ވާހަކަ

ލޯބިން ބުނެލަން

(22 ނޮވެމްބަރ 2020 އާ ގުޅޭ)

"އަހަރެންނާއެކު ސްލީޕް ކުރާނަންތަ؟ ވެން އެވާ އައި ވޯންޓް... ވިލް ޔޫ އެލަވް މީ ޓު ޑޫ އިޓް ވިތް ޔޫ؟... އެހެންވިއްޔާ ތްރީ މަންތްސް މަޑުކޮށްފާނަން." ކެންޒާ އެއްބަސްނުވާނޭކަން މިފްރާހުގެ ޟަމީރު ބުނެބުނެ އޮއްވާ ވެސް އޭނާ ސުވާލު ކުރީއެވެ.

ކެންޒާ ޖަވާބެއްދޭން ނޫޅުނެވެ. އޭނާ މަޑުމަޑުން މިފްރާހާ ދުރަށް ޖެހިލިއެވެ. ދެން އައިސް އެނދުގައި އިށީނީއެވެ. ބަހެއްނުކިޔެވެ. މިފްރާހަށް ބަލައެއް ވެސް ނުލިއެވެ. އެހެންވިޔަސް މިފްރާހުގެ ނަޒަރު ހުރީ ކެންޒާއަށް ހުއްޓިފައެވެ. ކެންޒާ އެއްބަސްނުވާނޭކަން ސުވާލުކުރުމުގެ މާކުރިން ވެސް މިފްރާހަށް އެނގެއެވެ. އޭނާގެ ހަޤީޤީ ބޭނުމަކީ ކައިވެނި އަވަސް ކުރުމެވެ. އޭނާގެ އަނތްބަކަށް ކެންޒާ ހެދުމެވެ. ޝަރުޢީގޮތުން އެ ދެމެދުގައި އޮތް ގުޅުން ހަލާލު ކުރުމެވެ. ޢާއިލާގެ އެއްބާރުލުން ލިބޭނީ ވެސް އޭރުންނެވެ. ކެންޒާއަށް ދުލެއް ދީފިނަމަ އޭނާ މިފްރާހު އަތްދަށުން ފިލާފާނޭ ހީވާތީއެވެ.

"ދަނީ... ގުޑްނައިޓް..." ކެންޒާއަށް ބަލަން ހުރެ މިފްރާހު ބުނެލިއެވެ. އޭނާ އެ ކޮޓަރިން ނުކުންނަން ގަސްދުކުރީ ކެންޒާގެ ހަށިގަނޑަށް އަރާމު ބޭނުންވާކަން އެނގޭތީއެވެ. އެ ކޮޓަރީގައި މިފްރާހު ހުރިހާ ހިނދަކު ކެންޒާ ހަމަޖެހިލަން މަސައްކަތް ނުކުރާނޭކަން އެނގެއެވެ.

ހޮސްޕިޓަލުން ގެއަށް އައި މަގުމަތީ ކާރުގައި އިނދެފައި ކެންޒާގެ ފޯނު މާހާ ދިނުމުން އެ ފޯނު ގެނެސް ކެންޒާ ކޮށްޕާލީ ބާލިސް ދަށަށެވެ. ހަރަކާތެއްކޮށްނުލާ ހިމޭނުން އިނދެފައި ބާލީސް ދަށަށް އަތްލައްވާލައި ފޯނު ނެގިއެވެ. ގިނައިރެއްނުވެ ކޮޓަރީގެ ހިމޭންކަން ކެނޑުނީ ލައިތުގެ އަޑުންނެވެ. ޕެންޑާއޭ ގޮވާލައި ވަރަށް ލޯބިވޭ ބުނާ އަޑެވެ. އިސްކުރީނުން ފެންނަން ހުރީ ލައިތެވެ. އެއީ އޭނާ ލަންޑަށް ގޮސް ހުރެ ކެންޒާއަށް ކުރި ވީޑިއޯ ކޯލެވެ. އެ ކޯލު ފޯނުގައި ރައްކާކުރީ މިފަދަ އެކަނިވެރި ދުވަހެއް އަތުވެދާނޭ ހީވެގެންނެއްނޫނެވެ. އެހެންވިޔަސް ފުރަތަމަ ދުވަހުން ފެށިގެން ލައިތާ ދެއްކިފައި ހުރި ހުރިހާ ވާހަކައެއް، ދެމެދުގައި ބަދަލުކުރެވުނު ފޮޓޯއަކަށް ދަންދެން ފޯނުގައި ބެހެއްޓުނީތީ އޭނާ އުފާކުރެއެވެ. އުންމީދުގެ ހިމަ ރޮނދިފަށުގައި ހިފަހަށްޓާލައިގެން ހުރެ އަނދިރީގެ ތެރެއިން ނުކުންނަން ހިތްވަރަކަށް ވިއެވެ.

