ވާހަކަ

ލޯބިން ބުނެލަން

(29 ނޮވެމްބަރ 2020 އާ ގުޅޭ)

"މިކޮޅަށް އަންނަމުން އަހަރެން އައީ އެ ލެޕްޓޮޕް ހިފައިގެން." ސެހެރާނު ބުނެލިއެވެ.

"ކޮޓަރިއަށް ގެނެސްދީ." ލައިތު ބުންޏެވެ. އަދި އެނބުރި އައިސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ލައިރާއާއި ޒުބިންއަށް ކެންޒާ ލިޔެފައި އޮތް ސިޓީ ކިޔުމަށްފަހު ލައިތު ހުރީ އިތުރަށް ހާސްވެ ކަންބޮޑުވެފައެވެ. ހޮސްޕިޓަލުން ގެއަށް އާދެވެންދެން އެންމެ ބޮޑު ފިކުރަކަށްވެފައި އޮތީ ކެންޒާގެ ލެޕްޓޮޕްގައި ހުރި ހެކިތަކެވެ. އެ ބަލަން ލައިތުގެ ނަފްސު ތައްޔާރުކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އަނިޔާވެރިއެއްގެ ޝިކާރައަކަށް ކެންޒާވީކަން އެނގުނު ހިނދުން ފެށިގެން މޭގައި އޮވެ އޭނާގެ ހިތް ރޯ ރުއިން ހުއްޓަމަކަށް ނާދެއެވެ. ހަށިގަނޑުގައި ބޭރަށް ފެންނަން ހުރި ޒަޚަމްތައް އޮބިފައިވީ ނަމަވެސް ލޯތަކަށް ނުފެންނާނޭހެން ލައިތުގެ މޭގައިވަނީ ރޯ ފާރު ހެދިފައެވެ. ހަރަކާތެއްނުކުރެވިފައި އޮތުމަށްފަހު އެނބުރި ހަޤީޤަތުގެ ތެރެއަށް ލޯ ހުޅުވާލެވުނު ހިނދުން ފެށިގެން އޭނާ އައީ ކަރުނަތައް ހިފަހައްޓަމުންނެވެ. ދުވަހަކުވެސް ތަޙައްމުލުކުރަން ޖެހިދާނޭ ހީނުކުރާފަދަ ވަރުގަދަ ވޭނަށް ކެތްކުރަން މަސައްކަތް ކުރަމުންނެވެ. ބަސްމަދުވެފައި ހުއްޓެއްކަމަކު ހިތާއި ސިކުނޑީގެ އަޑުމަޑެއްނުވެއެވެ. ނަފްސު ހިމޭންވެ ހަމަޖެހޭ ވަގުތެއް ނާދެއެވެ. އަނިޔާވެރިޔާގެ ވަސް ފުހެލަން ބޭނުންވެފައިވާއިރު ލައިތުގެ ޟަމީރު އެ އެދުމާ ދެކޮޅަށް ހުރީ ތެދުވެއެވެ. ފަހަރެއްގައި އެ ޟަމީރު އޭނާގެ ދެއަތް މިފްރާހުގެ މުޑުދާރު ލެއިން ފޯވާން ނޭދެނީއެވެ.

ނިތްކުރީގައި ޖައްސާލި އަތްތިލަ މަޑުމަޑުން ބޮލުގައި ލައިތު ހިންގާލިއެވެ. ކުރުކުރުކޮށް ހުރި އިސްތަށިގަނޑުގައި ލައިތު އަޅައިގަތީ ދެނެވެ. ވަރަށް ފަހުން އިސްތަށިގަނޑު ކޮށާފައި ހުރި ކަހަލައެވެ. ބޮލުގެ އެއްފަރާތުން ދިގަށް ހުރި ލަކުނުގައި ލައިތު ފިރުމާލިއެވެ. މަޑުމަޑުން އައިސް ކޮޓަރީގައި ހުރި ލޯގަނޑު ކުރިމަތީ ލައިތު ހުއްޓިލިއެވެ. އިހު ހުރި ރޫފައަށްވުރެ ލައިތު ފެންނަނީ ނިކަމެތިކޮށެވެ. މަޑުމަޑުން މޭގައި ކަނާއަތްތިލަ ޖައްސާލުމާއެކު ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެވަގުތު ދޮރުގައި ޓަކިދިނުމާއެކު ސެހެރް ގޮވާލި އަޑު އިވުނެވެ. ލައިތު އެނބުރިލިއިރު އޭނާ އެތެރެއަށް ވަދެއްޖެއެވެ.

"ޗާޖު ނެތިދާނެތީ ވާގަނޑު ވެސް ހިފައިގެން މިއައީ." ލައިތުގެ އެނދުމަތީ ލެޕްޓޮޕް ބަހައްޓާލަމުން ސެހެރާނު ވާހަކަދެއްކިއެވެ. ލައިތު ހަމައެކަނި ބޯޖަހާލީއެވެ. ކަރަންޓު ވާގަނޑު ލެޕްޓޮޕަށް ގުޅައިދިނުމަށްފަހު ސެހްރާނުގެ ނަޒަރު ލައިތާ އަމާޒުކޮށްލިއެވެ.

"ސެހެރް، މީ އަހަރެންގެ ކަމެއް" ލައިތު ބުންޏެވެ.

