ހަބަރު

ހުޅުލެ–ހުޅުމާލެ ލިންކް ރޯޑްގައި ސޯލާ ޕީވީ ހަރުކުރަން ހަވާލުކޮށްފި

ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ހުޅުލެ – ހުޅުމާލޭ ލިންކް ރޯޑްގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުމަށް ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތައިލެންޑް ކުންފުންޏާ މި މަސައްކަތް ހަވާލުކުރަން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އަދި ތައިލޭންޑްގެ އެންސިސް ކުންފުނިން ފަރާތުން ސޮއިކުރީ އެކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު ޗުމްޕުލް ޕަޓަނުކުމެވެ.

މި ރަސްމިއްޔާތުގައި އެންސިން ކުންފުނިން ވަނީ ސްޓެލްކޯއާއެކު ޕަވާ ޕާޗޭސް އެގްރީމެންޓްގައިވެސް ސޮއިކޮށްފަ އެވެ. ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއެވެ.

އެންވަޔަރަމަންްޓް މިނިސްޓްރީން ބުނީ އެސްޕަޔާގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ - ހުޅުމާލޭގައި ފަސް މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުގުވެރިކަންފާޅު ކުރި ކަމަށެވެ.

އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ގާބިލުކަމަށް ބަލައި އަދި އޭގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހެޅީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން އެކުންފުނިން ހުޅުލެ އަދި ހުޅުމާލޭ ގުޅޭ ލިންކް ރޯޑުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމުކޮށް އޭގެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެސްޕަޔާގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށް ކަމަށާއި އެހެންކަމުން މިއަދު ސޮއި ކުރި ފަސް މެގަވޮޓްގެ ސޯލާއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް އެއްބަސްވުމުގެ ދަށުން ގަންނަން ލިބެނީ މީގެ ކުރީން ސޯލާ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެސްޕަޔާގެ ދެވަނަ ފިޔަވަހިން އެކަނިވެސް ދައުލަތުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެގޮތުން މި ފިޔަވަހީގެ ފަސް މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަން އަހަރަކު ރައްކާކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފަސް މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ގާއިމުކުރާ ސްޓަރަކްޗާ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސޯލާ ޕީވީގެ ނިޒާމް ގާއިމުކޮށްފައިވާ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކްޗާ މަރާމާތްކޮށް ބެލެހެއްޓުމަކީ އެ ކުންފުނީގެ ޒިންމާއެކެވެ.

ހުޅުލެ އަދި ހުޅުމާލެ ލިންކް ރޯޑުގައި ގާއިމުކުރާ ފަސް މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމެގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅުގައި ފެށޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) މަޝްރޫއަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ހަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫއެކެވެ.