(1 ޑިސެމްބަރ 2020 އާ ގުޅޭ)
ބަދިގެ ތެރެއިން އެންމެންގެ އަޑުފަށްގަނޑު ގަދައެވެ. ރަންކިއުމުގެ ޙަފުލާ ބޭއްވޭތަނަށް ހަވީރު ދާންވާއިރަށް ކެންޒާ ވާންޖެހޭ ތައްޔާރީތަކުގެ ލިސްޓެއް އެކުލަވާލެވިފައި ވާކަހަލައެވެ. ހުރިހާ އަންހެނުންތައް ކެންޒާ ރީތިކުރުމުގެ ޒިންމާ ވަނީ ނަގާފައެވެ. ހީނ ސަމާސާކުރުމާ، ބީރައްޓެހިވެފައި އިން މަންމަނެކޭ ކެންޒާއެކޭ އެއްގޮތެވެ. އެއްވެސް ކަމެއްގައި އަމިއްލަ ޚިޔާލެއް އޭނާ ފާޅެއްނުކުރިއެވެ. އޭނާއަށް ޔަގީންވަނީ އެންމެ ކަމެކެވެ. އެ ކައިވެންޏަކީ އޭނާގެ މަރުކަމެވެ. ލިބޭނެ އުފަލެއް ހިތްހަމަޖެހުމެއް ނެތީމައެވެ.
ހުރިހާކަމެއްގައި ނަގާކިޔަން ހުރީ މާހާއެވެ. އޭނާގެ ކޮންމެ ޚިޔާލަކަށް ދެން ތިބި އެންމެން އެއްބަސްވެއެވެ. ކެންޒާ ގޮވައިގެން ކޮޓަރިއަށް އެންމެން އައެވެ. ކުޑަދަރިފުޅު އުރާލައިގެން ނޫރާ ހުރީ މާހާގެ މަސައްކަތަށް ބަލާށެވެ. ސަނާ އިށީނީ ކެންޒާގެ އެނދުގައެވެ. އޭނާ އިނީ ކެންޒާ ތައްޔާރުކުރާތަން ބަލާށެވެ. އަޅިކުލައާއި ރިހިކުލައިން ޖަރީކުރެވި، ކަށިމައްޗާ ހަމައަށް ހުރި ހެދުން، ބަދަލު އައިސްފައިވާ ކެންޒާގެ ބައްޓަމަށް ނުހަނު ހެޔޮވަރެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑުން އެއްބައި ކަނާއަތް ފަރާތު ކޮނޑުމަތިން ކުރިމައްޗަށް ދޫކޮށްލުމަށްފަހު، މާހާގެ އަތުގައި އޮތް ހެއާ ސްޕްރޭ ފުޅި ޖަހާލިއެވެ.
"ބިއުޓިފުލް..." ކެންޒާއަށް ބަލަން ހުރެ ނޫރާ ބުނެލިއެވެ.
"އެ ހެދުން ކެންއާ ވަރަށް ގުޅޭ ދޯ." ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހިފައި ހުރި މާހާ ބުނެލިއެވެ. އޭނާ ވެސް ދުރަށް ޖެހިލައި ޙަފުލާއަށް ތައްޔާރުވެ ނިމިފައި އިން ކެންޒާއަށް ބަލާލިއެވެ.
"މައި ޑިއާ... ޕްލީޒް ސްމައިލް..." ނަލަހެދިގެން އިންއިރު ވެސް ކެންޒާގެ މޫނުން އުފާވެރިކަމުގެ އަސަރެއް ނުފެންނާތީ މާހާއަށް ބުނެވުނެވެ. އެއާއެކު ކެންޒާ އިސްއޮބާލީ މޫނު ފޮރުވާލާށެވެ.
"އަހަރެމެން ތައްޔާރުވަނީ ކޮންއިރަކުން." ކޮޅަށް ތެދުވަމުން ސަނާ އަހާލިއެވެ. ނޫރާ ވެސް ސަނާއާ އެއްބައިވިއެވެ. ވަގުތެއްނެތޭ ބުނެ ނޫރާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ސަނާގެ ފަހަތުން ހިނގައިގަންނަމުން ކެންޒާ ގާތު މާހާ އެދުނީ ތިރިއަށްފައިބާ ސިޓިންރޫމުގައި މަޑުކޮށްލާށެވެ.
