(20 ނޮވެމްބަރު 2020 އާ ގުޅޭ)
ޔާދިންގެ އަޑުގައިވީ ޖަދަލުކުރުމެވެ. ނަމަވެސް އެ ދެ ލޮލުން ފެންނަނީ އާދޭހެވެ. ފައިބަން ތައްޔާރުވެފައި ހުރި ކަރުނައިގެ ތެތްކަމެވެ. ހިތުގެ އެންމެ އަޑިން ލައިތު ތެދުވުމަށް ޔާދިންއަށް އެދެވުނެވެ. ހިމޭންކަމުގައި ވަގުތު ފާއިތުވަމުން ދިޔައެވެ. ލައިތާ އޭނާ އެތައް ވާހަކައެއް ދައްކައިފިއެވެ. ދޭތެރެއަކުން ޓިޝޫކޮޅަކުން ލައިތުގެ ލޯކައިރިން ފާޅުވާ ކަރުނަ ފުހެލަ ދެއެވެ.
"ޒުބިން... އޭނާއާއި ކެންއާ ދެމެދު އޮތް ގުޅުން އެނގޭތަ؟ އަހަރެން ދުށީން ކެންއާ ދެމީހުން ބައްދަލުކުރިތަން، އޭނާ ދިއުމުގެ ކުރީން އަހަރެންގެ ގާތަށް އައި، ހީކުރެވުނީ ލައިތުގެ ވާހަކައެއް ކޮންމެވެސް ސިފައެއްގައި އޭނާ ދައްކާނޭ ކަމަށް... އެނގޭތަ އޭނާ ދިއުމުގެ ކުރީން އެދުނީ ކޮންކަމަކަށްކަން، ސިޓީ އުރައެއް ދީފައި އެ ޒުބިންއާ ހަވާލުކުރަން... ލައިތު، އޭނާ ޒުބިންއާ ގުޅުން ބާއްވަނީ ކީއްވެ؟ އެ ސިޓީއުރަ ޒުބިންއަށް ދޭކަށް އަހަރެން ބޭނުމެއްނޫން، އެކަމަކު ކެން ބުނި ގޮތުން އެއީ މުހިންމު އެއްޗެއްހެން ހީވޭ، ސިޓީއުރަ ކަނޑާފަ ބަލަން ވެސް ހިތަށް އަރާ... އައި ނޯ..." ޔާދިން ކުއްލިއަކަށް ލައިތަށް ބަލާލީ އޭނާގެ އެ ޚިޔާލާ ލައިތު ދެކޮޅު ހަދާނޭ ވަރު އެނގޭތީއެވެ. އޭނާ ހަމަހޭގައި ހުރިނަމަ ޔާދިންގެ ވާހަކަ ކުރިއަށް ގެންދިޔަ ނުދޭނެއެވެ.
"ފައިން... ސިޓީއުރަކުން ކުރެވޭނީ ކޮންކަމެއް، ދެފައި ހަމައަށް އެޅެންފެށީމަ ކެން ހުރިތަނަކުން ހޯދާނަން، އެންޑް ޔޫ ނޯ ވަޓް... އިނދެގެން ލައިތާ ހަމައަށް އޭނާ ގެންނާނީ ވެސް، ނުބުނާތި އަހަރެން ފުރުޞަތެއް ނުދެއޭ، ކުރީބައިގެ އަހަރެން ކުރާނޭ ކަންތައް ބުނެފަ، އެހެން ކަންތައް ކުރާނީ... ހުއްޓުވަން ބޭނުމިއްޔާ ތެދުވަންވީ..."
ޔާދިންގެ ވާހަކަ ކުއްލިއަކަށް މެދުކަނޑާލީ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. ވަދެގެން އަންނަތަން ފެނުނީ ބައްޕައާއި ބޮޑުބޭބެ އަޒްހަރެވެ. އެމީހުންގެ ފަހަތުން ލައިރާއާއި ސެހްރާނާއެކު ހިރާ ހުއްޓެވެ. އެނދު ކައިރިން ޔާދިން ތެދުވެ ދުރަށް ހިނގައިގަތީ އެމީހުންނަށް ފުރުޞަތު ދޭން ވެގެންނެވެ. ލައިތު ދުށުމަށް ޢާއިލާގެ ގާތް އެންމެން ކަހަލަ ގޮތަކަށް ކޮންމެ ދުވަހަކުންހެން އައިސް ގޮސް ހަދައެވެ. އެމީހުން އަންނަނީ ލައިތު އެނގޭތީއެއް ނޫނެވެ. އަސަދަށް ޓަކައެވެ. އޭނާއާއި ޢާއިލާއަށް ލިބިފައިވި ފުން ހިތާމައިގަ ބައިވެރިވާށެވެ. ޔާދިންގެ ކޮނޑުގައި އަތް ބާއްވާލަމުން ހާލުއަހުވާލު އަޒްހަރު އަހާލިއެވެ. ހިރާ ވެސް ޔާދިންއަށް ގޮވާލިއެވެ. މާގިނަ ވާހަކައެއް ނުދެކެވެއެވެ. ލައިތުގެ އެނދުކައިރީ މަޑުކޮށްލުމާއެކު އަޒްހަރު ވާހަކަދެއްކިއެވެ. ލައިތުގެ ބޮލުގައި ފިރުމާލުމާއެކު އަވަހަށް ރަނގަޅުވާން އަޒްހަރު އެދުނެވެ.
