(12 ނޮވެމްބަރު 2020 އާ ގުޅޭ)
ލައިތުގެ ލޮލުގައިވި ފޮތިކޮޅު ތެމެންފެށިއެވެ. އެ ދެ ލޮލުން ކަރުނަ އަންނަނީއެވެ. އެކަކަށް ވެސް އެވީ ގޮތެއް ނޭނގެއެވެ. ހޭނާރާ އޮވެ ރޯތީ އެންމެން ވެސް ހައިރާންވިއެވެ. ލައިތު ކޮމާއަކަށް ގޮސްފައިވާކަމުގެ ޚަބަރު ޑަކްޓަރު ގެނެސްދިނީ އޭނާއަށް ފަރުވާދެމުން ދަނިކޮށެވެ.
ޚާއްޞަ ޑަކްޓަރުންގެ ދެ ޑަކްޓަރު އައިސީޔޫއަށް ވަނުމުން އަސަދު އިންތިހާއަށް ކަންބޮޑުވިއެވެ. ވެގެން އުޅޭ ގޮތެއް އޭނާއަށް ސާފުކުރެވޭ ގޮތެއް ނުވިއެވެ. ހޭނާރާ އޮންނަންވެއްޖެނަމަ ކޮމާއަކަށް ހިނގައިދާނޭކަން ޑަކްޓަރުންވަނީ ޢާއިލާއަށް އަންގާފައެވެ. އަސަދުގެ ހިތްވަރު ގެއްލެމުންދިޔަ ހިނދު އެ ދެ ލޮލުގައިވި ކަރުނައިގެ މައްޗަށް އޮތް ބާރު ވެސް ގެއްލުނީއެވެ. ދެ ލޮލުގައި ކަނާއަތް އަޅާލެވުމާއެކު ފާރުގައި ނިތްކުރި ޖައްސާލެވިއްޖެއެވެ.
"ނިފްރާ ވެސް ވަކިވެގެންދިޔައީ، އަހަރެމެންގެ ދަރިފުޅު ވެސް ވަކިވަނީތަ؟" އަސަދުގެ ހިތް ވިރެމުންދާ ފަދައެވެ. މާޒީގެ އެ ދުވަސްތައް އިއްޔެވީކަމެއް ފަދައިން ހަނދާނުން ފިލައިގެން ނުދަނީސް އެ ހިތާމަތައް ދެވަނަ ފަހަރަށް އަސަދާ ބައްދަލުކުރީ އެ ދުވަހަށްވުރެ ހިތްދަތި ގޮތަކަށެވެ. ބީވެގެން ދިޔަ އަނބިމީހާ ބައެއްގެ ޝިކާރައަށްވީހެން އެމީހުންގެ ދަރިފުޅަށް އެ ހާލު ޖެއްސީ ވެސް ދުރުން އައި ބައެކެވެ. އޮތީ ކޮން ދުޝްމިނުކަމެއްކަން ކުޑަކޮށް ވެސް ނޭނގެއެވެ.
"ބައްޕާ..." އަސަދުގެ އަތުގައި ހިފާލީ ލައިރާއެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އަސަދު ދެފަރާތަށް ބޯހޫރުވާލީ މޫނުން އަތް ނެގުމެއްނެތިއެވެ.
"ޑޭޑް..." ޖިނާނުގެ އަޑު ދާދި ގާތުން އިވުނެވެ. ކުދީންގެ ހާސްކަން އިތުރުވެއްޖެކަން އަސަދަށް ވިސްނުނީ ދެނެވެ. ދެ ލޯ ފުހެލުމާއެކު އޭނާ ހުރިހާ ކުދީންނާ ކުރިމަތިލިއެވެ. އިރާދަކުރެއްވިއްޔާ ލައިތު އެނބުރި އަންނާނޭކަން ލައިރާ ބުނެލީ ޔަގީންކަމާއެކުއެވެ. ލައިތުއަށް ޓަކައި ޢާއިލާގެ ހުރިހާ މެންބަރުން ކެތްތެރިވާން ޖެހޭނެކަން ސެހްރާނު ބުނީ އަސަދުގެ ކޮނޑުގައި ހިފަހައްޓާލަމުންނެވެ.
* * * * *
ކާރަށް އަރަމުން ވެސް ކެންޒާ ދެ ލޯ ފުހުނެވެ. އެހެންނަމަވެސް އޭނާގެ ލޮލުން ކަރުނަ އައުން ހުއްޓޭ ގޮތެއް ނުވިއެވެ. ކާރު ދުއްވަން އިނީ ކާކުކަމެއް ވެސް ނޭނގެއެވެ. ކުރީގައި ދެމީހުން ތިބިއިރު، ކެންޒާއާއި މިފްރާހު އިނީ ފަހަތު ސީޓުގައެވެ. އެއްވެސް މީހަކަށް ވެސް ސަމާލުކަމެއް ދެވޭގޮތެއް ކެންޒާއަށް ނުވިއެވެ. ހޮސްޕިޓަލުން ނުކުމެ ކާރަށް އެރުމަށް ޓަކައި އެޅި ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ފުރާނަ ހަށިގަނޑާ ދެތަންވަމުން އައި ފަދައެވެ. ހިތް ތެޅެމުންދިޔައީ މަރަށް ތެޅޭ ފަދައިންނެވެ. ލައިތުއާ ނުލާ ދިރިއުޅުން ފުރިހަމަނުވާނެކަން އެނގެއެވެ. ޚާއްޞަކޮށް އެ ހިތް ދެވަނަ ފަހަރަށް މިލްކު ކުރި ލައިތަކީ ކެންޒާ އިންތިޒާރުކުރި ރައިޒަންއަށް ވީމައެވެ. އެ ލޯބި ފުހެވިގެން ދުވަހަކުވެސް ނުދާނެއެވެ.
