ހަބަރު

އީޕީއެސްއެސް އަލުން ހުޅުވަނީ

އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް) އަލުން ހުޅުވައި ތައުލީމު އުނގަންނައިދުމުގެ ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އީޕީއެސްއެސް އިން ތައުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީޕީއެސް ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާގެ ކޮޕީއެއް ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލްވުމުގައި އީޕީއެސް ފައުންޑޭޝަންގެ އިސްވެރިން ވަނީ، އެ މަދަރުސާ އަލުން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. އަދި އެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ އެކަމުގެ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

ރައީސް ސޯލިހް ވަނީ އެ މަދަރުސާގެ ހަނދާންތައް އައު ކުރުމަށާއި އެ މަދަރުސާ އަލުން ހުޅުވައި ތައުލީމު އުނގަންނައިދުމުގެ ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލްވުމުގައި އީޕީއެސް ފައުންޑޭޝަންގެ ރައީސްއާ އެ ފައުންޑޭޝަންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އީޕީއެސް ސުކޫލަކީ ރާއްޖޭގެ ތައުލީމަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ މާލޭގެ އެންމެ ފާހަގަކޮށްލެވޭ އަމިއްލަ ސުކޫލްތަކުގެ ތެރެއިން ސުކޫލެކެވެ. ރާއްޖޭގެ އިސް މަގާމުތަކުގައި މިހާރު ތިއްބެވި އެތަށް ބޭފުޅުންނެއް ތައުލީމް ހާސިލްކުރައްވާފައިވަނީ އެ ސުކޫލުންނެވެ. ތައުލީމީ ގޮތުންނާއި ކުޅިވަރު އަދި އަދަބީ ހަރަކާތްތަކުގައިވެސް އެ ސުކޫލަކީ އެއް ދުވަސްވަރެއްގައި އެންމެ ފާހަގަކޮށްލެވުނު ސުކޫލެވެ.