އާލިއާ ބަޓް އަކީ ބޮލީވުޑްގައި މިވަގުތު މަސައްކަތްކުރާ ތަރިންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ބަތަލާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާއަށް އިންޑަސްޓްރީގެ މީހުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި އެއްބާރުލުން ތަފާތު ގޮތަކަށް މާނަކުރާ މީހުން ވެސް މަދެއް ނޫނެވެ. އޭނާއަކީ ނެޕޮޓިޒަމް އިން އުފަންވި ތަރިއެއް ކަމަށް ތުހުމަތުކޮށް މަލާމަތްކޮށް ނަފްރަތުކުރާ މީހުން ވެސް މަދެއް ނޫނެވެ.
އާލިއާ ބުނި ގޮތުގައި ފާއިތުވީ މަސްތަކުގައި ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް މީހުންގެ ނަފްރަތު ވަނީ އަމާޒުވެފަ އެވެ. އެހެންވެ އޭނާ ސޯޝަލް މީޑިއާއާ ތަންކޮޅެއް ދުރުގައި ދުވަސްކޮޅަކު އުޅެފައި މިހާރު އަނެއްކާވެސް މަދުމަދުން ޕޯސްޓްތައް ޝެއާ ކުރަން ވަނީ ފަށާފަ އެވެ. ބައެއް މީހުން ނަފްރަތުކޮށް މަލާމާތުގެ ބަސްތައް ރައްދު ކުރިޔަސް އޭނާ އަށް ތާއީދުކުރާ އަދި އޭނާ ދެކެ ލޯބިވާ މީހުން މަދު ނޫންކަން ޔަގީން ވާތީ އެވެ. އޭނާގެ ފޭނުންގެ އަދި ހިތްވަރުދޭ މީހުންގެ ތާއީދަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އާލިއާ ސިފަ ކުރެ އެވެ.
ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި އާލިއާ ބުނީ ފާއިތުވީ އަށެއްކަ މަސް ދުވަހު އޭނާއަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ އާ ކުރިމަތިވިޔަސް އޭނާ ދެކެ ލޯބިވާ މީހުން ވެސް މަދު ނޫންކަން ޔަގީންކުރެވުނެވެ. އާއިލާ އާއި އޭނާ ދެކެ ލޯބިވާ ފޭނުންގެ ހިފެހެއްޓުމެއް ނެތް ލޯބި އޭނާއަށް ލިބެމުން ދިޔަ އެވެ.
ގިނަ ދުވަސް ތަކަކަށްފަހު އަލުން ފިލްމީ މަސައްކަތް ފަށާފައިވާ ކަމަށް ބުނަމުން އާލިއާ ބުނީ އެހެން މީހުންނެކޭ އެފަދައިން ފާއިތުވީ މަސް ތަކަކީ އޭނާއަށް ވެސް ވަރަށް އުނދަގޫތައް ތަހައްމަލު ކުރަން ޖެހުނު ދުވަސް ތަކެކެވެ. އެހެންވެ މަސައްކަތްކުރުމުގެ ސްޓައިލް ވެސް ކުޑަކޮށް ބަދަލު ކޮށްލާފައިވާ ކަމަށެވެ.
"އަހަރެންނަށް ވިސްނުނު އެއްޗަކީ ދުނިޔެއަށް އަދި އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަކީ މުހިއްމުކަމެއްކަން. ވަރަށް ގިނަ މީހުންގެ ނަފްރަތާ ވެސް ކުރިމަތިވެއްޖެ. ނަމަވެސް ހެޔޮއެދޭ މީހުންގެ ތިބުމަކީ ނަފްރަތު ކުރާ މީހުން ކުރާ ކަންތައްތައް ހަނދާން ނައްތާލަން ލިބޭ ހިތްވަރެއް،" އާލިއާ ބުންޏެވެ.
އާލިއާ މިހާރު ޝޫޓް ކުރަމުން ދަނީ ސަންޖޭ ލީލާ ބާންސާލީގެ "ގަންގޫބާއީ" އެވެ. ދެން ކުރިޔަށް އޮތް ސައުތު އިންޑިއަގެ މަޝްހޫރު ޑައިރެކްޓަރު އެސް.އެސް ރާޖާ މޯލީގެ "އާރްއާރްއާރް" އާއި ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު ކުޅޭ "ބްރަހްމަޝްތުރާ" އެވެ.