(26 ނޮވެމްބަރ 2020 އާ ގުޅޭ)
"ހީކުރިވަރަށްވުރެ މާބޮޑަށް ވެސް ލަސްވެއްޖެ، އެހެންވިޔަސް ޕްލީޒް... ޕްލީޒް ވެއިޓް ފޯ އަސް ކެން..." ހިތާ ހިތުން ޔާދިންއަށް ތަކުރާރުކޮށްލެވުނެވެ.
ސެހްރާނު ދުރަށް ޖެހުނީ އޭނާގެ ބުރަކަށީގައި އަސަދު ފިރުމާލުމުންނެވެ. އެތަނުގައި އެވަގުތު ލައިރާއާއި ޒުބިން ފިޔަވައި އެންމެން ތިއްބެވެ. ހުރިހާ ލޯތަކެއްވަނީ ކަރުނުން ފުރިފައެވެ. ކޮންމެ މީހަކު ވަކިވަކިން ލައިތުގެ ގައިގާ ބައްދާލާއިރު އެ އެންމެންނަށް އޭނާއަކީ ކިހާ މުހިންމު މީހެއްކަން ފެނިގެންދިޔައެވެ. ނަމަވެސް ލައިތުގެ ދެ ލޮލުން ފާޅުވަނީ ބޭގަރާރުކަމާއި ރިހުމުގެ އަސަރެވެ. އެންމެންގެ ތެރޭގައި ލައިތު ވިއެއް ކަމަކު ޚިޔާލުތައްވަނީ އެމީހުންނާ ދުރުގައެވެ. އެމީހުންގެ ވާހަކަތަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވީ އެހެންވެއެވެ. ދެ ލޯ މަރާލީ ހިމޭންކަމުގެ ތެރެއަށް ގެނބިގެންދާން ބޭނުންވެގެންނެވެ. އެ ހިމޭންކަމުގެ ތެރެއިން އަމިއްލަ ނަފްސާ ބައްދަލުވާން އެދިއެވެ. ލޯ ހުޅުވާނުލެވި ހަރަކާތެއް ނުގެނެވިފައި އޮތްއިރު ވެސް އޭނާއަށް އިވިއިވި ހުރީ އެންމެ އަޑެކެވެ. އެ އަޑުގެ ވެރިޔާއަށް ޓަކައި އޭނާ އައީ އެހެންމީހުންނަށް ނުފެންނަ ހަނގުރާމައެއް ކުރަމުންނެވެ.
ލައިތު ލޯ މަރާލިތަން ފެނި ގާތަށް ފަރުޒީނު ޖެހިލިއެވެ. ލައިތުގެ ނިތްކުރިން ފެށިގެން ބޮލުގައި ފިރުމާލަމުން ކިހިނެއްތޯވީ އޭނާ ސުވާލު ކުރިއެވެ. މަޑުމަޑުން ދެފަރާތަށް ލައިތު ބޯހޫރާލިއިރު ވެސް އެ ދެ ލޮލުގައި ހުރި ރަތްކަން ފަރުޒީނަށް ފާހަގަވިއެވެ. ޚާއްޞަކޮށް ވައަތު ލޮލަށް ލޭ އަރާފައި ހުރިއިރު އަދިވެސް އެއްކޮށް އެ ލޮލުން ރަތްކަން ކެނޑިގެން ނުދެއެވެ. ކަނާތު ލޮލަށްވުރެ އަދިވެސް ވައަތު ލޯ ފެންނަނީ ރަތްކޮށެވެ.
ލޯ ހުޅުވާލައި އަރިއަކަށް ބޯ އަނބުރާލައި ލައިތު ބަލާލިއެވެ. އެންމެންގެ ތެރެއިން ދުރުގައި މަޑުކޮށްލައިގެން ހުރި ޔާދިންއަށެވެ. ބަސްމަދުވެފައި އޭނާ ހުއްޓެއްކަމަކު ލައިތަށް އެންމެބޮޑު ހިތްވަރެއް ދިން މީހަކީ އެއީއެވެ. ޔާދިން ފުށުން އެފަދަ ސިފައެއް ފެނިދާނޭކަމަށް ލައިތު އުންމީދެއް ނުކުރެއެވެ. ދެ ޒުވާނުންގެ ނަޒަރު ސީދާވެފައި ހުރިއިރު ޔާދިން ދެއްކި ކޮންމެ ވާހަކައެއް ލައިތުގެ ހަނދާނުގައި ނުފިލާ އެބަހުއްޓެވެ. އެންމެންގެ ތެރެއިން ލައިތު ދުށުމަށް ދެން އެންމެ އެދުނު މޫނަކީ ލައިރާއެވެ. އޭނާ ލައިރާއާ ބައްދަލުކުރަން ބޭނުމެވެ.
ހޭއެރި ފުރަތަމަ ދުވަސް ފާއިތުވެގެން ދިޔައިރު ލައިތު ދައްކަން ބޭނުންވި އެއްވެސް ވާހަކައެއް ދައްކާނޭ ފުރުޞަތެއް ނުލިބުނެވެ. ހަމައެއާއެކު ލައިތުގެ ހަށިގަނޑުގައި ތެދުވެ އުޅޭނޭ ވަރު ވެސް ނެތީއެވެ. ހަރަކާތްތެރިވުމަށް ހުރަސްތައް ކުރިމަތިވިއެވެ. އެގޮތުގައި ދެތިން ދުވަސް ފާއިތުވެއްޖެއެވެ. ހައިރާންކަން ލިބިފައިވީ އެންމެން ފެންނައިރު ވެސް ލައިރާ ނާންނާތީއެވެ. ހިނގަން އުނދަގޫވިޔަސް ތެދުވެ އިންނާނޭހާ ވަރު ޖެހިލުމުން ލައިތުގެ ގާތުގައި މަޑުކޮށް ދިނުމަށް އެދުނީ ސެހްރާނާއި ޔާދިންގެ ގާތުންނެވެ.
"ސެހެރް..." ލައިތު ގޮވާލި ގޮތުން އޭނާ ދައްކަން އެ އުޅެނީ ކޮންވާހަކައެއްކަން ސެހްރާނާއި ޔާދިންއަށް ވެސް އެނގުނެވެ.
"ޝީ އިޒް ނޮޓް ހިއާ، ހޮސްޕިޓަލުން ދޫކޮށްލަންދެން އިހަށް މަޑުކޮށްލަމާ... އޭރުން ހުރިހާކަމެއް..."
"ދޮންކައިރީ ބުނޭ އަންނަން" ސެހްރާނުގެ ވާހަކަ ހުއްޓުވާފައި ލައިތު ބުންޏެވެ. ސެހްރާނާއި ޔާދިންއަށް އެކަކުއަނެކަކަށް ބަލާލެވުނީ ހާސްކަމާއެކުއެވެ. ނަމަވެސް ލައިތު އެދުނު ކަންތައް ކުރުމަށް ސެހްރާނު އަވަސްވިއެވެ. ލައިރާއަށް ގުޅުމުން ފޯނެއް ނުނަގައެވެ. އެހެންވެ ސެހެރާން ގަސްދުކުރީ ގެއަށް ދާށެވެ. ގެއިން ލައިރާއާ ބައްދަލުވާނޭކަން އެނގޭތީއެވެ. ސެހްރާނު އެ ކޮޓަރިން ނުކުތީ ހަލުވިކޮށެވެ. އެއާއެކު ޔާދިންއާއި ލައިތު އެކަނިވީއެވެ. ދެމެދަށް ހިމޭންކަމެއް ވެރިވެފައި އޮތެވެ. ފުރަތަމަ ވާހަކަދެއްކީ ޔާދިންއެވެ.
"ކެންނެތްކަން އެނގޭ ދޯ." ޔާދިން އަހާލިއެވެ. އެއާއެކު ލައިތު ލަސްގޮތަކަށް ބޯޖަހާލިއެވެ.
"އޭނާއާއެކު ރާއްޖޭންބޭރުގަވީ." މޮޅިވެފައިވާ އަޑަކުން ލައިތު ބުނެލިއެވެ. އެ ދެ ލޯ ފުރިގެން އައީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ލޯމަތީ ކަނާއަތްތިލަ އަޅާލި ހިނދު ލައިތަށް ރޮވިއްޖެއެވެ.