ދުރުގައި މަޑުކޮށްލައިގެން ހުރި ޔާދިންގެ ސަމާލުކަން އަތުލީ ލައިތުގެ އަތުގައި ހިރާ ހިފާލި ގޮތެވެ. އެ އަތުގައި ފިރުމާލުމާއެކު ހިރާގެ ކޯތާފަތުގައި އެ އަތްތިލަ ގެނެސް ޖައްސާލި ގޮތް ޔާދިން ދުށްޓެވެ. އެ ދެ ލޮލުން ފޭބި ކަރުނަ ވެސް ޔާދިންއަށް ފެނުނެވެ. އެ މަންޒަރުތަކުން ނުތަނަވަސްކަން ޔާދިންއަށް ލިބުނެވެ. އެންމެންގެ މޫނަށް ޔާދިން ބަލާލިއެވެ. އޭނާ ނޫނީ ހިރާގެ އެ ޢަމަލުތައް ފާހަގަވި އިތުރު މީހަކު ނެތެވެ.
* * * * *
ކޮލެޖުގައި ހުއްޓާ ޒުބިންއަށް އައި ފޯނުކޯލަށްފަހު އޭނާއަށް އެހެން ކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ލައިތުގެ ހާލު އޭނާ ފުރަތަމަ ދުށީ ޚަބަރުންނެވެ. ވަގުތުން ލައިރާއަށް އޭނާ ގުޅިއެވެ. އެހެންނަމަވެސް އެ ޢާއިލާގެ ތެރެއަށް ދާން ނުކެރުނީއެވެ. ލައިތަކީ އެއްވެސް އިރަކު އޭނާއާ މާގާތް ގުޅުމެއް ބޭއްވި ޒުވާނެއްނޫނެވެ. ހަމައެއާއެކު ލައިރާއާ އޮތް ގުޅުން ވެސް ކެނޑިފައިވާއިރު، އެމީހުންގެ ކުރިމައްޗަށް ދިއުން ރަނގަޅުކަމެއްކަމަށް ޒުބިންއަށް ނުފެނުނީއެވެ. ޢާއިލާއާ ދުރުގައި އުޅެންފެށީއްސުރެ ޒުބިންއާއި ޢާއިލާއާ ދެމެދު ކުރިން އޮތް ގާތްކަންވަނީ ހީނަރުވެފައެވެ. ބައްޕަ ވާހަކަނުދައްކާއިރު، މަންމައަށް ދޭތެރެއަކުން ޒުބިން ގުޅާ ހަދައެވެ. ކުރީގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެއެވެ. އިހު މައިންބަފައިންގެ ނުޒޫޒުގައި ފިތިފައި ހުރިހުރުމުން މިނިވަންކަން ޒުބިންއަށް ލިބިއްޖެއެވެ. ހަމައެކަނި ނުލިބުނީ މިހާ ދުވަހު އޭނާ އުންމީދުކުރި ލޯތްބެވެ. އެހެންވިޔަސް އޭނާ އެކަން ޤަބޫލުކޮށް ތަޤްދީރުގެ ނިޔާއާ ރުހިފައި ވިއެވެ.
އަތުކުރީ ގަޑިއަށް ބަލާލަފައި ޒުބިންގެ ލެޕްޓޮޕް ލާފައި އޮތް ދަބަސް ނަގަމުން ކޮލެޖުން ނުކުތުމަށް އައެވެ. އެލެވޭޓާ ތެރެއިން ނުކުމެ ގޭޓުން މަގުމައްޗަށް ނުކުމެވުނު އިރު ވެސް ޒުބިންގެ ހިތާއި ސިކުނޑީގައި އެތައް ސުވާލެއް އުފެދިފައި ވިއެވެ. ޓެކްސީއެއް އަންނަތަން ފެނި އަތް ނެގީ އެ ހުއްޓާނޭ ކަމަކަށްނޫނެވެ. ނަމަވެސް ޓެކްސީ މަޑުކޮށްލުމުން އެއަށް ޒުބިން އެރީ ހ.މަހަލްއަށް ދިއުމަށެވެ.
