ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: އެކްޓިވް ކޭސް 890 އަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން އެކްޓިވް ކޭހުގެ އަދަދު 900 ވުރެ ދަށައް ހިނގައްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 13،143 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 890 މީހުންނެވެ. މިހާތަނަށް 12،199 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 47 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 78 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތަކެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު މަރުވިއެވެ. ނަމަވެސް ސެޕްޓެންބަރުން ފެށިގެން އެ ނަންބަރު ވަނީ ދަށްވާން ފަށާފައެވެ. މިއަދު ޕޮޒިޓިވްވީ 24 މީހެކެވެ. އެއީ 20 ދިވެހިިންނާއި ހަތަރު ބިދޭސީންނެވެ. މިއީ މި ފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ. މި ދިޔަ ސާޅީސް ފަސް ދުވަހުގެ ތެރޭގައި 100 އިން މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އެރީ އެންމެ ދުވަހަކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް ކޮވިޑް ފެތުރޭ މިންވަރު ދަށަށްދާން ފެށުމުން ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. އެ ގޮތުން ކަރަންޓީން މުއްދަތު މިހާރު ވަނީ 14 ދުވަހުން 10 ދުވަހަށް ކުރުކޮށްފައެވެ.