ވާހަކަ

ލޯބިން ބުނެލަން

(18 ނޮވެމްބަރ 2020 އާ ގުޅޭ)

ކެންޒާ އިސްޖަހާލައިގެން ހިމޭންވެފައި އިންނަކަން ރައުދާއަށް ފާހަގަވިއެވެ. އެހެންނަމަވެސް އޭނާ ބެލީ އެކަން ބޮޑުކަމަކަށް ނުހަދާށެވެ. ކެންޒާއާ ބައްދަލުވި ފުރަތަމަ ފަހަރަށްވާއިރު އޭނާއަށް އެ އަންހެންކުއްޖާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ. ވީއިރު އޭނާއާ މެދު ފާޑުކިޔާ ގޮތް ނިންމުން ރަނގަޅެއް ނުވާނޭ ރައުދާގެ ޟަމީރު އެއްބަސްވެއެވެ. ފަހަރެއްގައި ކެންޒާއަކީ މަޑުމައިތިރިކަމަށް ލޯބިކުރާ ބަސްމަދު ކުއްޖަކީއެވެ. އެގެއާއި ޢާއިލާއަކީ އޭނާއަށް ބީރައްޓެހި މާޙައުލެކެވެ. އާދަވެ، ހޭނެން ދުވަސް ނަގާނެއެވެ. އެހެންވިޔަސް ރައުދާއަށް ކަމުދާ ގޮތެއް ކެންޒާގެ ހުއްޓެވެ.

ކެންޒާގެ ބައިވެރިވުމެއް ނުލިބުނުތާ، އޭނާ ކާއެއްޗެއްގައި އަތްނުލާތީ ވެސް އެންމެން ތިބީ ހައިރާންވެފައެވެ. އެކަން ފޫބެއްދުމަށް މިފްރާހު އަވަސްވިއެވެ. ތައްޔާރުކުރެވިފައި ހުރި ބާވަތްތަކުން ކެންޒާގެ ކުރިމަތީ ހުސްކޮށް ހުރި ތަށި ފުރައިދެމުންދިޔައެވެ. ކާއެއްޗެހި އިސްރާފު ކުރުމަކީ ކެންޒާ މިހާތަނަށް ކުރި ކަމެއްނޫނެވެ. އެހެންނަމަވެސް އެކަން އޭނާ މިއަދު މުހިންމެއް ނުވިއެވެ. ދެ ސަމްސަލަށްވުރެ އިތުރަށް އޭނާގެ އަރުތެރޭން ނުދިޔައެވެ. ހިކިކެއްސުމެއް ކެއްސަން ފެށުމާއެކު މިފްރާހުގެ ފެންތަށި ދިއްކޮށްލިއެވެ. އެވަގުތު ކެންޒާ ނެގީ އޭނާ ކައިރީ ހުރި ފެންތަށްޓެވެ.

"އެއްތަށިން ކައިބޮއެ ހަދާނީ އިނދެވުނީމައޭ... ދޯ ކެންޒާ."

އެންމެންނަށްވުރެ މާހާގެ ޝައުގުވެރިކަން ކެންޒާ ހޯދައިފިއެވެ. މިފްރާހުގެ ޖަޒުބާތުތައް ނުހިފެހެއްޓިގެން އުޅޭތަން އޭނާއަށް ފެނެއެވެ. އެހެންނަމަވެސް ކެންޒާ ފެންނަނީ އެއްވެސް ރޫހެއްނެތިފައި އިން ފަދައިންނެވެ. އޭނާގެ ކޮއްކޮގެ މޫނުން ލޯބިވާކަން ފެންނައިރު އެ އަންހެންކުއްޖާ މޮޅިވެފައި އެ އިންނަނީ ކީއްވެބާއޭ މާހާގެ ހިތަށް ސުވާލުކުރެވުނެވެ.

"ތި ނިންމާލީ؟ ހާދަ ކުޑަކޮށޭ ތިކެއީ... ނުބައި ދޯ." މާހާ ބުނެލިއެވެ.

"ފަހުންވެސް އަދި ކެވިދާނު، ދޯ މަންމާ... އަންނާނަން ކެން ގެންގޮސް ރޫމަށް ލާފަ." މިފްރާހު ބުންޏެވެ.

"މިފޫގެ ރޫމައްތަ؟ އަވަހެއްނު ރޫމަށް ގެންދަން އުޅުނުލެއް." ނޫރާ ދިމާކޮށްލިއެވެ.

"ހިނގާ..." މާހާ ތެދުވިއެވެ. ރައުދާ ހިނިތުންވުމެއް ވެރިކޮށްލައިގެން ބަހެއް ނުބުނެ އިނީއެވެ.