ޕޯޓިކޯގައި މަޑުކޮށްލައިގެން ހުރި ޒުބިން އެތެރެއަށް ވަނީ ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެއެވެ. ހ.މަހަލައަކީ ބޮޑު ގެއެކެވެ. ބަލާލި ކޮންމެ ދިމާއަކުން ތަފާތު ދިރުމެއް އިޙްސާސް ކުރެވޭނެއެވެ. ނަމަވެސް ގޭތެރޭގެ މާޙައުލު ފެންނަނީ ބަދަލުވެފައިވާތީއެވެ. ބޮޑުކޮޓަރި ތެރެއިން މީހަކު ނުފެނުންއިރު ގޭގައި ބަޔަކު އުޅޭހެން ވެސް ހިޔެއްނުވެއެވެ. ހަވީރުގެ އެވަގުތަކީ އެ ގޭގެ ސައި ކޮޓަރީގައި ޚާދިމުންތައް ހަރަކާތްތެރިވާނޭ ވަގުތެވެ. ގޭގެ ބޮޑެތި މީހުން އެތަނަށް ޖަމާވާން ފަށާނެއެވެ. ޚިޔާލުތައް އެއްފަރާތްވެލީ ފޯނުން ޒުބިންގެ ނަމުން ގޮވާލި އަޑު އިވިފައެވެ. އެލެވޭޓާއަށް ޒުބިން އެރީ، ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް މިވަގުތު އެ ގޭގެ މެންބަރަކާ ބައްދަލުނުވުމަށް އެދިއެދި ހުރެއެވެ.
އަށްވަނަ ފަންގިފިލާއަށް އެލެވޭޓާއިން ނުކުމެވޭއިރު ފެންނަން ހުރި ސޯފާތަކުން ސޯފާއެއްގައި ޔާދިން އިންތަން ފެނުނެވެ. ކޮށްލި ސަލާމެއް ފަދައިން ދެ ޒުވާނުން ބޮލުން އިޝާރާތެއް ކޮށްލިއެވެ. ޔާދިން ކުރިމަތީ ހުރި ސޯފާއަށް އަތްދިއްކޮށްލިއެވެ. ޒުބިން އައިސް އިށީނެވެ. ޔާދިންގެ ނަޒަރު ހުއްޓިފައި ހުރުމުން ޒުބިން ނަޒަރު އެއްފަރާތްކޮށްލިއެވެ. ޔާދިންގެ ފަޔާއި އަތަށް އޭނާ ބަލާލަމުން ލައިތު ކިހިނެއްތޯ އަހާލިއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔާދިން ވެސް ކުރިމަތި ކުރީ ސުވާލެކެވެ.
"ކެންޒާއާ ތި ދެ މީހުންގެ ގުޅުމަކީ ކޮބާ؟" ޔާދިންގެ ސުވާލާއެކު ޒުބިންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ހައިރާންވެފައި އިނދެއެވެ. ބުނަންވީ ކީކޭކަމެއް ޒުބިންގެ ސިކުނޑިއަކަށް ނޭރިއެވެ.
"ރެސްޓޯރެންޓް ތި ދެ މީހުން ބައްދަލުވެ، ކެންޒާގެ އަތުގައި ހިފިތަން އަހަރެން ދުށީން... ހެކި އެބަހުރި، ދޮގެކޭ ނުބުނާތި، އެނގޭތަ ކެންޒާ އުޅެނީ ލައިތާ ރައްޓެހިވެގެންކަން." ޔާދިންގެ ވާހަކަތަކުން ޒުބިންގެ ހައިރާންކަންވީ އިތުރެވެ.
"ލައިތު... ކެންޒާ..." ޒުބިންއަށް އެނގުނީ ކުރިން ނޭނގި އޮތް އާ މަޢުލޫމާތެކެވެ. ކެންޒާ ލޯބިވަނީ ލައިތުދެކެ ކަމެއް އޭނާ ނުބުނެއެވެ. ޔާދިން އިޝާރާތް އެކުރާ ދުވަހު، ރެސްޓޯރެންޓުން ދެ މީހުން ބައްދަލުކުރިއެވެ. އެ ދުވަހަކީ ޒުބިންގެ ހުރިހާ އުންމީދެއް ވިއްސިވިހާލިވީ ދުވެހެވެ. އެހެން މީހަކުދެކެ ދުވަހަކުވެސް ނުވެވޭނޭ ފަދަ ވަރުގަދަ ލޯތްބެއް ކެންޒާއަށް ވެވިއްޖެކަން ހާމަކުރީ އެ ދުވަހުއެވެ. ކޮންމެ ހާލެއްގައި ވިޔަސް އެ ލޯތްބަށް ވަފާތެރިވާން ކެންޒާ ބޭނުންވާކަން ހާމަކުރިއެވެ. މުސްތަޤުބަލް އޭނާ ރާވާފައިވީ އޭނާގެ ހިތް މިލްކު ކުރި ފަރާތާއެކުއެވެ. އެ ލޯތްބަކީ، އެ މީހަކީ ލައިތަށް ވެދާނޭ ޒުބިން ހިޔެއްނުކުރެއެވެ. ފަނޑު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. އިސްއޮބާލާފައި ވިޔަސް ނިކަން އަވަހަށް އިސް އުފުލާލިއެވެ. ޔާދިންއާ ނަޒަރު ސީދާކޮށްލިއިރު އޭނާ ވަދެގެން އައިއިރު ނުފެންނަ ފަދަ ސާބިތުކަމަކާއި ޔަގީންކަމެއްގެ އަސަރު ފާޅުވިއެވެ.