ސެހެރާނުގެ ބެލުން ލައިތު ދެނެގަތީއެވެ. ހަމައެއާއެކު ލައިތު އެ އެދެނީ އެކަނިވާންކަން ސެހެރާނަށް އެނގެއެވެ. އެހެންވިޔަސް ނުތަނަވަސްކަން ސެހެރާނުގެ ކިބައިން ފިލައިގެން ނުދެއެވެ. ކެންޒާގެ ސިޓީ އިން އެކަނި ވެސް އޭނާއާ މެދު ކަންތައްވީގޮތް ސެހެރާނަށް ލަފާކުރެވެއެވެ. ވީއިރު އެ މަންޒަރުތައް ލައިތަށް ބަލަން ކުޅަދާނަ ނުވާނޭކަން ސެހެރާނަށް ޔަގީންވަނީއެވެ. ނުކުތުމުގެ ކުރިން ސެހެރާނު އައިސް ލައިތުގެ ކުރިމަތީ ހުއްޓިލައި ދެކޮނޑުގައި ހިފާލިއެވެ.

"އިޓްސް ނޮޓް އީޒީ، ބަޓް ޔޫ ހޭވް ޓު ބީ ސްޓްރޯންގް... ޕްރޮމިސް މީ ލައިތް." ސެހެރާނުގެ ކަންބޮޑުވުން އެ އަޑުން ދޭހަވެއެވެ.

"ކެން ދިޔަ ވަގުތުން ފެށިގެން އަހަރެންގެ ދުނިޔެ ބަދަލުވެއްޖެ، ކެންގެ ގާތަށް ދިއުމުގެ ކުރީން އަހަރެންނަށް ހޯދެން ހުރިކަމެއް ހޯދާ، ކަންތައްވީގޮތް އޮޅުންފިލާފައި ހުންނަން ބޭނުން... ކުރިއަށް އަޅާ އެންމެ ފިޔަވަޅެއް ވެސް މިހިސާބުން ފަސޭހަނުވާނެކަން އަހަރެންނަށް ރަނގަޅަށް އެނގޭ، މިހާރު އަދި އަމުދުން އަހަންނަށް ކެން ދޫކޮށެއްނުލެވޭނެ." ލައިތު ދުލުން ބޭރުވި ކޮންމެ ލަފުޒެއްގެ ތެދުކަން އެ ދެ ލޮލުން ހާމަވޭވޭ ހުއްޓެވެ.

ލައިތުގެ ގައިގާ ބައްދާލުމާއެކު އޭނާގެ ބުރަކަށީގައި ސެހެރާނު ބައްދާލިއެވެ. އަދި ނިކަން އަވަހަށް އެ ކޮޓަރިން އޭނާ ހިނގައްޖެއެވެ. ހުރި ފިޔަވަޅު މަތީ ލައިތަށް މަޑުކޮށްލައިގެން ހުރެވުނީ އަދިވެސް ވިސްނާށެވެ. އެހެންވިޔަސް އޭނާއަށް އެނގެނީ ކިތަންމެ ވަރަކަށް ވިސްނިޔަސް ކޮޅެއްގައި ނުޖެހޭނެކަމެވެ. މަޑުމަޑުން އައިސް އެނދުގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. އިސްކުރީނު ދިއްލި ޑެސްކްޓޮޕްގައި ހުރި ފައިލްތައް ފެންނަން ހުއްޓެވެ. އިސްކުރީނުގެ މެދުގައި ލައިތުގެ ނަން ޖަހައި ރޮނގުބުރިއަކާއެކު ބަލާށޭ ބުނެފައި އިން ފޯލްޑަރު ފެނިއްޖެއެވެ. ދެއަތްދެއަތާ ހާކާލުމާއެކު ލައިތު ދިގު ނޭވާއެއްލިއެވެ. ހީވީ ހާސްކަމުގައި ނޭވާ ހިފަހައްޓާލީ ހެންނެވެ.

"ޕެންޑާ." މަޑުމަޑުން ލައިތު ކިޔާލުމާއެކު އެ ލަފުޒުގެ އަކުރުތައް ފޯލްޑަރު ހުޅުވުމަށް ޖެހިއެވެ. އެހެން ޖަހައިގެން ހުޅުވޭނެކަން ޔަގީން ނުވިޔަސް އެއީ ކެންޒާއަށް ލޯބިން އެންމެ ގިނައިން އޭނާ ގޮވާ އުޅުނު ނަމަށްވާތީ ހިތް ބުނީ އެ ފޯލްޑަރުގެ ޕާސްވޯޑަކީ އެއީކަމެވެ. ހިތް ބުނީ ރަނގަޅަށެވެ. ފޯލްޑަރުގެ ތެރެއިން ފެންނަން ހުރީ ދެ ވީޑިއޯއަކާއި ފޮޓޯތަކެކެވެ. އޭގެ ތެރޭގައި ދެމެދުގައި ދެކެވި ހުރި ވާހަކަތަކުގެ ސްކްރީންޝޮޓުތައް ވެސް ހުއްޓެވެ. އެއްވެސް އެއްޗެއް ހުޅުވާލަން ނުކެރިފައި އިންހެން ލައިތު އިނެވެ. ހިކިފައި ދެތުންފަތް ތެތްމާލައި ތިރީތުންފަތުގައި ދެއަތްއަޅާލަމުން ލައިތަށް ފަހަތަށް ޖެހިލެވުނެވެ. އޭނާއާ ތޮޅެމުންއައި ޚިޔާލުތަކުން މިންޖެއް ނުވެވުނެވެ. އެނދުން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ.