ކޮޅަށް އިނދެއިނދެ ވަރުބަލިވެގެން އަރިއަޅާލި ފަދަ ގޮތަކަށް ކެންޒާ ތަންމަތީގައި ޖެހުނެވެ. ފައިކޮޅު އެނދަށް އަރުވާލި ގޮތުން ހީވީ އުފުލެވޭވަރަށްވުރެ ބަރު އެއްޗެއް އަރުވަން އުޅުހެނެވެ. އަރިއަކަށް ފޯނަށް ބަލަން ކެންޒާ އޮތެވެ. ޓެލެގްރާމް މެދުވެރިކޮށް ލައިތު ދައްކާފައި ހުރި ވާހަކަތަކުގެ އަޑުކޮޅުކޮޅު ފޮނުވާފައި ހުރުމުން ތަކުރާރުކޮށް އެ އަޑުކޮޅުތައް ވެސް ކެންޒާ އަޑު އެއްސެވެ. އޭނާގެ ލޯ މެރުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ފޯނު ވެސް ނިވުނީއެވެ.

ނިދިފައި އޮވެފައި މިފްރާހު ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ކޮޅަށް ތެދުވެވުނު އިރު އެނދުން ފޭބުނީ ކިހިނެއްކަން ވެސް އޭނާއަށް ނޭނގެއެވެ. ތެޅެމުންފޮޅެމުން ކޮޓަރި ނުކުތް ގޮތަށް އައިސް ވަނީ ކެންޒާގެ ކޮޓަރިއަށެވެ. ހަޅޭލަވަމުން ތެޅިފޮޅެމުންދިޔަ ކެންޒާގެ ގައިގާ މިފްރާހު އޮޅުގަތެވެ. ހޭލާށޭ ގޮވިއެވެ. ކެންޒާ ބާރަށް ރޮނީއެވެ. އެހެންނުހާދާށޭ ގޮވަނީއެވެ. މަރުވެދާނޭ ބުންޏެވެ. ލައިތުގެ ނަމުން ގޮވަނީއެވެ. މިފްރާހުގެ ހިއްސުތައް ސަމާލުކަމަށް އައީ ވަގުތުންނެވެ. އޭނާ ކެންޒާގެ އަނގަމަތީ އަތްއެޅިއެވެ. ނިކަން ބާރަށް ކެންޒާގެ ނަމުން ކަންފަތް ބުޑުގައި ހަޅޭލަވައިގަތެވެ. ކެންޒާގެ ލޯ ހުޅުވުނީ އެހިނދުއެވެ. އޭނާ ތެޅިގަނެފައި މިފްރާހު ދުރަށްލާން އުޅުނެވެ.

"ހޭލެވިއްޖެ..." ކެންޒާ ހިފެހެއްޓަން ލާން ޖެހުނުގެ ބާރުގެ ސަބަބުން މާނޭވާލެވިފައި ހުރެ މިފްރާހު އަހާލިއެވެ. ކެންޒާ އަވަހަށް ބޯޖަހާލިއެވެ. ކެންޒާގެ ގައިން މިފްރާހު ދެއަތް ދުރަށް ޖައްސާލީ ލަސް ލަހުންނެވެ. އެނދުމަތީ ކަކޫ ޖަހާލެވުނު ވައަތު ފައި ވެސް މަޑުމަޑުން އެނދުން ތިރިކޮށްލަމުން އެނދާ ދުރަށް މިފްރާހު ދެތިން ފިޔަވަޅު އަޅާލިއެވެ. ހާސްވީވަރުން މިފްރާހު ވެސް ހުރީ ދާހިތްލާފައެވެ. ނިތްކުރިމަތިން ދާތިކިތައް ވިދަވިދާ ހުއްޓެވެ. ނިދަން އޮތް ބޮކްސާ ކޮޅުގައިކަން ހުރެވުނީ ރެއަކާލީ މޭގައި އަތްޖައްސާލެވިގެންނެވެ.

"އާ ޔޫ އޯކޭ." ޢާއިލާ މީހަކު އެ ކޮޓަރިއަށް ނާންނަނީސް ދާން އުޅެފައި މިފްރާހު ހުއްޓި އަހާލިއެވެ. ކެންޒާ މިފަހަރު ވެސް ބޯޖަހާލީއެވެ.

މިފްރާހު ނުކުމެގެން ދިޔަތާ ގިނައިރެއްނުވަނީސް ކެންޒާގެ ކޮޓަރީގައި ޓަކި ދީފައި ދޮރު ހުޅުވާލީ ނޫރާއެވެ. ކެންޒާއަށް ބަލާލާފައި އޭނާ އައިސް މަގަތުން އެނދުގައި އިށީނެވެ.

"ކަމެއްވީތަ؟ ހަޅޭލަވާ އަޑު އިވުނުހެން ހީވެގެން މިއައީ..." ނޫރާ ވާހަކަދެއްކިއެވެ.

