ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެޅުނު އެންމެ މުހިއްމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވުމަށް ދެއްވި ހާއްސަ ހިތޯބެއްގަ އެވެ.
ހިތޯބުގައި ރައީސް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާ ކަންވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުސަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް ގާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެންނަވާފައިވާނެ ކަމަށެވެ.
ރައީސްގެ ހިތޯބުގައި އެހެން ގައުމުތަކެކޭ އެއްފަދައިން ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމް ފަދަ މައްސަލަތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމުގައި ވިދާޅުވި އެވެ. މިފަދަ ކޮންމެ ކަމަކުން ރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ މުޅި ދައުލަތް ހިމެނޭހެން އަދި ފަރުދީ، ޖަމާއީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި ވިދާޅުވި އެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.
ކައުންސިލްތަކުގެ ދައުރު ފުޅާކުރުމަކީ ޑިމޮކްރަސީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއިރު ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް ސަރުކާރުން ގެންދަނީ ބޮޑެތި ބާރުތަކެއް ދެމުންނެވެ. މީގެއިތުރުން ދައުލަތުގެ ބަޖެޓުން ގްރާންޓް އެހީގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން މިހާރު ދޭ 1.5 ބިލިއަން ރުފިޔާ 1.7 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.