ޖޫސްތަށްޓެއް ތަބަކުގައި ބަހައްޓައިގެން އައި ފަރުޒީނު ހުއްޓުނީ ލައިތުގެ ކޮޓަރި ކުރިމަތީއެވެ. އެއްއަތަށް ތަބަށް ހެޔޮވަރުކޮށްލައި ދޮރުގައި ޓަކި ދިނުމާއެކު ލައިތަށް ގޮވާލިއެވެ. ދެން މަޑުމަޑުން ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ. ލައިތުގެ ރުއިމުގެ އަޑު ފަރުޒީނުގެ ކަންފަތުގައި ޖެހުނެވެ. ތަޅުންމަތީ އޮތް ރަގުމަތީ، އެނދުގެ އެއްފަރާތުގައި ޖެހިލައިގެން އިނީ ލައިތެވެ. ދެކަކޫމަތީ ދެއަތް އަތް އަޅުވާލައިގެން މޫނުފޮރުވައިގެން އިނދެ އޭނާ ގިސްލަނީއެވެ. ފަރުޒީނުގެ މެޔަށް ހީވީ ތޫނު ކަނޑެއް ހެރުނު ހެންނެވެ. އަވަސް ހަރަކާތަކާއެކު ކޮޓަރީގެ ހުރި ގޮނޑިމަތީ ތަބަށް ބަހައްޓާފައި އައިސް ލައިތުގެ ގާތަށް ގުދުވެލިއެވެ. ކޮޓަރިއަށް ނަޒަރު ހިންގާލަމުން ލައިތަށް ގޮވާލައި އޭނާގެ ބޮލުގައި ފަރުޒީނު ފިރުމާލިއެވެ. ލައިތު އަނގައިން ނުބުނުމުން އޭނާގެ ގާތުގައި ފަރުޒީނު އިށީނެވެ. ލައިތުގެ އަތުގައި ފިރުމަމުން އޭނާ ސުވާލުކުރިއެވެ. ދެން ވެސް ލައިތު ވާހަކައެއް ނުދެއްކިއެވެ. ހައްތަހާ އޭނާގެ ރުއިންވީ ގަދައެވެ. ލައިތު ހަމައަކަށް އެޅެންދެން ފަރުޒީނު ކެތްތެރިވިއެވެ. އޭނާގެ ގާތުގައި ބޮލުގައި ނޫނީ އަތުގައި ފިރުމާލަދީ ދީ އިނެވެ.

ފަރުޒީނު އެނބުރި ނައުމުން ސަރަފީނާ އައީ ވީގޮތެއް ބަލާށެވެ. ކުޑަކޮށް ހުޅުވިފައި ހުރި ލައިތުގެ ކޮޓަރީގެ ދޮރުން އޭނާ ބޯދިނެވެ. ލައިތުގެ ގާތުގައި އިން ފަރުޒީނު އޭނާއަށް ފެނުނެވެ. ކޮންމެވެސް ކަމެއް ލައިތަށް ވެއްޖެކަން ސަރަފީނާއަށް ނަގައިގަނެވުނެވެ. ހާސްވެފައި ފަރުޒީނަށް ބަލާލެވުނީ ސުވާލުކޮށްލާ ފަދައިންނެވެ. އެވަގުތު ފަރުޒީން ޝަހާދަތް އިނގިލި ގެނެސް ތުންފަތުގައި ޖައްސާލިއެވެ. ދެމެދުގައި ބަދަލުކުރެވުނު އިޝާރާތް ސަރަފީނާއަށް ފަހުމްވިއެވެ. ބޯޖަހާލާފައި އޭނާ ކޮޓަރީގެ ދޮރު ކައިރިކޮށްލީއެވެ. ހިތަށް އުނދަގޫވެފައި ހުރިހެން އޭނާ ދޮރުމަތީ މަޑުކޮށްލާފައި ހިނގައިގަތެވެ.

އެތައް އިރަކު ރުއިމަށްފަހު ބޯހިއްލާލާފައި ލައިތު ދެ ލޯ ފުހެލިއެވެ. ފަރުޒީނު ގޮވާލީ ލޯތްބާއި އޯގާތެރިކަމާއެކުއެވެ. އެހިނދު ވަރުބަލިވެފައިވާ މީހަކު ފަދައިން ފަރުޒީނުގެ ކޮނޑުގައި ލައިތު ބޯއަޅާލިއެވެ. މީ ދުވަހަކުވެސް ލައިތުގެ ފުށުން ފަރުޒީނު ދުށް ކަންތައްތަކެއްނޫނެވެ. އަދި ފެނިދާނޭކަމަށް އުންމީދުކުރި ވެސް މަންޒަރެއް ނޫނެވެ.

"މި މަންމަ ސެހެރްއާއި ލައިތު ގެންގުޅުނީ ވަރަށް ލޯބިން، ދެބެން ފަދައިން... އެއްވެސް ކުއްޖަކަށް ތަފާތެއްނުކުރަން، ލައިތު ނޫޅޭގޮތަކަށް އުޅޭތަން ފެނުމުން ވަރަށް ކަންބޮޑުވޭ..." ލައިތުގެ ކަކުލުގައި އެއްއަތުން މަޑުމަޑުން ފަރުޒީނު ޖަހާލިއެވެ.

"ހީ... ރޭޕްޑް ހާ..." ލައިތުގެ ލޮލުން ފޭބިކަރުނައިގެ ތެތްކަން ފަރުޒީނުގެ ކޮނޑަށް އިޙްސާސް ކުރެވުނެވެ.

