ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ލ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް ލ އަތޮޅަށް ވަޑައިގަންނަވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ހަވީރު ރައީސް ލ އަށް ވަޑައިގަންނަވަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފައްޓަވައި ދެއްވުމަށާއި ގަމު ތިން އަވަށުގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމާއި ގަމު ޒޯން ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއީ ކޮވިޑް-19 އިގެ ތެރޭގައި މީހުން ދިރިއުޅޭ ރަށަކަށް ރައީސް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ ހޯރަފުއްޓަށެވެ. އެއީ އެ ރަށު އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އޭގެ ފަހުން ޅ. މާފިލާފުށްޓާއި ފެލިވަރަށްވެސް ވަޑައިގެންފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން ރަސްމީކޮށް މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ގަމުގައި އޮންނަ ރަސްމިއްޔާތަށް ތައްޔާރުވުމުގެ މަސައްކަތް ގަމު ކައުންސިލް އިދާރާއިން ވަނީ ފަށާފައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ދަރިވަރުން ނެރެދިނުމަށް އެދި ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ ސުކޫލުގެ ޕްރިންސިޕަލަށް، ގަމު ކައުންސިލްގެ ރައީސް ފޮނުވާފައިވާ ސިޓީއެއް ވަނީ ސޯޝަލް މީޑިއާފައި އާންމުވެފައެވެ. އެ ކަމާއި ގުޅިގެން އިދިކޮޅުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވި ދުވަސްވަރު ރައީސް ޔާމީންގެ ސަރުކާރުން ބޭއްވި ޖަލްސާތަކަށް މަޖުބޫރު ކޮށްގެން ސުކޫލް ކުދިން ނެރުވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ނާއިބް ރައީސްވެސް ވަނީ ލާމަށް ވަޑައިގެންފައެވެ.