އަތްދަބަހުން ނެގި ޓީޝޫތައް އަވަސް އަވަހަށް މޫނުގައި ޖައްސާލިއެވެ. އަނގައިގަ އަޅާ ބާރުކޮށްލި ނަމަވެސް ގިސްގެ އަޑު ބޭރުވެއްޖެއެވެ. މިފްރާހު މަޑުމަޑުން ކެންޒާއާ ގާތަށް ޖެހިލައި، ކޮނޑުގައި އަތްޖައްސާލި ހިނދު އޭނާ ފޮޅުވާލައިފިއެވެ. ޓިޝޫތަކާއެކު ދެއަތް މޫނާއި ވަކިކޮށްލައި މިފްރާހަށް ކެންޒާ ބަލާލިއެވެ.
"އަހަރެން މަރާނުލީ ކީއްވެތަ؟ އެ ހުރިހާ އަނިޔާއެއް ދޭންވީ މީހަކީ އަހަރެން، ކަލޭ ބޭނުންވި ގޮތް ނުހެދި މީހަކީ އަހަރެން." ކެންޒާގެ ދެ ލޮލުން ފެންނަން ހުރި ނަފުރަތާއި ވޭން މިފްރާހު ވެސް ދުށްޓެވެ. އެހެންވިޔަސް އޭނާ ގަސްދުގައި އެ ޖަޒުބާތުތަކަށް އިސްކަމެއް ނުދިނީއެވެ. ހިތަށް ސިކުނޑި ވިސްނައިދިނީ ފަހުން ރަނގަޅުވާނޭ ކަމެވެ.
ގެއަށް އާދެވުމާއެކު ކެންޒާއަށް ކޮޓަރިއަށް ވަނުމަށް މިފްރާހު ބުންޏެވެ. އެމީހުންގެ އިންތިޒާރުގައި އިން މީހަކު ފަދައިން ސިޓިންރޫމުގައި މުބީން އިނެވެ. އޭނާ ޓިކެޓުތައް ގެނައެވެ. ޓްރާންސިޓްކޮށް ދާން ހަމަޖެހިފައި އޮތުމުން ދަތުރުމަތީ އެތައްގަޑިއިރު ހޭދަކުރަން ޖެހޭނެކަން މިފްރާހަށް އެނގުނެވެ. ކެންޒާ ހުރީ ފެންނުވަރާކަން އެނގި، އޭނާ ތާޒާވެލަން ފުރުޞަތު ދިނުމުގެ ގޮތުން މިފްރާހު ކޮޓަރިއަށް ވަނީ އެ ވާހަކަ ބުނުމަށެވެ. ތައްޔާރުވެގެން ނުކުންނަން ދެން މިފްރާހު ސޯފާގައި އެބައިނިން ކަމުގައި ބުންޏެވެ. ކެންޒާ އެއްވެސް އެއްޗެކޭ ނުބުނެ މިފްރާހުގެ އެނދުގެ އަރިމަތީ އިށީނދެލައިގެން އިނީއެވެ. އަދިވެސް އޭނާ ރޮނީކަން ގައިމެވެ. ކޮޓަރިން ނުކުންނަން އައިސްފަ ވެސް މިފްރާހު މަޑުކޮށްލިއެވެ. އެނބުރި ކެންޒާއަށް ބަލާލުމާއެކު އެއްވެސް ދޮރެއް ތަޅުލައިގެން ނުވާނޭ މިފްރާހު ބުނެލިއެވެ. އޭނާ މިވަގުތައް ކޮޓަރިން ނުކުތަސް އިރުކޮޅަކުން އައިސް ބަލާނެކަމުގައި ބުންޏެވެ.
* * * * *
މަޑުމަޑުން ޔާދިންގެ ލޯ ހުޅުވުނުއިރު އެނދު ކައިރީ ހުރި ގޮނޑީގައި އިނީ ޖިނާނެވެ. އަލިކަމަށް ލޯ ހޭނުމާއެކު ޔާދިން ތެދުވަލަން އުޅުނެވެ. އެހިނދު ފޯނުން ކުރަން އިން ކަމެއް ހުއްޓާލައި ޖިނާނުގެ ސަމާލުކަން ޔާދިންއަށް ދީފިއެވެ.
"ބްރޯ، ކަމެއް ބޭނުންވީތަ؟" ޖިނާނު އަހާލިއެވެ.
"ކެން... ކެންޒާ އެބަހުރިތަ ބޭރުތަ؟" ޔާދިން އަހާލިއެވެ.