"އަވަހަށް ރިކަވާވާން މަސައްކަތްކުރޭ... ޝީ އިޒް ވެއިޓިން ފޯ ޔޫ، އަހަރެން ކައިރިއަށް އައިސް ބުނި ލޯބިވަންޏާ ލައިތަށް ޖެހޭނީ ތެދުވާށޭ، އަދި ކެން ހޯދަން އަންނާނޭ." ލައިތާ ކައިރިއަށް ޖެހިލައި އޭނާގެ ކޮނޑުގައި އެއްއަތް ބާއްވާލުމާއެކު ޔާދިން ބުންޏެވެ.
"ކެން ހުއްޓުވަން ބޭނުންވި، އޭނާ ހުރިހާ ވާހަކައެއް އަހަރެންނަށް ކިޔައިދިން... ތެދުވަން އުޅެއުޅެ ނުއެއް ތެދުވެވުނު، ކެން އަހަންނަށް ބިޓްރޭއެއް ނުކުރޭ، ނުވެސް ކުރާނެ... ޤަބޫލެއްވެސް ނުކުރާނަން." ލައިތު ބުންޏެވެ.
"އާން، ކެންއަށް މަޖުބޫރިކުރި މީހަކީ އެއީ... އެނގޭތަ އޭނާ ކުރީ ކީއްކަން؟" ބުނަން ބޭނުންނުވެފައި ހުރި ވެސް ޔާދިން އަހާލިއެވެ. ލައިތު އާނއެކޭ ބުނުމަށް ބޯޖަހާލިއެވެ.
"ހުރިހާކަމެއް ކެން ދިއުމުގެ ކުރިން ކިޔާދިން... އައި ވޯޒް އެންގްރީ އެންޑް ހާޓް، އުމުރަށް ޖަލުގައި އޮންނަންވިޔަސް ކެންއަށް އެހެން ހެދީމަ އޭނާ މަރާލަން ބޭނުންވި، އެހާވެސް ރުޅިއައީ... ޔާދު، އަހަރެން ބޭނުންވިޔަސް ކެންއަށް ރައްކާތެރިކަމެއް ނުދެވުނު، ކެންގެ އެއްވެސް ކުށެއްނެތް، އެހެންވިޔަސް ޔާދުއަށް އެނގޭތަ، ޝީ ވޯޒް ބެގިން މީ ޓު ފޮގިވް ހާ، އަހަރެންގެ އެނދުކައިރީ އިނދެ އޭނާ މަޢާފަށްއެދުނު، ޝީ ފީލްސް ގިލްޓީ ފޯ އެވްރިތިންގް، މި ދެއަތުގެ ތެރެއަށްލާ ހުއްޓާލަން ބުނަން ބޭނުންވި، އެކަމަކު އިގިއްޔެއް ކީއްކުރަން، އަހަރެންނަށް އެސްފިޔަ ވެސް ތަޅުވާނުލެވުނު... އައި ވޯޒް ސޯ ޑެސްޕަރޭޓް އެންޑް ހެލްޕްލެސް... އައި ކުޑުންޓް ސްޓޮޕް ކްރައިން... ތަދާއި ވޭނުގެ ކަނޑަކަށް ގެނބިގެނބި ހުރިކަހަލަ، ލޯ ހުޅުވުނުއިރު ދެމަހަށްވުރެ ގިނަ ދުވަސް ހަޔާތުން ގެއްލިގެން ހިނގައްޖެ، އެ ދުވަސްތައް ކެން ހޭދަކުރީ ކިހިނެއްބާއޭ ހިތަށް އަރުވަން ވެސް އަހަރެން ބިރުގަނޭ." ލައިތު ލޯ ކައިރި އަތުން ފުހުނެވެ. އޭނާގެ ހިތްހަމަޖައްސައި ދިނުމަށްވުރެ ޔާދިން ޚިޔާރުކުރީ ހިމޭންކަމެވެ.