"އެ ދުވަހު ބައްދަލުކުރިން... ލައިރާއާ ކައިވެނި ކުރުމުގެ މާ ކުރިން އަހަރެންނާ ކެންޒާ ބައްދަލުވެއްޖެ، އަހަރެމެން ދެމެދުގައި ގުޅުމެއްނެތް، އެ ދުވަހު ވެސް އޭނާ އަހަރެންނަށް ބުނެދިނީ، އެއީ މީހެއްގެ ހައްޤެއްކަން، ދުވަހަކުވެސް މީހަކުދެކެ މިހާ ލޯބިވެވިދާނޭކަމަށް ހީނުކުރަމޭ ބުނީ... އަހަރުތަކެއްފަހުން ބައްދަލުވީމާ އަހަރެން ހީކުރީ އަދިވެސް އެ އަންހެންކުއްޖާ ހުންނާނީ އެންމެ ފުރަތަމަ ފެނުނު މައުޞޫމްކަންމަތީ ކަމަށް... އޭނާގެ އެކަނިވެރި ދިރިއުޅުމަށް ފިރިހެނަކު އަތުވެދާނޭ ކުޑަކޮށް ވެސް ހިތަކަށްނާރާ، އެ ދުވަހު އަހަރެންނަށް ފެނުނީ މުޅިން ބަދަލުވެފައި ހުރި ކެންޒާއެއް، އޭނާ ހުރީ އުފަލުންކަން ބުނަން ފުރަތަމަ ފެނިލުމުން ވެސް އެ ދުވަހު އެނގުނު...."
"މެރީނުކުރަނީސް ދެ މީހުން ދިމާވިއްޔާ، ކެން އޭރު ހާދަ ކުޑަވާނޭ... އޭރު ރައްޓެހިވެގެންތަ އުޅުނީ." ޔާދިންގެ ސުވާލަށް ޖަވާބުދިނުން މުހިންމު ކަމުގައި ޒުބިން ނުދެކުނެވެ. އެހެންވެ ނިކަން އަވަހަށް އޭނާ ނޫނެކޭ ބުންޏެވެ. ގެއަށް ކުއްލި ގޮތަކަށް އައިސްދިނުމަށް ޔާދިން ގުޅާފައި ބުނީ، ކެންޒާގެ ވާހަކަދައްކަންތޯ ޒުބިން އަހާލިއެވެ. މަޑުޖެހިލާފައި މަޑުމަޑުން ދެފަރާތަށް ޔާދިން ބޯހޫރާލިއެވެ. ދެން ކުރިމަތީ ހުރި ކޮފީމޭޒުމަތީގައި އޮތް ސިޓީއުރަ ޔާދިން ނެގިއެވެ.
"ކެންޒާ ހިނގައްޖެ... ލައިތަށް އެހެން ހެދި މީހާއާއެކު ކެންޒާވީ..."
"ވަޓް؟ ކެންޒާ... ލައިތު އެހާލުގައި އޮއްވާ ދިޔައީ، ތެދެއްތަ ތިހެދީ؟" ޒުބިންއަށް ޤަބޫލެއް ނުކުރެވުނެވެ.
"އަހަރެން ވެސް ޤަބޫލެއްނުކުރަން، އެހެންވިޔަސް ހަޤީޤަތަކީ ލައިތުގެ ގާތު ކެންޒާއެއް ނެތްކަން، ރާއްޖެއިން ވެސް ހިނގައްޖެކަން، ކެންޒާ މީހެއް ގާތުން ކަމަކަށް އެދޭނަމަ، އަހަރެން މީ އޭނާ ކަމަކު ކިޔާނެ އެންމެ ފަހު މީހާ... އެވެސް އެއްވެސް ގޮތެއް ނެތިގެން، އޭނާ ދިއުމުގެ ކުރީން އަހަރެންގެ ގާތަށް އައި، މި ޒުބިންއާ ހަވާލުކޮށްދޭން ބުނީ." ސިޓީއުރަ ޔާދިން ދިއްކޮށްލުމުން އޭގައި ޒުބިން ހިފިއެވެ.
ދެ ޒުވާނުންގެ މެދުގައި އިތުރަށް ދައްކާނޭ ވާހަކައެއް ނެތެވެ. ވެރިވެފައި އޮތް ހިމޭންކަން ދިގުލައިދާން ފެށުމުން ޒުބުން ތެދުވިއެވެ. އިތުރުކަމެއްނެތީ ވިއްޔާ އޭނާ ދަނީ ކަމުގައި ބުނެލިއެވެ. ޔާދިން ބޯޖަހާލީއެވެ. މަޑުކުރުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި އެލެވޭޓާއަށް އެރުމަށް ޒުބިން އައެވެ.