"އެންމެން އޭނާ ހޯދަނީ، ފޯނެއް ވެސް ނުނަގާ.. ކަނޑާލާފައޭ ބުނަނީ، ސުޖާ އަންކަލް މެދުވެރިކޮށް ކެންގެ އަޕްޑޭޓެއް ލިބޭތޯ ބައްޕަ އެބަ ބަލާ، ނޯ ލަކް ޔެޓް." ޖިނާނު ތަފްސީލު ދިނެވެ.
"ގަޑިން ކިހާއިރެއް..." ނިދިފައި ހޭލެވިފައި އަލުން ނިދޭ ގޮތްވާތީ ވަގުތު ދާ ގޮތެއް ޔާދިންއަކަށް ނޭނގެއެވެ. އޭނާ ހޮސްޕިޓަލު އެނދުގައި އޮންނާކަށް އެއްގޮތަށް ވެސް ބޭނުމެއްނޫނެވެ. ޢާއިލާގެ އެހެން މެންބަރުންނެކޭ އެއްގޮތަށް އެމީހުންނާއެކު، ބައްޕާއާއެކު ހުންނަން ޔާދިންއަށް މާ މުހިންމެވެ.
"ލަންޗް ޓައިމް، ޔާދުބެ ނިދިފައި އޮއްވަ ޑަކްޓަރު އައި، ދޮން ވެއްޖެ ކައުންޓަރުގައި." ޖިނާނު ބުންޏެވެ.
"ދޫކޮށްލަނީތަ؟" ޔާދިން އަހާލިއެވެ. އެހިނދު ޖިނާނު ބޯޖަހާލާފައި ހީވަނީއޭ ބުނެލިއެވެ.
ވަގުތު ކޮޅަކަށް ހިމޭންވެ އޮތުމަށްފަހު ލައިތު ކިހިނެއްތޯ ޔާދިން އަހާލިއެވެ. ޖިނާނުގެ މޫނުން ވަގުތުން މާޔޫސްކަން ފާޅުވިއެވެ. އަދިވެސް އޮތީ އައިސީޔޫގައޭ ޖިނާނު ބުންޏެވެ. ކެންޒާ އައިސް ލައިތާ ބައްދަލުކުރި ފަހުން ހާލު ދަށަށް ދިޔައީކަން ޖިނާނު ފާހަގަ ކުރިއެވެ. ބައްޕަގެ ހާލު ވެސް ރަނގަޅެއްނޫންކަން ޖިނާނު ފާހަގަކުރިއެވެ. ލައިތު ފެނުނީއްސުރެ ކަސްތޫރީ ރޮނީކަން ޖިނާނު ބުންޏެވެ. އެހެންވެ ރޮއެރޮއެ މާމަގެ ހާލު ގޯސްވެދާނޭތީވެ ހޮސްޕިޓަލުގައި މަޑުނުކޮށް މާމަ ގޮވައިގެން ފަރުޒީނާއި ސަރަފީނާ ދިޔައީ ގެއަށްކަން އޭނާ ބުންޏެވެ. އެފަދަ އެތައް ވާހަކައެއް ދައްކަން އިނދެފައި އޭނާ ވަގުތުކޮޅަކަށް ހުއްޓާލިއެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ޔާދިންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެނދާއި ގޮނޑި ކައިރިކޮށްލުމާއެކު ދެ އުޅަންބޮށި އެނދުގައި ޖައްސާލައި ޔާދިންއާ ގާތްވެލިއެވެ. ދެން ޖިނާނު އެދުނީ ކަން ހިނގާދިޔަ ގޮތް އޭނާއަށް ކިޔާ ދެވިދާނެތޯއެވެ. ކޮންބައެއްކަމާއި ލައިތާ ދިމާކުރީ ކީއްވެކަން އެނގޭތޯ ޖިނާނު ސުވާލުކުރިއެވެ. ޔާދިންގެ ދެބުމަ ކައިރިވެލިއިރު އޭނާގެ ކޯކަށިގަނޑަށް އައި ބަދަލުން، އޭނާ ދަތްކުނޑިވިކާލީކަން ޖިނާނު ދެނަހުއްޓެވެ.
"ހީ ވިލް ފައިޓް ބެކް، ހީ އިޒް ވަން އޮފް އަސް..." ޖިނާނު ބުނެލި ގޮތުން ހީވީ އަމިއްލަ ނަފްސާ ވާހަކަދެއްކި ހެންނެވެ. ފެށުނީއްސުރެން މާބޮޑު ގާތްކަމެއް އެ ދެމެދުގައި ނެތް ނަމަވެސް ލައިތަކީ ޔާދިން ފަދައިން އޭނާގެ ބޭބެއެއްކަން ޖިނާނު ޤަބޫލުކުރެއެވެ. އޭނާގެ ނަޒަރުގައި ލައިތަކީ އަމިއްލަ އުސޫލުތަކެއް ގެންގުޅޭ، ފަސޭހައިން ބަލިކޮށް ނުލެވޭނެ ފަދަ ވަރުގަދަ އަޒުމެއްގެ ޒުވާނެކެވެ. ކެންޒާ އެ ޢާއިލާގެ ތެރެއިން ފެންނަން ފެށުމާއެކު ލައިތުއާ އެ ޢާއިލާއާ އޮންނަ ގުޅުން ރަނގަޅުވި ކަމުގައި ޖިނާނު ޤަބޫލުކުރެއެވެ. ޢާއިލާގެ މެންބަރުންނާ ލައިތު ވާހަކަދައްކާލެއް ވެސް ގިނަކަން ޖިނާނަށް ފާހަގަވެއެވެ. ކެންޒާގެ ސަބަބުން އެންމެންނަށް ލައިތުގެ ނުފެންނަ ސިފައެއް ފެނުމުގެ ނަސީބު ލިބުނެވެ. އޭނާއަށް ކެންޒާ ކަމުދިއުމަކީ ވެސް އެންމެން އަޖައިބު ކުރުވި ޚަބަރެކެވެ. އެއަށްފަހު އޭނާ ކެންޒާދެކެ ވާ ލޯބި ފޮރުވާކަށް މަސައްކަތެއް ނުކުރެއެވެ. ރުޅިގަދަވެ ފޫހިވެފައި ހުންނަ ލައިތުގެ މޫނުމަތިން ހިނިތުންވުމެއް އެންމެންނަށް ފެނުނީ ކެންޒާގެ ސަބަބުންނެވެ.