"ހުވަފެނެއް ފެނުނީ." ނޫރާގެ މޫނުން ފެންނަން ހުރި ހާސްކަން އިތުރުވާން ކެންޒާ ނޭދެއެވެ.

"ކެން ހީވަނީ... އޯކޭތަ ކެން ކިޔަސް؟" ވާހަކަ ކުރިއަށް ގެންދަން އުޅެފައި ނޫރާ ކުއްލިއަކަށް އަހާލިއެވެ. މެޔާ ކައިރިކޮށްލައިގެން އިން ދެކަކޫ މަތިން އަތް ތިރިކޮށްލަމުން ކެންޒާ ބޯޖަހާލީއެވެ.

"ވަރުބަލިވެފަހެން އިން ހީވޭ... އަދި ނިދާލަން ބޭނުންތަ؟" ނޫރާގެ އަޑުގައި ހުރީ ގާތްކަމެވެ. ދެފަރާތަށް ބޯހޫރާލި ކެންޒާއަށް ބަލާލެވުނި ނޫރާގެ ބަނޑަށެވެ. ނޫރާ އެކަން ފާހަގަވިއެވެ. ލުއި ހިނިތުންވުމަކާއެކު އޭނާ ބަނޑުގައި ފިރުމާލިއެވެ.

"އަހަރެންގެ ވެސް މަންމައެއްނެތް ދުނިޔެއަކު، މުރާދުއާ އިނދެގެން މިގެއަށް ބަދަލުވިފަހުން މަންމައެއްގެ ލޯބި އުންޏެއްނުވޭ... އަހަރެމެންނަށް ފުރުޞަތެއް ނުދޭނަންތަ؟ ތި އެކަނިވެރިކަމުގައި ބައިވެރިވާން... ރޭގަ އަހަރެން ވަރަށް ބިރުގަތް، މީނީ އަހަރެން އިން ގޮތް، ނުވާނު އެވަރަށް ބިރުގަންނަވާލާކަށް. ބިރުން ގޮސް ރޭގަ ވިހޭނަމަޔޯ." ނޫރާގެ ފަހު ޖުމްލައިގަ ސަމާސާ ގޮތް އެކުލެވުނެވެ. ކެންޒާގެ ކަކުލުގައި އޭނާ ފިރުމާލާފައި ކެންޒާގެ އަތުގައި ހިފާލިއެވެ.

"މިގޭ އެންމެން ވެސް މިފޫ ގެންގުޅެނީ ވަރަށް ޅަކޮށްގެން، އެހާމެ ލޯބިން... މުރާދަށް، މުރާދުބެ ކިޔާފަ، އަހަރެންމީ ތިއްތިބޭދައްތަ، ސަނާއަކީ ސަނައްތަ، ދެން ހުރީ މާހާއާއި ޔާސިރު، އެމީހުންނަކީ ސިސްއާއި ޔާސިރުބެ... އަހަރެންނަށްވުރެ ކުރީން މިފޫ ހުންނާނީ ފެމެލީގެ ކަންކަން ކެންއަށް ކިޔާދީފަކަން އެނގޭ، އެހެންވިޔަސް ތީ މިހާރު މިގޭ ކުއްޖެއް، އަހަރެމެންގެ ކުޑަކުޑަ މިފޫ އިންނަން އުޅޭ ލޯބިލޯބި ކުއްޖެއްތީ.... ނުރޮއްޗޭ ދެން، ފެންވަރާލަން ދާންވީނު... މަންމައާއެކު ސަނައްތަ އެބައުޅޭ ބަދިގޭގައި، އަދި ކުޑަ ގުރޫޕަށް ރަނގަޅަށް ކެން އިންޓްރޮޑިއުސް ވެސް ނުކޮށްދެވޭ." ނޫރާ ވާހަކަދެއްކީ ހިނިއައިސްފަ އިނދެއެވެ.