"ވާއު!... ގޯޖަސް..." ދޮރުގައި ހިފަހައްޓާލައިގެން ހުރެ މިފްރާހު ބުންޏެވެ. ނަމަވެސް ރީތިވާ މޭޒު ކައިރީ އިން ކެންޒާއަށް އަޑެއް އިވުނުހެން ހިޔެއްނުވެއެވެ. މަޑުމަޑުން އެތެރެއަށް ވަދެގެން އައިސް ކެންޒާގެ ގާތުގައި ލައިތު މަޑުކޮށްލިއެވެ. ދެން ކެންޒާގެ ދަތްދޮޅީގައި ހިފައި މިފްރާހުއާ ދިމާއަށް އެނބުރުވިއެވެ.
"އައި ލަވް ޔޫ." ނަޒަރު ސީދާވީ ހިނދު މިފްރާހު ބުނެލިއެވެ. އަދި ގުދުވެލައި ކެންޒާގެ ނިތްކުރިއަށް ބޮސްދިނެވެ.
ހަރަކާތެއްކޮށްނުލާ ދެން ވެސް ކެންޒާ އިނެވެ. އަމާޒުވެފައި ހުރި ކެންޒާގެ ލޮލުން މިފްރާހަށް އެކައްޗެއް ވެސް ދޭހައެއްނުވެއެވެ. ޖަޒުބާތާއި އިޙްސާސްތަކުގެ ސުވިޗު ކެންޒާ ނިފާލާފައިވަވާ ކަހަލައެވެ. ކެންޒާގެ ކަނާއަތްތިލައިގަ ހިފާލަމުން އަނެއްއަތުން އެ އަތްތިލައި މިފްރާހު ފިރުމާލިއެވެ. އަތަށް މަޑުމަޑުން ދަމާލުމާއެކު ކެންޒާ ކޮޅަށް ނެގުވިއެވެ. އޭނާގެ އުނަގަނޑުގައި ހިފާލައި ގަޔާ ކައިރިކޮށްލައިގެން ހުރެ މިފްރާހު ވާހަކަދެއްކިއެވެ.
"ހާދަ ދިގު އިންތިޒާރެކޭމީ... މާދަމާ ރޭ ކެން އަހަރެންގެ އަނތްބަކަށްވާނެ، ކައިވެނި ހެދުމުގަ މިހާރަށްވުރެ ވެސް ފުރިހަމަވެފަ ރީތިވާނެކަން އެނގޭ."
މިފްރާހު ވާހަކަދައްކަދައްކާ ހުއްޓައި އޭނާއާ ދުރަށް ޖެހިލުމާއެކު ކެންޒާ ހަލުވިކޮށް ކޮޓަރިން ނުކުތީއެވެ. ސިޑިން ފައިބައިގެން އައިސް އޭނާ ސިޓިންރޫމަށް ވަނެވެ. ހުރިހާ ފިރިހެނުން އޭރު ތިބީ އެތަނުގައެވެ. މުރާދަށް ކެންޒާ ފެނުމާއެކު މިފްރާހު ކޮބާތޯ އަހާލިއެވެ. ޖަވާބެއްދޭން ބޭނުންނުވިޔަސް ކަލީމް ގޮވާލުމުން ކެންޒާ ދެކޮނޑު އަރުވާލީ ނޭނގެއޭ އިޝާރާތްކުރާ ހެންނެވެ. އެވަގުތު އެތަނަށް މިފްރާހު އައިކަން ނަސީބެކޭ ކެންޒާ ހިތަށް އެރިއެވެ.