"އައި ތިންކް ޝީ ލެޕްޓް ހިމް." ޚިޔާލުތަކުގެ ތެރެއިން ޖިނާނުގެ ނަޒަރު ޔާދިންއާ އަމާޒުކޮށްލިއެވެ.
މެންދުރު ފަސްވަނިކޮށް ޔާދިން ގެއަށް ދޫކޮށްލިއެވެ. އޭނާއާއެކު ޖިނާނާއި ލައިރާ ވެސް އައެވެ. ހޮސްޕިޓަލުގައި މަޑުކުރީ ސެހްރާނާއި އަސަދެވެ. ދަރިފުޅާ ދުރުގައިވަނިކޮށް ކަމެއް ވެދާނޭތީ ހޮސްޕިޓަލުން ބޭރަށް އެންމެ ފިޔަވަޅެއް އަޅާލަން ވެސް އަސަދު ބޭނުމެއްނޫނެވެ.
ސުޖާއު ވަދެގެން އަންނަތަން ފެނި ގޮނޑިބަރިން އަސަދު ތެދުވިއެވެ. އެއްޗެކޭ ބުނުމުގެ ކުރިން ސުޖާއު ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ އެ އައީ ނުބައި ޚަބަރަކައިގެންކަން ސެހްރާނަށް ވެސް އެނގުނެވެ. އަސަދުގެ ކޮނޑުގައި އަތް ޖައްސާލުމާއެކު އިށީންނަން ސުޖާއު ބުންޏެވެ. އަސަދާއި ޖެހިގެން ހުރި ގޮނޑީގައި ސުޖާއު އިށީނެވެ.
"އެ ގެއަކުނެތް އެކަކު ވެސް، ދޮރޯށި ހުރީ ތަޅުލާފަ... ޔާދިން ކިޔާދިން ނަންބަރުގެ ކާރު ފެނިއްޖެ، އެކަމަކު ވޭނެއް ނުފެނޭ، ކާރު އޮތީ ބައިބައި ވަކިކޮށްފަ، ހުޅުމާލެ ގަރާޖެއްގެ ތެރޭ، ޒިޔާދު ކިޔާ މީހެއްގެ ކާރު އެއީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފަވަނީ، އަސަދު، ގޭންގް ހަމަލާއެއްމީ... އެވެސް އާދައިގެ ބައެއްނޫން، އެމީހުންގެ އިސްމީހަކީ މުބީން ކިޔާ މީހެއް، އެކަމަކު މިހާތަނަށް އޭނާގެ މައްޗަށް އެއްވެސް ކަމެއް ސާބިތުވެފައެއްނެތް، އެ މުބީންއަކީ ނިފްރާގެ ކޭސްގައި ގެންދެވުނު މީހެއް... އޭރު އޭނާ ދޫކޮށްލެވުނީ ކުޑަކުއްޖަކަށްވީމަ، އެފަހަރުވެސް އޭނާ ސީދާ ބައިވެރި ނުވާކަމަށްވީ، މިހާތަނަށް ބެލުނު އެއްވެސް ފުޓެޖަކުން އޭނާ ފެންނާކަށްނެތް، ޝައްކުކުރެވޭ މީހުންގެ ލިސްޓެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފަވަނީ، އެކަމަކު އެމީހުންނޭ އެކަން ކުރީ ބުނާނޭ ވަރަށް ހެކިނުލިބޭ... މިކަން އަވަސްކުރަން ބޭނުންވިޔަސް އަވަހެއް ނުވާނެ." ސުޖާއުއަށް ލިބިފައި ހުރި މަޢުލޫމާތު އޭނާ ޚިއްޞާ ކުރިއެވެ.
"އޭނާ ކުރިކަމެއްތަ މީ؟ އޭރު ދޫކޮށްލި ކުޑަކުއްޖާ އަހަރެން ހަނދާންހުރި... އެކަމަކު އޭނާއެއްނޫނެއްނު ނިފްރާއަށް ހަމަލާ ދިނީ." އަސަދަށް ޤަބޫލުކުރަން ދަތިވިއެވެ.
