ސަރުކާރުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ އަންހެން ބޭފުޅުންގެ އަދަދު މިހާރަށްވުރެ އިތުރުކުރުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި މިހާރު ކުރިއަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލްޑިސްކަޝަން އެކެވެ.
މިޕެނަލްގެ ރިޔާސަތު ބަލަހައްޓަވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ، އިގްތިސޯދީ އަދި އިޖުތިމާއީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ، އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ. ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން ގާއިމުކޮށް، ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނެއް ވެސް އެކުލަވާލައި މިހާރު ފާސްކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ މައިދާނުގައި ވަކިން ހާއްސަކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ސަރުކާރުން ވަނީ ކޮށްފަ އެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގައި އަންހެނުންގެ މިހާރުގެ ނިސްބަތަކީ 33 އިންސައްތަ ކަން ފާހަގަކުރެއްވި އެވެ. އަމާޒަކީ އަދި އުންމީދަކީވެސް ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އިތުރުވުން ކަމުގައި ވިދާޅުވި އެވެ. ސަފީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަ ކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބީ މަގާމުތަކުގެ ތެރެއިން ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަކުުރުމުން މިހާރު ކައުންސިލްތަކުގެ 39.8 އިންސައްތަ އަކީ އަންހެން ކައުންސިލަރުން ކަމަށެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި ފުރަތަމަ ސެޝަންގައި ރައީސް ސޯލިހާ އެކު ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިސެޝަންގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޖެންޑާ މިނިސްޓަރު ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މައުލޫމާތު ހިއްސާ ކުރައްވައި ޕްރެޒެންޓޭޝަނެއް ދެއްވާފަ އެވެ.
މީގެ އިތުރުން ވިއަވަތި ރާއްޖެ ކޮންފަރެންސް، ފެށުމުގެ ކުރިން ބޭއްވި "ފަނޯއްލަ" ދަރުބާރުގައި ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާ ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ވެސް ޕެނަލް ޑިސްކަޝަންގެ ތެރެއިން ވަނީ ފުރުސަތު ދީފަ އެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިިން 107 ބޭފުޅުންނާއިއެކު ޖުމްލަ 270 ބޭފުޅުން ބައިވެރިވެ އެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު ކުރިއަށް ގެންދާ ދެވަނަ ސެޝަން އަމާޒުކޮށްފައި ވަނީ "ބިނާވެށި ޕްލޭން" އެކުލަވާލުމާ ގުޅޭގޮތުންނެވެ.