(15 ނޮވެމްބަރ 2020 އާ ގުޅޭ)
"މަންމަ ކައިރީ ބުނެފިން ކެން ގޮވައިގެން އަންނަނީކަން، ޔޫ ވިލް ލައިކް އިޓް ހިއާ... އެންމެން ވެސް ތިބީ ކެންއާ ބައްދަލުވާނެ އިރެއްގެ އިންތިޒާރުގަ." މިފްރާހު ވާހަކަދެއްކީ ނުހަނު ލޯބިންނެވެ. އޭނާ އެ އޮތީ އުފަލުންނެވެ.
* * * * *
ސުޖާއު ގޮވައިގެން ސެހްރާނު ގެއަށް އައީ ޔާދިންއާ ވާހަކަދައްކާށެވެ. ކެންޒާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭތީއެވެ. ކެންޒާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް ހޮސްޕިޓަލަށް ކެންޒާ އައީ ކިހިނެއްކަމެއް އެކަކަށް ވެސް އެނގިފައެއްނެތެވެ. ޢާއިލާގެ ގާތަށް އައި ނަމަވެސް ކެންޒާގެ ބަހެއް ފުލުހުންނަށް ބޭނުންވާނޭކަން ކުރިން ވެސް އޮތީ އަންގާފައެވެ. އެހެންނަމަވެސް އޭނާ ކުޑަވަގުތުކޮޅަކަށް ފެނިލާފައި އެންމެންގެ ލޯމަތިން އެ ގެއްލުނީއެވެ. އޭރު ޔާދިންގެ ބަޔާނުގައި މިފްރާހުގެ ސިފަ ކިޔާދޭން އެނގުނަސް އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ކިޔާދޭކަށް ނޭނގުނެވެ. މިފްރާހުގެ ނަން ބުނެވުނީ ޝައްކެއްގެ މަތީ ޔަގީންނުވެ ހުރެއެވެ. މިފްރާހުގެ ރިކޯޑު ސާފުވެފައި އޭނާ ރާއްޖޭގައި ގިނަދުވަހު އުޅެފައިނުވާތީ ފުލުހުންނަށް މިފްރާހު ހޯދުން ދަތިވިއެވެ.
ކެންޒާ އިނީ ލައިތާއި އިންނަން ރަންކިޔާފައެވެ. އެހެންވެ ކެންޒާގެ ނަން ބަދުނާމުވާން އަސަދު ނޭދެއެވެ. ކެންޒާ ހޯދަން ސެހްރާނާއި ލައިރާ ދާން އުޅޭފަދަ ވާހަކައެއް އިވުމުން އަސަދު އެކުދީން ހުއްޓުވީއެވެ. ފުލުހުންނަށްވުރެ ކުރީން ކެންޒާ ހޯދަން އޭނާ ހަވާލުކުރީ ސުޖާއުއާއެވެ. އެއްވެސް ނޯޓިސްއެއް ރަސްމީކޮށް ނުނެރެވެނީސް ކެންޒާ ހޯދަން އަސަދު ހުރީ ބޭނުންވެފައެވެ. ސުޖާއުއަށް އެކަން ކުރެވޭނެކަން ވެސް އަސަދަށް އެނގެއެވެ. އެމީހުންނަށް މިފްރާހުއާއެކު ކެންޒާ ފެނިދާނޭ ކަމަށް ހިޔެއްނުކުރެއެވެ. ޔާދިންގެ ގާތަށް ސުޖާއު އައީ ހުރިހާ ވާހަކައެއް އަސަދާއި ދެއްކުމަށްފަހުއެވެ. ކެންޒާއާއެކު ފެނުނު ޒުވާނާއަކީ މިފްރާހުކަން ސުޖާއު ޔަގީންކުރި ނަމަވެސް ޔާދިންގެ ގާތުން ވެސް ޔަގީންކުރަން އޭނާ ބޭނުންވީއެވެ. ހަމައެއާއެކު ފުލުހުންނާ ހަމައަށް އެ މަޢޫލޫމާތު ދިއުމުގެ ކުރީން ކެންޒާގެ އެއްބައިވުމެއް މިކަމުގައި އޮވެދާނޭކަމަށް ސުޖާއުއަށް ޝައްކު ކުރެވޭތީ ޔާދިންއާއި އެހެންކުދީންގެ ނަޒަރުގައި ކެންޒާއާ މެދު ޚިޔާލެއް ހޯދަން އޭނާ ބޭނުމެވެ.
