ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކޮށް ގަދަކޮށް"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ނަމަވެސް އެމަނިކުފާނު ޖަލަށް ލައިގެން ހިތްވަރު ބަލި ނުކުރެވޭނެ ކަމަށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ވިދާޅު ވެއްޖެ އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން އެ މަނިކުފާނުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ މިއަދަށް އަހަރު ދުވަސްވީ އެވެ.

ރައީސް ޔާމީނާއި އިދިކޮޅުގެ ވާހަކަތައް ގެނެސްދޭ ޗެނަލް-13 އިގެ ޕްރަގްރާމެއްގައި ބައިވެރިވެ ވަޑައިގެން ޒޭން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ މިފަހުގެ ތާރީހު ދުށް އެންމެ ކާމިޔާބު ފަސް އަހަަރު ނަމަވެސް އެމަނިކުފާނު ވެރިކަން ކުރެއްވީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެ ވެރިކަން ބަލިކަށިކޮށް ނިކަމެތި ކުރުމަށް ވާދަވެރިން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޒޭން ވިދާޅުވި އެވެ. ޒޭން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިންމަން އޭރުގެ އިދިކޮޅުން ތިން ފަހަރު ބަޣާވާތް ކުރަން މަސައްކަތް ކުރި އެވެ.

"ރައީސް ޔާމީންގެ ފަސް އަހަރު ރައީސް ޔާމީން ހޭދަ ކުރެއްވީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި. ދިވެހި ދައުލަތުގެ މަސައްކަތުގައި. އެތައް ގޮތަކުން ދަތިތައް ކުރިމަަތި ކުރުވީ ސިޔާސީ ފަރާތްތައް ގުޅިގެން. ތިން ބަޣާވާތެއް ކުރެވުނު. ފުރަތަމަ މަގުމަތިން ބަޣާވާތް ކުރީ. ދެވަނަ ބަޣާވާތް ކުރީ އުދުވާނީ ހަމަލައެއްގެ ސިފާގައި. ރަައީސް ޔާމީން ފަނާ ކޮށްލައިގެން ރައީސް ޔާމީންގެ އާއިލާ ފަނާ ކޮށްލައިގެން ކުރަން ދިމާކުރި ބަޣާވާތެއް އެ ބަޣާވާތަކީ. ތިންވަނަ ބަޣާވާތަކީ ކޯޓްތެރެއިން ޖުޑީޝަރީ މެދުވެރިކޮށް އެހެން ސިޔާސީ ފަރާތްތަކުން ގުޅިގެން ގެންނަން މަސައްކަތް ކުރި ބަޣާވާތެއް،" ޒޭން ވިދާޅުވި އެވެ

ޒޭން ވިދާޅުވީ ކިތަންމެ ދަތި އުނދަގޫތަކާއެކު ވެސް ރައީސް ޔާމީންގެ ފަސް އަހަރަކީ ގައުމު ދުށް އެންމެ ކާމިޔާބު ފަސް އަހަރެވެ. އަދި އެމަނިކުފާނަކީ ދައްޗާއި އުނދަގުލުގައި ނަތީޖާ ނެރުއްވާނެ ބޭފުޅެކެވެ. އަދި ކުރައްވަން ފެއްޓެވި ކޮންމެ ކަމެއް ކާމިޔާބު ކަމާއެކު ނިންމަވާނެ ބޭފުޅެކެވެ.

ހުކުމަކީ ސިޔާސީ ހުކުމެއް

ޒޭން ވިދާޅުވީ އަހަރު ދުވަސް ކުރިން އޭނާގެ ބައްޕާފުޅުގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެކެވެ. އެކަމަށް ދަލީލު ލިބޭ ކިތަންމެ ހެއްކެއް އެބަހުރި ކަމަށެވެ. އޭގެ އެތައް ކަމަކީ އެންމެންގެ ކުރިމަތީ ހިނގާދިޔަ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.

އެއް ކަމަކަށް ފާހަގަ ކުރެއްވީ މައްސަލަ ބައްލަވަމުން ގެންދެވި އޭރުގެ އިސް ގާޒީ އަހުމަދު ހައިލަަމް ކުއްލިއަކަށް ސަސްޕެންޑް ކުރުމެވެ. އެއީ ޖޭއެސްސީގަިއ ތިއްބެވި ސިޔާސީ ބޭފުޅުން އިސްވެ ކުރެއްވި ކަމެއް ކަމަށް ޒޭން ވިދާޅުވި އެވެ. އަދި ހައިލަމް އިސްތިއުފާ ދެއްވީ މަޖުބޫރު ކުރުވައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ޒޭން ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ހުކުމް އިއްވަން ހަވާލު ކުރި ފަނޑިޔާރަކީ ތަޖުރިބާއެއް ނެތް ފަނޑިޔާރެކެވެ. އަދި އެ ހުކުމަށްފަހު ގާޒީ އަލީ ރަޝީދަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން "ހަދިޔާ" ކުރެއްވި ކަމަށާ އެއީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެވުނު "އިއުތިރާފެއް" ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް ހުކުމަކީ ސިޔާސީ ހުކުމެއް. އެކަމުގެ ދަލީލު ކުރާ ކަންތައްތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް، މައްސަލަ ބަލަމުން ދިޔަ ގާޒީ އެންމެ ފަހު ވަގުުތު ނަގާ އެއްލާލީ ދެއްތޯ ސަސްޕެންޑް ކުރީ. ގާޒީއަށް އިސްތިއުފާ ދޭން މަޖުބޫރު ކުރީ. އިސްތިއުނާފީ އެއްވެސް ކޯޓެއްގައި ތަޖުރިބާނެތް ފަނޑިޔާރަކު ރައީސް ޔާމީނަށް ހުކުމް ކުރީ. އެކަމުގެ ހަދިޔާއަކަށް ވެދުން ކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން. އެހެންވީމަ ރައީސް ޔާމީނަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،"