ބޮޑު ރެސްޓޯރެންޓެއްގައި ޙަފުލާ ކުރިއަށް ދިޔައިރު، ޢާއިލާގެ އިތުރުން ބައިވެރިވީ ރައްޓެހިންނާއި އެކޮޅުގައި ދިރިއުޅޭ ރައުދާގެ ދެބެންގެ ދެދަރި ކުދީންނެވެ. އެންމެންގެ މެދުގައި މިފްރާހަކީ މަޤުބޫލު ޒުވާނެކެވެ. އޭނާ ހީނ ސަމާސާ ކުރަމުންދިޔައިރު އެ މޫނަށް ގެއްލިފައި ކެންޒާ އިނެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުން ކެންޒާ ހަނދާންކުރިއެވެ. މިފްރާހަކީ ރީތި މީހެއްކަން ފުރަތަމަ ފެނިލުމުން ވެސް ކެންޒާ ޤަބޫލުކުރިއެވެ. ސާމާސާކަން އެކުލެވިފައިވާ މީހުންނާ ގުޅޭ މިޒާޖެއް ލިބިފައިވިއެވެ. ޚާއްޞަކޮށް އޭނާގެ ހިނިތުންވުމުގައި ހުންނަ ޖާދުވީ އަސަރެވެ. ފެންނަ ފެނުމަށް އެއްވެސް އައިބެއްނެތެވެ. ކެންޒާގެ ހިތުގައި ކުޑަވަގުތުކޮޅަކަށް ވިޔަސް މިފްރާހުއާމެދު ޝައުގުވެރިކަން އުފެދުނުކަން ގައިމެވެ. ނަމަވެސް އެ އިޙްސާސްތަކާ އޭނާ ދުރުހެލިވީ ހަމީމުގެ ސަބަބުންނެވެ. ބޮޑުވަމުން އައިއިރު ހަމީމުގެ އަނިޔާވެރިކަން ތަޖުރިބާ ކުރެވިފައި ހުރީމައެވެ. ހަމީމުއާއެކު ހެޔޮ ވިސްނޭ ރަނގަޅު ޒުވާނަކު ނޫޅޭނެކަން ކެންޒާގެ ޟަމީރު ބުނުމުން، އެކަމަކުގެ ތެދުކަން މިހާރު ކެންޒާއަށް އެނގި ފެނިއްޖެއެވެ. އެ ރީތި ސިފައިގެ ފަހަތުގައި އެންމެންގެ ލޯތަކަށް ވަންހަނާވެގެން ހައިވާނަކު ހުރިކަން އެނގެނީ ކެންޒާއަށެވެ. އެ އަނިޔާވެރި ތޫނު ވަކިތަކުން ސަލާމަތްވުމެއް ނެތެވެ. ކައިރީގައި ހުރި ފެންތަށީގައި ހިފާލައި ބާރުކޮށްލެވުނު އިރު އެ ފެންތަށި މިފްރާހުގެ މޫނަށް ޖަހަން ކިތަންމެ ފަހަރަކު ކެންޒާ ހިތަށް އެރިއެވެ.
ރަނުގެ އަދަދެއް ކެންޒާ ނުބުނުމުން މޭޒުދަށުން މިފްރާހު ހިފާލީ ކެންޒާގެ ފައިގައެވެ. ފަލަމަސްގަނޑަށް ބާރުކޮށްލުމުން ވީ ތަދުން ކެންޒާއަށް ބަލާލެވުނެވެ. އޭރު ކެންޒާއަށް ވެސް މިފްރާހުގެ އަތުގައި ހިފާލެވިއްޖެއެވެ. ދޫކޮށްލާށޭ ކެންޒާ ބުނުމުގެ ކުރީން މިފްރާހު ލޮލުން އަންގާލީ އެންމެން ބަލަން ތިބިކަމެވެ. އެހިނދު އެންމެންނަށް ބަލާލާފައި މިފްރާހުގެ ކަންފަތް ދޮށުގައި ކެންޒާ ސިއްރެއް ބުނެލިއެވެ. އެ ހުރިހާއިރު މިފްރާހު އިނީ ހިނިތުންވެލައިގެންނެވެ. ކެންޒާ ރަނެއްނުކިޔެވެ. މިފްރާހުގެ ކަންފަތް ދޮށުގައި އޭނާ ބުނީ އައުގުރާނައިގެ ބަހެކެވެ. އެއާއެކު ކެންޒާގެ ފައިން މިފްރާހު އަތްނެގިއެވެ. ތަދުވާވަރުން ފައިގައި ކެންޒާ ފިރުމާލިއެވެ. މިފްރާހު ހީނލާފައި އެންމެންނަށް ބަލާލިއެވެ. ކެންޒާގެ ރަނުގެ އަދަދު އޭނާ އެންމެންނަށް އިއްވާލަ ދިނެވެ. އެންމެން ވެސް ހީކޮށްގެން ތިބީ އެންމެންގެ ތެރޭ ވާހަކަދައްކަން ލަދުން އިން ކެންޒާ، ރަނުގެ އަދަދު ބުނީ މިފްރާހުގެ ކަންފަތްދޮށުގައި ސިއްރުން ކަމަށެވެ.
