ހަބަރު

މަޖިލީހުގެ މިއަދުގެ ނިންމުމަށް އުޝާމް ފާޑުވިދާޅުވެއްޖެ

ހުއްދަ ނެގުމަކާ ނުލައި، މާލޭގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ ކަމާގުޅޭ ކޮމިޓީން ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސް ނުވެ، އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ބައެއް އިސްލާހުތަކެއް ހިމަނައިފަ އެވެ.

އޭގެ ތެރޭގައި، ހުއްދަ ނެގުމަކާ ނުލައި، ކުއްލި ކަމަކާ ގުޅިގެން އެކަމަކަށް 48 ގަޑިއިރު ފާއިތުނުވަނީސް އެއްވުމަށް ޖާގަ ދިނުމާއި، ރިސޯޓުތަކުގައި އެ ރިސޯޓެއްގެ މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދެއްގައި މުޒާހަރާ ކުރެވޭ ގޮތަށް ހަދައި ދިނުން ހިމެނެ އެވެ. އެ ރިޕޯޓު ތަޅުމަށް ފޮނުވުމުން، މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމް އިތުރު އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.

އޭގެ ތެރޭގައި ކޯޓު އަމުރުގެ ދަށުން ކުއްލި އެއްވުމެއް ގާނޫނާ ހިލާފުވާނަމަ ހުއްޓުވޭ ގޮތަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅޭ ގެކޮޅުގެ އިންފާރުން ފެށިގެން 100 ފޫޓު ހިމެނޭ ސަރަހައްދަށް އެއްނުވެވޭ ގޮތަށް އިސްލާހު ހުށަހެޅި އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅޭ ގެކޮޅުގެ އިންފާރުން ފެށިގެން 300 ފޫޓު ހިމެނޭ ސަރައްހަދަށް އެއް ނުވެވޭ ގޮތަށް އިސްލާހު ހުށަހެޅުއްވިއިރު، ރިސޯޓުތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ހިމޭނުން ތިބެންޖެހޭގޮތަށް ހަދާ އިސްލާހެއްވެސް ހިމެނުނެވެ.

އެ އިސްލާހު ހުށަހަޅަމުން ދިއަ ވަގުތު ވެސް، ބައެއް މެންބަރުން ވަނީ ކަންބޮޑުވުންފާޅުކޮށް، ތަޅުމުގައި އަޑުގަދަކޮށްފައި އެވެ.

އެ އިސްލާހުތަކާއެކު ވޯޓަށް އެހުމުން، ކޮމިޓީގެ ރިޕޯޓު ފާސްކުރަން 25 މެންބަރުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެއާއެކު އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ބުނެ އަނބުރާ ކޮމިޓީއަށް ފޮނުވާލަން، 56 މެމްބަރުން ވަނީ ތާއީދުކޮށްފައި އެވެ.

އުޝާމް ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހް ބާތިލް ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދެއް ކަމަށެވެ.

"އެ އިސްލާހު ބާތިލް ކުރުމަށް މިއަދު ވޯޓަށް އެހުމުން އެކަން ފާހެއް ނުވި. ވައުދުވެފަ ވައުދު ފުއްދޭނީ ދެން މިހާކަން ވަރަށް،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ކުރިންވެސް ވަނީ އެ ބިލް މަޖިލީހުގައި ގޮތެއް ނުނިމި އަހަރު ދުވަސް ވެފައިވާތީވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.