"ދޮން ނާންނަން ހުރީ ކީއްވެ؟ ކެން ބުނި ދޮންއާ ސިޓީއެއް ހަވާލުކުރިކަން، ޒުބިންއާ ހަވާލުކުރަން ޔާދުއަތަށް އަނެއްސިޓީ ދިންކަން." ވަގުތުކޮޅަކަށް ވާހަކައެއް ނުދައްކާ އިނދެފައި ކުއްލިއަކަށް ހަނދާންވެގެން ލައިތު ބުނެލިއެވެ.
"ދޮން އައީމަ ސުވާލުކުރޭ، ކިޔާދޭނެ... ސެހެރްއާއި އަހަރެންގެ އިތުރުން ޒުބިންއަށް ހުރިހާކަމެއް އެނގުނީ ދޮން ކިޔާދިނީމަ." ޔާދިން ބުންޏެވެ.
"ޒުބިންއާއި ދޮން..." ސުވާލެއް ފަދައިން ލައިތު ބުނެލިއެވެ.
"އެމީހުން އަލުން ކައިވެނި ކުރަން އުޅެނީ، އަހަރެން ހިޔެއްނުކުރަން ޒުބިންއަކީ ކެންގެ އެކްސްއެއް ކަމެއް، ޒުބިން ވެސް ސަޕްރައިޒްވި ކެން ގުޅިގެން އުޅެނީ ލައިތުއާކަން އެނގުމުން... ސްމޯލް ވޯލްޑް." ޔާދިން ބުނެލިއެވެ.
"ޔާދު..." ލައިތު ގޮވާލުމުން ޔާދިން ހޫން ލައްވާލިއެވެ.
"އަހަރެން ނުތެދުވިނަމަ ކެންޒާއާ ކައިވެނި ކުރާނަންތަ؟" ފަރުވާތެރިކަމާއެކު ޔާދިންއަށް ބަލަން އިނދެ ލައިތު އަހާލިއެވެ. ޔާދިން އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނެވެ. ދެން ލައިތާ ނަޒަރު ސީދާކޮށްލަމުން ހީނލީއެވެ.
"އުފަލާއެކު ކުރާނަން" ހެވިފައި އިނދެ ޔާދިން ބުނެލިއެވެ.
"ޝީ އިޒް މައިން." ލައިތު މަޑުމަޑުން ބުނެލިއެވެ. އޭނާއަށް ބަލަން އިން ޔާދިން އިހުނަށްވުރެ ބާރަށް ހީނގަތެވެ.
ސެހެރާނާއިއެކު ލައިރާއާއި ޒުބިން އައިސް ހޮސްޕިޓަލަށް ވަނެވެ. ލައިތުގެ ކޮޓަރިއަށް ވަނުމުގެ ކުރީން ލައިރާ ގަސްޖެހޭގޮތްވިއެވެ. ފުންކޮށް ނޭވާލައި ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. ލައިތުއާ ކުރިމަތިލާން ޖެހޭނެކަން ލައިރާއަށް ވެސް އެނގެއެވެ. އޭނާއަށް ކަރުނަ ނުހިފެއްޓޭނެކަން ޔަގީންވަނީއެވެ. ހަޤީޤަތް އެނގުމުން ލައިތުގެ ހިތް ކުދިކުދިވާނޭކަން ވެސް ލައިރާއަށް އެނގޭތީއެވެ. ލައިރާގެ އަތުގައި ޒުބިން ހިފާލުމުން ބޯޖަހާލިއެވެ. ސެހެރާނު ދޮރު ހުޅުވާލައި ވަނުމުން ފަހަތުން ލައިރާއާއި ޒުބިން ވަނެވެ.
"ލަ..އި..ތު..." އަޅައިގަތުމަކާއެކު ލައިރާ ގޮވާލިއެވެ.
"ކެން ދިނެއްނު އެއްޗެއް." ބޭކާރު ވާހަކައިގަ ވަގުތު ނަގާލަން ލައިތު ބޭނުމެއްނުވިއެވެ.
"އިހަށް ގެއަށް ބަދަލުވަންދެން މަޑުކުރަންވީނު، ހަމަޖެހިގެން ހުރިހާ ކަމަކާ މަޝްވަރާކުރާނީ." ޖެހިލުންވެ ހުރެ ލައިރާ ޚިޔާލު ފާޅުކުރިއެވެ.