ނޫރާ ނުކުމެގެން ދިއުމުން ކެންޒާ އެނދުން ފޭބީ ފެންވަރާލާށެވެ. އެ ޢާއިލާ މީހުން އޭނާ އެކަނިވާން ބޭނުންވިޔަސް، އެ ހާލަށް ދޫކޮށްލަން ބޭނުންނުވާކަން ވިސްނެއެވެ. ބިލިނގާގައި އިރުކޮޅަކު އޭނާ އިނެވެ. ފެންމާގަޑު ދޫކޮށްލައިގެންނެވެ. އޮހެމުންދިޔަ ފެނުގެ ފަށްވާރެއްގެ ދަށުގައި އޭނާ އިން ފަދައެވެ. އެހެން އިން އިރު ކެންޒާއަށް ވިސްނުނީ މިފްރާހު ޢާއިލާއާ މެދުއެވެ. ލައިތު ހޭ އަރައިފިކަމެއް ވެސް ނޭނގެއެވެ. ޢާއިލާގެ މެންބަރުންގެ ގޮތް ދެނެގަތުމުން ފަހަރެއްގައި ކެންޒާއަށް މަގެއް ފެނިދާނޭ ހީކުރިއެވެ. ހަމައެއާއެކު ލައިތަކީ އާދައިގެ ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެއްނޫނެވެ. ރާއްޖޭގެ ޚަބަރުތަކުގައި ފަހުގެ ތަފްސީލުތައް ހުންނާނޭކަމުގައި ކެންޒާއަށް ޤަބޫލުކުރެވުނެވެ. ކުރިއަށް ފިޔަވަޅެއް އެޅުމުގެ ކުރީން އޭނާ ގަސްދުކުރީ އެކަންކަން އޮޅުންފިލާނޭ ގޮތެއް ހަމަޖެއްސުމަށެވެ. ނަމަވެސް ޚިޔާލުތައް ސިކުނޑީގެ ތެރޭ ފުނޑުފުނޑުވާން ފެށީ، މިފްރާހުގެ ފުށުން ކުޑަ ވެސް އުންމީދަކަށް އެދި ކެންޒާ ކުރި އާދޭހުގެ ބަދަލުގައި އޭނާ އަމިއްލަ އެދުން ހާމަކުރި ހިތިގޮތް ހަނދާންވެފައެވެ.

"އެހާ އަވަހަށް އަހަރެން އޭނާއަށް ދޫކޮށްލަންވީތަ؟ ލައިތު އެނބުރި އަތުވެއްޖެއްޔާ... ނޫން! ނޫން! ލައިތު ނަޔަސް އޭނާގެ އަނތްބަކަށް ވާކަށް ބޭނުމެއްނޫން، އެކަމަކު އެ ނުލަފާ މީހާ... ޝައިތާނަކަށްވުރެ ވެސް އޭނާގެ ރުހުމުކުޑަ، އޭނާއާ ދެކޮޅަށް އަހަރެން ތެދުވާނީ ކިހިނެއް، މިފްރާހު ހުއްޓުވުނަސް... އޭނަ... އޭނާ ނުހުއްޓުވޭނެ." ކުއްލިއަކަށް ބިރުވެރިކަން ކެންޒާ ވަށާލި ކަހަލައެވެ. ހަށިގަނޑަށް މާބޮޑަށް ފިނިވާންފެށީ ހިތަށް ވަން ބިރުވެރިކަމުންނެވެ. ލޯ މެރޭ އިރަށް އޭނާއަށް ފެންނަނީ ލައިތަވެ. އެންމެން ވެގެން އޭނާ ގައިގާ ތަޅާ މަރާލަން އުޅުނު ކަހަލައެވެ. އެ ހަށިގަނޑުގެ އެތަން މިތަނުން ލޭ އޮހޮރި ކޯރު ހެދެމުންދިޔަ މަންޒަރެވެ. އަނގައިން ނުކުތް އާޙްގެ އަޑާއެކު ކެންޒާއަށް ދެއަތްތިލަ ގެނެސް މޫނުގައި އަޅާލެވުނެވެ. ހަށިގަނޑު ސާފުކަން މިފްރާހު ގެއްލުވާލުމުން ހިތުގައި އެޅިފައިވީ ކޫރާއި ހެދުނު ރޯ ފާރު ނުހިކެނީސް އެ ހިތް ފަޅައިގެން ދިޔައީ ލައިތު ވެއްޓުނުތަން ފެނިއެވެ. ލައިތުގެ ހަށިގަނޑު ބިންމައްޗަށް ދެމުނު ހިނދު ކެންޒާގެ ހިތް ވެސް އެ ހަށިގަނޑު ދޫކޮށް ބިންމައްޗަށް ވެއްޓުނު ގޮތަށް ފުނޑުފުނޑުވެ އެތިކޮޅުތަކަށް ވެގެން ދިޔައީއެވެ. މޫނުން އަތް ނަގައި މޭގައި ކެންޒާ އަތް ޖައްސާލިއެވެ. އިޙްސާސް ކުރެވޭ ވޭނުން، ތަދުވެޔޭ ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ލައިތަށް ގޮވާލަމުން އަންނާށޭ ބުނެ ތަކުރާރުކޮށް އާދޭސް ކޮށްލިއެވެ.
ރައުދާއަށް ނޫރާ ފެނުމުން ލޮލުން ސުވާލުގެ އިޝާރާތެއް ކޮށްލިއެވެ. ކެންޒާއަށް ވެފައި އިން ގޮތް ނޫރާ ކިޔާ ދިނެވެ. މުޅިން އާ މާޙައުލަކަށް ނުދަންނަ ބައެއްގެ ތެރެއަށް އާދެވުމުން ކެންޒާ މާބޮޑަށް ހިތްބިރުގަންނަނީ ކަމަށް ރައުދާ ލަފާކުރިއެވެ. ކެންޒާއާ ގިނަގިނައިން ވާހަކަދައްކާ ގުޅުން ބަދަހި ކުރަން ސަނާ ޚިޔާލު ދިނެވެ.