"މި ރޫމްތަ" މިފްރާހަށް ހީވެގެން އަހާލިއެވެ.

"މަމްސް ބުނީ މެރީ ކުރެވެންދެން ދެ މީހުންނަށް އެއްކޮޓަރިއަކު ނުތިބެވޭނޭ. ގެސްޓްރޫމަކަށް ހުރީ މިކޮޓަރި އެކަނި... އައި ނޯ ޔޫ... ލިޓްލް ބްރޯ، ކައިރީގަ ހުއްޓަސް، ދުރުގަ ހުންނާނީ... ޔޫ... ބްރޯ..." މާހާގެ ވާހަކަ ހުރި ގޮތުން މިފްރާހު ހީނގަތެވެ.

ކޮޓަރިއަށް ތިން މީހުން ވަންއިރު ކައިރީގަ ދެން ހުރި ކޮޓަރިއަކީ މިފްރާހުގެ ކޮޓަރިކަން މާހާގެ ވާހަކަތަކުން ކެންޒާ ދެނެގަތެވެ. އެ ހަޤީޤަތުން އޭނަށް ލިބުނީ އިތުރު ނުތަނަވަސްކަމެވެ. މުސީބާތުން ސަލާމާތްވާން ބޭނުންވިޔަސް، އެކަން ކުރެވެން ނެތީ ބޯމަތިން ހިއްލާލާފައި ހުރި ބޮޑު ރާޅުގެ ސަބަބުންނެވެ. އެ ރާޅު ބިންދާލައިފިނަމަ އެކަމުން ލިބޭނެ އިތުރު އަނިޔާއެއް ކެންޒާއަށް ނެތަސް، އޭނާގެ ނަސީބުން ލައިތުގެ ނަން ފުހެވިގެން ދާނޭކަން ޔަގީންވަނީއެވެ. އޭނާ އެ އައީ ލައިތުއަށް ފުރުޞަތު ދީފައެވެ. އޭނާގެ ރައިޒަންއަށް ފުރުޞަތު ދީފައެވެ. އަލުން ތެދުވާށެވެ. ބާރުވެރި މީހަކަށްވުމަށްޓަކައެވެ. މިފްރާހާއި މުބީން ފަދަ މީހުންގެ ވަކިތަކުގެ ދަށުން ކެންޒާ ސަލާމަތް ކުރުމަށެވެ. އެހެންވިޔަސް އެ ދުވަސް އަންނާނީ ކޮންއިރަކުން ކަމެއް ކެންޒާއަކަށް ނޭނގެއެވެ. އޭނާއަށް ކެތްތެރިވެވުނު ވަރަކަށް ކެތްކުރާނެއެވެ. އަނިޔާއިން ނަފްސު ފުނޑުފުނޑުވެ ފިސްފިސްވެގެން ދާއިރު ވެސް އޭނާ ކެތްކުރާނެއެވެ. އެ ދުވަހުގެ އިންތިޒާރުގައި ދެމިހުރުމަށްޓަކައި މިފްރާހަށް ދަތިކުރާނެއެވެ.

"މިދަނީ... ސިސް ދޭ..." މިފްރާހު ބުނެލިއެވެ. ދެން މާހާ ނުކުތުމުން މިފްރާހުގެ ނަޒަރު ކެންޒާއަށް ހުއްޓުނެވެ. އިހު ފެންނަން ހުރި ހިނިތުންވުން މިފްރާހުގެ މޫނުން ގެއްލިއްޖެއެވެ.

"ކުރިއަށް އޮތްތާ އުޅެން އޮތީ މިގޭގަ، މިހާރުން ފެށިގެން ކެންޒާގެ ޢާއިލާ މީ." މިފްރާހު ބުންޏެވެ.

"އެއްވެސް އެއްޗެއް އަހަރެން ބޭނުމެއްނޫން، ކަލެއާ އިންނާކަށް ވެސް ބޭނުމެއްނޫން..." ކެންޒާގެ އަޑު ބާރުވިއެވެ.

"ނޭނގިގެން ނޫޅެން، އެހެންވިޔަސް މަށާ ހަމަ އިންނާނީ، ޢާއިލާއާ މިކަމާ ބެހޭ ކަމެއްނޫން... ބާރަށް ހަޅޭލަވައިފިއްޔާ މަޑަކުން ނުހުންނާނަން، މިގޭ އެންމެން އެއްކުރިޔަސް ވަރިހަމަ... އަހަރެން ހިފެހެއްޓޭނެއޭ ހީނުކުރާތި، ދެން ގޮތް ދައްކާލައިފިއްޔާ މިގެއިން ނެރިގެން ގެންގޮސް ކައިވެނިކޮށްފަ ނޫނީ ހުއްޓާނުލާނަން."