އެންމެން ވެސް ވަކިވީ ކައިވެންޏަށްފަހު ބޭއްވޭ ވަލީމާގެ ޙަފުލާއިން ބައްދަލުވާނޭކަމަށް ބުނަމުންނެވެ. ކެންޒާއާއި މިފްރާހަށް މިހާރުއްސުރެ ކައިވެނީގެ ތަހުނިޔާ އެންމެން ކިޔެވެ. ގެއަށް އާދެވުނީ އިރުއޮއްސުނު ފަހުންނެވެ. އާދެވުނު ގޮތަށް އަނެއްކާ ތައްޔާރުވާން ޖެހުނީ ހަމަޖައްސާފައި އޮތް ކައިވެނީގެ ހެދުން ހެޔޮވަރުކުރަން ދާށެވެ. މާހާއާއި ކެންޒާ ދާއިރު އެމީހުންނާއެކު މިފްރާހު ވެސް ދާން ބޭނުންވިއެވެ. ނަމަވެސް ދައްތަގެ ދެކޮޅު ހެދުމާއި ދެންތިބި މެންބަރުން ވެސް ޤަބޫލުނުވުމުން މިފްރާހަށް އެ ފުރުޞަތު ނުލިބުނީއެވެ.
* * * * *
ވަށައިގެން ހުރި ލޯ ގަނޑުތަކުން ކެންޒާގެ ސޫރަ ހުރިހާ ދިމާއަކުން ފެނެއެވެ. ދަމާލާފައި ހުރި ފަރުދާގެ އެތެރޭގައި އޭނާ ހުއްޓި އެ ހުރީ ކައިވެނި ހެދުމުގައެވެ. ދެ ލޮލަށް ބޮނޑިވަމުން އައި ކަރުނަ ނުހިފެއްޓުނެވެ. ދެފަހަރަކު ކޯތާފަތް ފުހެލާފައި މޫނުގައި ކެންޒާ ދެއަތް އެޅިއެވެ. ކައިވެނި ހެދުމުގައި އަމިއްލަ ސޫރަ ދުށުމަށް ކެންޒާއަށް ކެތްނުކުރެވުނީއެވެ.
"ކެން... އޯކޭތަ." ފަރުދާގެ އަނެއްފަރާތުން މާހާ ގޮވާލި އަޑު އިވުނެވެ.
އަވަސް އަވަހަށް ހެދުމުގެ ދެ ކޮނޑު ތިރިކޮށްލައި އަތް ދަމައިގަތެވެ. ހިނދުކޮޅެއްގެ ތެރޭ ހަށިގަނޑާއި ހެދުން ވަކިކޮށްލުމާއެކު އޭނާގެ ހެދުން ލާންފެށިއެވެ. މާހާ ދެވަނަ ފަހަރަށް ގޮވާލިއެވެ. ހެދުން ލާފައި ދައްކަން އޭނާ އެދުނެވެ. ގިނައިރުވަނީ ހެދުމުގައި މައްސަލައެއް އުޅެނީތޯ ވެސް އޭނާ ސުވާލުކުރިއެވެ. ހައިރާންކަމެއް މާހާއަށް ލިބުނީ ފަރުދާ ކަހާލުމާއެކު ކައިވެނި ހެދުން ހިފައިގެން ކެންޒާ ނުކުތީމައެވެ.
"އަޅެ ނުވެސް ދައްކަމެންނު..." މާހާ ޝަކުވާކޮށްލިއެވެ. އޭނާއަށް ކެންޒާގެ ލޯ ފެނުނީ ދެނެވެ.
"ހެދުން ރަނގަޅުތަ؟" މާހާގެ ރާގު ބަދަލުވިއެވެ. ކެންޒާ ބޯޖަހާލުމުން ހެދުން ހިފައިގެން އެހީތެރިވާން އުޅުނު ފިހާރައިގެ ސްޓާފާއެކު މާހާ ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ކެންޒާ ވެސް އައެވެ.