"ކާކު؟" އިވުނު ވަރަށްވުރެ އަވަހަށް ފަރުޒީނަށް އަހާލެވުނެވެ. ސިހިފައި ލައިތާ ދުރަށް ޖެހިލެވުނު ފަރުޒީނަށް އެ ސުވާލުގެ ޖަވާބު އެނގޭ ކަހަލައެވެ. ލައިތުގެ ހަޔާތުން ޖާގަ ދެވުނު ހަމައެކަނި އަންހެންކުއްޖަކީ ކެންޒާކަން އެންމެންނަށް އެނގޭއިރު، ކެންޒާގެ ވާހަކަ ނޫނީ ލައިތު ނުދައްކާނެކަން ފަރުޒީނަށް އެނގެއެވެ.

"ކެން... މައި ކެން..." ކަރުނުން ފުރިފައިވާ ދެ ލޮލުން ފަރުޒީނަށް ބަލަން އިނދެ ލައިތު ބުންޏެވެ. ވަގުތުން ލައިތުގެ ގައިގާ ފަރުޒީނު ބައްދާލިއެވެ. ލައިތަށް ވެފައި އިންގޮތް ފަރުޒީނަށް ވިސްނޭތީއެވެ.

ކެންޒާއާ ބައްދަލުވާން ލައިތު އެދޭއިރު، ދެ މީހުން ބައްދަލުވިޔަސް ކެންޒާ ގާތު ބުނާނީ ކީކޭކަމެއް ނޭނގޭކަން ލައިތު ހާމަކުރިއެވެ. ދެމެދުގައި އޮތް ގުޅުމަށްވާނީ ކިހިނެއްކަން ނޭނގޭތީ ލައިތު ބިރުގަތީއެވެ. އޭނާގެ ދިރިއުޅުމަށް އެނބުރި އައުމުގެ ޚިޔާލު ކެންޒާ ދޫކޮށްލަފާނޭ ހީކުރެވެނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ކުރިން އޮތް ޔަގީންކަން މިހާރު ނެތީ ކީއްވެކަމެއް ބުނާކަށް ލައިތަކަށް ނޭނގުނެވެ. ފަރުޒީނު ދުރަށް ޖެހިލައި ލައިތަށް ބަލާލިއެވެ. އެ ދެ ލޯ ފުހެލަ ދެމުން ފަރުޒީނު ވާހަކަދެއްކިއެވެ. ކެންޒާ ރުހުމުގައި ދިޔަނަމަ އެފަދަ ލަތުވެތި ހަޤީޤަތެއް ލައިތަށް ހާމައެއް ނުކުރީސްކަން ފަރުޒީނު ވިސްނައިދިނެވެ. ހަޤީޤަތް އަންގައި އެ ދިނީ އެކަމާމެދު ވިސްނަން ލައިތަށް ފުރުޞަތު ދޭންކަން ވެސް ފަރުޒީނު ބުންޏެވެ. އަދި ކަންތައްތައް ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ފަރުޒީނަށް ކިޔައި ދިނުމަށް ލައިތު ގާތު އެދުނެވެ. ކެންޒާއަކީ ލައިތުގެ ހަޔާތުން އެންމެ ފުރަތަމަ ޚާއްޞަކަމެއް ދެވުނު އަންހެންކުއްޖާކަން ލައިތު ބުނީ ދެނެވެ. އެ ދެމީހުންގެ ފުރަތަމަ ބައްދަލުވުމުން ފެށިގެން ވަކިވުމާ ހަމައަށް ހިނގި ހުރިހާކަމެއް ލައިތު ކިޔާދިނެވެ. ލައިތުގެ އަތްތިލަ ގެނެސް ފަރުޒީނުގެ އަތްތިލަ މަތީ ބާއްވާލިއެވެ. ފަރުވާތެރިކަމާއެކު ލައިތުގެ މޫނަށް ފަރުޒީނު ބަލަން އިނުމަށްފަހު ވާހަކަދެއްކިއެވެ.

"ކެންޒާއާ ގުޅެންތަ ވިސްނަނީ؟ ދެމީހުންނަށް އެކުގައި އުޅެވިދާނެތަ؟"

"ކީއްވެ ނޫޅެވެންވީ؟" ފަރުޒީނުގެ ސުވާލުތަކުން ލައިތަށް ލިބުނީ ހައިރާންކަމެވެ.

"އާދައިގެ ކުޑަކުޑަކަމެއްގެ ވާހަކައެއްނޫން ލައިތު ތިދައްކަނީ، ނުފެންނަނީސް ކެންޒާ ހުރި ހާލެއް ނޭނގޭނެ، ތިން މަސްވާން އުޅެނީ އަހަރެމެންނަށް ކެންޒާ އެއްގޮތަކަށް ވެސް ނުފެންނަތާ؟، ފަހަރެއްގައި އުންމީދުކުރި ގޮތާ ޚިލާފަށް، ލައިތުއާ ބައްދަލުކުރާ ކެންޒާއަކީ ކުރީގެ ކެންޒާއަށް ނުވެއްޖެއްޔާޔޯ..."

"ބަދަލުވެފައި ހުއްޓަސް، ކެންވާނީ ކެންއަށް... ދޫކޮށެއްނުލާނަން." ފަރުޒީނުގެ އަތުގެ ތެރެއިން އަތްތިލަ ދަމާލައި، ދެއަތުން ނިތްކުރީގައި ލައިތު ހިފަހައްޓާލިއެވެ.