"މީ ދޯ މިފްރާހު؟" ފޯނަށް ޔާދިން ބަލަން އިންއިރު އެ މޫނުގައިވި އަސަރުތަކުން ސުޖާއު ދެނެގަތެވެ. ސުޖާއުއަށް އަނބުރާ ފޯނު ދިއްކޮށްލަމުން ޔާދިން ބޯޖަހާލިއެވެ.
"މީ އެ ދެމީހުން ރާވައިގެން ކުރިކަމެއްހެން ހީވޭތަ؟ ކީއްވެ އޭނާއާއެކު ފުރައިގެން ދާންވީ، އެ ދެމީހުން ދެމެދުގައި ގުޅުމެއް އޮންނަހެން ސުޖާބެއަށް ހީވާތީ މިހެން މިބުނީ..."
"ނޫން..." ޔާދިން ނިކަން އަވަހަށް ބުނެލިއެވެ. ހައިރާންކަމާއި ސުވާލުގެ ނަޒަރުން ސުޖާއު ބަލާލިއެވެ.
"ކެންޒާ ނުދާނެ އޭނާއާއެކީ، ލައިތު ދޫކޮށްލާފަ އޭނާ ނުދާނެ... އޭނާ ގަދަކަމުން ގެންދިޔައީ." ޔާދިން ބުނެލީ ނުހަނު ސާބިތު ކަމާއެކުއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އޭނާ ޤަބޫލެއްނުކުރާނެ ކަހަލައެވެ.
"އެކަމަކު އޭނާގެ ކުށުގެ ރިކޯޑެއްނެތް، އަހަރުތަކެއްވަންދެން ބޭރުގައި އުޅެފައި އިހަކަށް ދުވަހު ރާއްޖެއައީ، ކުރިއާލާ ރާވައިގެން ކުރިކަމެއްކަން އެނގޭ... ހުރިހާ ތަނަކަށް ނޯޓިސް ފޮނުވަން ވަގުތު ނަގާނެކަން އެނގި އެކަން ކުރެވުމުގެ ކުރީން އެމީހުން އެ ދިޔައީ، އެހެންވެ އެނގޭ ސިސްޓަމްގެ ޕްރޮސެސް ހިނގާ ގޮތް އެނގިފަ، ކުރިއާލާ ރެޑީވެގެންކަން ތިބީ." ސުޖާއު ވިސްނުމަކަށް ގެއްލި އިނދެ ވާހަކަދެއްކިއެވެ.
"ކޮންތާކަށް އެމީހުން ފުރީ؟ ދިޔަތަނެއް އެނގޭތަ؟" ޔާދިން އެނގެން ބޭނުންވިއެވެ.
"ޔާދު، އެ ވީޑިއޯ ބަލާބަލަ... ގަދަކަމުން ގެންދާ މީހެއްހެން ކެން ހީވޭތަ؟ އައި ޑޯންޓް ނޯ އެނީމޯ... ލައިތާމެދު އޭނާ ކަންބޮޑުވާނަމަ އެހެން ހިނގައިދާނެތަ؟." ލިބިފައިވާ މާޔޫސްކަމާއެކު ސެހްރާނުގެ ކަނާއަތްތިލަ ބޮލުގައި ހާކާލިއެވެ. ހަޤީޤަތަކީ ކޮބާއިކަން ބުނަން އޭނާއަށް ދަތިވެއްޖެކަން ޔަގީނެވެ.
"ކެންއަކީ އެކަހަލަ އަންހެންކުއްޖެއްނޫން، އޭނާ ލައިތަށް ދެރައެއްނުދޭނެ." ޔާދިން ބުންޏެވެ.
"މިފްރާހުތަ ލައިތަށް ހަމަލާ ދިނީ." ސުޖާއު އަހާލިއެވެ.
"އޭނާއާއި އެހެން މީހަކާ ދެމީހުން ކާރުގަ ތިބީ، ކެންޒާ ގޮވައިގެން ފުރަތަމަ ފޭބީ މިފްރާހު، ކުރިން ކިޔާދިންހެން ކެންޒާގެ ދެއަތް އައްސާފަ ހުރީ، އޭނާގެ އަގަޔަށް ފޮތިގަނޑެއް ކަހަލަ އެއްޗެއް ކޮށްޕާފަ އޮތްތަން ދުށީން... ވޭނުގައި އައި ބަޔަކު ތަޅައިގަތީ، ވަޅި ހިފައިގެން ހުރި މީހާއާއި ކަތިވަޅި ހިފައިގެން އައި މީހާ ނޫން އެހެން އެންމެން ގެންގުޅުނީ ލަޑިބުރިތަކާއި ބެޓުތަކެއް، ކާރުގަ އިން މީނާ ނުކުމެ ހިފެހެއްޓީތީ ލައިތުގެ ކަރަށް ވަޅި ނުވަނީ... އެމީހުންގެ ބޭނުމަކީ ކޮބާކަން ނޭނގުނަސް ލައިތު މަރާލަން ބޭނުމެއްނުވެޔޭ ހީވީ އެހެންވެ."