"އަށާރަ ނުފުރޭތީ އޭރު ކުޑަކުއްޖެއް، އެކަމަކު އޭރު ވެސް އޭނާ އެއްބާރުލުން ދިނީ ކުށްވެރިންނަށް... މިއަދު އޭނާ ހުރީ އަތްނުލެވޭ ހިސާބެއްގައި، އެފަދަ މީހުންނަށް ބާރުލިބެނީ ކިހިނެއްކަން އަސަދަށް ވެސް އޮޅިފައެއް ނޯންނާނެ، ސިޔާސީ ކަންކަމަށް އަސަދުގެ ޝައުގުވެރިކަމެއް ނެތަސް... ޤައުމުގެ ހާލަތު ނޭނގިއެއް މިހާރު ނޯންނާނެ." ސުޖާއު ބުންޏެވެ.
"ފައިސާތަ ބޭނުންވަނީ..." އަސަދަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ސުޖާއު މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.
"އޭރު އެއީ ފޭރުމެއް، އެކަމަކު މިފަހަރު... މިފަހަރު މީ ކޮންމެވެސް ކަހަލަ ޒާތީކަމެއް." ސުޖާއުއަށް ވިސްނޭގޮތް ހާމަކުރިއެވެ. އެ ދެމެދުގައި ދެކެވޭ ވާހަތަކައް ސެހްރާނަށް ވެސް އިވެއެވެ. ސުޖާއުއަށް ފޯނެއް އައީ އެވަގުތެވެ. އޭނާ ފޯނުކޯލު ނަގައި ވާހަކަދައްކަން ފެށުމުން އަސަދާއި ސެހްރާނަށް ވެސް އެ ވާހަކަ ގުޅިފައިވީ ކެންޒާއާކަން އެނގުނެވެ.
"ކެން ފެނުނީތަ؟" ފޯނުކޯލު ނިންމާލުމާއެކު ސުޖާއު ގާތު ސެހްރާނު އަހާލިއެވެ.
"އެއާޕޯޓުން އެ ގުޅީ... އޭނާ ފުރައިފި." ޚުދު ސުޖާއުއަށް ވެސް ޤަބޫލުނުކުރެވިފައި ހުރި ކަހަލައެވެ.
"ކޮންތާކަށް؟" އަސަދަށް އަހާލެވުނެވެ.
"އޭނާގެ ބަޔާން މިކަމުގައި ވަރަށް މުހިންމު، ލައިތުއާ ބައްދަލުކުރަން އައިއިރު އޭނާއާއެކު އިތުރު މީހަކު އައިތަ؟" އެވަގުތު ސުޖާއުގެ ސިކުނޑީގައި ވަނީ ކީކޭކަން ދެނެގަތުން އަސަދާއި ސެހްރާނަށް ވެސް ފަސޭހައެއްނުވިއެވެ. އޭނާ ކުރި ސުވާލަށް ޖަވާބު ދޭނޭ ގޮތެއް އެ ދެ މީހުންނަށް ވެސް ނޭނގުނެވެ.
ކެންޒާ ފެނުމުން އެކުއްޖާއާ ކުރިމަތިލާން ނުކެރިފައި އަސަދު އިނީއެވެ. ސެހްރާނު ހަނދާންވީ އޭނާ ކެންޒާއާ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދޭކަމެވެ. ޔާދިންގެ ވާހަކަތަކުން ލައިތުއަށް ހަމަލާދޭން ގެންދިޔައީ ކެންޒާ ރަހީނުކުރުމަށްފަހުއެވެ. އެމީހުންގެ ބޭނުމަކީ ލައިތުގެ ކިބައިން ބަދަލެއް ހިފުމެވެ. ސެހްރާނަށް ވިސްނުނީ އެމީހުންގެ މަޤުޞަދު ހާސިލުވުމުން ކެންޒާ ދޫކޮށްލީ ކަމެވެ. އެހެންވިޔަސް ލައިތާ ދުރަށް ކެންޒާ ދިއުމަކީ ޤަބޫލުކުރެވޭވަރު ކަމެއްނޫނެވެ. އެފަދައިން ކެންޒާ ކަންތައް ނުކުރާނޭކަން ސެހްރާނުގެ ޟަމީރު ވެސް އެއްބަސްވެއެވެ.
ސުޖާއުގެ ފޯނަށް އައި ފޮޓޯ އޭނާ އަސަދަށް ދެއްކިއެވެ. ކެންޒާގެ ގާތުގައި ހުރި ޒުވާނާއަކީ ކާކުކަމެއް އަސަދަކަށް ނޭނގުނެވެ. އޭނާ ވަގުތުން ސެހްރާނަށް ބަލާލިއެވެ. ސެހްރާނު ވެސް ދެ ފަރާތަށް ބޯހޫރާލީ ނޭނގެއޭ ބުނާ ފަދައިންނެވެ. ސުޖާއު ބުނި ގޮތުގައި އެ ދެމީހުން އެއާޕޯޓަށް އައިސްފައިވަނީ އެކީގައެވެ. އަދި ބޯޑުކޮށްފައިވަނީ ވެސް އެކުގައިކަމެވެ. ކެންޒާއާއެކު ހުރި ޒުވާނާއާ ބެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށައިފިކަން ސުޖާއު ބުންޏެވެ.