"އެހެންވީރު ކެން ބަލާ ދަމާ..." ލުއި ހިނިތުންވުމަކާއެކު ފަރުޒީނު ބުނެލިއެވެ.

ލައިތު ބޯޖަހާލީ ނިހަނު އަވަހަށެވެ. ލައިތު ގާތުން ފަރުޒީނު އެދުނީ އަސަދަށް މިވާހަކަތައް ކިޔާދިނުމަށެވެ. ކެންޒާ ދީފައި ހުރި އެއްވެސް ހެއްކެތް އިތުރު މީހަކަށް ދޭން ލައިތު އެއްބަހެއްނުވިއެވެ. އެ މަންޒަރުތަކަކީ އިތުރު އެއްވެސް މީހަކަށް ފެންނަން ލައިތު އެދޭ މަންޒަރުތަކެއްނޫނެވެ. ކެންޒާ ބަދުނާމުވާތަން ދުށުމަކަށް ލައިތަށް ކެތެއްނުކުރެވޭނެއެވެ. ރަނގަޅުވާންށޭ ކިޔާ ދުވަސްތަކެއް ބޭކާރުކޮށްލާކަށް ލައިތު ބޭނުމެއްނޫނެވެ. ކޮންމެ ހާލެއްގައި ހުރެ ވެސް ކެންޒާ ދުށުމަށް އޭނާ އެވަނީ ކެތްތެރިކަން ކުޑަވެފައެވެ. ކެންޒާ ގޮތް ހުސްވެ ރޯނެވަރު އޭނާއަށް ޔަގީންވެ އެނގޭތީއެވެ.

* * * * *

މުބީންއަށް ފުލުހުން ފާރަލާކަން އެނގުމާއެކު އޭނާ ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކުރިއެވެ. އާޤިބުގެ ގާތުގައި ނެތުމުން ދަތިތަކާއި ހުރަސްތައް އިތުރުވިއެވެ. މިފްރާހު ފުރުވާލުމަށްފަހު އާޤިބު ވެސް ރާއްޖެތެރެއަށް ފުރުވާލީ މުބީން ނެތްތަނުގައި އޭނާގެ ކަންކަން ކުރިއަށް ގެންދާނޭ އެންމެ އިތުބާރު ހިފޭ މީހަކީ އާޤިބުވީމައެވެ. ލައިތަށް ހަމަލާދިނުމުގައި ދިން އިރުޝާދާ ޚިލާފުވުމުން ޝާނުއާއި އަސްރާރު ފުލުހުންނާ ހަމައަށް ތިލަކުރި މީހަކީ ވެސް މުބީނެވެ. އެ ދެ މީހުންނާއެކު އިތުރު ދެތިން މީހަކު ވެސް ހައްޔަރުވާން މުބީން ދޫކޮށްލައިގެން ހުރީ މައްސަލަ ވީހާ ވެސް އަވަހަކަށް އޮއްބާލަން ބޭނުންވާތީއެވެ. ނަމަވެސް ދެ މަސް ފަހުން ކުއްލިއަކަށް އާ މުސީބާތެއް މުބީންއާ ކުރިމަތި ވެއްޖެކަން ޔަގީނެވެ. ކިހިނެއްވީކަމެއް ކަން ޚުދު އޭނާއަށް ވެސް ސާފެއް ނުވެއެވެ. ސިއްރު ފުލުހުން އޭނާ ދިރިއުޅޭ މައިންބަފައިންގެ ގޭ ދޮށުގައި ތިބޭތަން މުބީންއަށް ފާހަގަވެފައި ވެއެވެ. ބައެއްފަހަރު އޭނާގެ ފަހަތުން ފާރަލާކަން ވެސް އޮތީ ފާހަގަވެފައެވެ. ހާސްކަން އިތުރުވީ ޢާއްމުކޮށް ޕާޓީކޮށް މަޖާކުރުމަށް ދާ ސަފާރީއިން ބަނގުރާ ބާލަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެކަން ހުއްޓުމަކަށް އައިސް މުބީންއަށް މަސައްކަތްކޮށްދޭ އިސްބަޔަކު ހައްޔަރު ކުރުމުންނެވެ. ލަންކާ މަގުން އައި ޑްރަގް ޝިޕްމެންޓް ވެސް ފުލުހުން ހުއްޓުވުމާއެކު އެކަމުގައި މުބީންގެ ފަސް މީހުން ގެއްލިއްޖެއެވެ. އޭނާ ހައްޔަރުނުކުރެވިފައި ހުރީ ސީދާ އޭނާގެ މައްޗަށް ކަމެއް ސާބިތު ނުކުރެވިގެންކަން މުބީން ދެނަހުއްޓެވެ. ރާއްޖޭ ބޭންކުގައި ހުރި ފައިސާތައް ބޭރުގެ އެކައުންޓަށް ބަދަލުކުރުމުގެ މަސައްކަތް މުބީން ފެށީ އެހެންވެއެވެ. ހައްޔަރުވެއްޖެނަމަ ސަރުކާރުން އޭނާގެ އެކައުންޓުތައް ބާރުފޯރުވައި ވިޔަފާރިތައް ހުއްޓުވާލާނޭކަން ރަނގަޅަށް އެނގެއެވެ. ގާތުގައި އެންމެ އިސްކޮށް އުޅޭ މީހުންނަށް ސަމާލުވާން މުބީން އައީ އަންގަމުންނެވެ. އޭނާ ގަސްދުކޮށްގެން ހުރީ ހުރިހާ ފައިސާއެއް ބޭރުގެ އެކައުންޓަށް ބަދަލުކުރުމަށްފަހު މަންމަމެންނާއި އަންހެނުންގެ ގާތަށް ދާށެވެ. ދުވަސްކޮޅަކު ރާއްޖޭން ބޭރުގައި މަޑުކުރާށެވެ. އެހެންނޫނީ އަތުން ހުރިހާ އެއްޗެއް ބީވެ، އުމުރު ދުވަހަކަށް ތޭރިތަކުގެ ފަހަތުގައި ހުންނަންޖެހިދާނޭ ހީވަނީއެވެ. ސައުވީސް ގަޑިއިރު މުބީންގެ ހަރަކާތްތަކަށް ފާރަލާކަން އެނގުނު ފަހުން މިނިވަންކަން ވަނީ ގެއްލިފައެވެ.