"ސުޖާބޭ، އަދިވެސް އެކަމާ ގުޅޭ މީހަކު ހައްޔަރު ކުރެވުނު ކަމަކަށްނުވޭ. ފުލުހުން ކީއްތަ އެކުރަނީ؟ ތިބުނާ މުބީނަކީ ޤާނޫނަށްވުރެ ވެސް މަތީ މީހަކީތަ؟ ޝައްކުވާއިރު އޭނާ އިން ފަށަންވީނު ފުރަތަމަ." ކެތްތެރިކަން ކުޑަ ރާގެއްގައި ސެހްރާނު ބުންޏެވެ.
"ކުރިބަޔަކު ނުހޯދޭ، ޝައްކުކުރެވޭ މީހުން ގެނެވުނަސް ހެކިތަކެއް ނެތި ބަންދުކުރާނީ ކިހިނެއް، މިހާރު ކޯޓުއަމުރެއްނެތި އެއްކަމެއް ވެސް ނުކުރެވޭނެ، ކޯޓުއަމުރަކީ ހަމަ ބުނެލާއިރަށް ދޫކުރާ އެއްޗެއްނޫން، ސިސްޓަމް ތެރެއިން ކުށްކުރި މީހުން ފެންނަން ހުރިއިރު، މިފްރާހު ކިޔާ މީހަކަށް ފެނުނީ ހަތަރު މީހަކު، އެމީހުން ވެސް ޔާދިން ކިޔާދިން ސިފައާ ވައްތަރެއްނޫން، އަސްލު މިފްރާހު މިފެނުނީ ކެންޒާ ހޯދުމުގެ ތެރޭން... އަދި ކޮބާ އެކަން ކުރި މީހުން، ވަގުތުންވަގުތަށް ހޯދޭނެ ކަންކަމެއްނޫން މިހުންނަނީ، މިހާރު މާރާމާރީއާއި ފޭރުން ހިންގަނީ ވަރަށް ބޮޑަށް ރޭވިގެން، އެކަމަށް ތައްޔާރުވެގެން، ލައިތަށް ހަމަލާ ދިނީ ކުއްލިއަކަށްނޫން، މިކަމެއް ހިނގިއިރު އެމީހުން ފުރަން އޮތީ ހުރިހާކަމެއް ނިމިފަ، އެހެންނޫނީ މިހާ އަވަހަށް ފުރައިގެން ނުދެވޭނެ، ދެން އޮތީ އޭނާ މިކަމުގައި ކުށްވެރިވޭތޯ ބެލުން، އޭނާގެ މައްޗަށް ހެކިތަކެއް ނުފެނުނީވިއްޔާ އިންޓަޕޯލް މެދުވެރިކޮށް ވެސް ނޯޓިސްއެއް ނުނެރޭވޭނެ." ކަންތައް ހަމަޖެހިފައި އޮންނަ އުސޫލާއި ޤަނޫނުގައި އޮތް ގޮތް ވިސްނައިދޭން ސުޖާއު މަސައްކަތް ކުރިއެވެ. އަވަސްކުރަން ބޭނުންވިޔޭކިޔާފަ އަވަހެއްނުވާނޭކަން ސުޖާއުގެ ތަޖުރިބާ ބުނެދެއެވެ. އެހެންވިޔަސް އިންސާފުގެ ކުރިމައްޗަށް ބަޔަކު ހާޟިރު ކުރެވޭނެކަމުގެ ޔަގީންކަން އޭނާ ދުލެއް ނުކުރެއެވެ.