"އެކަމަކު ހާދަ ކުޑަކުޑަ ވަގުތުކޮޅަކަށޭ އެ ނިދާލީ." ރައުދާއަށް ބުނެލެވުނެވެ.

"ރޭ ދަންވަރު ވަރަށް ލަސްވި ފަހުންނޭ މުރާދު ބުނި އެމީހުން އައީ." ސަނާ ކޮށައިދިން އާފަލު ތަށި ކައިރިކޮށްލައިގެން ކާމޭޒު ދޮށުގައި އިން ނޫރާ ބުންޏެވެ.

"މިފޫ ދުށިންތަ؟" ރައުދާ އަހާލިއެވެ.

"ވިއާޑް... ކެން ހަޅޭލެވިގެން މިހިސާބަށް ހީވިއިރު، އެ ކޮޓަރި އެ ހުރީ ޖެހިގެން."

"އޭނާގެ ނިދިގަދަކަން އެނގެއެއްނު." ސަނާ ޖަހާލީ ހިނިގަނޑެކެވެ.

ކެންޒާ ތިރިއަށް އައުމުން ބަދިގެ ތެރެއިން ހުނުމުގެ އަޑު އިވުނެވެ. އެ ދިމާއަށް ނުދެވެނީސް ކުޑަ އަންހެންކުއްޖަކު ދުވަމުން އައިސް ކެންޒާގެ ކުރިމައްޗަށް އެރުމުން ހުއްޓިލިއެވެ. މޫނުގައިވި ހައިރާންކަން ފަރުދާކޮށް ކެންޒާ ހިނިތުންވެލިއެވެ. ހަމައެވަގުތު އޭނާގެ ފަހަތުން އެއަށްވުރެ ކުޑަ އަންހެންކުއްޖު ދުވެފައި އައެވެ. މޫނުކޮޅުން އެއީ ދެބެންކަން ވަކިކުރަން ކެންޒާއަށް އެނގުނެވެ. ސަނާގެ ދޮންކަން އެކުދީންގެ ކިބައިން ފެންނަން ހުއްޓެވެ. ދޮށީ ކުއްޖާ ޖެހިލުންވެފައި ހުއްޓާ ފަހަތުން ހަގު ކުއްޖާ ބޯދީފިއެވެ. ލަދުން ހުރެފައި ވެސް ހީނލިއެވެ. ކެންޒާއާ އެކުވެރިވާ ހިތުން ހުރި ކަހަލައެވެ.

"ކޮންނަމެއް ކިޔަނީ؟" އެ ކުޑަ ދެކުދީންގެ ހިތްމަރާނުލާން ކެންޒާ އިސްވެ ވާހަކަދެއްކިއެވެ. އެ މަންޒަރު ބަލަން ސިޑި މަތީ މީހަކު ހުރިކަމެއް ކެންޒާ ނުދެނަހުއްޓެވެ.

"މަރިޔަމް އަމްރާ މުބީން، ތްރީ އިޔާސް." ރަކި ގޮތަކަށް ހެދުންކޮޅުގަ ހިފަހައްޓައިލެގެން ހުރެ ހަގު ކުއްޖާ ބުންޏެވެ. ކެންޒާގެ ތުންފަތުގައިވި ހިނިތުންވުން ގެއްލި މޫނު ހުދުވިއެވެ. މުބީންގެ ނަން އިވި އޭނާއަށް ހިންދިރުވާލެވުނެވެ.

"މުބީ..." ކެންޒާ އަހާލަން އުޅުނު ވާހަކަ ފުރިހަމަ ނުވީ ސިޑިން ފައިބައިގެން އައި މިފްރާހުގެ އަޑުންނެވެ. އެހެންވިޔަސް ބޮލުތެރޭ ގުގުމަމުންދިޔަ މުބީންގެ އަޑު މަޑެއްނުވިއެވެ.

"މީ މުބީންގެ ކުދީންތަ؟" މިފްރާހާ ކެންޒާ ސުވާލުކުރިއެވެ.

"ނޮޓް ނައު..." ކެންޒާގެ ގާތުގައި ހުއްޓިލައިގެން މިފްރާހު ސިއްރުން ބުނެލިއެވެ.