* * * * *

ޖެހިލި މަޑުމަޑު ވައިރޯޅިއާއެކު ކެންޒާ އިސް އުފުލާލިއެވެ. ބަހާރު މޫސުމުގެ އާރޯކަން ވަށައިގެން ފެންނަން ހުއްޓެވެ. ލޮލަށް ފިނިކަން ލިބުނަސް ކެންޒާގެ ހިތަށް ކުޑަ ވެސް ހަމަޖެހުމެއް ނުލިބުނެވެ. އެ ދެ ލޯ އެދޭ މަންޒިލް ފެންނަވަރަށްވުރެ ވީ ދުރުގައެވެ. މާޔޫސްކަމާއި ބޭގަރާރުކަން ނޫން އަސަރެއް ނުފެނެއެވެ. ނުފިލާ ކަރުހިއްކުމެއް ތަޙައްމުލުކުރަމުން ދާ ފަދައެވެ. ލޯ ކައިރީގަ ނުފިލާ ހުރި ރަތްކަމާއި ހިލިފައިވާ ކަރުނުން ފާޅުވަނީ ރިހުމެވެ. ބަލާލި ކޮންމެ ދިމާއަކުން ފެނުމަށް އެދެނީ އެންމެ ސޫރައެކެވެ. ހުވަފެންތަކާއި ޚިޔާލުތައް ވަނީ އެ ސޫރައާ ގުޅި ލާމެހިފައެވެ. ގިސްގެ އަޑާއެކު ހިތުން މެދުކެނޑުމެއްނެތި ގޮވަމުން ދިޔަ ނަން، ލާ ކޮންމެ ނޭވާއަކާ އެކުވެ ހިމޭންވެފައި ވިއެވެ. މެޔާ ކައިރިކޮށްލެވިފައިވި ދެފައި ގޮނޑިން ތިރިކޮށްލުމާއެކު ކެންޒާ ތެދުވިއެވެ. ކަންފަތަށް ޖަހާލެވިފައިވި ހެޑްސެޓް ނައްޓާލުމާއެކު އޭނާ ހިނގައިގަތީ އެނބުރި ގެއަށް ދާށެވެ.

"މިއަދުވެސް އޭނާ ބޭރަށް ދިޔައީތަ؟" ރައުދާއަށް އަހާލެވުނެވެ. އޭނާއާއެކު ބަދިގޭގައި މާހާ ފިޔަވާ އިތުރު މީހަކު ނެތެވެ.

"މަންމާ..." ޚިޔާލުތަކަކަށް ގެއްލިފައި އިނދެ މާހާ ގޮވާލިއެވެ. އަވަން ކައިރީ ހުރެފައި ރައުދާ އެނބުރިލީ މާހާ ގޮވާލުމަށްފަހު ވާހަކަނުދެއްކީމައެވެ.

"ކީކޭ؟... އެއްޗެކޭ ބުނާކަށްނޫންތަ އުޅުނީ." ރައުދާ އަހާލިއެވެ.

"މަންމައަށް ހިޔެއްނުވޭތަ ކެން އުޅޭ ގޮތުން މިފޫއާ ކައިވެނިކުރަން ބޭނުމެއްނުވެޔޭ... އޭނާ މިފޫދެކެ ލޯބިވާހެނެއް ވެސް ހިޔެއްނުވޭ، މިފޫއަށް އެއްޗެހި ކިޔާއަޑު އިވޭ، އެހެންމީހަކާ ކެންއާ ގުޅުމެއް އޮންނަނީއޭ ވެސް ހީވޭ، އަހަރެން އެ ދެމީހުންނާ ގުޅިގެން ސުވާލެއްކޮށްލިޔަސް ކެން އަނގަޔަކުން ނުބުނާނެ، މިހާރު އަދިވަކިން ބަސްމަދު، ވާހަކަދައްކާ އަޑެއް އެއްގޮތަކަށް ނުވެސް އިވެނީ." މާހާ ބުންޏެވެ.