* * * * *
ލޮލުފިޔަ ޖަހާނުލައި އެނދުގައި މިފްރާހު ބޭއްވި ގޮތަށް ކެންޒާ އޮތީއެވެ. މިފްރާހު ތެދުވެގެން ގޮސް ފާޚާނާއަށް ވަނުމުން ކެންޒާ ވެސް އެނދުން ތެދުވިއެވެ. ހުޅުވާފައި ހުރި ދޮރުން ވަންނަ ލުއިލުއި ވައިރޯޅިތަކުން ތުނިތުނި ފަރުދާ ހިއްލި ނަށާލައެވެ. އެ ފަރުދާގެ އެއްފަރާތުން ބެލްކަންޏަށް ކެންޒާ ނުކުތެވެ. ދެތިން އުސްއިމާރާތުގެ އިތުރުން ގެތަށް ފެންނަން ހުއްޓެވެ. ދުރުން ފެހިކަން ގަދަ ވާދީއެއް ފަދަ ހިތްގައިމު ކަމެއް ފެނެއެވެ. ހަމައެއާއެކު އަރާފައި ހުރި އިރު ހުރީ ދިމާކުރިމަތީގައެވެ. ނަމަވެސް ފަޒާގައިވަނީ ފިނިކަމެވެ. ވާރޭ ވެހުމަށްފަހު އިޙްސާސް ކުރެވޭ ފަދަ ފިނިކަމަށްވުރެ ގަދަ ފިނިކަމެކެވެ. ކެންޒާއަށް ފުންނޭވާއެއް ބޭރުކޮށްލެވުނު ހިނދު ނޭވާގައި ދުންފިނީގެ އަސަރުވާތީ ފާހަގަވިއެވެ. އެހެންވެ އަނގައިން ފުމެލީ އަދިވެސް އެއްފަހަރު އެކަން ދުށުމަށް ބޭނުންވެގެންނެވެ. ރާއްޖެ ދޫކޮށް އެހެން ޤައުމަކަށް ކެންޒާ އައި މީ ފުރަތަމަ ފަހަރެވެ. އުޅޭނެ ގޮތެއް ދާނޭ ތަނެއް އޭނާއަކަށް ނޭނގެއެވެ.
ހެނދުނުގެ ނާސްތާ ކުރުމަށް މިފްރާހު ގަސްދުކުރީ ހޮޓެލުން ބޭރުގައެވެ. ކާއެއްޗެއް ކެއުމުގެ ބަދަލުގައި ކެންޒާ ބޯލީ ކޮފީ ތަށްޓެކެވެ. މިފްރާހު އާދޭސް ކުރުމުން ވެސް ކެންޒާ އެއްޗެއް ނުކެއެވެ. އޭނާ ދެން ކެންޒާ ގޮވައިގެން ދިޔައީ ވިޔަފާރިކުރާށެވެ. އެތައް ފިހާރަތަކެއް އެއްތަނެއްގައި ހުރި ބޮޑު އިމަރާތަކަށް ކެންޒާ ގޮވައިގެން މިފްރާހު ވަނެވެ. އެތަނުން ކެންޒާއަށް ބޭނުންވާނޭ އަންނައުނު އޭނާ ގަތެވެ. ފިނިއިރު ލާނޭ ބައެއް ހެދުމާއި ހޫނު މޫސުމުގެ ހެދުމާއި، ހަވީރީ ހެދުންތަކުގެ އިތުރުން ޖީންސާއި ބޫޓެވެ. ކެންޒާގެ ރުހުމަކަށް އޭނާ ބޭނުންނުވާ ކަހަލައެވެ. ވިޔަފާރިކޮށް ނިމުމުން އެނބުރި ހޮޓެލަށް އައީއެވެ.
ކޮޓަރީގައި ހުރި ގޮނޑީގައި ކެންޒާ އައިސް އިށީންނަން އުޅުމުން ފޮށި ހުޅުވަން މިފްރާހު ބުންޏެވެ. ކެންޒާ ދެކޮޅު ހެދީ އޭގައި މިފްރާހު ބަލަން ޖެހޭ އެއްޗެއް ނުހުންނާނޭކަން އެނގޭތީއެވެ. ފޮށިފަޅާލައި އާފޮޓަކަށް އެއްޗެހި އަޅާނީކަން މިފްރާހު ބުނެލީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ކެންޒާއަށް ހީވީ އިންޒާރެއް ހެންނެވެ. ފޮށި ހުޅުވައިދިނީ އެހެންވެއެވެ. މިފްރާހު ކުރާކަމެއް ބަލަން ފޮށި ކައިރީ ކެންޒާ ހުއްޓެވެ. ފޮށީގައި ހުރި ކެންޒާގެ އަންނައުނުތައް ހޭވުމަށްފަހު ބައެއް ގަމީސްތައް މިފްރާހު ފޮށިން ނެގީއެވެ. ދެން ކެންޒާގެ ހެދުމުގެ އެތެރެއިން ލާ އަންނައުނުތައް މިފްރާހު ބަލަންފެށިއެވެ. އެތަކެތި އަތުލުމަށް ކެންޒާ އަވަސްވިއެވެ.