"ހައު ކުޑް ހީ..." ދެ ލޯ ބޮޑުކޮށްލައިގެން ހުރެ ކެންޒާ ބުނެލިއެވެ. ސަނާއަކީ މުބީންގެ އަންހެނުން ކަމާއި، ކުރިމަތީ ތިބީ ސަނާއަށް ލިބުނު މުބީންގެ ދަރީންކަން ކެންޒާއަށް އެނގުނީ އަދިކިރިޔާއެވެ. އެފަދަ ރަހުމުކުޑަ މީހަކަށް އެ އުފާވެރިކަން ހައްޤެއްނޫނޭ ބުނެ ހަޅޭލަވަން ކެންޒާ ބޭނުންވިއެވެ. ކެންޒާއަށް ހަރަކާތެއްކޮށްނުލެވެނީސް މިފްރާހު އޭނާގެ އަތްތުގައި ހިފާލިއެވެ. އަވަސްއަވަހަށް ސިޓިންރޫމުކޮޅު ކައިރިން ލާފައި ގޭގެ ބިއްދޮށު ދޮރުން ނުކުތެވެ.

"ޑޯންޓް ފޮގެޓް ދެޓް ދޭ އާ ކިޑްސް." ފަހަތުން ދޮރު ލެއްޕުނުހާ އަވަހަށް މިފްރާހު ބުނެލިއެވެ.

"އެމީހުންގެ ބައްޕައަކި މީހުން މަރާ އިފުރީތެއްކަން ނުބުނަންވީ ކީއްވެ، އޭނާގެ ނުބައިކަން އެންމެންނަށް އެނގެން ޖެހޭނެ... ކަލޭގެ ނުބައިކަން ވެސް..." ލިބުނު ސިހުމުން އަރައިގަންނަން ނޭނގި ރުޅިގަދަވަމުން އައި ކެންޒާ ދެއަތުން މިފްރާހުގެ މޭގައި އަޅައި ދުރަށް ކޮށްޕައިލިއެވެ. ކެންޒާ ހަމައިން ނެއްޓެނީކަން އޭނާގެ ހަރަކާތްތަކުން މިފްރާހު ދެނެގަތެވެ. ދެވަނަ ޕެނިކް އެޓޭކެއް ކެންޒާއަށް އަތުވެދާނޭ މިފްރާހަށް ހީވީއެވެ. ކެންޒާގެ އަތުގައި ހިފާ ދަމާލުމާއެކު ގެނެސް މޭގައި ފޮރުވާލުމާއެކު އެ ތުންފަތުގައި މިފްރާހު ބޮސްދިނެވެ. އޭނާގެ ގައިގާ ތަޅައިގަންނަން އުޅުނު ކެންޒާގެ ދެއަތުގައި ހިފަހައްޓަމުން ގެންގޮސް ގޭގެ ބިތުގައި ތަތްކޮށްލިއެވެ. މައްޗަށް ހިއްލާލެވިފައި ހުރި ދެއަތުގައި މިފްރާހު އެއްއަތުން ހިފަހައްޓާލި އިރު ވެސް ހީވީ ވަރުގަދަ ބިޑިއަކުން ދެއަތް ބަނދެލިހެންނެވެ. ދަތްދޮޅިއާ ދިމާލުން މިފްރާހުގެ އަނެއްއަތް ލައްވާލައި ހިފަހައްޓާލި ގޮތުން މޫނު ފަރާތަކަށް އަނބުރައެއް ނުލެވުނެވެ.

"ކާމް ޑައުން... ޕްލީޒް..." މިފްރާހުގެ ނިތްކުރި ކެންޒާގެ ނިތްކުރީގައި ޖައްސައިލައިގެން ހުރެ ބުންޏެވެ. ހަރަކާތް ކުރުން ކެންޒާ ހުއްޓާލީ މިފްރާހުގެ އެ ގާތްކަން ބޭނުންނުވެގެންނެވެ. އޭނާ ދެކޮޅު ހަދާ ވަރަކަށް މިފްރާހު ދުރަށް ނުދާނޭ ހީވެގެންނެވެ.

"ލީވް މީ އެލޯން." މިފްރާހު ދުރަށް ޖެހިލި ވަގުތު ކެންޒާ ދަތްކުނޑިވިކާލިއެވެ.

އިރުކޮޅަކު ކެންޒާއަށް ބަލަން މަޑުކޮށްލާފައި އޭނާ ގޭތެރެއަށް ވަދެއްޖެއެވެ. ކެންޒާ ހަށިފުރާ ނޭވާއެއްލިއެވެ. ލޯ މަރާލާފައި ހުޅުވާލި ގޮތުން ހީވީ ރުޅި ފިނިނުވިޔަސް ސިކުނޑިއަށް ފިނިކަމެއް އިޙްސާސް ކޮށްދޭން ބޭނުންވީ ހެނެވެ. ދެއަތް އުރާލުމާއެކު އޭނާ ބިތުގައި ލެނގިލައިގެން ހުރީއެވެ.

* * * * *

2 ހަފްތާ ފަސް.

