ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެކައުންޓިން ވަޒީފާތަކަށް ދިވެހިން ހޮވުމަށް ރައީސް އެދިވަޑައިގެންފި

އެކައުންޓިން ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މިއަދު ކުރެއްވި މަޝްވަރާގައެވެ. ރައީސް ވަނީ އެކައުންޓިން ދާއިރާގެ ގާނޫނެއް ވުޖޫދު ކުރެވިފައި އޮތުމަކީ އެ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށް ފާހަގަ ކުރައްވާފައެވެ. ސާރުކާރުން ފޯރުކޮށްދޭ މަތީ ތައުލީމުގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިން ދާއިރާއިން ތައުލީމުގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ދެން އެމަނިކުފާނު އެދިވަޑައިގެންނެވީއެކައުންޓިން ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަން ދެއްވުމަށެވެ.

މި ބައްދަލުކުރެއްވުމުގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެ އިންސްޓިޓިއުޓް އުފެދުމަށްފަހު ރާއްޖޭގެ އެކައުންޓިން ދާއިރާގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި އެ މަސައްކަތުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ގާނޫނާއެކު މި ދާއިރާގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސޭހައާއި ކުރިއެރުން ލިބިފައިވާ ކަން އެ ބޭފުޅުން ވިދާޅުވިއެވެ.