މިފްރާހު ވާހަކަދެއްކީ ދަތްކުނޑިވިކާލައިގެން ހުރެއެވެ. ކެންޒާ އެއްޗެކޭ ނުބުންޏެވެ. މިފްރާހު ދޭ އިންޒާރުގައި ހުރި ދިލައާއި ވޭން ކެންޒާއަށް އިޙްސާސް ކުރެވެއެވެ. އެއީ އޭނާ މާނައެއް ނެތި ބުނާ އެއްޗެއްނޫންކަން ކެންޒާއަށް މިހާރު އެނގެއެވެ. މިފްރާހުދެކެ ޖެހިލުންވެ ބިރުގަންނަންފެށީ އެހެންވެއެވެ. މިފްރާހު ކޮޓަރިން ނުކުތެވެ. އެހެންވިޔަސް އަމިއްލަ ނަފްސަށް ކެންޒާ ވާހަކަދެއްކިއެވެ.

"ފުރާޅު ކަލޭ ބޮލަށް ވެއްޓޭނަމަ، ސިޑިން ފައިބަންދާއިރަށް ފައިފުރޮޅިގެން ގުޅައަކަށް ޖެހޭނަމަ ކިހާ ރަނގަޅު... ނުތެދުވެވޭވަރުވާނަމަ އަދި މާ ރަނގަޅު..." ކުދިކިޔާ އުސޫލުން ކެންޒާ ތުންތެޅުވިއެވެ.

ކާމޭޒުދޮށުގައި ތިބި އެންމެން މިފްރާހަށް ބަލާލިއެވެ. މާހާ ދިމާކޮށްލީ މިފްރާހު ލަސްވީމައެވެ. ކެންޒާ ނިންދަވާފައިތޯ އައީ އޭނާ އަހާލިއެވެ. ދައްތަގެ ވާހަކައަށް މިފްރާހު ހީނލިއެވެ. ކެންޒާއާ ބެހޭ ގޮތުން އޮޅުން ފިލުވުމަށް ރައުދާ އިސްނެގިއެވެ. ކަންކަމާ ކެންޒާ ގަޔާނުވާހެން ހީވާކަމުގައި ރައުދާ ބުނެލިއެވެ. ޢާއިލާއަށް ހަޤީޤަތް އެނގޭކަށް މިފްރާހު ނޭދެއެވެ.

"ކެންގެ އެއްވެސް މީހަކުނެތް... ބައްޕަ ހުއްޓަސް ނެތް މީހެއް އެއީ، އަސްލު އެހެންވެ މިކޮޅަށް އައިއިރު ކެން ގޮވައިގެން އައީ." މިފްރާހު ބުންޏެވެ.

"ކޮބާ މަންމަ؟" ރައުދާ އަހާލިއެވެ.

"ބޮޑު ފެމެލީއެއްނޫން، ދެ ކުދީން އެ ފެމެލީގަ ތިބެނީ، ކައިފްއާއި ކެންޒާއެކަނި... ކައިފްއަކީ ކެންގެ ބޭބެ، ވަރަށް ނަސީބުދެރަކޮށް ކައިފްއަށް ދިމާވީ، ކެންސަރުބަލީގަ މަރުވިތާ ގިނަ ދުވަހެއްނުވަނީސް، ކެންގެ މަންމަ ވެސް މިދުނިޔެ ދޫކުރީ... އަދި ސާޅީސްނުވޭ... ކެން އެގޮތަށް އެ ފެންނަނީ އެހެންވެ، ކައިވެނީގެ ވާހަކަ ކެންގެ މަންމައާ ވެސް ދެއްކިން، އެ މަންމައަށް އަހަރެން ކަމުދޭ، އެކަމަކު އެއްވެސް ކަމެއް ފުރިހަމަނުކުރެވި ވަކިވެގެން އެ ދިޔައީ، ކެންއާ އޭނާގެ މަންމައާ ވަރަށް ކްލޯޒްކޮށް އުޅުނީ، ކުއްލިއަކަށް ހަމަ ވަކިވީ، ޑަކްޓަރުން ބުނީ ހާޓްއެޓޭކެއް ޖެހުނީއޭ... އޭގެ ފަހުން ކެންއަކީ ކުރިން ފެންނަ ކެންއެއްނޫން، ވަރަށް ރޮއެ... މީހުންނާ އެކުވެގެން އުޅުމުގެ ބަދަލުގައި އެކަހެރިވާން މަސައްކަތްކުރަނީ، އަހަރެންނާ ވެސް ގާތްގޮތެއް ނުބަހައްޓާ، އެހާލުގައި އޭނާ ދޫކޮށްލާކަށްނުވާނު."

