަށްދާން ޖެހުނަސް ކިޔާދީ ހުރިހާކަމެއް..." ލައިރާގެ ގައިގާ ބައްދާލަމުން ކެންޒާ ވާހަކަދެއްކިއެވެ.
ކެންޒާ ދާން އުޅެން ފެށުމުން ސެހްރާނު އޭނާ ހުއްޓުވިއެވެ. ކެންޒާގެ ބަހެއް ފުލުހުންނަށް ބޭނުންވާނޭކަން އޭނާ ހަނދާންކޮށްދިނެވެ. އެހިނދު ކެންޒާ ބުނީ އޭނާ ގެއަށް ގޮސްފައި އައިސް އެންމެންނާ ވާހަކަދައްކާނެކަމުގައެވެ. މިވަގުތު އޭނާ ބޭނުންވަނީ ގެއަށް ގޮސް ފެންވަރާލައި ހެދުން ބަދަލުކޮށްލަންކަން ބުންޏެވެ. ކެންޒާއާއެކު ދިއުމަށް ސެހްރާނު އިސްނެގިއެވެ. ނަމަވެސް ނިކަން އަވަހަށް ކެންޒާ އޭނާ ހުއްޓުވިއެވެ. އަސަދު ދައްކާލުމާއެކު ސެހްރާނުގެ އެހީ އެ ބައްޕައަށް ކެންޒާއަށްވުރެ ބޮޑަށް ބޭނުންވާނޭކަން ބުންޏެވެ. ގިނައިރެއްނުވެ ކެންޒާ އަންނާނަމޭ ވެސް އޭނާ ބުންޏެވެ.
ކެންޒާއަށް ނުކުމެދާން އުޅެފައި ވެސް ހުއްޓިލިއެވެ. އަދިވެސް އެއްފަހަރު ލައިތުގެ މޫނު ދުށުމަށް އޭނާގެ ހިތް ރޮނީއެވެ. އެންމެންނަށް އޮޅުވާލަން ޖެހޭތީ ލަދުވެތިކަމުން ނަފްސުވަނީ ފޯވެފައެވެ. އޮހޮރެމުންދިޔަ ކަރުނުން އެ ލަދުވެތިކަން ފިލައިގެން ނުދެއެވެ. ހަށިގަނޑުގެ ނަޖިސްކަމެއް ވެސް ނުފިލިއެވެ. އެޢާއިލާއާ ނަޒަރު ސީދާ ކުރާނޭ ގޮތެއް ވެސް ކެންޒާއަކަށް ނުވިސްނެއެވެ. މަޑުމަޑުން އެނބުރިލުމާއެކު ލައިތުގެ ގާތަށް ވަދެވިދާނެތޯ ކެންޒާ އަހާލީ މިފަހަރު ވެސް ސެހްރާނުގެ ގާތުންނެވެ.
އެންމެންނަށް ކެންޒާގެ ހަރަކާތްތައް ފާހަގަވެއްޖެއެވެ. އެހެންވިޔަސް ކެންޒާއަށް ދެވިފައިވި ސަމާލުކަން އެނބުރުނީ ލައިތަށެވެ. ކެންޒާ ނުކުތުމުން ލައިތުގެ މެޝިންތަކުގެ އަޑު ގަދަވެއްޖެއެވެ. އެންމެން ހާސްވީ ވަގުތު އެމީހުންގެ ގާތުން މަޑުމަޑުން ދުރަށް ދަމުން ގޮސް ކެންޒާ ގެއްލުނީއެވެ. އެތަނުން މީހަކަށް ހިލަންވުމެއްނެތިއެވެ.
ލައިތުގެ ލޮލުގައިވި ފޮތިކޮޅު ތެމެންފެށިއެވެ. އެ ދެ ލޮލުން ކަރުނަ އަންނަނީއެވެ. އެކަކަށް ވެސް އެވީ ގޮތެއް ނޭނގެއެވެ. ހޭނާރާ އޮވެ ރޯތީ އެންމެން ވެސް ހައިރާންވިއެވެ. ލައިތު ކޮމާއަކަށް ގޮސްފައިވާކަމުގެ ޚަބަރު ޑަކްޓަރު ގެނެސްދިނީ އޭނާއަށް ފަރުވާދެމުން ދަނިކޮށެވެ.
(ނުނިމޭ)