ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވުމާއި ދިމާކޮށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސި މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅުން ބުނެފި އެވެ. އިދިކޮޅުން އިންތިޒާމް ކުރާ ހަރަކާތާއި ގުޅިގެން އިދިކޮޅުގެ އިސް ވެރިން މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ހޮނިހިރު ދުވަހު މުޅި ރާއްޖެެގައި މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. ފުލުހުން މިހާރު ކަންތައް ކުރާ ގޮތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަރަކާތެއް ރާވާ ހިންގައިފިއްޏާ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަރަށް އެބަ އުނދަގޫވޭ. އަދި އެފަދަ ހަރަކާތްތައް ހުއްޓުވަން މޯލްޑިވްސް ޕޮލިސް ސާވިސްއަށް އޯޑަރު ދީފައި މި އޮންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް،"
ޝިޔާމް ވިދާޅުވީ އެމްޑީޕީއަށް ސިޔާސީ ހަރަކާތް ހިންގިފައި އިދިކޮޅަށް ފުރުސަތު ނެތުމުން އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށައެޅި ކަމަށެވެ. އަދި އިދިކޮޅުގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުންދަނީ ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ތިލަ ކުރަމުންދާތީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.
"ރައްޔިތުން ކަނު ބަދެފައި މޫނު ބަދެފައި ގެއަށް ވައްދާފައި މި ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް އަޅުގަނޑުމެން ރައްޔިތުންނާއި ހަމައަށް ގެންނާތީ އަދި މި ގައުމު ވިއްކާލާ ގައުމުގެ މިނިވަންކަން ނަގާލަން މި ކުރާ މަސައްކަތް ރައްޔިތުންނާއި ހަމައަށް ތިލަ ކުރާތީ އަޅުގަނޑުމެންގެ އަޑު ކަނޑުވާލަން ބޭނުންވަނީ،" ޝިޔާމް ވިދާޅުވިއެވެ.
އަތޮޅުތަކުގެ ހަރަކާތްތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ހޮނިހިރު ދުވަހު 185 ރަށުގައި މުޒާހަރާ އޮންނާނެ ކަމަށެވެ. އަދި މުޒާހަރާތަކުގައި ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި އެޗްޕިއޭގެ ގައިޑްލައިންތަކަށް ތަބާވުމަށް ނިމާލް އެދިވަޑައިގެންނެވިއެވެ.
އިިދިކޮޅު ކޯލިޝަނުން ބުނީ މާލެ ސަރަހައްދުގައިވެސް ހޮނިހިރު ދުވަހު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާ މާލޭގައި ކުރިއަށްދާ ހަރަކާތްތައް އޮންނާނީ ކަނޑުމަތީ ކަމަށެވެ.