"ތިކަމުގަ ބުނާނޭ އެއްޗެއް ނޭނގިފަ މަ މިހުންނަނީ، މިފޫ ކައިރީ އެ އަންހެންކުއްޖާއޭ ކިޔައިގެން އަނގަ ހުޅުވާލަންވާއިރަށް ބުނޭ، މަންމަ ހާސްނުވާށޭ... ހުރިހާކަމެއް ރަނގަޅޭ، ކެން އަބަދުވެސް އުޅޭ ގޮތޭ އެއީ، މިފޫ ވަރަށް ލޯބިވެޔޯ، އަދި ބުނެފިޔޭ... މާގިނައިން އެކަހަލަ ވާހަކަދައްކަންޏާ ކެން ގޮވައިގެން އެހެންތަނަކަށް ބަދަލުވާނީއޯ، ފެމެލީތެރޭ ކެން ނުބަހައްޓާނަމޯ... ދެން މާހާ ބުނެބަލަ، މަންމަ ކީކޭ ބުނަންވީ."

"ދެން އެނގިދާނު، މާދަމާ ރަންކިޔާނެތާ... ހެދުން ހެޔޮވަރު ކުރަން ވެސް ދާންޖެހޭނެއެއްނު، ހިތަށް އަރަނީ ދާނެބާއޭ." ކާމޭޒުގައި އުޅަންބޮށިކޮޅު ވިއްދާލައިގެން އަތަށް ދަތްދޮޅި ދީގެން އިނދެ މާހާ ބުނެލިއެވެ. ހަމައެވަގުތު ގޭތެރެއަށް މީހަކު ވަންކަން އެނގި ދައްކަމުންދިޔަ ވާހަކަ ހުއްޓާލުމަށް މާހާ އިޝާރާތުން މަންމައަށް އަންގާލިއެވެ. އެގަޑީ ގެއަށް ވަންނާނީ ކެންޒާކަން އެމީހުންނަށް އެނގެނީއެވެ.

ކެންޒާ ފެންނަ ކޮންމެ ފަހަރަކު މާހާއަށް ވިސްނެނީ އެންމެ ކަމަކާމެދުއެވެ. ކެންޒާގެ ފޯނުން ފެނުނު ޒުވާނާއާ މެދުއެވެ. އެކަމާ ގުޅިގެން ކެންޒާއާ ސުވާލުކުރަން ބޭނުންވިޔަސް އެ ފުރުޞަތެއް އޭނާ ނުދެއެވެ. އެ ޢާއިލާއާއެކުވެ އުޅޭން ކެންޒާ ބޭނުންނުވާކަން މިހާރު މާހާއަށް ވިސްނެއެވެ. އެކަމަކު ނޭނގެނީ ކީއްވެކަމެވެ. އެންމެން ވެސް ކެންޒާއާ ގާތްކަން ބާއްވަން މަސައްކަތްކުރެއެވެ. ވާހަކަދައްކަނީ ލޯތްބާއި އޯގާތެރިކަމާއެކުއެވެ. އެހެންވިޔަސް ގުޅުން ބަދަހިވުމުގެ ބަދަލުގައި ދުވަހަކަށްވުރެ ދުވަހެއް ކެންޒާ ދިޔައީ ދުރަށެވެ. ބީރައްޓެހިކަންވީ އިތުރެވެ.

ސިޑީގެ ހަރުފަތްތައް ހުރަސްކޮށް ކެންޒާ މައްޗަށް އަރައިގެން އައިސް ކޮޓަރިއަށް ވަނެވެ. ހުޅުވާފައި ހުރި ކޮޓަރިތެރެއިން މިފްރާހަށް ފެނުމާއެކު އޭނާ ނިކަން އަވަހަށް އައިސް ކެންޒާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

"ސޮރީ... ދޭން އޮތީ އަޑުއަހަން ބޭނުންނުވާނޭ ޚަބަރެއް." މިފްރާހު ބުނެލިއެވެ. އެއާއެކު ކެންޒާ މޭޖެހޭގޮތްވިއެވެ. ނަޒަރު ސީދާކޮށްލެވުނީ ނުހަނު އަވަހަށެވެ.

"މާބެ އެބާދޭ މިކޮޅަށް." ބުނަން ނުބުނަން ހުރެފައި މިފްރާހު ބުނެފިއެވެ. ދެ ލޯ ބޮޑުވެ އަނގަ ހުޅުވުނު ހިނދު ނުކުތް އާހުގެ އަޑު ސާފުކޮށް މިފްރާހަށް އިވުނެވެ. ކެންޒާ ހާސްވެ ކަންބޮޑުވީވަރު އެ މޫނުން ހުރީ ފެންނާށެވެ. ކުރިއަށް ޖެހިލައި ކެންޒާގެ ކޮނޑުގެ ދެފަރާތުން މިފްރާހު ހިފަހައްޓާލިއެވެ.

"ލަވް! ހާސްނުވޭ، މާބެ ނުކުރާނެ އެއްވެސް ކަމެއް، ކެން ބޭނުމިއްޔާ އަހަރެމެން ހޮޓެލަކަށް ޗޭންޖުވެވިދާނެ." މިފްރާހު ބުނެލިއެވެ. ވާހަކަދެއްކުމެއްނެތި މިފްރާހުގެ ދެއަތް ދުރަށްލާފައި ކެންޒާ އައިސް އެނދުގައި އިށީނެވެ. އޭގެ ފަހުން މިފްރާހު ދެއްކި އެއްވެސް ވާހަކައަކުން ކެންޒާގެ ފަރާތުން އެއްވެސް އަސަރެއް ނުފެނުނެވެ. ހިލައިގެ ބުދެއްކައިރީ ހުރެގެން މިފްރާހު ވާހަކަދެއްކުމޭ އެއްފަދައެވެ.