ޔާމީނަށް ހުކުމް އިއްވާފައިވަނީ ވެސް "ފާސިގުން" ގެ ހެކި ބަހަށް ބިނާކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަގީގީ ކުށްވެރިން މިއަދު ވެސް ތިބީ ގޭގައި ސަރުކާރުގެ ހިމާޔަތުގައި ކަމަށް ވެސް ވިދާޅުވި އެވެ. ފަހުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ވެސް އުފައްދާފައިވާ ދެ ދައުވާ ކަމަށާ ބޭނުމަކީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނެތިކޮށްލުން ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

އަހަރު ދުވަސްވީއިރު ޖަލުގައި ވެސް އެމަނިކުފާނަށް އަނިޔާ ދެމުންދާ ކަމަށާ ވަކީލުންނާއި އަދި އާއިލީ ބައްދަލުވުންތަކަށް ވެސް އެކި ސިފަސިފާގައި ހުރަސް އަޅަމުން ގެންދާ ކަމަށް ޒޭން ވިދާޅުވި އެވެ. ޒޭން ވަނީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔައިރު ރައީސް ޔާމީން އޭނާއާމެދު ބެހެއްޓެވި "އިހުސާންތެރިކަން" މިއަދު ހަނދާނުގައި ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ހުންނެވީ ގަދަކޮށް

ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ވިދާޅުވީ ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަހަރު ދުވަހު ޖަލުގައި ބެހެއްޓެވި ނަމަވެސް އެމަނިކުފާނުގެ ސާބިތު ކަމަށް ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް އިސް ކުރައްވާނީ ރައްޔިތުންނާއި ގައުމީ މަސްލަހަތު ކަމަށާ ކިތަންމެ ދަތީގައި ހުންނެވި ނަމަވެސް އެކަން ބަދަލު ނުވާނެ ކަމަށެވެ.

"އަލްހަމްދުﷲ، ރައީސް ޔާމީންގެ ހާލުކޮޅު ރަނގަޅު، ސިއްހީ ހާލުކޮޅު ވެސް ރަނގަޅު. ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަން މަތީ އެނގޭތޯ. ރައީސް ޔާމީނަކީ ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން. މިއަދު ވެސް ގައުމީ މަސްލަހަތު އިސް ކުރައްވަނީ،"

ކުރީގެ ރައީސުން ކޯޓް ކުރިމައްޗަށް ވެއްޓި ވަޑައިގެން "ޑްރާމާ" ކުޅުއްވި ނަމަވެސް ރައީސް ޔާމީނަކީ އެފަދަ ބޭފުޅެއް ނޫން ކަމަށް ވެސް ޒޭން ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެ މަނިކުފާނުގެ ފަރާތުން ފެނިގެން ދާނީ ގަދަ ހިތްވަރު ކަމަަށް ވިދާޅުވިއެވެ.

ކޯޓާއި ފުލުހަށް ހާޒިރުކުރާ ދުވަސް ދުވަހު ސަޕޯޓަރުންނާއި މީޑިއާތަކަށް ހުރަސް އަޅަނީ ރައީސް ޔާމީން ހުންނެވި ސާބިތުކަން ކޮންމެ ފޮޓޯއަކާއި ވީޑިއޯ ކޮޅަކުން ވެސް ބުނެދޭނެތީ ކަމަށް ވެސް ޒޭން ވިދާޅު ވިއެވެ. އަދި މިއަދު އޭނާގެ ބައްޕަ ޖަލަށް ލައިގެން ކުރަމުންދާ ކަމަކީ ސިޔާސީ ގޮތުން ބަދަލު ހިފުން ކަމަށް ވެސް ޒޭން ވިދާޅުވިއެވެ.

މިއަދު ކޮންމެ ގޮތެއްވެސް ހެދިދާނެ ކަމަށާ އަދި މި ހަޔާތަށް ފަހު ދެން އަންނަ ދުވަހެއްގައި ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަން ވެސް އޭނާ ހަނދާން ކޮށްދެއްވިއެވެ.