"ދޭ އާ އޯލްޑް، އައި ބޯޓް ނިއު ވަންސް ފޯ ޔޫ... ސުޕާ ސެކްސީ ވަންސް..." ކެންޒާއަށް ބަލާލަމުން މިފްރާހު ބުންޏެވެ. ލަދުގަތްވަރުން ކެންޒާގެ ދެ ލޯ ފެންކަޅިވިއެވެ. މިފްރާހުގެ ނިޔަތް ނޭނގުނަސް ކެންޒާއަށް އިޙްސާސް ކުރެވުނު ލަދުވެތިކަމުން އޭނާއަށް ހީވީ މިފްރާހު ކުރީ މަލާމާތެއް ހެންނެވެ.
ކައިރިއަށް ޖައްސާލި ތިން ކޮތަޅަކުން މިފްރާހު ނެގި އެއްޗެހި ކެންޒާއަށް ދައްކާލިއެވެ. މީގެ ފަހުން ކެންޒާ ބޭނުންކުރާނީ އެފަދަ އަންނައުނުކަން މިފްރާހު ބުނެލިއެވެ. އަދި ކެންޒާގެ ގަމީސްތައް ބަދަލުކޮށްލަން ވެއްޖެކަމުގައި ވެސް ބުނެ ދެން ހުރި ކޮތަޅުތަކުން އޭނާ ހެދުންތައް ނެގިއެވެ. ހުރިހާ އެއްޗެއް ފޮށްޓަށް އެޅީ މިފްރާހުގެ ދެއަތުންނެވެ. ގާތްގަނޑަކަށް ކެންޒާ ގެނައި ހުރިހާ ހެދުމެއް ކަހަލަ ގޮތަކަށް މިފްރާހު ހުރީ އުކާލަން ނަގާފައެވެ.
"އަގައިން ކްރައިން..." ބޮލަށް އުނދަގޫވެފައި ހުރި ކަހަލަ ރާގެއްގައި މިފްރާހު ބުނެލިއެވެ. ކެންޒާ ރޯތަން ފެނިގެންނެވެ.
"މީ އެއްވެސް އަންހެންކުއްޖަކަށް ޓަކައި އަހަރެން ކުރި ކަމެއްނޫން، ކިޓީ ޕްލީޒް... އަހަރެން ހާދަ ލޯބިންނޭ މިހުރިހާކަމެއް މިކޮށްދިނީ، ދެންނެތް ގިނައިރެއް... މަންމަމެން ތިބޭނެ އަހަރެމެންގެ އިންތިޒާރުގައި، ބަލާބަލަ ތިމޫނު، އަދިވެސް ލޮލުގެ ދުޅަކަން އެއްކޮށް ނުފިލާ... އަނެއްކާ ރޯން ތިފެށީ، މަންމަމެން ކުރިމަތީ ކެން ނުވާނެ ރޮއެގެން... ޕްލީޒް..." މިފްރާހު އައިސް ހިފަހައްޓާލީ ކެންޒާގެ މޫނުގައެވެ. ދެއަތުގެ އިނގިލިތަކުން ކެންޒާގެ ކޯތާފަތުގައި ފިރުމާލިއެވެ. ލޯބިން ބޮސްދޭން އުޅުމުން މޫނު އަނބުރާލުމާއެކު ކެންޒާ ޖެހުނީ ފަހަތަށެވެ.
"އައި ޑޯންޓް ވޯންޓް ޓު މެރީ ޔޫ." ކެންޒާ ބުނީ މަޑުންނެވެ. ނަމަވެސް މިފްރާހު މޫނުގެ ކުލަވަރު ބަދަލުވިއެވެ.
"ދެޓްސް އިނަފް... ތި އެޓިޓުޑް ކިޓީ ދޫކޮށްނުލާނަންތަ؟ އަދިވެސް ލެސަން ލާން ނުވޭތަ؟ މީހެއްގެ އަނތްބަކަށް ވިއްޔާ ވާނީ އަހަރެންގެ އަނތްބަކަށް، ގެއަށް ގޮސް މަންމަމެން ކުރިމަތީ ތިވައްތަރަށް އުޅެފިއްޔާ އަހަރެން ބަލާކަށް ނުހުންނާނަން، އެމީހުން ދެކޮޅު ހެދިއްޔާ މި ކައިވެނި ވަކިން އަވަސްކުރާނަން...." މިފްރާހުގެ އަޑުގައި ނުރުހުމުގެ އަސަރުވިއެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލި ގޮތުން މިފްރާހު ރުޅިގަދަވާން ބޭނުންނުވާކަން ދޭހަވެއެވެ.