ގެއަށް އައި މަގުމަތީ މާހާ ވަރަށް ގިނަ ސުވާލު ކުރިއެވެ. ކެންޒާގެ ދެ ލޮލުން ފާޅުވާ ރިހުމުގެ ހަޤީޤަތަކީ ކޮބާތޯ އެނގެން މާހާ ބޭނުންވާކަން ހާމަކުރިއެވެ. ޢާއިލާއާ މެދު ކެންޒާ ހިތްހަމަނުޖެހެނީތޯ ވެސް އޭނާ އެއްސެވެ. މަރުވުމަށްފަހު އެކަކުވެސް އެނބުރި ނާންނާނޭކަން މާހާ ބުނީ، ކެންޒާގެ ހިތާމަތައް ގުޅިފައިވަނީ އޭނާގެ މަންމައާއި ބޭބެއާކަމަށް ލަފާކޮށްފައެވެ. އެމީހުންވެސް ކެންޒާގެ ދިރިއުޅުން އުފާވެރިވާން ބޭނުންވާނޭކަމާއި ދިރިއުޅުމައިގެން ކުރިޔަށްދާން އެދޭނޭކަން މާހާ ވިސްނައިދޭން މަސައްކަތްކުރިއެވެ.
"މާދަމާ ރޭ ވެސް ހުންނާނީ ހަމަތިހެންތަ؟ ކައިވެނި ހެދުމުގައި ކެންޒާ ހުންނައިރު، ތި މޫނުން އުފާވެރިކަމެއް ނުފެންނާނެތަ؟ މިފޫ ވަރަށް ލޯބިވޭ ކެންދެކެ، މާދަމާ ރެއަކީ ތި ދެމީހުންނަށް ވެސް ވަރަށް ޚާއްޞަ ރެޔެއް، ކެން... މިފޫ ދުވަހަކުވެސް ނުބުނޭ އަންހެންކުއްޖަކުދެކެ ލޯބިވާ ވާހަކައެއް، ކެންއާ ބައްދަލުނުވަނީސް އަހަރެމެންނަށް މިފޫގެ ހިތް ކުއްޖަލު އަތުލައިފިކަން އެނގުނު، ކެން އުފަލުގައި ގެންގުޅޭނެކަން ސިސްއަށް ޔަގީންވޭ.... ހިތާމަތަކާ ދުރުވެ މުސްތަޤުބަލާ ކުރިމަތިލާންވީ، ކެން ދެރަވެފަ ހުންނަންޏާ މިފޫއަށް ވެސް ހަމަޖެހުމެއްނުލިބޭނެ، ކެންއާ ހެދި ކިހާވަރަކުން މިފޫ އެއުޅެނީ." ކެންޒާގެ ކޮނޑުގައި މާހާ ފިރުމާލިއެވެ.
ގޭ ދޮށަށް ޓެކްސީ މަޑުކޮށްލުމާއެކު އެންމެ މިނެޓަކަށް ވެސް ކެންޒާ ނީނެވެ. ކާރުން ފައިބައިގެން އައިސް ގޭތެރެއަށް ވަދެގެން ދިޔައީއެވެ. މާހާ ކޮތަޅުތައް ހިފައިގެން އައިސް ގެއަށް ވަދެވުނީ އިރުކޮޅެއް ފަހުންނެވެ. މާހާ ފެންނަންވީއިރަށް ސޯފާގައި އިން ނޫރާ ސުވާލުކުރީ ކެންޒާއަށް ވީގޮތަކާމެދުއެވެ. މާހާ ދެފަރާތަށް ބޯހޫރާލީއެވެ. އިތުރަށް އެކަމާ ވާހަކަދެއްކުމުގެ ބަދަލުގައި ނޫރާ އެދުނީ ކައިވެނި ހެދުން ދެއްކުމަށެވެ. ހުސްކޮށް ހުރި ސޯފާމަތީ ކޮތަޅުތައް ބެހެއްޓުމާއެކު މާހާ ކައިވެނި ހެދުން ނަގައި ފަތުރާލިއެވެ. ހުދުކުލައިގެ ކައިވެނި ހެދުމެކެވެ. ގޮތްބޮޑެއްނޫނެވެ. މަތީބުރިއާއި ދިގު އަތްވަނީ ލޭސްފޮތިންނެވެ. ސެޓިންފޮތީގެ ފުޅާ ތިރިއެކެވެ. އުނަގަނޑުގައި އެޅުމަށް ރަންކުލައިގެ ތަނޑިގަނޑެއްފަދަ ހިމަހިމަ ކަމަރެކެވެ. އެތަނަށް އައި ރައުދާއާއި ސަނާ ވެސް ހެދުމުގެ ރީތިކަން ފާހަގަކުރިއެވެ.