* * * * *
އެންމެންނާ ނަޒަރު ސީދާކޮށްނުލާ އިސް އޮބާލައިގެން ކެންޒާ އިނެވެ. އެ ޢާއިލާއިން ކެންޒާއަށް ކީ ހޫނު މަރުޙަބާއެކެވެ. އެންމެން ވެސް ކެންޒާއާ ބައްދަލުވުމަށް އެދިއެދި ތިބި ކަހަލައެވެ. މަންމަގެ ލޯތްބާއި ބައްޕަގެ އޯގާތެރިކަމާއި ބޭބެއިންނާއި ދައްތައިންގެ ސަމާސާ އެކުލެވިގެންވީ އުފާވެރި މާޙައުލެކެވެ. އެ ޢާއިލާގެ ޅީދަރިއަކަށް މިހާރުއްސުރެ ކެންޒާވެ ނިމިފައިވާ ކަހަލައެވެ. އެމީހުންގެ ވާހަކަތައް ހުރީ އެފަދައިންނެވެ. ކައިވެނި، އެ ލަފުޒުވީ ކެންޒާގެ މެޔަށް ހަރާލެވޭ ހަންޖަރަކަށެވެ. ސޯފާތަކުގައި އެންމެން ހީނ ސަމާސާކޮށް އުފަލާއެކު ކައިވެނީގެ މަޝްވަރާތައް ކުރެވެމުންދިޔައިރު، އެތަނުގައި އިން ކެންޒާގެ ލޭކޮށައިލެވެނީކަމެއް އެކަކު ވެސް ނުދެނަހުއްޓެވެ. އުނގުގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލަ ކެންޒާ ބާރުކޮށްލިއެވެ. މީ އޭނާއަށް ހުރި ގޮތްހޭ އަހާލެވުނީ އަމިއްލަ ނަފްސަށެވެ. އަމިއްލަ ހިތުގެ ރުއިމުގެ އަޑު ދެކަންފަތަށް އިވިއިވި ހުރި ކަހަލައެވެ. އެ ހިތް މަންމަގެ ހިޔާވެހިކަމަށް ބޭނުންވެ ގޮވާލީ ބޭއިޚްތިޔާރުގައެވެ. މޭގައި އަތް ޖައްސާލެވުނީ ކުއްލިއަކަށް އިޙްސާސް ކުރެވުނު ގަދަ ތަދުންނެވެ. ގަދަ އާޙެއް ދެތުންފަތް ފޫ އަޅުވާލީ އެހިނދުއެވެ. އެންމެންގެ ސަމާލުކަން ކެންޒާއަށް ހުއްޓުނުއިރު، އެމީހުންގެ އަޑުތައް ފެތުރިގެންދިޔަ ހިމޭންކަމުގެ ތެރެއަށް ހިނދިގެން ދިޔަ ފަދައެވެ. ކޯތާފަތް ތެމިފައިވީ ހާލު ކެންޒާގެ އަނގަ ހުޅުވާލީ ނޭވާއަކަށް ބޭނުންވެފައިވާ މީހަކު ފަދައިންނެވެ.
"ކެން..." މިފްރާހު ކެންޒާގެ ގައިގާ ހިފަހައްޓާލީ ކަންބޮޑުވުމާއެކުއެވެ.
"ބްރީތް ކެންޒާ... ނޭވާލާން މަސައްކަތްކުރޭ..." މާހާ އައިސް ކެންޒާގެ ކުރިމަތީ ހުއްޓިލިއެވެ. އޭނާ މިފްރާހު ގާތު ކެންޒާ ގޮވައިގެން ހާމަތަނަކަށް ނުކުންނަން ބުންޏެވެ. މިފްރާހު ދުރަށްލާން އެއްއަތުން ކެންޒާ މަސައްކަތް ކުރާތީ މާހާއަށް ފާހަގަވިއެވެ. ކެންޒާގެ ގާތަށް އޭނާ ލެފުނީ ދެނެވެ. މިފްރާހު ގާތު ކެންޒާގެ ގައިން ދޫކޮށްލަން މާހާ ބުންޏެވެ.
"ކަމް މައި ޑިއާ... ޕްލީޒް ބްރީތް..." ކެންޒާ އަތުލަފިކޮށްލައިގެން ކަހަލަ ގޮތަކަށް ގޭގެ ބިއްދަށް ފަރާތަށް މާހާ ނުކުތެވެ. އެންމެން ގާތު ކައިރިއަށް ނާންނަން އޭނާ އިޝާރާތްކުރިއެވެ. ކެންޒާއާ އޭނާ ވާހަކަދެއްކިއެވެ. ނޭވާ ލާނޭ ގޮތް ނޭނގޭ މީހަކަށް ބުނެދޭ ފަދައިން މާހާގެ ވާހަކަތަކާއި ޢަމަލުތައް ހުއްޓެވެ.