"ދޮން... ޕްލީޒް..." ލައިތު އަދޭހާއެކު ބުނެލިއެވެ. އެހިނދު ލައިރާގެ ކޮނޑުގައި ޒުބިން އަތްޖައްސާލިއެވެ. އެ ދެ ލޮލުން ލައިރާގެ ގާތުގައި ކެންޒާ ދިން ސިޓީއުރަ ދޭށޭ ބުނާކަން ޔަގީނެވެ. ނަމަވެސް ތުންފިއްތާލެވުމާއެކު ލައިރާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ދެން ނިކަން އަވަހަށް އިސްޖަހާލައިފިއެވެ.
"ކީއްވެތަ މިހެންވާންވީ..." ރޮވިފައިވާ އަޑަކުން ލައިރާ ބުނެލިއެވެ.
"ލައިތު... އަހަރެންނަށް ކެން ސިޓީއެއް ދިން، އަން! މިއޮތީ..." ޒުބިންގެ ފަޓުލޫނު ޖީބުން ނެގި ފަތްޖަހާލާފައި އޮތް ސިޓީއުރަ ލައިތަށް ދިއްކޮށްލިއެވެ. ދެން ފަހަތަށް ޖެހިލާފައި ލައިރާގެ ގައިގާ ހިފަހައްޓާލިއެވެ.
ޒުބިންއަށް ކެންޒާ ދިން ސިޓީ ލައިތު ކިޔާލިއެވެ. ލައިރާހާ ލޯބިވާނޭ ބައިވެރިއަކު ޒުބިންއަށް ނުލިބޭނެކަން ކެންޒާ ބުނެފައި އޮތެވެ. ލައިރާ ވިހޭ ދަރިފުޅަށް ބައްޕަގެ ނަން ދިންއިރު އެކުއްޖާގެ ސިފައާ މެދު ޒުބިން ނުވިސްނަންތޯ އަހާފައި އޮތެވެ. އެއްފަހަރު ވެސް އެކުއްޖަކީ ޒުބިންގެ ދަރިއަކަށް ވެދާނޭ ހީކުރެވުނުތޯއެވެ. ޒުބިން ލޯބިނުވާކަން އެނގިހުރެ ވެސް ކައިވެނި ދަމަހައްޓަން ލައިރާ މަސައްކަތްކުރިކަން ޒުބިންއަށް ހަނދާންކޮށްދީފައި އޮތެވެ. ހަމައެއާއެކު ދަރިއަކު ހުރިއިރު އެކުއްޖާގެ ބައްޕަ ހޯދަން ލައިރާ މަސައްކަތް ނުކުރާއިރު ޒުބިންއަށް ހަމައެކައްޗެއް ވެސް ނުވިސްނުނީތޯ އަހާފައި އޮތެވެ. ހަޤީޤަތް ކިޔައިދޭން ލައިރާގެ ގާތުން އެދެން ކެންޒާ ބާރުއަޅާފައި އޮތެވެ. ވަގުތު ފާއިތުނުވަނީސް ލޯބި ދަރިފުޅާއި އެ ދަރިފުޅުގެ މަންމަ ހަޔަތަށް އަނބުރާ ގެނައުމަށް ކެންޒާ އެދިފައި އޮތެވެ. އަދި ލައިރާގެ ވާހަކަތައް ކެތްތެރިކަމާއެކު އަޑުއެހުމަށް ވެސް އޮތެވެ. ހަމައެއާއެކު އިލިޔާނާއަށް ފާރަލާ ބަޔަކު އެބަތިބިކަން ލިޔެފައި އޮތެވެ. މީހެއްގެ އަތްދަށުނުވަނީސް ދަރިފުޅާއި ލައިރާ ރައްކާތެރިކުރަން ކެންޒާ ބުނެފައި އޮތެވެ.
"އިލީ..." ލައިތުގެ ނަޒަރު ޒުބިންއަށް ހުއްޓުނެވެ.
"އިލީ އޯކޭ..." ޒުބިން ނިކަން އަވަހަށް ބުނެލިއެވެ.