"ހާދަ ދެރަގޮތެކޭތިވީ... ދަރިފުޅު ކެން ގޮވައިގެން އައިކަން ރަނގަޅު." ރައުދާއަށް ބުނެވުނެވެ.

"ކެންގެ ބައްޕަ ކީކޭ ބުނީ؟" ނޫރާ އަހާލިއެވެ.

"މަސްތުކަމުން ނުކުމެވިގެންނު އޭނާއަށް ކަމަކާމެދު ވިސްނޭނީ." މިފްރާހުގެ ބަހުން އެ މޭޒުދޮށުގައި އިން ސަނާގެ ހިތުގައި ކެންޒާއާ މެދު ހަމްދަރުދީ އުފެދުނެވެ. އެ ހަމްދަރުދީގެ އިޙްސާސް އެ މޭޒުދޮށުގައިވި ކޮންމެ މެންބަރެއްގެ ހިތަށް ވެރިވެއްޖެއެވެ.

"ތިހެންވީރު ކެން އެ ހުރީ ވަރަށް ނާޒުކުފައްތަރެއްގަ، ޢާއިލާއެއްގެ އެއްބާރުލުން އޭނާއަށް ވަރަށް މުހިންމުވާނެ، މަންމަ ބުނިހެން ކެން މިކޮޅަށް ގެނައިކަން ރަނގަޅު، މިކަހަލަ ދަނޑިވަޅެއްގައި އޭނާ އެކަނިވާން ދޫކޮށްލާކަށް ނުވާނެ... އޭނާގެ ލޯ ފެނުނީމަ ހިތަށް އެރި ކަމަކާ ރޮއިފަބާއޭ ހުރީ..."

"ނިކަން ފަސޭހައިން ކެން ރޯނެ... މިވަގުތު އޭނާއާ އެހާ ސުވާލުނުކުރައްޗޭ." އެންމެންގެ މޫނަށް ބަލާލަމުން މިފްރާހު ބުނެލީ އާދޭހުގެ ރާގުގައެވެ. އެންމެން ވެސް ބޯޖަހާލީ ކެންޒާގެ ހާލު އެމީހުންނަށް ވިސްނޭކަން ބުނެދޭށެވެ. އަދި ކެންޒާއަށް ހިތްދަތިކަމާއި ބުރަކަމެއް ލިބިދާނޭ އެއްވެސް ކަމެއް އެމީހުން ކުރަން ނޭދޭކަމެވެ.

"ވަރަށް ލޯބިވޭ ދޯ ކެންދެކެ." ކޮއްކޮގެ ކޮނޑުގައި އަތްއަޅުވާލަމުން މާހާ ބުނެލިއިރު އެ އަޑުގައި ހުރީ ސަމާސާ ގޮތެވެ.

"އޮފްކޯޒް... މަންމަ ކައިރިއަށް ނުގެންނާނަން އެހެންނޫންނަމަ. ދޯ މަންމާ." މިފްރާހު ބުނެލިއެވެ.

"އޯ...." މާހާއާއި ނޫރާގެ އިތުރުން ސަނާއާ، ތިން މީހުން އެއްފަހަރާ ނިކަން ދަމާލާފައި ކިޔާލިއެވެ. މިފްރާހުގެ ވާހަކައަށް ރައުދާ ހޫން ލައްވާލަމުން ބޯޖަހާލީ ނިކަން ހިނިއައިސްފަ އިނދެއެވެ.

"ބައްޕަ ގާތު ބުނިންތަ؟" މިފްރާހުގެ އެ ސުވާލު އަމާޒުކުރީ ރައުދާއާ އެވެ.

"ބުނިން، ބައްދަލުކުރާހިތުންކަން ހުރީ އެނގޭ މަންމައަށް... ދަރިފުޅު ރުހޭކަމަކާ ބައްޕަ ދެކޮޅެއްނުވާނެ، މިރޭ އެންމެން ބައްދަލުވާން ވާއިރަށް ބައްޕައާ ވާހަކަދައްކާނަން، ކެންޒާގެ ހާލު ބައްޕައާއި އެހެން ކުދީންނަށް ވެސް އެނގިފައި އޮންނަންވާނީ." ރައުދާ ބުންޏެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން މިފްރާހު ބޯޖަހާލިއެވެ.