"ކޮންމެ ފަހަރަކު އަހަރެން ލައްވާ ގޯހެއް ހަދުވަން ނޫޅެބަލަ." ކެންޒާގެ އަތުގައި ހިފާލުމާއެކު މިފްރާހު ބުންޏެވެ.
ހޮޓެލުން ނުކުތް އިރު މިފްރާހު ބުކްކުރި ކާރު ކައިރިކޮށްފިއެވެ. ވާރޭ ވެހެން އުޅޭހެން ހެނދުނު ހީވި ނަމަވެސް މެންދުރުވީއިރު އުޑުމަތި އެއްކޮށް ސާފުވެއްޖެއެވެ. ފިނިކަން ވެސް ފަޒާއިން ކެނޑިފައިވިއެވެ. ހޭލަމޭލަވާ މީހުންގަނޑު ގިނަވިއެވެ. މިފްރާހު ދޮރު ހުޅުވާލަ ދިނުމުން ކާރުގެ ފަހަތަށް ކެންޒާ އަރައިފިއެވެ. އޭނާއާ ޖެހިގެން މިފްރާހު އެރިއެވެ. އިތުރު ވާހަކައެއް ޑްރައިވަރާ ވެސް މިފްރާހު ނުދައްކައެވެ. ކާރު ދުއްވާލިއިރު ދާންވީ މަންޒިލް ޑްރައިވަރަށް އެނގޭ ކަހަލައެވެ. ކެންޒާ ލައިގެން އިނީ މިފްރާހު ގަނެދީފައި ހުރި ހެދުންތަކުން އޭނާ ބުނި އެއްޗިއްސެވެ. އެއީ ނޫކުލައިގެ އޯވަރޯލްގެ ދަށުން ހުދު ޓީޝާޓެއްގައެވެ. އަދި އަރާފައި ހުރީ ހުދު ކުލައިގެ ކޮންވާސް ސްނީކާއަކަށެވެ. ކުރިން ނުފެންނަ ކެންޒާއެއް ފެންނަ ކަހަލައެވެ. ކުރިން ހުރި ގޮތާއި ބަލާފައި އެ ހަށިގަނޑަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ދެކޮނޑާއި ބުޑު ފުޅާވެލައި އުނަގަނޑު ހިމަވެލާފައި ހުރިއިރު ބައްޓަން ދަންފުޅިއެކޭ އެއްގޮތެވެ. ކުރިއަށްވުރެ އެ ހަށިގަނޑުގެ ބައްޓަން ރީތިވެއްޖެއެވެ. މިފްރާހަށް އިރުއިރުކޮޅުން ކެންޒާއަށް ބަލާލެވެއެވެ. ކެންޒާ ދޮރުގެ ބިއްލޫރި ގަނޑުން ބޭރަށް ނަޒަރު ހުއްޓާލި ގޮތަށް ހަރަކާތެއްކޮށްނުލާ އިނެވެ.
* * * * *
މާހާ ދޮރުން ބޭރު ބަލާލާފައި އެތެރެއަށް ވަދެގެން އައެވެ. ރައުދާއަށް މިމަންޒަރު ފެނި އައީ ހެއްޔޭ އަހާލީ ނިކަން އަވަހަށެވެ. ދެފަރާތަށް މާހާ ބޯހޫރުވާލާފައި އައިސް މަންމަގެ ގާތު ސޯފާގައި އިށީނދެއްޖެއެވެ. ސަނާއާއި ނޫރާ އިނީ ކުރިމަތީ ހުރި ސޯފާގައެވެ.
"މެންދުރު ކާންވާއިރަށް އަންނާނެތަ؟" ރައުދާއަށް ބުނެވުނެވެ.
"ކާރުގަ ތިބިހެން ހީވަނީ... އެކުއްޖާ ބަލާހިތުން ދޮރުކައިރިއަށް އިރުއިރުކޮޅުން މިދެވެނީ." މާހާ ބުންޏެވެ.
"އަހަރެން ވެސް ހިތަށް އަރާ ކިހިނެއް ހުރި ކުއްޖެއްބާއޭ... މިފޫ ފޮޓޯއެއްހާ ހިސާބު ވެސް ދައްކާނުލި، ވަރަށް ގަޔާވީމަ އިންނަން އެ އުޅެނީ." ނޫރާ ބުންޏެވެ.