* * * * *
ފްލައިޓަށް އެރީސުރެ މަންޒިލާ ހަމައަށް ދެވެންދެން ވެސް ކެންޒާ ވާހަކައެއް ނުދައްކައެވެ. މިފްރާހުއަށް ބަލައެއް ވެސް ނުލައެވެ. ކިތަންމެ ފަހަރަކު ކެންޒާގެ އަތުގައި ހިފާލަން މިފްރާނު މަސައްކަތް ކުރިއެވެ. ނަމަވެސް އެ ފުރުޞަތު އޭނާ ނުދިނުމުން މީހުންތަކުގެ ތެރޭ ގަދަކަމުން އަމިއްލަ އެދުން ހާސިލުކުރަން މިފްރާހު ނޫޅުނީއެވެ.
ކާރުގައި ހޭދަވީ ދިގު ދަތުރަށް ފަހު، ކެންޒާ ގޮވައިގެން މިފްރާހު އައީ ހޮޓަލަކަށެވެ. ޢާއިލާގެ ގާތަށް ދާނީ ފަހުން ކަމުގައި މިފްރާހު ބުނީ ހޮޓެލަށް ވަންނަމުންނެވެ. ކެންޒާ މޭޖެހޭގޮތްވިއެވެ. އޭނާ ގޮވައިގެން ހޮޓެލަކަށް މިފްރާހު އައީތީ އެތައް ސުވާލެއް ސިކުނޑީގައި ފުނިޖެހެމުންދިޔައެވެ. ކޮޓަރިއާ ހަމައަށް އެމީހުންނާއެކު އައި ހޮޓެލުގެ ސްޓާފްއާ ވާހަކަދައްކަން ދޮރުމަތީ މިފްރާހު ހުއްޓެވެ. ކެންޒާ އެތެރެއަށް ވަދެގެން އައީއެވެ. އެއީ އެތައް ގޮތަކުން ފުރިހަމަ ކޮޓަރިއެކެވެ. ދެމަފިރިން އެކުގައި ލޯބީގެ ވަގުތުތައް ހޭދަކޮށްލުމަށް ނުހަނު ހިތްފަސޭހަ ގޮތެއް ހުރިހާ ދިމާއެއްގައި ވިއެވެ. އެތަނުގައި ހުރީ އެންމެ އެނދެކެވެ. ތުނިތުނި ފަރުދާގެ ފުރަގަހުގައި ބެލްކަންޏަށް ނުކުމެވެން ހުރި ދަމާ ދޮރު ފެންނަން ހުއްޓެވެ. މިފްރާހުގެ ގަސްދަކީ ކޮބައިކަން ނޭނގުނަސް، އެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުން ކެންޒާއަށް ލަފާކުރެވުނެވެ. ދެ ލޯ މަރާބާރުކޮށްލުމާއެކު ކެންޒާއަށް ދެތުންފަތް ފިއްތާލެވުނެވެ.
"ފްރެޝްވެލަން ދާންވީނު، އިރުކޮޅަކުން ކާން ގެންނާނެ." މިފްރާހުގެ އަޑު ކައިރިވަމުން އައެވެ. ކެންޒާ ދެ ލޯ ހުޅުވާލުމާއެކު މިފްރާހުއާ ދުރަށް ދެވޭތޯ ބެލިއެވެ.
"ވަރަށް ވަރުބަލިވެއްޖެ." އެނދުމައްޗަށް ބަންޑުން ވެއްޓިގަންނަމުން މިފްރާހު ބުނެލިއެވެ. ކެންޒާ ހުރި ދިމާއަށް ބޯއަނބުރާލައި އޭނާ ބަލާލިއެވެ. އެއްފަރާތުގައި ހުރި ގޮނޑީގައި އިށީން ގޮތަށް ކެންޒާ އިސްޖެހިފައި އިނީއެވެ. ތިބެވުނު ތަނާއި މިފްރާހުއާ މެދު ކުޑަ ވެސް ޝައުގުވެރިކަމެއް އެ މޫނުން ފާޅެއްނުވެއެވެ. އިރުކޮޅަކު އެގޮތަށް ކެންޒާއަށް ބަލަން އޮތުމަށްފަހު މިފްރާހު ތެދުވިއެވެ. އެނދުގެ ފައިލާކޮޅުގައި ހުރި ދިގު ގޮނޑީގައި އިށީނދެ ދަބަސް ހުޅުވާލިއެވެ. އޭގެ ތެރެއިން އެއްޗެއް ނަގަން އުޅެފައި މިފްރާހު އަނެއްކާ ވެސް ބަލާލީ ކެންޒާއަށެވެ. ލާނެތް ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ. މިފްރާހު ކޮޅަށް ތެދުވެ ލައިގެން ހުރި ޓީޝާޓު ގަޔާ ވަކިކޮށްލިއެވެ. ދެން ވެސް ކެންޒާ އިސްއުފުލާ ބަލާނުލިއެވެ.
"ފާޚާނާއަށް ނުވަންނަންޏާ އަހަރެން ވަންނަނީ... އޯކޭ ކިޓީ ޖޮއިން ކުރިޔަސް، އައި ވުޑް ލަވް ދެޓް." ސަމާސާ ރާގެއްގައި މިފްރާހު ބުނެލިއެވެ. ކެންޒާއަށް މިފްރާހުގެ އަޑު ނީވޭ ކަހަލައެވެ. ނަމަވެސް ކެންޒާގެ ކޯތާފަތުން ރޮނގެއްހެން ފޭބި ކަރުނަތިކި މިފްރާހަށް ފެނުނެވެ.