ކާމޭޒު ދޮށުން ތެދުވެ މިފްރާހު ނުކުތީ ގޭގެ ބިއްދޮށެވެ. އެތަނުގައި ހުރެ ސިނގިރޭޓެއް ބޯލުމަށްފަހު ބޮލުގައި އަތްއުނގުޅާލިއެވެ. ކެންޒާއާ މެދު އޭނާ ފިކުރުބޮޑުވެއެވެ. ޢާއިލާއަށް ސިއްރުކުރަން ޖެހޭތީ އެކަމާ މާބޮޑަށް މިފްރާހަށް ވިސްނެއެވެ. އިރުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު ގޭތެރެއަށް ވަނެވެ. ސަނާގެ ބޮޑު ދެބެން ގޮވައިގެން ނޫރާ ސިޓިންރޫމުގައި އުޅެއެވެ. އޭނާގެ ގޮވާލުމަށް އިޖާބަދީފައި މިފްރާހު އައީ ސިޑިން މައްޗަށް އަރާށެވެ. އެ އައިގޮތަށް ކެންޒާގެ ކޮޓަރި ހުޅުވާލިއެވެ. އެނދުގައި އަރިއަކަށް ކެންޒާ އޮތެވެ. ދޮރާ ފުރަގަސްދީގެންނެވެ. މަޑުމަޑުން ދޮރު ލައްޕާލާފައި ޖެހިގެން ހުރި މިފްރާހުގެ ކޮޓަރިއަށް ވަދެއްޖެއެވެ.

އިރުއޮއްސި އަނދިރިކަން ދުނިޔެ މައްޗަށް ވެރިވެފައިވިއެވެ. ގޭތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. އެންމެން ވެސް ވީ އެމީހެއްގެ ކޮޓަރީގައެވެ. ކެންޒާގެ ކޮޓަރީގައި ޓަކި ޖަހާލުމުން ވެސް އަނގައިން ބުނި އަޑެއް ނީވެއެވެ. އެހެންވިޔަސް ހެޔޮ ކަމަށް މިފްރާހު ދޮރު ހުޅުވާލިއެވެ. ކުރިން ވެސް ފެނުނުހެން ދޮރަށް ފުރަގަސްދީގެން ކެންޒާ އެނދުގައި އޮތެވެ. ކޮޓަރިއަށް ވަދެ ފަހަތުން ދޮރު ލައްޕާލުމާއެކު މިފްރާހު އައިސް ހުއްޓުނީ ކެންޒާއާ ކުރިމަތިވާނޭހެންނެވެ. ފުރަތަމަ ވެސް މިފްރާހަށް ފެނުނީ ކެންޒާގެ ރޮއިރޮއި ދުޅަވެފައިވާ ދެ ލޮލެވެ. އެނދުކައިރީ ކުޑަކަކޫ ޖަހާލުމާއެކު ކެންޒާގެ ނަމުން މިފްރާހު ގޮވާލިއެވެ. ކެންޒާ ތުންފިއްތާލި ގޮތުން އޭނާ އޮތީ ހޭލާކަން މިފްރާހަށް އެނގެއެވެ.

"ބައްޕައާއި އެންމެން އިރުކޮޅަކުން ނުކުންނާނެ... ފެންވަރާލައި ހެދުން ބަދަލުކޮށްލަން ދާންވީނު، އެމީހުންނާ ބައްދަލުވާއިރު ކެން ތިގޮތަށް ހުރެގެން އަންނާކަށް ޤަބޫލެއްނުވެވޭނެ." މިފްރާހު ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު މަޑުންނެވެ. ކެންޒާގެ ކަނދުރާ ދަށަށް މިފްރާހު އެއްއަތް ލައްވާލުމާއެކު ކޮޅަށް ނަގުވާ އެނދުގައި އޭނާ ބޭންދިއެވެ. ދެން ދެއަތުން ކެންޒާގެ ލޮލާއި ކޯތާފަތް ފުހެދިނެވެ.

"އަހަރެން ދޫކޮށްލަބަލަ... ޕްލީޒް..." ކެންޒާގެ އަޑުގައި އެއްވެސް ވަރެއްނެތް ކަހަލައެވެ.

"މާބެ އަންނާނެ އަހަރެމެންގެ ކައިވެންޏަށް." ކެންޒާގެ އަޑު ނީވޭކަމަށް ހަދައި މިފްރާހު ބުނެލިއެވެ. މުބީންގެ ނަން އިވިލި ހިނދު ކެންޒާގެ ހަށިގަނޑަށް ސިހުން ލިބުނުކަން މިފްރާހު ދެނަހުއްޓެވެ. މުބީން ބުނީ ކީކޭކަން ކެންޒާ ހަނދާނެއް ނުނެތެވެ. އެ ލަފުޒުތައް އޭނާގެ ހިތުގައި ކަނޑާނެގި ފަދައެވެ. އެ ހިތުން ލޭ އޮހޮރުން ނުހުއްޓޭއިރު ލޮލުން ކަރުނަ ހުސްވާނީ ކިހިނެއް ހެއްޔެވެ.

"ތައްޔާރުވޭ... ފޮށިން ލާންވީ ހެދުން ނަގާފަ ބާއްވާނަން." މިފްރާހު ބުންޏެވެ.