ޢާއިލާއެއްގެ ތެރޭގައި އުޅުނަސް އެންމެންގެ އޯގާތެރިކަން ވަށާލާފައި ވިޔަސް ކެންޒާގެ ހިތާމަތަކަށް ލުޔެއް ނުލިބުނެވެ. ކައިވެނީގެ ޚަފުލާ ބާއްވާނޭ ގޮތާ މެދު ދެކެވޭ މަޝްވަރާގައި އޭނާ ބަހެއް ނުކިޔެވެ. މާހާގެ ސަމާލުކަން ވަކިން ބޮޑަށް ކެންޒާއަށް ހުއްޓިފައި ވިއެވެ. ރޭގަނޑު އެންމެން ނިދާ ގޭތެރެ ހިމޭންވުމުން ކެންޒާ ނުކުމެ ގޭގެ ބިއްދޮށްފަރާތުން ވިނަގަނޑު މައްޗަށް ފައިބަން ހުންނަ ސިޑިމަތީ އިންނަތަން މާހާއަށް ދެ ރެއަކު ފެނިއްޖެއެވެ. އޭނާ އެކަނި އިނދެ ގިސްލާ ރުއިންނޫން ކަމެއް ނުކުރެއެވެ. އެކަން ފާހަގަވެގެން ޖެހިގެން އައި ހުރިހާ ރެއަކު، ކިތަންމެ ލަހުން އޭނާއަށް ނުކުމެވުނަސް ކެންޒާ ބޭރުގައި އިންނާތި އޭނާއަށް ވަނީ ފެނިފައެވެ. ނަފްސާނީ ޑަކްޓަރެއްގެ ގާތަށް ކެންޒާ ގެންދަން މިފްރާހުގެ ގާތުގައި މާހާ ލާފާ ދިނެވެ. މިފްރާހު އެއްބަސްނުވުމުން މާހާއަށް ލިބުނު ހައިރާންކަން އިތުރުވިއެވެ. މިފްރާހުއާއި ކެންޒާގެ ކައިވެނި ހަމަޖެހެމުން އަންނައިރު އަލަތު ދެމަފިރިންނަށް ވާން އުޅޭ ލޯބިވެރިންގެ ފުށުން ފެންނަ ފަދަ ކުލުނެއް އެ ދެ ޒުވާނުންގެ ފަރާތުން ނުފެންނަކަން ވެސް މާހާއަށް ފާހަގަވިއެވެ. ބޮޑަށް އެ ފަރުވާކުޑަކަން ފެންނަނީ ކެންޒާގެ ފުށުންނެވެ. ކޮއްކޮ ލޯބިވާކަން ހާމަކުރާއިރު އޭނާ ކެންޒާއާ ނީނދެވިގެން އުޅޭކަން އެނގެއެވެ. ކައިވެނީގެ ކުރީން ކެންޒާ ގޮވައިގެން ބޭރަށް ނުކުމެލާއި އެހެން ލޯބިވެރިން ފަދައިން އުފާވެރި ހަނދާންތަކެއް ރައްކާކުރުމުގެ ޚިޔާލު މިފްރާހަށް މާހާ ދިނީ އެހެންވެއެވެ. ކޮއްކޮގެ ލޯތްބަށް ފުރުޞަތު ދޭށެވެ. ކެންޒާއަށް މިފްރާހުގެ ލޯބި އިޙްސާސް ވެދާނޭ ހީކޮށެވެ. ހިތާމަތަކާ އެއްފަރާތްވެ އާ ހަނދާންތަކަކުން ކެންޒާ ހިނިތުންވެ ހުންނާނޭ ދުވަހެއް ދުށުމަށް އެދިގެންނެވެ. ނަމަވެސް މާހާގެ ޟަމީރު އިޝާރާތް ކުރަނީ އެހެން ކަމަކަށެވެ.

ނޫރާ ގޮވައިގެން މުރާދު ގެއިން ނުކުތީ ހޮސްޕިޓަލަށް ދާށެވެ. ދަރިފުޅު ވިހަންވީ ވަގުތު ޖެހުނީއެވެ. އެންމެން އެ ދެމަފިރިންގެ ފަހަތުން ނުކުތްއިރު ގޭގެ ދޮރުމަތީ ދެއަތް އުރާލައިގެން ކެންޒާ ހުރީއެވެ. އެންމެންގެ މޫނުތަކުން ތަފާތު ކުލަތައް ފާޅުވާއިރު ކެންޒާގެ މޫނުގައި އެއްވެސް އަސަރެއްނުވިއެވެ. ކެންޒާއާ ވާހަކަދެއްކި މީހަކާ އޭނާ ވާހަކަދައްކައެވެ. ސަނާ ފިޔަވައެވެ. އޭނާއަށް އުޅެއުޅެ ވެސް ނުރުހުން ފާޅުކުރުމެއްނެތި ސަނާއާ ވާހަކަދައްކާނޭ ގޮތެއް ނޭނގުނެވެ. ރުޅިގަނޑު ފަޅައިގެން ދިޔަނުދޭން އޭނާ ގަސްދުކުރީ ސަނާ ފެންނަ ކަމަށް ވެސް ނުހަދާށެވެ. މިފްރާހަށް ވެސް އެކަން އެނގެއެވެ. އެހެންވީ ކީއްވެކަން ވެސް އޭނާ ރަނގަޅަށް ދެނަހުއްޓެވެ.