މަންޒަރުތައް ފުސްވަމުން ގޮސް މޫނު މައްޗަށް އަނދިރިވެގެން ކެންޒާ އަރި އަޅާލިއެވެ. މާހާ ހުސިޔާރުވެ ހުއްޓަސް އޭނާއަށް ކެންޒާ ހިފެހެއްޓުނީ ދެ ކަކޫ މައްޗަށް ކެންޒާ ވެއްޓުނު ފަހުންނެވެ. ކެންޒާގެ ގައިގާ ބައްދާލައިގެން ހުރެ މިފްރާހަށް މާހާ ގޮވިއެވެ. ހޮސްޕިޓަލަށް ގެންދަންވީ ކަމުގައި މާހާ ބުނެލީ ހާސްކަމާއެކުއެވެ.
ގަޑިއެއްހާއިރު ފާއިތުވީއިރު ވެސް ކެންޒާ ހަރަކާތެއް ކޮށްނުލިއެވެ. އެމްބިއުލާންސްގައި ކައިރީގަ ހުރި ހޮސްޕިޓަލަށް ކެންޒާ ގެނެސް ވަގުތުން ފަރުވާދޭން ފެށިއެވެ. ކެންޒާއަށް ވީގޮތް ޑަކްޓަރުންނަށް ކިޔާދިނުމުގެ ކުރީން ވެސް އޭނާއަށް "ޕެނިކް އެޓޭކެއް" ކަން އައީ ޢާއިލާއަށް އެނގެއެވެ. ޑަކްޓަރުން ވެސް ބެލުމަށްފަހު ނިންމީ އެފަދައިންނެވެ. އެނދު ކައިރީ އިނުން މިފްރާހަށް އުނދަގޫވިއެވެ. މީހާ ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. މުރާދު އޭނާގެ ކޮނޑުގައި ހިފެހެއްޓިއެވެ.
"ދެން ގިނައިރެއްނުވެ ހޭއަރާފާނެ. މައްސަލައެއް ނެތޭ ޑަކްޓަރު ބުންޏެއްނު." މުރާދު ބުންޏެވެ.
މަޑުމަޑުން ލޯ ހުޅުވާލެވުނު ކެންޒާއަށް ނޭފަތާއި އަނގަމަތީ އޮތް އޮކްސިޖެން މާސްކު އިޙްސާސް ކުރެވުނެވެ. ކަނާއަތް ހިއްލާލި އިރު އަތަށް ހުރީ ކަށިގުޅާފައެވެ. ދެން ވައަތުން މޫނުގައިވި މާސްކު ނަގަން އުޅުނެވެ. އެވަގުތު ގާތުން މިފްރާހުގެ އަޑު އިވުނެވެ. ކެންޒާގެ އަތުގައި ހިފެހެއްޓުމާއެކު މާސްކު އެއްފަރާތް ނުކުރުމަށް މިފްރާހު ބުންޏެވެ. ޑަކްޓަރު ގޮވައިގެން އަންނާނަމޭ ބުނެ އޭނާ ދިޔަތަނާ އެނދުކައިރިއަށް އައީ ރައުދާއެވެ. ކެންޒާގެ ބޮލުގައި ފިރުމާލިއެވެ. ނޭވާލާން އަދިވެސް އުނދަގޫތޯ ރައުދާ އަހާލިއެވެ. މަޑުމަޑުން ކެންޒާ ދެފަރާތަށް ބޯހޫރާލީއެވެ. ލޯ ހުޅުވަން ބޭނުންނުވެފައި އޮވެ އަލުން ދެ ލޯ މަރާލީއެވެ. އެނބުރި އެގެއަށް ދިއުމަށްވުރެ ހޮސްޕިޓަލުގައި އޮތުން ވެސް ކެންޒާ މާ ހިތްހަމަޖެހެއެވެ. ހަށިގަނޑުގެ ވަރުދެރަވެފައި ހުރުމުން، ލޯ މަރާލުމުން އޭނާއަށް ނިދޭކަށް ގިނައިރެއް ނުވިއެވެ.
ދަންވަރުގެ ވަގުތު ކެންޒާ ދޫކޮށްލައިފިއެވެ. މިފްރާހުގެ އިތުރުން ކެންޒާގެ ގާތުގައި ތިބީ މާހާގެ ދެމަފިރިންނެވެ. ގެއަށް އާދެވުމުން ކެންޒާ ކޮޓަރި ގެނައީ މިފްރާހެވެ. އޮށޯތުމުގެ ކުރީން ހެދުން ބަދަލުކުރަން މިފްރާހު ބުނުމުން ކެންޒާ އެދުނީ އެ ކޮޓަރިން މިފްރާހު ނުކުތުމަށެވެ. މިފަހަރު ދެކޮޅު ހެދުމެއްނެތި މިފްރާހު ނުކުތެވެ. ތަޅުގައި ހިފަހައްޓާލައިގެން ދޮރުކައިރީ މިފްރާހު މަޑުކޮށްލިއެވެ. ކެންޒާ ދޮރު ތަޅުލިކަން އެނގުމުން ވަކިން މިފްރާހުގެ ހިތް އަވަސްވިއެވެ. އެންމެ ހިނދުކޮޅަކަށް ވެސް ކެންޒާ ނުފެންނަ ހިސާބުގައި ހުންނަން މިފްރާހު ބިރުގަންނަ ކަހަލައެވެ.
