ދުނިޔެ

ކަނޑަށް ވެއްޓުނު އެއާ އޭޝިއާ މަތިންދާބޯޓުގެ ކަޅުފޮށި ހޯދައިފި

Jan 11, 2015

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ކަނޑަށް ވެއްޓުނު އެއާއޭޝިއާގެ މަތިންދާބޯޓުގެ ކަޅުފޮށި ހޯދައިފި އެވެ.

އިންޑޮނީޝިއާއިން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރަނިކޮށް އެ ބޯޓު ވެއްޓުނުއިރު އެ ބޯޓުން އެވަގުތު 162 މީހަކު ދަތުރުކުރަމުންދިޔަ އެވެ. މިހާތަނަށް އޭގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުތައް ވަނީ ފެނިފަ އެވެ.

އެ ބޯޓުގެ ކަޅުފޮށި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަޅުފޮށި އޮތް ހިސާބަށް ދެވުނު ނަމަވެސް އެ ފޮށި މިހާތަނަށް ނެގޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް މާދަމާ އެ ފޮށި ކަނޑު އަޑިން ނެގުމުގެ މަސައްކަތް ޑައިވަރުން ކުރާނެ ކަމަށް އެ ބޯޓު ހޯދުމުގައި މަސައްކަތް ކުރާ އޮފިޝަލުން ބުންޏެވެ.

އެ ބޯޓު ވެއްޓެން ދިމާވި އަސްލު ސަބަބު އެނގޭނީ ކަޅުފޮށި ހޯދައި، އޭގައިވާ މައުލޫމާތުތައް ދިރާސާ ކުރުމުންނެވެ. ޕައިލެޓުން ދައްކާ ހުރިހާ ވާހަކައަކާއި ބޯޓަށް ދިމާވި މައްސަލަތައް އޮޓަމެޓިކުން އޭގައި ރެކޯޑްވެފައި ހުންނާނެ އެވެ.

އެ ބޯޓު ކަނޑުން ހޯދައި، ހަލާކުވެފައިވާ އެ ބޯޓުގެ އެއް ބައި ކަނޑުން މިހާރު ނަގާފައިވާއިރު ބޮޑު ބައި އަދިވެސް ވީ ކަނޑު އަޑީގަ އެވެ. އޮފިޝަލުން ލަފާ ކުރާ ގޮތުގައި ބޯޓުން ދަތުރުކުރި ގިނަ މީހުންގެ ހަށިތައް ހުންނާނީ އެ ކަނޑު އަޑީގައި އޮތް ބައިގެ ތެރޭގައި ތާށިވެފަ އެވެ.