ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑުކޮށްފި އެވެ. އަބްދުﷲ އަކީ ޕީޕީއެމްގެ މެންބަރެކެވެ. އޭނާ ވަނީ ކުރިއަށް އޮތް އިންތިހާބުގައިވެސް އެ ރަށު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތި ލުމަށް ނިންމާފައެވެ.
އެލްޖީއޭއިން އަބްދުﷲއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އޭނާ ސަސްޕެންޑް ކުރުމަށް އެ އޮތޯރިޓީން ނިންމީ މި މަހުގެ 8 ވަނަ ދުވަހު ބޭއްވި އެ ބޯޑްގެ 28 ވަނަ ބައްދަލްވުމުގައި ކަމަށެވެ. އޭނާ ސަސްޕެންޑް ކުރަން ނިންމީ އުތީމުގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުމާއި ގުޅޭ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލައާ ގުޅުންހުރި 10 ކަމެއްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެލްޖީއޭގެ ސީއީއޯ އަދި އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފާތިމަތު އަފްޝަން ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އަބްދުﷲ ސަސްޕެންޑް ކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ދީފައެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑް ކޮށްފައިވާއިރު އުތީމް ކައުންސިލަކީ ނަމޫނާ ކައުންސިލެކެވެ. އެކަން ފާހަގަކޮށް އެލްޖީއޭއިން މީގެ ކުރިން ވަނީ އެވޯޑްވެސް ދީފައެވެ.
އަބްދުﷲ ސަސްޕެންޑް ކުރުމާއި ގުޅިގެން އުތީމު ހިމެނޭ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ އަބްދުﷲ ސަސްޕެންޑް ކުރުމަކީ ސަރުކާރުން ހިންގި ފިނޑި އަމަލެއް ކަމަށެވެ.
"ޕީޕީއެމްގެ ކެންޑިޑޭޓުން މި ގޮތަށް ސަސްޕެންޑްކޮށް ބިރު ދައްކައިގެން ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަނީ މި ސަރުކާރު ފެއިލްވެ ތާއީދު ނެތުމުން. މިކަން ކުށްވެރި ކުރަން،" ބާރަށު ދާއިރާގެ ރަށްތަކާއި ގާތްގުޅުމެއް ބާއްވަވާ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ އެލްޖީއޭއިން ކައުންސިލްތަކަށް ނުފޫޒު ފޯރުވާ ކަަމަށާ އެކި ކައުންސިލްތަކާމެދު ތަފާތުކޮށް ކަންކަން ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މިސާލެއްގެ ގޮތުން ޝުޖާއު ދެއްކެވީ މާލޭގެ މޭޔަރު ޝިފާގެ މައްސަލައެވެ.
ލޮނުޒިޔާރަތް ޕާކާއި ގުޅިގެނން ޝިފާގެ މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވި ނަމަވެސް އެލްޖީއޭއިން އެކަންކަން ބަލާފައިނުވާ ކަމަށް ވިދާޅުވިއެވެ.
"މޭޔަރު ޝިފާއަށް ކުރެވުނީ ވައްކަމުގެ ތުހުމަތު. އެލްޖީއޭއަށް އެޅުނު ފިޔަވަޅެއް ނެތް. ސަސްޕެންޑް ކުރުން ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުނު. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަކީ އަތޮޅުތެރޭގެ ރައްޔިތެއްވީމަ ވަގުތުން ސަސްޕެންޑް،" ކަންބޮޑުވުން ފާޅުކުރައްވާ ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.