"ކެން... އެނގޭ ދޯ އަހަރެމެންގެ ދެމެދުގައި އޮތް ޑީލް ނިމުމަކަށް އަތުވެއްޖެކަން، މާދަމާ މީ ފަހު ދުވަސް... އެހެންވިޔަސް ދެން އިތުރަށް ކެތެއްނުވާނެ، އަހަރެން ހުއްޓުވަން މަސައްކަތްނުކުރާތި، ދެން އިތުރަށް ކައިވެނި ލަހެއްނުކުރާނަން، އެއްބަސްވި ގޮތަށް ރުހުމުގައި މިކަން ނިންމާނެކަމަށް އުންމީދުކުރަނީ." މިފްރާހު ހަނދާންކޮށްލަ ދިނެވެ.

ކެންޒާއަށް ބަލަން ހުރެފައި މިފްރާހު މަޑުމަޑުން ގޮސް އެ ކޮޓަރިން ނުކުމެއްޖެއެވެ. އެނދުގައި ފައިކުރުކޮށްލައިގެން އަރިއަކަށް ކެންޒާ އޮށޯވެލިއެވެ. މެޔާ ދިމާއިން ހަށިގަނޑުގައި ދެއަތް ވަށާލައިގެން އޭނާ އޮތްއިރު ދިރުމެއްނެތް ހުސްކަމެއްގެ ހިޞާރުގައި ބަނދެވިފައިވާ ކަހަލައެވެ.

ރޭގަނޑުގެ ކެއުމުގައި ކެންޒާ ބައިވެރިއެއް ނުވެއެވެ. އެކަމަށް އެ ޢާއިލާ އާދަވެއްޖެއެވެ. އެގާރަ ޖަހަންވީއިރު ޢާއިލާގެ އެންމެން ކޮޓަރިތަކަށް ވަދެއްޖެއެވެ. ކެންޒާގެ ކޮޓަރި ހުޅުވުނުކަން އޭނާ ދެނަހުއްޓެވެ. އެ ސިއްރު ފިޔަވަޅުތަކުން މިހާރު އޭނާ ނުސިހެއެވެ. އެސްފިޔަތައް ތިރިވެލިއިރު ހަރަކާތް ލަހެވެ. ދެ ލޯ މަރާލެވުނީ ދިރިހުރުމަށްވުރެ މަރަށް ދަޢުވަތުދޭ ފަދައިންނެވެ.

ލޯ ހުޅުވާލެވުމާއެކު ކެންޒާއަށް ދޫކޮށްލެވުނީ މާޔޫސްކަމުގެ ނޭވާއެކެވެ. ރޭގައި މަރުނުވެ ދިރިހުރީތީ ކަހަލައެވެ. ތަންމައްޗަށް އޭނާގެ ނަޒަރު ހިންގާލެވުނެވެ. ދެން މަޑުމަޑުން ތެދުވިއެވެ. ފައިދަށުވި ނިދާ ހެދުން ނަގައި އެނދުގައި ބޭއްވުމަށްފަހު ކެންޒާ ވަނީ ފާޚާނާއަށެވެ. ޖެހިބުދެއްހެން ބިލިނގާ ތެރޭ އެތައްއިރަކު އޭނާ އިނެވެ. އެހެން ދުވަސްތައް ހެން ފާޚާނާ ދޮރުގައި މިފްރާހު ޓަކިދީ ގޮވާލި އަޑު އިވުނެވެ. ނުކުންނަންވީ ވަގުތު ޖެހުނީކަން ކެންޒާއަށް އެނގުނެވެ. އިސްތަށިގަނޑުގު ހިއްކަމުން، ހަށިގަނޑުގައި އޮޅާލެވިފައިވާ ތުވާއްޔާއެކު ފާޚާނާއިން ކެންޒާ ނުކުތެވެ. ސައިބޯން އަންނަންބުނެފައި މިފްރާހު ދިޔައީ ކެންޒާގެ ނިތްކުރީގައި ބޮސްދީފައެވެ. ނަމަވެސް އެކަމުން އެއްވެސް އަސަރެއް ކެންޒާއަށް ނުކުރިއެވެ. އޭނާ ތައްޔާރުވެގެން ތިރިއަށް ފޭބިއެވެ.

ބަދިގެ ތެރެއިން އެންމެންގެ އަޑުފަށްގަނޑު ގަދައެވެ. ރަންކިއުމުގެ ޙަފުލާ ބޭއްވޭތަނަށް ހަވީރު ދާންވާއިރަށް ކެންޒާ ތައްޔާރުވުމަށް ލިސްޓެއް އެކުލަވާލެވިފައި ވާކަހަލައެވެ. ހުރިހާ އަންހެނުންތައް ކެންޒާ ރީތިކުރުމުގެ ޒިންމާ ވަނީ ނަގާފައެވެ. ހީނ ސަމާސާކުރުމާ ބީރައްޓެހިވެފައި އިން މަންމަނެކޭ ކެންޒާއެކޭ އެއްގޮތެވެ. އެއްވެސް ކަމެއްގައި އަމިއްލަ ޚިޔާލެއް އޭނާ ފާޅެއްނުކުރިއެވެ. އޭނާއަށް ޔަގީންވަނީ އެންމެ ކަމެކެވެ. އެ ކައިވެންޏަކީ އޭނާގެ މަރުކަމެވެ. ލިބޭނެ އުފަލެއް ހިތްހަމަޖެހުމެއް ނެތީމައެވެ.

(ނުނިމޭ)