އެނދުގައި އިށީނދެ އިސްޖެހިފައި ކެންޒާ އިނެވެ. ކޮޓަރީގައި ޓަކި ދިނުމުން އޭނާ ބަލާލިއެވެ. ވަދެގެން އައީ މާހާއެވެ. އަލަމާރި ކައިރީ ހުރި ސްޓޭންޑްގައި ކެންޒާގެ ކައިވެނި ހެދުން އޭނާ އެޅުވިއެވެ. ކެންޒާގެ ގާތަށް އައިސް ހުއްޓިލުމާއެކު ކޯތާފަތުގައި މާހާގެ އަތްތިލަ ޖައްސާލިއެވެ.
"ނުރޮއްޗޭ... މާދަމައަށް ތި ލޮލާއި މޫނު ދުޅަވީމަ ކިހިނެއް ހަދާނީ، ބަލާ މިހާރު ވެސް ރަތްކަން..." މާހާގެ އަޑުގައި އޯގާތެރިކަންވިއެވެ. ބައެއްފަހަރު ކެންޒާގެ ފަރާތުން ލިބިދާނެ ޖަވާބާމެދު މާހާއަށް ވިސްނެއެވެ. ކެންޒާގެ ހިތާމައިގަ ބައިވެރިވާން ބޭނުންވާއިރު، އެ ހިތާމައިގެ އަސްލު އެނގުމުން، އެކަމުގައި ހުރި ވޭނަށް ހުދު މާހާއަށް ކެތްކުރެވިދާނެބާއޭ އަމިއްލަ ޟަމީރާ ސުވާލު ކުރެވެއެވެ. އެނގުމަށްވުރެ ބައެއްކަންކަން ނޭނގުން ރަނގަޅުވާނޭކަމުގައި ވެސް މާހާއަށް ވިސްނެއެވެ. އެހެންވިޔަސް ކެންޒާގެ އުޅުމާމެދު މާހާ ކަންބޮޑުވެއެވެ. ކޮޓަރިން ނުކުންނަން މާހާ ދިޔައީ ކެންޒާގެ ބޮލުގައި ފިރުމާލާފައި ނިދާލަން ބުނެފައެވެ.
ވަގުތު ފާއިތުވަމުން ދިޔައެވެ. ނަމަވެސް ތަކުރާރުކޮށް ކެންޒާގެ ހިތް އެދެމެދުންދިޔައީ ވަގުތު ހުއްޓިފައިވުމަށެވެ. އެނދުގެ އަރިއަކަށް މޭގައި ދެއަތް ބޮނޑިކޮށްލައިގެން ކެންޒާ އޮތެވެ. ކޮޓަރީގެ ދޮރު ހުޅުވުމުން ކެންޒާ ދެ ލޯ މަރާ ބާރުކޮށްލިއެވެ. ހަށިގަނޑުގެ ހޫނުކަން ކެންޒާގެ ބުރަކަށްޓަކަށް އިޙްސާސް ކުރެވުނެވެ. ކަންތައްވާނީ ކިހިނެއްކަން ކެންޒާއަށް އެނގެއެވެ. އޭނާ އަވަސްވީ ލައިޓު ނިވާލާށެވެ. ނަމަވެސް ކެންޒާގެ އަތުގައި މިފްރާހު ހިފެހެއްޓީއެވެ.
"މިރޭ ނުކުރާނަން...އެހެންވީމަ މިރޭ ރަނގަޅަށް ރެސްޓްކޮށްލާ، އެކަމަކު މާދަމާ ރޭ ނޭނގެ އިނގޭ ވާނެގޮތެއް... ސޯ، ބީ ރެޑީ." ކެންޒާގެ ކަނދުރާގައި ބޮސްދެމުން މިފްރާހު ވާހަކަދެއްކިއެވެ.