"އިނުމުގެ ކުރީން މަންމަގެ ރުހުން ހޯދަން އެ ގެންނަނީ." މިހެން ބުނެ ސަނާ ހީނގަތެވެ. އެ ހުނުމުގައި ގޭގެ ދެންތިބި އަންހެނުން ވެސް ބައިވެރިވެއްޖެއެވެ.
"މާހާ، މަތީ ކޮޓަރި ސާފުކުރުވިންތަ؟" ރައުދާ އަހާލިއެވެ.
"އެކަން ނިންމައިފިން މަންމާ." މާހާ ޔަގީންކަން ދިނެވެ.
"ކައިވެނިނުކޮށް އެއްގޭ ތެރޭގައި އެހާ ދުވަހު އުޅުން ރަނގަޅެއްނުވާނެ، ބައްޕަ އައީމަ ތާރީޚެއް ކަނޑައަޅަން މިފޫ ގާތު ބުނަން މަންމަ ގަސްދުކުރަނީ." އަންހެން ދަރިފުޅާއި ދެން ތިބި ދެ ޅީދަރީންގެ ޚިޔާލެއް ރައުދާ ހޯދަން ބޭނުންވިއެވެ. އެންމެން ވެސް ތިބީ މިފްރާހުގެ ކައިވެނި އަވަސް ކުރަން ބޭނުންވެފައެވެ. އެހެންނަމަވެސް ޢާއިލާއަށް ކެންޒާއާ ބެހޭ ގޮތުން އެއްވެސް ކަމެއް ނޭނގެއެވެ. ކިޔާދޭނޭ ވަގުތެއް ވެސް މިފްރާހަށް އަދިނުވަނީއެވެ.
"އެ އައީ ކަންނޭނގެ." މާހާ ފުންމައިގެން ތެދުވީ ގޭ ކައިރިއަށް ކާރެއް މަޑުކުރިހެން ހީވެގެންނެވެ. އޭނާ ހަލުވިކޮށް ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ނިކަން ބާރަށް މަންމާއޭ ކިޔާ ގޮވާލައިފިއެވެ. ރައުދާއާއި ދެންތިބި މީހުންނަށް ވެސް މިފްރާހު އައީކަން ޔަގީންވިއެވެ.
"މިފޫ ފޮރުވަފޮރުވައިގެން އުޅޭ އަންހެންކުދީންނާ ވައްތަރު އެއްވެސް ގޮތެއްނެތް... މުޅިން ތަފާތު." ސަނާގެ ކަންފަތް ދޮށުގައި ނޫރާ ބުނެލިއެވެ.
"މީ ސީރިއަސް ކަންނޭނގެ، ރީތި ގޮތެއް އެބަހުރި... ބަލާބަލަ އެއޮއް ފަން އިސްތަށިގަނޑެއް، ދިގުކަން ދޯ... ހަމަޔަގީން މިފޫ އެހެރީ އެ އަންހެންކުއްޖާއާ ހެދި މޮޔަވެފަކަން." ސަނާ ވެސް ވާހަކަދެއްކީ ސިއްރުންނެވެ.
"ކެންޒާ، މީ މަންމަ، ދެން މިހުރީ ސިސް... މާހާ... ގޭގެ ތާޅަފިލި، ހޭއަޑު އިވުނީމަ ކެންއަށް ޔަގީންވާނެ..." މިފްރާހު ހިނިތުންވެ ހުރެ ވާހަކަދެއްކިއެވެ.