ލައިރާ ޒުބިންއާއި އެ ކޮޓަރީގައި ދެންތިބި ދެ ޒުވާނުންނަށް ބަލާލިއެވެ. ލައިތާ ވާހަކަދައްކަންދެން ބޭރުގައި މަޑުކޮށްލުމަށް ލައިރާ އެދުނެވެ. އެއާއެކު ސެހެރާނާއި ޔާދިންގެ ފަހަތުން ޒުބިން ވެސް އެ ކޮޓަރިން ނުކުތެވެ. ލައިތަށް ބަލަން ހުރެފައި މަޑުމަޑުން އައިސް އޭނާގެ މަގަތުން ލައިރާ އެނދުގައި އިށީނެވެ. އަތްދަބަސްތެރެއިން ނެގި ސިޓީއުރަ ލައިތަށް ދިއްކޮށްލިއެވެ.
"ސޮރީ... ދޮން ސިޓީ ކެނޑީ... ޒުބިން އައިސް އޭނާއަށް ކެން ހަވާލުކުރި ސިޓީގެ ޚަބަރު އެނގުމުން، ލައިތުއާ ހަވާލުކުރަން ދިން މި އަމާނާތަށް ރައްކާތެރި ނުވެވުނީ، ކެން އަހަރެމެން އެކަކު ކައިރީ ވެސް ނުބުނޭ... އަޅެ ބުނިނަމައެއްނު..."
"ކެން ބުނި... އައި ނޯ... ޝީ ވޯޒް ރޭޕްޑް..." ސިޓީއުރައަށް ބަލަހައްޓައިގެން އިނދެ ލައިތު ބުނެލިއެވެ. ލައިރާއަށް ލިބުނީ ސިހުމެކެވެ. ކޮންއިރަކުތޯ ކެންޒާ ބުނީ ލައިރާއަށް އަހާލެވުނެވެ. ކެންޒާ ހޮސްޕިޓަލަށް އައިސްފައި ދިޔައީ ހުރިހާ ވާހަކައެއް ކިޔައިދީފަކަމުގައި ލައިތު ބުނެލިއެވެ. އެ އަޑު އިވިއިވި ހުރިއިރު ކެންޒާއަށް ޓަކައި އެއްކަމެއް ނުކޮށްދެވުނުކަން ލައިތު ބުންޏެވެ.
"އެވިޑެންސް އެބަހުރި... އެކަމަކު އިހަށް ތީގަ ލިޔެފަ އޮތް އެއްޗެއް ލައިތު ކިޔާ." ލައިރާ ބުންޏެވެ.
އެ ސިޓީ ލިޔެފައި އޮތީ ވަރަށް އަވަސް އަރުވާލާފައެވެ. ކެންޒާއަށް ވަގުތު ނެތްކަމާއި މިފްރާހު ފާރައަށް ހުރުމުން ކުރެވޭނެ މާބޮޑުކަމެއް ނެތްކަން ކެންޒާ ބުނެފައި އޮތެވެ. މިފްރާހުގެ ބޭބެ މުބީންގެ ވާހަކަތަކާއި އެ ގޭގެ އެޑްރެސް ކެންޒާ ލިޔެފައި އޮތެވެ. އަދި ހުރިހާކަމެއް މިފްރާހަށް މަގުފަހިކޮށްދިން މީހަކީ މުބީންކަން ކެންޒާ ބުންޏެވެ. މިފްރާހުއާ ބައްދަލުވި ގޮތުގެ އެއްވެސް ތަފްސީލެއް ނެތަސް އޭނާ ކެންޒާގެ ފުށުން ބޭނުންވަނީ ކޮންކަމެއްކަން އޮތެވެ. ކެންޒާ ގެންގޮސް، މަސްތުކުރުވުމަށްފަހު ޖިންސީ އެދުން ފުއްދައި، ވީޑިއޯކޮށް ބިރުދެއްކިކަމާއި، ހުރިހާ އެއްޗެއް ކެންޒާގެ ލެޕްޓޮޕްގައި ހުންނާނޭކަން ސިޓީގައި އޮތެވެ. އަދި ހުރިހާ އެއްޗެއް އަޅާފައި ހުރި ފޯލްޑަރު ލޮކްކުރެވިފައިވާއިރު، ހުޅުވަން ވުމުން ކެންޒާއާ ދިމާއަށް ޢާއްމުކޮށް ކިޔާ ނަމުން ހުޅުވޭނެކަން އޮތެވެ. އެހެންވީމަ ޕެންޓްހައުސްއަށް ގޮސް ކެންޒާގެ ކޮޓަރިން ލެޕްޓޮޕް ނެގުމަށް ބުނެފައި އޮތެވެ. އެތަކެއްޗަށް ލައިތު ބޭނުން ގޮތެއް ހެދުމަށް ކެންޒާ ބުންޏެވެ. ލައިތުދެކެ ވަރަށް ލޯބިވާކަން ކެންޒާ ލިޔެފައި އޮތެވެ. އެކުގައި އުޅެން އަދިވެސް ލައިތު ބޭނުންވާނަމަ އޭނާ ލައިތަށް އިންތިޒާރުކުރާނެކަމާއި، އެކަމަކު މާ ލަސްނުކުރަން ކެންޒާ އެދިފައި އޮތެވެ.