ޗާބީ ދީފައި ހުރި ބުދެއްހެން ކެންޒާ ތެދުވެއްޖެއެވެ. ދިން އިރުޝާދުގައި ހިފައި އޭނާ ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވައްދާފައި ހުރި ކެންޒާގެ ފޮށި ގެނެސް އެނދުގެ ފައިލާ ކޮޅުގައި ހުރި އިސްޕެންޖު ދިގު ގޮނޑި މައްޗަށް އަރުވާ، ފޮށި ހުޅުވާލިއެވެ. ހެދުންތައް ހާވަމުން، މިފްރާހަށް ކަމުދިޔަ ހެދުން ނެގިއެވެ. އެއާއެކު ބޭނުންވާ އެހެން އެއްޗެހި ވެސް ނަގާ އެނދުމަތީ ބެހެއްޓިއެވެ. ދެން ފޮށީގައި ހުރި އަންނައުނުތައް ބައިބަޔަށް އަލަމާރިއަށް އަޅައި ކޮނޑުގައި އަޅުވަން ފެށިއެވެ. އެ މަސައްކަތުގައި މިފްރާހު ހުއްޓާ ފާޚާނާގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ކެންޒާ ނުކުތުމުގެ ކުރީން ކޮޓަރިތެރެއަށް ބޯދިއްކޮށްލީއެވެ. މިފްރާހު އުޅޭހެން ހީވާތީއެވެ.

"ނުކުންނަންވީތަ؟" މިފްރާހު އަހާލިއެވެ. ކެންޒާ އެއްވެސް އެއްޗެއް ނުބުނެ ފާޚާނާ ތެރެއަށް ދެމިގަތީއެވެ.

"އެނދުމަތީ އޮތް ހެދުން ލާނީ، ރެޑީވެވުނީމަ އަހަރެންގެ ކޮޓަރިއަށް އާދޭ." ފާޚާނާ ކައިރިއަށް ޖެހިލައި މިފްރާހު ބުންޏެވެ. ދެން އޭނާ ނުކުގެ ކޮޓަރީގެ ދޮރު ލައްޕާލައިފިއެވެ.

ކެންޒާ ނުކުމެ އެނދުމައްޗަށް ބަލާލިއެވެ. ޖިންސާއި ގަމީސް ނޫން އެއްޗެއް ލުމަކީ ކެންޒާ އާދަވެފައި ހުރި ގޮތެއް ނޫނެވެ. ހެދުމެއް ލައިގެން އުޅޭނޭ ގޮތެއް އޭނާއަކަށް ނޭނގެއެވެ. އެހެންވިޔަސް އޭނާއަކީ މިހާރު އަމިއްލަ އިޚްތިޔާރެއް ލިބިފައިވާ މީހެއްނޫންކަން، އަމިއްލަ ޟަމީރު ހަނދާންކޮށްލަ ދިނެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ތައްޔާރުވާން ކެންޒާ ފެށިއެވެ. އިސްތަށިގަނޑު އޮމާންކޮށް މޫނަށް ނުވެއްޓޭނެހެން ހަރުކޮށްލުމަށްފަހު، ހެދުން ނަގަން އައެވެ. ކަޅުކުލައި ތުނިފޮތިގަނޑުގައި ހުރީ ރަތްކުލައިގެ ބޮޑެތި މާތަކެއް ޖަހާފައެވެ. ފުޅާ ދެއަތްލާފައި ހުރިއިރު ތިރީބުރި ވެސް ހުރީ ފޮތިގަނޑުގެ ކަން އެލޭ ގޮތަށް ފުޅާ ކޮށެވެ. ކަށިމައްޗާ ހުރި ހެދުން ކެންޒާއާ ނުހަނު ގުޅެއެވެ. އެހާމެ ހެޔޮވަރެވެ. އެހެންނަމަވެސް ނަލަ ހެދެން ޖެހުނީ މަޖުބޫރީގައެވެ. އެކަމާ ގަޔާނުވެ ހުރެއެވެ.

މިފްރާހުގެ ދޮރުގައި ޓަކި ދޭންވާއިރަށް ވަންނާށޭ އޭނާ ގޮވާލިއެވެ. ދޮރު ނިކަން ބޮޑަށް ހުޅުވާލައި ކެންޒާ އެތެރެއަށް ވަނެވެ. ފޯނުކޯލު ނިންމާލައި މިފްރާހު ފޯނު ތިރިކޮށްލިތަން ކެންޒާ ދުށްޓެވެ. ހިތަށް ބިރުވެރިކަންވަނީ މިފްރާހު ވާހަކަދައްކަން ހުރީ މުބީންއާ ކަމަށް ވެދާނޭ ހީކުރެވިގެންނެވެ.

