ފޮރިން މިނިސްޓްރީ

ޖަޕާނުން ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް 73 މިލިއަން ރުފިޔާ

ޖަޕާނުގެ ސަރުކާރުން ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް އެހީވުމުގެ ގޮތުން 73،450،000 ރުފިޔާ އެހީ އެއް ދޭން ނިންމައިފި އެވެ. މި އެހީ ދީފައިވަނީ މިއަދު ކުރިއަށް ދިޔަ ޕާޓްނާޝިޕް ފޯރަމްގެ ތެރެއިންނެވެ.

ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް ދޭ އެހީގެ އެއްބަސްވުމުގައި ޖަޕާނުގެ ފަރާތުން ސޮއިކުރީ އެ ގައުމުން ރާއްޖެއަށް ކަނަޑައަޅައިފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ފައިސާގެ އެހީ ދިން އިރު މިދިޔަ ޑިސެމްބަރު މަހު މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ އިޖްތިމާއި ތަރައްގީ ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރެވެން ހުރި ކަންތަކާއި ބެހޭ ގޮތުން ޖަޕާނުގެ ފޮރިން މިނިސްޓަރު ތާރޯ ކޯނޯއާ މަޝްވަރާކުރައްވާފަ އެވެ.

މީގެ ކުރިން ވެސް ޖަޕާނުން ރާއްޖޭގެ މަސްވެރިކަން ކުރިއަރުވުމަށާއި ތިމާވެއްޓާ ތައުލީމު ދާއިރާ އަދި 2004 ވަނަ އަހަރުގެ ސުނާމީގެ ހާދިސާއިން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ވަނީ އެހީވެދީފަ އެވެ. ރާއްޖެއިން ޖަޕާނާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1967 ވަނަ އަހަރު ނޮވެމްބަރު މަހު 14 ވަނަ ދުވަހު އެވެ.

މިއަދު ބޭއްވި ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން ކުވޭތުން ވަނީ ރާއްޖޭގައި ފެރީގެ ނިޒާމު ގާއިމްކުރުމަށް އެހީވާން ނިންމައިފަ އެވެ.