"ރުއިން ހުއްޓެންދެން މީ އަހަރެމެން އުޅޭނެ ތަނަކީ." ކެންޒާއަށް ބަލަން އިރުކޮޅަކު ހުރެފައި މިފްރާހު ބުނެލިއެވެ. މިފަހަރު އެ އަޑުގައިވީ ސީރިއަސްކަމެވެ. އޭނާ ގޮސް ފާޚާނާއަށް ވަނެވެ.
ފެންވަރައިގެން ނުކުމެގެން އައި ގޮތަށް މިފްރާހު ހުއްޓުނީ ކެންޒާގެ ކުރިމަތީއެވެ. އޭރު ވެސް އޭނާ އިހު އިން ގޮނޑީގައި ހަރަކާތެއްކޮށްނުލާ އިނެވެ. އުނުގައި އޮތް ހުދު ތުވާލި ފިޔަވައި އެ ޒުވާން ހަށިގަނޑުގައި ނިވާކަމެއް ނުވެއެވެ. ކެންޒާގެ ދަތްދޮޅީގައި މިފްރާހުގެ ފިނިފިނި އިނގިލިތަކުން ހިފާލިއެވެ. އެއަތް ކެންޒާ ދުރުކޮށްލީ ނުހަނު އަވަހަށެވެ.
"ތިހެން ކިހާ ދުވަހު އިންނާނީ... ޢާއިލާގެ ގާތަށް ނުދިޔަޔަސް އަހަރެން ކައިވެނީގެ ކަންކަން ހަމަޖައްސާނަން، ތި ހަށިގަނޑުގައި އަތްލަން ހުރި ހަމައެކަނި މީހަކީ އަހަރެން، އެކަން އަދިވެސް ޤަބޫލުކުރާކަށް ނުވޭތަ؟ ކިޓީ، ކީއްވެތަ ތިހާ ގޮތްދޫނުކުރަނީ؟" މިފްރާހު ވާހަކަދެއްކީ މަޑުމަޑުންނެވެ. އަޖައިބުވެފައިވާ މީހަކު ފަދައިން ކެންޒާއަށް ބަލާލެވުނެވެ.
"ތީ އިންސާނެއްތަ؟" މިފްރާހަށް ކުރެވުނު ކަމެއް އޭނާއަށް ހަމަނޭނގެނީބާއޭ ކެންޒާ ހިތަށް އެރިއެވެ. ކުޑަކޮށް ވެސް އޭނާގެ ފުށުން ކުށްވެރިކަމުގެ ޒަރެއްހާ ހިސާބު ވެސް ނުފެންނާތީ ކެންޒާ ހަމަ އަންތަރީސްވެއްޖެއެވެ.
"އައި އޭމް ހިއުމަން... އަދިވެސް ޔަގީންނުވޭތަ؟" ކެންޒާގެ ދެއަތުގައި ހުސިޔާރުކަމާއެކު މިފްރާހު ހިފަހައްޓާލުމާއެކު ކުރިއަށް ގުދުވެލިއެވެ. ކެންޒާގެ ކޯތާފަތުގައި ދެފަހަރެއްގެ މަތިން އޭނާގެ ތުނބުޅި ހާކާލީ ލާނެތް ހިނިތުންވުމަކާއެކުއެވެ.
"މިރޭ ނިދޭނެހެން ހިޔެއްނުވޭ." ކެންޒާގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން މިފްރާހު ބުނެލިއެވެ.
"ސައިކޯޕެތްއެއްތީ... ނޯ އެމްޕަތީ... ޓޯޓަލް ސައިކޯޕެތް..." ބޮލުން މިފްރާހުގެ ބޯ ކޮށްޕަމުން ކެންޒާ ބުންޏެވެ. މިފްރާހު ހީނލީއެވެ. އޭނާގެ ނުހަނު ގާތުގައި ކެންޒާވާއިރު އެފަދަ ބަސްތަކުން މިފްރާހު ރުޅިއައުމުގެ ބަދަލުގައި އެ ހިތުގެ ތެޅުން އަވަސްވެލައެވެ.
"ގޯ، ޓޭކް އަ ޝަވާ." ކެންޒާއާ ދުރަށް ޖެހިލައި އަތުން ދޫކޮށްލާފައި މިފްރާހު ބުންޏެވެ.
