ހަބަރު

އެމްއެންޑީއެފަށް ދެ އުޅަނދު ގަތުމަށް ޖަޕާނުން 4.5 މިލިއަން ޑޮލަރުގެ އެހީއެއް

Jun 18, 2019
1

ކުއްލި ހާލަތްތަަކުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ވަސީލަތްތައް އިތުރު ކުރަން ޖަޕާނު ސަރުކާރުން 500 މިލިއަން ޔެން (4.5 މިލިއަން އެމެރިކާ ޑޮލަރު) ގެ އެހީއެއް ދީފި އެވެ.

ޖަޕާން އެމްބަސީން ނެރުނު ބަޔާއްނެއްގައި ބުނެފައިވަނީ، އެމްއެންޑީއެފަށް ލޭންޑިންގް ކްރާފްޓެއްގެ އިތުރުން އަލިފާން ނިވާ ބޯޓެއް ގަތުމަށް ޖަޕާނު ސަރުކާރުން ދިން އެހީގެ ލިޔެކިޔުންތައް، ޖަޕާނު ސަފީރު ކީކޯ ޔަނާއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވާފައިވާ ކަމަށެވެ. އެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެން ހުންނެވި ޖަޕާނުގެ ބޮޑު ވަޒީރުގެ ސްޕެޝަލް އެޑްވައިޒަރު ކެންޓާރޯ ސޮނޫރާގެ ހާޒިރުގައިކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

"ކުއްލި ހާލަތްތަކުގައި އެމްއެންޑީއެފްގެ ގާބިލުކަން މި އެހީގެ ސަބަބުން އިތުރުވެގެންދާނެކަމަށް ޖަޕާނުން އުއްމީދުކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފްގެ އިތުރުން، ޖަޕާނުގެ ސަރުކާރުން ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް އެހީވުމުގެ ގޮތުން 73،450،000 ރުފިޔާ އެހީ އެއް ދޭން ވެސް އިއްޔެ ވަނީ ނިންމައިފަ އެވެ.

ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ފައިސާގެ އެހީ ދިން އިރު މިދިޔަ ޑިސެމްބަރު މަހު މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ އިޖްތިމާއި ތަރައްގީ ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރެވެން ހުރި ކަންތަކާއި ބެހޭ ގޮތުން ޖަޕާނުގެ ފޮރިން މިނިސްޓަރު ތާރޯ ކޯނޯއާ މަޝްވަރާކުރައްވާފަ އެވެ.

މީގެ ކުރިން ވެސް ޖަޕާނުން ރާއްޖޭގެ މަސްވެރިކަން ކުރިއަރުވުމަށާއި ތިމާވެއްޓާ ތައުލީމު ދާއިރާ އަދި 2004 ވަނަ އަހަރުގެ ސުނާމީގެ ހާދިސާއިން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ވަނީ އެހީވެދީފަ އެވެ. ރާއްޖެއިން ޖަޕާނާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1967 ވަނަ އަހަރު ނޮވެމްބަރު މަހު 14 ވަނަ ދުވަހު އެވެ.