ހަބަރު

ޖަޕާނުން ދިވެހި ކޯސްޓްގާޑަށް 117 މިލިއަން ރުފިޔާގެ އެހީ

Nov 22, 2020

ޖަޕާނު ސަރުކާރުގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް 117 މިލިއަން ރުފިޔާ (7.6 މިލިއަން އެމެރިކާ ޑޮލަރު) އެހީ ފޯރުކޮށްދީފި އެވެ.

އެ އެހީ ދިނުމަށް މިއަދު ފޮރިން މިނިސްޓްރީ ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ޖަޕާން ސަރުކާރުގެ މިއެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ގާބިލްކަން އިތުރުކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ކަނޑުފޭރުމާ، ހައްދުފަހަނައަޅައި ދިޔުމާ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެގައުމު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައި އެވެ.

އަދި ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. މިގޮތުން، 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.