ކާއެއްޗެހި ކޮޓަރިއަށް ގެނައުމުން މިފްރާހު ކެއުމުގެ ކުރީން ކެންޒާ ގާތު ކާން ބުންޏެވެ. ކެންޒާއަށް މަޑުކުރުމެއްނެތި މިފްރާހު ކާން ފެށިއެވެ. ކެންޒާ އިން ގޮތަށް އިނީއެވެ. ކައިނިންމާފައި މިފްރާހު އުޅުނީ ފޯނު ހިފައިގެންނެވެ. އޭނާގެ ވޮލެޓުން ނެގި ސިމް ކާޑު ފޯނަށް ލެއްވުމުގައެވެ. ދެން އޭނާ ނުކުތީ ބެލްކަންޏަށެވެ. އެތަނުގައި ހުރެ އޭނާ ފޯނުން ދެއްކި ވާހަކައެއް ކެންޒާއަކަށް ނީވެއެވެ. ފޯނު ކޯލު ނިންމާފައި މިފްރާހު އެތެރެއަށް ވަދެ ކޮޓަރީގެ ބައެއް ބޮކިތައް ނިވާލީއެވެ. ދެން އެނދަށް އަރައި ހަމަޖެހިލުމާއެކު ކެންޒާއަށް ބަލާލިއެވެ. ނިދަނީކަމާއި ވަރަށް ލޯބިވާކަން ބުނެލިއެވެ. އެހެން އިނދެއިނދެ ވަރުބަލިވެ، ނިދިއައިމަ އެނދަށް އަންނަން ކެންޒާ ގާތު މިފްރާހު ބުންޏެވެ.
ބަނޑުހައި ވެގެން ކެންޒާގެ ބަނޑުން އަޑު ގޮވައެވެ. ދެއަތުން ބަނޑުގައި ހިފަހައްޓާލައިގެން އޭނާ ތެދުވިއެވެ. މިފްރާހު އަރިއަކަށް އޮތްއިރު އޭނާއަށް އޮތީ ނިދިފައިކަން ކެންޒާއަށް ޔަގީންވިއެވެ. ސިއްރުން އައިސް މަތިޖަހާފައި ހުރި ކެންޒާގެ ތަށި ނެގިއެވެ. ލައިތާމެދު ޚިޔާލު ކުރަމުން ރޮމުން އޭނާ އެއިން އެތިކޮޅެއް ކެއެވެ. ބަނޑުހައި ހޫނުކަން ކިރިޔާ ފިލާވަރަށް ކެވުމުން، އިހު ހުރި ގޮތަށް ތަށި ބެހެއްޓިއެވެ. ދެން ގޮސް ފާޚާނާއަށް ވަނީއެވެ.
މިފްރާހަށް ހޭލެވިގެން ފުރަތަމަ ވެސް ހޯދާލެވުނީ ކެންޒާއެވެ. ގޮނޑީގައި އިންތަން ފެނުމުން މިފްރާހު ހައިރާންވިއެވެ. ރޭ ހަތަރުދަމު ކެންޒާ އިނީ އެގޮތުގައޭ ހީކުރެވުނެވެ. ނަމަވެސް އެނދުން ފައިބައިގެން ކެންޒާގެ ގާތަށް އައުމުން އޭނާ ހެދުން ބަދަލުކޮށްފިކަން މިފްރާހަށް އެނގުނެވެ. ނިއުޅާލާފައި އޮތް އިސްތަށިގަނޑުން ކެންޒާ ފެންވެރީކަން އޭނާ ދެނެގަތެވެ.
"ކަމް ވިތް މީ..." ކެންޒާގެ އަތުގައި ހިފައި ގަދަކަމުން ކޮޅަށް ނެގުވިއެވެ. އިރުއަރަން ވަގުތުކޮޅެއް ހުރުމުން މިފްރާހު ގަސްދުކުރީ ކެންޒާ ގެނެސް އެނދުގައި ބޭއްވުމަށެވެ.
އެނދުމައްޗަށް ކެންޒާ ވައްޓާލުމާއެކު އޭނާ ތެދުވިޔަ ނުދީ މިފްރާހު ހިފެހެއްޓިއެވެ. ގަދަދެއްކުމަށްފަހު ކެންޒާ ހުއްޓާލިއެވެ. އެއާއެކު މިފްރާހުގެ ކަންފަތުގައި ޖެހުނީ ކެންޒާގެ ރުއިމުގެ އަޑެވެ. މިފްރާހުގެ ގަޔައި ކައިރިކޮށްލުމާއެކު ކެންޒާ ގާތު ނުރޯން މިފްރާހު އެދުނެވެ.
"ކަމެއްކުރާކަށް ނޫޅެން... ކިޓީ، ޕްލީޒް... މިހާއިރުވާއިރު ވަރުބަލިވާނެކަން އަހަރެންނަށް އެނގޭ، ސްޓޮޕް ކްރައިން، އަހަރެން ކަމެއްނުކުރާނަމޭ މިބުނީނު، ނިދާލެވޭތޯ ބަލާބަލަ... އޯކޭ ނުނިދިޔަސް... ގޮނޑިއަށްވުރެ އެނދު އަރާމުވާނެއެއްނު، މިތާ އިރުކޮޅަކު އޮވެލަބަލަ، އަހަރެން އުނދަގުލެއްނުކުރާނަން." މިފްރާހު ބުނެލިއެވެ.
"މަންމަ ކައިރީ ބުނެފިން ކެން ގޮވައިގެން އަންނަނީކަން، ޔޫ ވިލް ލައިކް އިޓް ހިއާ... އެންމެން ވެސް ތިބީ ކެންއާ ބައްދަލުވާނެ އިރެއްގެ އިންތިޒާރުގަ." މިފްރާހު ވާހަކަދެއްކީ ނުހަނު ލޯބިންނެވެ. އޭނާ އެ އޮތީ އުފަލުންނެވެ.
(ނުނިމޭ)