"ލުކް އެޓް ޔޫ ކިޓީ... ޔޫ ލުކް ގޯޖަސް..." ލުއި ހިނިތުންވުމަކާއެކު ކެންޒާގެ ފައިން ފެށިގެން ބޮލަށް ބަލާލަމުން ބުނެލިއެވެ. މިފްރާހު ކުރިއަށް ފިޔަވަޅު އަޅަމުން އައިސް ކެންޒާގެ ކޮނޑުގައި ހިފާލިއެވެ. ދޫކޮށްލާފައި އޮތް އިސްތަށިގަނޑު ރީތިކޮށްލާފައި ފަދައިން ހަރަކާތްކޮށްލިއެވެ. ދެން ގުދުވެލައި ކެންޒާގެ ކޯތާފަތުގައި ބޮސްދީފިއެވެ.

"އައި ލަވް ޔޫ" ސިއްރެއް ބުނެލާ ފަދައިން މިފްރާހު ބުނެލިއެވެ. ދެން ކެންޒާގެ އަތުގައި ހިފާލައި ނުކުންނަން މިފްރާހު ހިނގައިގަތެވެ.

* * * * *

ލައިތަށް ހަމަލާ ދިން ބަޔަކު ހޯދުމުގައި ދެ ހަފްތާ ފާއިތުވެއްޖެއެވެ. ފުރަތަމަ ފަހަރަށް އަސަދުގެ ޢާއިލާއަށް ކުރިއެރުމެއް ލިބުނީ އަދިކިރިޔާއެވެ. މާރާމާރީގައި ބައިވެރި މީހުންގެ ތެރެއިން ހައްޔަރަށް އެކަކު ގެނެވުނީއެވެ. އޭނާގެ ކިބައިން ދެން ތިބި މީހުންނާ ބެހޭ މަޢުލޫމާތު ހޯދޭނެކަމުގައި ފުލުހުން ޤަބޫލުކުރެއެވެ. އޭރު އެތައް ބަޔަކު ގެނެވި ތަހުގީގު ކުރިއަށް ދެއެވެ. ނަމަވެސް ބޭނުންވާ ނަތީޖާ ލިބުންވަނީ ލަސްވެފައެވެ.

ލައިތުގެ ހާލަތު ބަދަލެއް ނުވިޔަސް، އިތުރަށް ގޯހެއް ނުވެއެވެ. ވީއައިޕީ ކޮޓަރިއަކަށް ލައިތު ބަދަލުކުރެވިފައިވާއިރު، ޢާއިލާގެ މީހަކު ލައިތު ކައިރީ ނުހުންނަ އިރެއް ނުދެއެވެ. ލޯ ހުޅުވާނުލާ އޮތަސް ލައިތުގެ އެސްފިޔަތަކުގެ ތެރެއިން ފޭދިގެން ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބާތީ އެކަމާ އެންމެން ވެސް ކަންބޮޑުވެއެވެ. ކޯމާގައި އޮންނައިރު ބަލިމީހުންގެ ފަރާތުން ތަފާތު އަސަރުތައް ފެނުމަކީ ވެދާނޭ ކަމެއްކަން ޑަކްޓަރުން އޮތީ ބުނެފައެވެ. ބަލިމީހާ އެ ހާލަތުގައި އޮންނަނީ ނިދާފައި ނޫންކަމާއި އޭނާ ހަރަކާތެއް ނުކުރިޔަސް ސިކުނޑި މަސައްކަތް ކުރާ ކަމެވެ. ވަށައިގެން އިވޭ އަޑުތައް، ކޯމާގައި އޮންނަ މީހާއަށް އިވޭނޭ ކަމެވެ. ހަމައެއާއެކު ލައިތުގެ ބޮލާއި ހަށިގަނޑަށް ލިބިފައިވާ އަނިޔާގެ ވޭން ސިކުނޑި އިޙްސާސްކޮށްދޭން މަސައްކަތް ކުރަނީކަމަށް ވެދާނޭ ވެސް ޑަކްޓަރުން ބުންޏެވެ.

"ކެން ބިޓްރޭ ކުރާނޭ ހީވޭތަ؟" ސެހްރާނު ދެއްކި ވާހަކައަށް ލައިރާ ބުންޏެވެ. އެބޮޑު ކޮޓަރިތެރޭ މިވަގުތު ތިބީ ސެހްރާނާއި ލައިރާގެ އިތުރުން ޖިނާނެވެ. ޔާދިން އިނީ ލައިތުގެ އެނދު ކައިރީ ހުރި ގޮނޑީގައެވެ. ފަރުވާތެރި ކަމާއެކު ލައިތުގެ މޫނަށް ބަލާށެވެ. ކެންޒާގެ ނަން ކިޔާ ކޮންމެ ފަހަރަކު ލައިތުގެ ލޮލުން ކަރުނަ ފައިބާކަން ޔާދިންއަށް ޔަގީންކުރިއެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. ދަނޑިގަނޑު ކިހިލިފަތް ދޮށަށް ހެޔޮވަރުކޮށްލުމާއެކު ގޮނޑިން ޔާދިން ތެދުވިއެވެ.