ލޮލުފިޔަ ޖަހާލުމެއްނެތި ކެންޒާއަށް އޮވެވުނީއެވެ. މިފްރާހަށް ނިދިފަ އޭނާގެ ފޯނު އެލާމްވުމުން ތެދުވެގެން އެ ކޮޓަރިން ނުކުތްއިރު ވެސް ކެންޒާ އޮތީއެވެ. ފެންނަން ހުރި ކައިވެނީގެ ހެދުމަށް ބަލަހައްޓައިގެންނެވެ. މިފްރާހުއާ ކައިވެނިކުރަނީތޯ އަމިއްލަ ނަފްސާ ސުވާލުކުރެވުނު އަދަދުވެސް ނޭނގެއެވެ. ލައިތު ނޫން މީހެއްގެ އަނތްބަކަށްވާން ކެންޒާ ބޭނުންނުވާއިރު ވެސް މިފްރާހު އަނތބްކަށް އޭނާ ވަނީކަން ސިކުނޑި ބުނަމުންދިޔައެވެ. އެ ޚިޔާލުތަކުގައި ބުއްދި ގޯސްވެދާވަރުވެފައި ކެންޒާ އޮތްއިރު ހިތް ހީވަނީ ފުނޑުފުނޑުވާ ހެންނެވެ.
ކެންޒާގެ ކޮޓަރިން ނުކުމެގެން އައިސް އެނދުގައި ޖައްސާލި ވަގުތު މިފްރާހަށް އައި ފޯނު ކޯލާއެކު އޭނާ އިންތިހާއަށް ހާސްވިއެވެ. މަންމަގެ ކޮޓަރިއަށް ދުވެފައި ދެވުނީ ލިބުނު ޚަބަރުގެ ސަބަބުންނެވެ. ރައުދާ ކޮޓަރިން ނުކުތެވެ. ދަރިފުޅު ފެނުމާއެކު ކަމެއް ގޯސްވެއްޖެކަން ރައުދާއަށް އެނގިއްޖެއެވެ. މިފްރާހުގެ ވާހަކަ އިވުމުން ކޮޅަށް ހުންނަން ރައުދާއަށް އުނދަގޫވިއެވެ. މިފްރާހު އަވަހަށް މަންމަގެ ގައިގާ ހިފަހައްޓާލިއެވެ.
"ސަނާ... ސަނާއަށް އެނގޭތަ؟" ހާސްވެފައި ރައުދާއަށް ބުނެވުނެވެ.
"ސަނައްތަ ގާތު ބުނަންވާނެ... މިއަދު އިންނަން ހަމަޖެހިފަ އޮތްއިރު، ކެންސަލް ކުރާކަށް ބޭނުމެއްނޫން، މީހުންނަށް ދަޢުވަތު ވެސް ދީފައެއްނު އޮތީ، ކެން، ކެންއަށް މިއިން އެއްވެސް ކަމެއް އެނގުނަ ނުދޭތި، އޭނާ ނުލާހިކު އިމޯޝަނަލްވާނެ." މިފްރާހު ވާހަކަދެއްކީ އަވަސްއަރުވާލާފައެވެ. އޭނާ އިންތިހާއަށް ކަންބޮޑުވަނީ ކައިވެނި ފަސްކުރަން ޖެހިދާނެތީއެވެ.
"އެކަމަކު ހޮސްޕިޓަލަށް ދިއުމެންނު އެންމެ މުހިންމު ކަމަކީ... ބައްޕައަށް އެބަގޮވަން." ރައުދާއަށް ވިސްނުނު ގޮތް ހާމަކުރިއެވެ.
"މިވަގުތު އިހަށް ކެން ގޭގަ ބަހައްޓާ، އޭނާއަށް އަންގާނީ ފަހުން، އެހެންމީހުންނަށް ގޮވާފަ ބަދިގެއަށް އަންނަން މިބުނަނީ، ބައްޕަ ގޮވައިގެން މަންމަ އާދޭ." މިފްރާހު ބުންޏެވެ.