އެންމެންނަށްވުރެ ކުރީން އެތެރެއަށް ވަދެގެން އައިސް ކެންޒާ ވަނީ ކޮޓަރިއަށެވެ. މިރޭ ވެސް ރޭގަނޑު ކައުމުގެ ޝައުގެއް ނެތެވެ. އޭނާ ރާއްޖެ ދޫކުރިފަހުން އަރުން އެއްޗެއް ދިރެނީ ގަދަކަމުންނެވެ. ހައުހޫނުކަމުގައި މީހާ ހާންތިވެ ހެޔަށް ގޮތް ނުވާވަރު ބަލާފަ ކެންޒާ ކާ ފަދައެވެ. އެހާ ވެސް މަދެއެވެ. އެނދުގައި އޮށޯވެލުމާއެކު ކެންޒާ ފޯނު ބަލަންފެށިއެވެ. މުޅިން ވެސް ރާއްޖޭގެ ޚަބަރުތަކެވެ. ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިގެން އުޅޭކަމުގެ ސުރުޚީ ފެނި ކެންޒާ ކައްޓެއްހެން ތެދުވެ އިށީނދެއްޖެއެވެ. އަވަސް އަވަހަށް ޚަބަރުގެ ތަފްސީލު ބަލަންފެށިއެވެ. ހާސްވީވަރުން އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. މުޅި ލިޔުންގަނޑު ކިޔަން ވަގުތު ހޭދަވާނޭތީ އޭނާ ބެލީ މަރުވި ކުއްޖާގެ ތަފްޞީލު ފެނޭތޯއެވެ. އެކަން އޮޅުން ފިލުމާއެކު ފޯނާއެކު އަތް ތިރިކޮށްލެވުނެވެ. އަނެއްއަތުން ނިތްކުރީގައި ހިފަހައްޓާލިއެވެ. އަވަސްވެފައިވި ހިތް ހަމަޖެހެން ވަގުތުކޮޅެއް ނެގިއެވެ.

"ކެން..." ދޮރުހުޅުވި މާހާގެ އަޑު އިވުނު ހިނދު ކެންޒާ ދިޔައީ ސިއްސައިގެންނެވެ.

"ސިސްއޭ..." ކެންޒާއަށް ވީގޮތް ފެނި ނިކަން އަވަހަށް މާހާ ބުނެލިއެވެ. އޭނާ އައިސް ކެންޒާ ގާތު އިށީނެވެ. އޭނާ އެވަރަކުން ސިހުނީ ކިހިނެއްވީތޯ މާހާ އަހާލިއެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ދިނުމުގެ ގަސްދެއް ކެންޒާގެ ނެތެވެ.

"ރޭގަނޑު ނުނިދާ އުޅޭކަން ސިސްއަށް އެނގޭ. ކީއްވެތަ؟ ނިދިނާންނަނީތަ؟" ކެންޒާއަށް ބަލަން އިނދެ މާހާ ވާހަކަދެއްކިއެވެ.

"ނިންޖެއް ނާދޭ." ވިސްނަން އިނދެފައި ކެންޒާ ބުންޏެވެ.

"ހިނގާބަލަ މާދަމާ ސިސްއާއެކީ ޑަކްޓަރަށް ދައްކާލަން، ލޯކައިރި ވެސް ހަޑިވެއްޖެ... ބުނެބަލަ، ދާނަންތަ؟ ބައެއްފަހަރު ނުނިދުމަކީ ވެސް ބައްޔެއް، ނުނިދޭނަމަ ހަށިގަނޑަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ." މާހާ ވިސްނައިދޭ ފަދައިން އެތައް ވާހަކައެއް ކެންޒާއާ ދެއްކިއެވެ. އެ ކޮޓަރިއަށް ވަންނަން އައި މިފްރާހަށް ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން ކެންޒާއާއެކު އެނދުގައި އިން މާހާ ފެނި ހުއްޓިލީއެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ދޮރުގެ އެއްފަރާތުގައި މަޑުކޮށްލީ އެ މީހުން ދައްކާ ވާހަކައެއް އަޑު އެހުމަށެވެ. މާހާ ދާން އަހަންފެށުމުން ކެންޒާ އެންމެފަހުން ބޯޖަހާލިއެވެ.

(ނުނިމޭ)