ހަބަރު

ފުވައްމުލަކުގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

Nov 19, 2020

ފުވައްމުލަކުގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން، ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޏ. ފުވައްމުލައް ހޮސްޕިޓަލުގެ އައު އިމާރާތް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ފުވައްމުލައް ހޮސްޕިޓަލުގެ އައު އިމާރާތް ޑިޒައިން ކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށެވެ.

މި ހޮސްޕިޓަލުގެ އިތުރުން ރ. އަލިފުށި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވެސް އިއުލާނުކޮށްފައިވެ އެވެ. މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 400,000ރ. ބަހައްޓަން ޖެހެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ސިއްހީ ދާއިރާ ކުރިއަށް ގެންދަން ހިމަނާފައިވާ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.