ކާމޭޒުދޮށަށް އެންމެން ޖަމާ ކުރެވުނު ސަބަބު މިފްރާހު ބުނުމާއެކު ސަނާ ރޮއިގަތެވެ. ހައިވޭގައި ހިނގި އެކްސިޑެންޓްގައި މުބީން ދަތުރުކުރި ޓެކްސީ އެކްސިޑެންޓްވީއެވެ. މުބީންގެ ވޮލެޓުން ފެނުނު ނަންބަރަށް ގުޅީ ފުލުހުންނެވެ. އެއީ މިފްރާހުގެ ނަންބަރެވެ. ހޮސްޕިޓަލުގެ ނަން ބުނުމާއެކު އެތަނަށް މުބީން ގެނެވިފައިވާކަން ބުންޏެވެ. މުބީންގެ ހާލު ދެރަކަމާއި ޢާއިލާ އަވަހަށް އައުމަށް ހޮސްޕިޓަލުން ބުނީއެވެ.
ކުޑަކުދީންނާއެކު ގޭގައި މީހަކު މަޑުކުރަން ނިންމީ ނޫރާއެވެ. އަދި ކެންޒާ ގާތު އެއްވެސް ވާހަކައެއް ނުދެއްކުމަށް މިފްރާހު ތަކުރާރުކޮށް ކޮންމެ މެންބަރަކު ގާތު ބުންޏެވެ. ކެންޒާގެ ހާލު ގޯސްވެދާނޭތީ ކަމުގައި މިފްރާހު އެމީހުންނަށް ވިސްނައިދިނެވެ. އެކަމާ އެންމެން ވެސް އެއްބަސްވީ ކެންޒާގެ ހާލު މިފްރާހު ބުނާހާ ގޯސްކަމަށް ފެންނާތީއެވެ. އިތުރު ހިތްދަތިކަމެއް ކެންޒާއަށް ލިބިދާނޭ ހީވެގެންނެވެ.
އެންމެންނާއެކު ގެއިން ނުކުތުމުގެ ކުރީން، ގޭގައި ގެންގުޅޭ މީހާ ގާތު ކެންޒާ ސައިބޯން އަންނަންވާއިރަށް ނާސްތާ ތައްޔާރުކޮށްފައި ބަހައްޓަން މިފްރާހު ބުންޏެވެ. އަދި އެމީހުން ދިޔައީ ކޮންތާކަށްކަން ކެންޒާ ސުވާލުކޮށްފިނަމަ ކައިވެނީގެ ކަންތަކުގައި އުޅޭކަމުގެ ބަހަނާ ދެއްކުމަށް އެންގިއެވެ.
* * * * *
ހޮސްޕިޓަލަށް ޢާއިލާއަށް އާދެވުނު އިރު މުބީންގެ ސާޖަރީ ކުރިއަށް ދަނީއެވެ. ޓެކްސީ ޑްރައިވަރު އެކްސިޑެންޓް ހިނގި ވަގުތު މަރުވީއެވެ. މުބީން ވެސް ކިރިޔާ ދުނިޔޭގައި އޮތްކަމެވެ. ފުރާނަ ސަލާމަތްކުރެވިދާނޭކަމުގެ ޔަގީންކަމެއް ޑަކްޓަރުން ނުދެއެވެ. މުބީންގެ ހާލު އޮޅުންފިލުވައިދެމުން އޭނާގެ ވައަތުފައިތިލަ ޗިސްވެ، ކަށިމަތިން ބިނދިފައިކަމާއި ނާށިގަނޑު ފަޅައިގެން ގޮސްފައި އޮތްކަން ޑަކްޓަރުން ކިޔާދިނެވެ. ފުރާނަ ސަލާމަތްވިޔަސް ވާގިނެތުމުގެ ފުރުޞަތު ބޮޑުކަން ޑަކްޓަރުން ބުނެފައި ވެސް އުންމީދު ކަނޑާނުލަން ބުނެލިއެވެ. ރައުދާގެ ގައިގާ ބައްދައިގަނެގެން ހުރެ ބާރަށް ސަނާ ރޮނީއެވެ. މިފްރާހަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އޭނާއަށް ވިސްނެމުންދިޔައީ މުބީންގެ ހާލާމެދުއެއްނޫނެވެ. ހޮސްޕިޓަލުގައި ހުރެ ވެސް އޭނާގެ ޚިޔާލުތަކުގައިވީ ކެންޒާއެވެ. ކައިވެނި ނުކުރެވިދާނެތީ އެކަމާ އިންތިހާއަށް އޭނާ ހާސްވަނީއެވެ.
(ނުނިމޭ)