އާސަންދައަށް ފާއިތުވި ހަ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 9.8 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ދައުލަތުގެ ބަޖެޓުގައި 2018 އިން 2023 އަށް އާސަންދައަށް ބަޖެޓުކުރީ ޖުމްލަ 6.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ބަޖެޓުކުރި ވަރަށްވުރެ އިތުރަށް އާސަންދައަށް މި މުއްދަތުގައި 3.7 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
މި މުއްދަތުގައި އާސަންދައަށް އެންމެ ބޮޑު ހަރަދެއް ހިނގީ މިދިޔަ 2023 ވަނަ އަހަރު އެވެ.
އާސަންދަ ބަޖެޓާއި ހަރަދު
- 2018 - ބަޖެޓް: 750 މިލިއަން ރުފިޔާ | ހަރަދު: 1.5 ބިލިއަން ރުފިޔާ
- 2019 - ބަޖެޓް: 1 ބިލިއަން ރުފިޔާ | ހަރަދު: 1.3 ބިލިއަން ރުފިޔާ
- 2020 - ބަޖެޓް: 951 މިލިއަން ރުފިޔާ | ހަރަދު: 1.2 ބިލިއަން ރުފިޔާ
- 2021 - ބަޖެޓް: 718 މިލިއަން ރުފިޔާ | ހަރަދު: 1.5 ބިލިއަން ރުފިޔާ
- 2022 - ބަޖެޓް: 1.6 ބިލިއަން ރުފިޔާ | ހަރަދު: 1.8 ބިލިއަން ރުފިޔާ
- 2023 - ބަޖެޓް: 1 ބިލިއަން ރުފިޔާ | ހަރަދު: 2.2 ބިލިއަން ރުފިޔާ
އާސަންދައަށް ކުރާ ހަރަދުގެ ބޮޑު ބައެއް ފާމަސީތަކުން ދޫކުރާ ބޭހާއި ކޮންސިއުމަބަލްސްއަށް ހޭދަކުރެ އެވެ.
އެގޮތުން މިދިޔަ އަހަރު އެކަނިވެސް ފާމަސީތަކުން ދޫކުރާ ބޭހާއި ކޮންސިއުމަބަލްސްއަށް އާސަންދައިން 750 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އަދަދު 2022 ވަނަ އަހަރު ހުރީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އާސަންދައަށް ބޮޑު ހަރަދެއް ކުރާއިރު ސަރުކާރުން މިހާރު ވަނީ ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތެއް އެކުލަވާލައި މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާފަ އެވެ.
ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތާއެކު އަސާސީ ހުރިހާ ބޭސް ރާއްޖެއިން ލިބުން ކަށަވަރު ކުރުމަކީ މި ސިޔާސަތުގެ އެންމެ މުހިންމު ބައެވެ.
މި ސިޔާސަތުގައިވާ ގޮތުން މި ސިޔާސަތަށް އަމަލުކުރަން ފެށުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ސީދާ ބޭސް އުފައްދާ ކުންފުނިން ބޭސް ގަންނަން ލިބި އާންމުންނަށް ބޭސް ވިއްކާ އަގު ކުޑަކުރެވެ އެވެ. އަދި ފެންވަރު ރަނގަޅު ބޭސް ބަލިމީހާއާ ހަމަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރެވެ އެވެ.