"ކީއްވެ އެއްޗެކޭ ނުބުނީ." ލައިތު ސިޓީ ކިޔާފައި އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ލައިރާ އަހާލިއެވެ.
"ލެޕްޓޮޕްކޮބާ؟" ލައިތު ސުވާލުކުރިއެވެ.
"ކެންގެ ކޮޓަރީގަ... އަހަރެމެންނަށް އެ ފޯލްޑާއެއް ނުހުޅުވުނު." ލައިރާ ތެދު ހާމަކުރިއެވެ.
"މާމައާއި ބައްޕަމެންނަށް އެނގޭތަ؟" ލައިތު އަހާލިއެވެ.
"އަދި ނުބުނަން... ނުކެރުނީ ބުނަން، ކެން ކީއްވެތަ އަހަރެން ގާތު ނުބުނީ، ހުރިހާ އުންމީދެއް ގެއްލިފައި ހުރިހެން ކެން ހުރީ އެދުވަހު، އެކަކުވެސް އޭނާގެ ނެތް..." ލައިރާއަށް މޫނުގައި ދެއަތް އަޅާލެވުނެވެ.
* * * * *
ހަފްތާއެއް ފަހުން ލައިތު ހޮސްޕިޓަލުން ދޫކޮށްލިއެވެ. ޢާއިލާއިން ހިފާފައި ހުރި އެޕާޓްމެންޓަށް އައިސް ލައިތަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެލުމާއެކު ލައިތުގެ ޚިޔާލުތައް ކެންޒާއާ ގުޅި ލާމެހިއްޖެއެވެ. ރައިޒަންގެ ނަމުން ކެންޒާ ގޮވިކަން ލައިތުގެ ހަނދާނުގައި އެބަހުއްޓެވެ. އެކަމަކު ކެންޒާއަށް އެއީ ރައިޒަންކަން އެނގުނު ގޮތަކާމެދު ލައިތު ސުވާލު އުފެދުނެވެ. ކަމެއް ހަނދާންވީ ފަދައަކުން ލައިތު އެނދުން ތެދުވިއެވެ. ކޮޓަރިން ނުކުމެގެން ސިޓިންރޫމަށް އާދެވުނުއިރު އެތަނުގައި ޖީނާނާއެކު ސެހެރާނު އިނެވެ. ސެހެރާނަށް ގޮވާފައި ލައިތު އެދުނީ ކެންޒާގެ ލެޕްޓޮޕް ލިބޭނޭ ގޮތެއް ހަމަޖެއްސުމަށެވެ.
"މިކޮޅަށް އަންނަމުން އަހަރެން އައީ އެ ލެޕްޓޮޕް ހިފައިގެން." ސެހެރާނު ބުނެލިއެވެ.
"ކޮޓަރިއަށް ގެނެސްދީ." ލައިތު ބުންޏެވެ. އަދި އެނބުރި އައިސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
(ނުނިމޭ)