ތަބަކުގައި ޖޫސްތަށްޓެއް ބަހައްޓައިގެން މާހާ އައެވެ. މިފްރާހު ފެނުމުން އޭނާ ލޮލުން އިޝާރާތެއް ކޮށްލިއެވެ. ކެންޒާ ހެދުން ބަދަލުކުރަނީ ކަމުގައި މިފްރާހު ބުނެލީ ދައްތަގެ އެކޮށްލި އިޝާރާތް ދޭހަވެގެންނެވެ. މަޑުމަޑުން ދޮރުގައި ޓަކި ޖަހާލުމާއެކު މާހާ ގޮވާލިއެވެ. ގިނައިރެއްނުވެ ކެންޒާ ދޮރު ހުޅުވާލިއެވެ. ފުރަތަމަ ވެސް އެތެރެއަށް ވަނީ މިފްރާހެވެ. ދޫ ހަރުވާޅަކާއި ޓީޝާޓެއްގައި ކެންޒާ އިނީ އެނދުގައި އިޝީދެލައިގެންނެވެ. އެނދުއަރިމަތީ ހުރި ކުޑަމޭޒުގައި ތަބަށް ބަހައްޓައި، ޖޫސްތަށި ނަގައި ކެންޒާގެ އަތަށް މާހާ ލައިދީފިއެވެ. އޭނާގެ ގާތުގައި އިށީނދެލަމުން ޖޫސްތަށި ބޯލުމަށް މާހާ އެދުނެވެ. ކެންޒާ ދެފަހަރު މަތިން ޖޫސްތަށިން ބޮޑުބައެއް ބޮއެފައި ތަބަކުގައި ބެހެއްޓިއެވެ.
"ނިދާލެވޭތޯ ބަލާ... އެންމެންވެސް މިރޭ ތިބީ ވަރަށް ހާސްވެފަ، އަހަރެމެންނަކީ ވެސް ކެންއަށް ހެޔޮ އެދޭ ބައެއްކަން ޤަބޫލުކުރޭ، މި ޢާއިލާގެ ކުއްޖެއް ތީ ވެސް." ގަޔާ ކައިރިކޮށްލައި ކެންޒާގެ ކޮނޑުގައި މާހާ ފިރުމާލިއެވެ. ބާއްޖަވެރި ރެއެއްގެ ސަލާމް ކޮށްލުމާއެކު ތަބަށް ހިފައިގެން މާހާ ނުކުމެގެން ހިނގައްޖެއެވެ.
އެނދުގައި ކެންޒާ އޮށޯތުމުން ރަޖާ ގެނެސް ކެންޒާގެ ގައިގާ އަޅައިދިނީ މިފްރާހެވެ. އޭނާ ކެންޒާގެ ކޯތާފަތުގައި ފިރުމާލިއެވެ. ލޯބިން ފުރިގެންވީ ބެލުމަކުން ކެންޒާއަށް ބަލަން އިނެވެ. ނަމަވެސް ހަރަކާތެއް ނެތިފައި އަރިއަކަށް ކެންޒާ އޮތީ މިފްރާހުގެ ބީހުން އިޙްސާސް ނުކުރެވޭ މީހަކު ފަދައިންނެވެ.
"ކެން... ބޭބީ..." މިފްރާހު ގޮވާލީ ނިކަން މަޑުމަޑުންނެވެ. ލަސް ގޮތަކަށް ކެންޒާގެ މޫނު އަނބުރާލިއެވެ. ހަތަރުކަޅި ބައްދަލުވި ހިނދު މިފްރާހުގެ ހަށިގަނޑުގައި ތަފާތު އޮއިވަރެއް ހިނގަންފެށި ކަހަލައެވެ. ގުދުވެލައި ކެންޒާގެ ނިތްކުރީގައި ބޮސްދޭން މިފްރާހު އުޅުނެވެ. އެ ތުންފަތުގެ ބީހިލުން އިޙްސާސް ކުރެވުމުގެ ކުރީން ކެންޒާ މުނޫ އެއްފަރާތްކުރިއެވެ. ދެން މިފްރާހުގެ މޭގައި އަތްއަޅައި މަޑުމަޑުން ކޮށްޕާލީ ދުރަށް ޖެހޭށޭ ބުނާފަދައިންނެވެ. ހަށިގަނޑު ސީދާކޮށްލައި ކެންޒާގެ މަގަތުން އެނދުގައި މިފްރާހު އިށީނެވެ. އެއާއެކު ކެންޒާ ތެދުވެލައި ހެޑްބޯޑުގައި ލެނގިލިއެވެ.
