އިލެކްޝަންސް ކޮމިޝަން

"އަކްރަމް މުވައްޒިފުންނަށް ޖިންސީ ގޯނާ ނުކުރާނެ"

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު އަކްރަމްގެ ދިފާއުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވާހަކަ ދައްކަވައިފި އެވެ.

އަކްރަމްގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން އޭނާ އީސީގެ މެންބަރު ކަމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެކަން ހާމަކޮށް އަކްރަމް ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވާ އީސީގެ ރަައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އަކްރަމަކީ އިލެކްޝަންސް ކޮމިޝަނަށް ގެއްލިގެންދިޔަ އަގުހުރި، ގާބިލް އަދި ހިންގުންތެރި އެއް ކަމަށެވެ. އަކްރަމް އަކީ މުވައްޒިފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކޮށްފާނެ މީހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ހިތްވަރު ގަދަ ކުރައްވާ. ދިރިއުޅުމުގައި އަޑި ގުޑަން އަންނާނެ،" ޝަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އަކްރަމް މިއަދު ވަނީ ރައީސް ސޯލިހަށް އިސްތިއުފާގެ ސިޓީ ފޮނުވާފައެވެ. އެ ސިޓީގައި އަކްރަމް ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކާއި ގުޅިގެން އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގައި ދެމި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭތީ ކަމަަށެވެ.

"ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ މައްސަލައެއް ކަމަށާ އެ މައްސަލާގައި ތުހުމަތު ކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލް މައުުލޫމާތު ހެއްކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހިއްސާކޮށްފައިވާނެއެވެ،" އަކްރަމްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.