"ދަރިފުޅު ބޭރުގަ ހުރެތަ ހުރިހާ ވާހަކައެއް ދައްކަނީ، ކެންޒާ ގޮވައިގެން އަވަހަށް އެތެރެއަށް ހިނގާ... ޢާއިލާއާ ބައްދަލު ކޮށްދޭންވާނީ ޢާއިލާގެ ތެރޭގައި ބައިންދައިގެން، އާދޭ ދެކުދީން އަވަހަށް." ހިނިތުންވެ ހުރެ ރައުދާ ވާހަކަދައްކަމުން ކެންޒާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
ކެންޒާ ހުރީ އަޖައިބުވެފައެވެ. މިފްރާހުދެކެ އެމީހުން ލޯބިން އުޅޭއިރު މިފްރާހުގެ ހަޤީޤަތް އެމީހުންނަށް އެނގޭބާއޭ ކެންޒާ ހިތާ ސުވާލުކުރެވުނެވެ. ޢާއިލާގެ ފަރާތުން ފެންނަމުން ދިޔަ ގާތްކަން ކެންޒާއަށް އިތުރު ވޭނެއް ދޭން ފެށި ކަހަލައެވެ. ލައިތުގެ ޢާއިލާ ވެސް އޭނާ ބަލައިގަތެވެ. ފަރަގު ކުރުމެއްނެތިއެވެ. ލައިތުއާ އިންނަން އޭނާ ރަން ވެސް ކިޔައިފިއެވެ. އެ ރަން އުވިގެންދާން ކެންޒާ ނޭދެއެވެ. އޭނާ ލައިތުގެ މީހެއްގެ ގޮތުގައި ހުންނަން ބޭނުމެވެ. ނަމަވެސް މިފްރާހު އެވަނީ ކައިވެންޏަށް ތައްޔާރުވެފަކަން ކެންޒާއަށް އެނގެއެވެ. އޭނާ އެ ކައިވެނި ކޮންމެ ގޮތަކުން ވެސް ކުރާނޭކަން ކެންޒާއަށް އެނގެއެވެ. އަމިއްލަ ނަފްސުދެކެ ރުޅި އާދެވެނީ އެހެންވެއެވެ. ހުރިހާ ކަމެއް އެނގި ހުރެ ވެސް އެއްވެސް ކަމެއް ކުރެވެން ނެތީމައެވެ.
ކެންޒާގެ އަތުގައި މިފްރާހު ހިފާލައިގެން ހުރީ ބާރަށެވެ. ނޭއްދާރުކަން ކެންޒާ ދައްކާލަފާނޭތީ މިފްރާހު ހުސިޔާރުވެ ހުރި ކަހަލައެވެ. މާހާ އައިސް މިފްރާހުގެ ގާތުން އަތުގައި ހިފާލައިގެން ހުރިއިރު ރައުދާ ހުރީ ކެންޒާގެ ގާތުގައެވެ. ކުރިއަށް ޖެހިލައި ބަދިގެއާ ދިމާއަށް ރައުދާ ހިނގައިގަންނަމުން އަންނާށޭ ގޮވާލިއެވެ. ނޫރާއާއި ސަނާ އައީ އެންމެންގެ ފަހަތުންނެވެ.
"މިފޫ ނުބުނޭ މަންމަމެން ކައިރީ އެއްވެސް ވާހަކައެއް، ކުއްލިއަކަށް ގުޅާފައި މަންމަގެ ޅީދަރިފުޅު ގޮވައިގެން އަންނަނީއޭ ބުނީމާ މަންމައަށް ނޭނގުނު ހަދާނޭ އެއްޗެއް ވެސް." ތަށިތަކުގެ މަތިތައް ނަގަމުން ރައުދާ ވާހަކަދެއްކިއެވެ.
"ކެންއަށް ކަމުދާނެ ކޮންމެ އެއްޗެއް ވެސް." ކެންޒާ އަނގައިން ނުބުނުމުން ނިކަން އަވަހަށް މިފްރާހު ބުނެލިއެވެ.
"ކެންޒާ ވަރުބަލިވެފަތަ؟ ކައިގެން ކޮޓަރިއަށް ދާނީ ދޯ، ނިދާލަނިކޮށް ވަރުބަލިކަން ފިލާފާނެ، މިރެއަށް ގޭގެ އެންމެން ހަމަވާނެ."
ކެންޒާ އިސްޖަހާލައިގެން ހިމޭންވެފައި އިންނަކަން ރައުދާއަށް ފާހަގަވިއެވެ. އެހެންނަމަވެސް އޭނާ ބެލީ އެކަން ބޮޑުކަމަކަށް ނުހަދާށެވެ. ކެންޒާއާ ބައްދަލުވި ފުރަތަމަ ފަހަރަށްވާއިރު އޭނާއަށް އެ އަންހެންކުއްޖާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ. ވީއިރު އޭނާއާ މެދު ފާޑުކިޔާ ގޮތް ނިންމުން ރަނގަޅެއް ނުވާނޭ ރައުދާގެ ޟަމީރު އެއްބަސްވެއެވެ. ފަހަރެއްގައި ކެންޒާއަކީ މަޑުމައިތިރިކަމަށް ލޯބިކުރާ ބަސްމަދު ކުއްޖަކީއެވެ. އެގެއާއި ޢާއިލާއަކީ އޭނާއަށް ބީރައްޓެހި މާޙައުލެކެވެ. އާދަވެ ހޭނެން ދުވަސް ނަގާނެއެވެ. އެހެންވިޔަސް ރައުދާއަށް ކަމުދާ ގޮތެއް ކެންޒާގެ ހުއްޓެވެ.
(ނުނިމޭ)