"ކައިވެނި އިހަށް ލަސްކުރަންވީނު." ކެންޒާގެ އަޑުގައި ވެސް ހުރީ މަޑުމައިތިރިކަމެވެ.
"ކީއްކުރަން." ގަޔާނުވި ފަދައަކުން މިފްރާހު ބުނެލިއެވެ.
"ސިކްސް... ސިކްސް މަންތްސް... އެއަށްފަހު އަހަރެން މިފްރާހުގެ އަނތްބަކަށް ވެދާނަން... ޕްލީޒް..."
"ކީއްކުރަން ހޭ ލަސްކުރަންވީ؟" ކޮންމެ ލަފުޒަކަށް ވަކިވަކިން ބާރުލައި މިފްރާހު އަހާލިއެވެ.
"އަހަރެންނަށް ވަގުތު ބޭނުންވޭ...ޕްލީޒް..." އާދޭހުގެ ބެލުމަކުން ކެންޒާ ނަޒަރު ސީދާކޮށްލިއެވެ.
"މި މަސްތެރޭ މާބެ މިކޮޅަށް އަންނާނެ. އަހަރެމެންގެ ކައިވެންޏަށް." ކައިވެނި ލަސްކުރާކަށް އެއްގޮތަކަށް ވެސް މިފްރާހު ބޭނުމެއްނޫނެވެ.
"މިފޫ ޕްލީޒް... ޕްލީޒް..." ކެންޒާ ކުރިއަށް ޖެހިލައި މިފްރާހުގެ މުލައްދަނޑީގައި ދެއަތުން ހިފާލައި އޭނާގެ ކޮނޑުގައި ބޯއަޅާލިއެވެ. ބަޔާންކުރަން ނޭނގޭފަދަ ތަފާތު ހިތްހަމަޖެހުމެއްގެ އަސަރު މިފްރާހުގެ ހިތަށް ވެރިވިއެވެ. މަޑުމަޑުން ކެންޒާގެ ބޮލުގައި މިފްރާހު ބޯޖައްސާލިއެވެ.
"އަހަރެން ކިޓީދެކެ ވަރަށް ލޯބިވޭ... ދެރަކުރާކަށް ބޭނުމެއްނޫން، ފައިޓް ކުރާކަށް ވެސް ބޭނުމެއްނޫން.... އެކަމަކު ސިކްސް މަންތްސް، އެއީ މާ ދިގު މުއްދަތެއް، އަހަރެންނަށް ކެތެއް ނުކުރެވޭނެ." މިފްރާހުގެ ވާހަކަ މަޑުޖެހިލީ ކެންޒާ ބޯ ހިއްލާލައި މިފްރާހުގެ މޫނުގައި ހިފައި އެ މޫނާ ދިމާއަށް އަނބުރާލި ގޮތުންނެވެ. މަޑުމަޑުން މިފްރާހުގެ މޫނުގައި ކެންޒާ ފިރުމާލިއެވެ. އެދޭސް ކޮށްލިއެވެ. ނޭވާ އިޙްސާސްވާހާ ގާތަށް ކެންޒާ މޫނު ކައިރިކޮށްލިއެވެ.
"ބޭބީ، އިޓްސް ޓޫ ލޯންގް..." މިފްރާހު ދުރަށް ޖެހިލައި އެނދުން ތެދުވިއެވެ. އެއާއެކު ކެންޒާ ވެސް އެނދުން ފައިބައިފިއެވެ. އޭނާ އައިސް މިފްރާހުގެ ކުރިމަތީ ހުއްޓުނެވެ. މިފްރާހު ފުރަގަސް ދެމުން ނިތްކުރީގައި ހިފަހައްޓާލިއެވެ. އޭނާގެ ފުރަގަހުން ކެންޒާ އައިސް ލައްވެލިއެވެ. ގޮތްހުސްވެފައިވީ ފަދަ އާހެއް މިފްރާހުގެ އަނގައިން ނުކުތެވެ. އޭނާ ކެންޒާއާ ކުރިމަތިލަމުން ދެއަތުގެ ތެރޭ ކެންޒާ ހިފަހައްޓާލިއެވެ. އެ ދެ ލޮލަށް ބަލަން އިރުކޮޅަކު ހުރެފައި ވާހަކަދެއްކިއެވެ.
"އަހަރެންނާއެކު ސްލީޕް ކުރާނަންތަ؟ ވެން އެވާ އައި ވޯންޓް... ވިލް ޔޫ އެލަވް މީ ޓު ޑޫ އިޓް ވިތް ޔޫ؟... އެހެންވިއްޔާ ތްރީ މަންތްސް މަޑުކޮށްފާނަން." ކެންޒާ އެއްބަސްނުވާނޭކަން މިފްރާހުގެ ޟަމީރު ބުނެބުނެ އޮއްވާ ވެސް އޭނާ ސުވާލު ކުރީއެވެ.
(ނުނިމޭ)