"ކެންއާއެކު ދޮން އުޅުނުއިރު ހީވަނީ ބެސްޓްފްރެންޑްސް ހެން... ތީތަ އޭނައަށް ޓްރަސްޓް ގޮތަކީ، އޭނަ ދުވަހަކުވެސް ލައިތަށް ބިޓްރޭއެއް ނުކުރާނެ، އެމީހުން ބައްދަލުވީ އަލަކަށްނޫނޭ، ލޯބިވީ މިއަދަކުނޫން، ޓޭކް ދެޓް ބުލްޝިޓް އެލްސްވެއާ... އަހަރެން ޤަބޫލެއްނުކުރާނަން، އަހަރެމެންނާ ހަމައަށް މިކަން އައުމުގެ ކުރީން އޭނާގެ ޓާގެޓަކަށް ކެން ވެއްޖެއޭ އަހަރެންގެ ހިތްބުނަނީ." ޔާދިން ވާހަކަދެއްކީ ބާރަށެވެ.

"އެކަމަކު...."

"މިވަގުތު މިތަނުގަ ތި ވާހަކަނުދައްކާ ނުކުމޭ..." ދަނޑިގަނޑަށް ބާރުލުމާއެކު ޔާދިން އަމުރުކުރިއެވެ. ސެހްރާނު ބުނަން އުޅުނު އެއްޗެއް އޭނާ ހުއްޓުވީއެވެ.

"ހިނގާ ސައިބޯން." ސެހްރާނުގެ އަތަށް ދަމާލުމާއެކު ލައިރާ ތެދުވިއެވެ. އެމީހުންގެ ފަހަތުން ޖިނާނު ވެސް ދިޔައީއެވެ.

ފިނިނޭވާއަކާއެކު ޔާދިން އެނބުރި ލައިތަށް ބަލާލިއެވެ. ދަނޑުގެ އެހީގައި ކޮރު ޖަހަމުން އައިސް އަލުން ގޮނޑީގައި އިށީނެވެ. ބުނަންވީ އެއްޗެއް ނޭނގިފައި އޭނާ އިރުކޮޅު އިނެވެ. ދެން ތަންކޮޅެއް ބޮޑަށް ލައިތާވީ ފަރާތަށް އެނބުރިލިއެވެ.

"ތިހެން އޮންނަނީތަ؟ މިއަދުމީ ފަނަރަ ޑިސެމްބަރު، ގަޑިތަކުން އަށާރަގަޑިވިހި... ތިންސިކުންތު... ކެންޒާ ބޭނުން ނޫނީތަ؟ އޭނާ ގޮވައިގެން މިފްރާހު ހިނގައްޖެ، ތެދުވެގެން އޭނާ ބަލާދާކަށްނުވޭތަ؟ ނޫނީ އަހަރެން ދާންވީތަ؟ އަހަރެންނަށް ދާން ޖެހިއްޖެއްޔާ އިނދެގެން އަންނާނީ... އަހަރެން ކެންޒާއަށް އިންނަންވީތަ؟ އެގޮތް ބޭނުންނޫނިއްޔާ ތެދުވޭ... ހިނގާ ކެންޒާ ހޯދަން... އޭނާއާ ނުލާ އުޅެވިދާނެތަ؟ އަހަރެންގެ އަނތްބަކަށްވާތަން ބަލަން ކެތްވާނެތަ؟... އައި ސްވެއާ ލައިތު... އައި ވިލް މެރީ ހާ... ވެޖެޓަބަލްހެން ތިހެން މުޅި އުމުރަށް އޮންނާނީތަ... ވައި ވޯންޓް ޔޫ ފައިޓް މީ... އަނގަމަތީ ޖަހާކަށް ބޭނުމެއްނޫންތަ؟" ޔާދިންގެ އަޑުގައިވީ ޖަދަލުކުރުމެވެ. ނަމަވެސް އެ ދެ ލޮލުން ފެންނަނީ އާދޭހެވެ. ފައިބަން ތައްޔާރުވެފައި ހުރި ކަރުނައިގެ ތެތްކަމެވެ. ހިތުގެ އެންމެ އަޑިން ލައިތު ތެދުވުމަށް ޔާދިންއަށް އެދެވުނެވެ.

(ނުނިމޭ)