ލައިފްސްޓައިލް

މެެކްޑޮނަލްޑް ބާގާއެއް ކާލަން ދާން ހެލިކޮޕްޓަރެއް ކުއްޔަށް ހިފައިފި

މާގިނައިން ފައިސާ ލިބޭ ބައެއް މީހުންނަށް އެ ފައިސާއަށް ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅެން ޖެހެ އެވެ. ޚާއްސަކޮށް މާ ބުރަ މަސައްކަތަކާ ނުލާ ފައިސާ ލިބޭ މީހުންނަށް އެއްގޮތަކަށް ވެސް ފައިސާގެ އަގެއް ވަޒަނެއް ނުކުރެވެ އެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލަކީ ރަޝިޔާގެ މި މަހުޖަނެވެ. އެމީހާ މެކްޑޮނަލްޑް ބާގާއެއް ކާހިތުން އެތަނަށް ވީހާވެސް އަވަހަކަށް ދިއުމަށް ބޭނުންވި އެވެ.

ކާރުގައި ވެސް ދެވޭލެއް ލަސްވެގެން އެމީހާ ވަނީ ހެލިކޮޕްޓަރެއް ކުއްޔަށް ހިފައިގެން ބާގާއެއް ކާލަން ގޮއްސަ އެވެ.
ވިކްޓާ މާޓީނޯވް، 33، އާއި ލޯބިވެރިޔާ މި ވަގުތު އުޅެނީ އެ ގައުމުގެ ރަށެއް ކަމަށްވާ ކްރިއިމިއާ އަށް ޗުއްޓީ އެއް ހަދާލަން ގޮހެވެ. ނަމަވެސް އެމީހުން ތިބޭ ސަރަހައްދުން މުޅިން ވެސް ލިބެނީ އޯގަނިކް ކާނާ އެވެ. އެހެންވެ އެ ކާނާތައް ކައިކައި ފޫހިވެގެން އެމީހުން ހެލިކޮޕްޓަރެއް ކުއްޔަށް ހިފައިގެން އެމީހުން ތިބި ރަށާ 450 ކިލޯމީޓަރު ދުރުގައި ހުރި މެކްޑޮނަލްޑް އައުޓްލެޓަކަށް ބާގާއެއް ކާލަން ދިޔައީ އެވެ.

ރަޝިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހެލިކޮޕްޓަރު ވިކްޓާ ކުއްޔަށް ހިފީ 2000 ޕައުންޑަށެވެ. ވީމާ ބާގާއެއް ކާލަން މިހާ ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރުމުން ނޫސްތަކުގެ ފަލަ ސުރުޚީއެއް މި ވާހަކަ އެރީ އެވެ.

މެކްޑޮނަލްޑް އައުޓްލެޓުން ވިކްޓާ އާއި ލޯބިވެރިޔާ އޯޑަރު ކުރީ ބާގާ އާއި ފްރައިޒް އަދި މިލްކްޝޭކެވެ. މި ކެއުމަށް އެމީހުން އަތުން ޚަރަދުވީ 49 ޕައުންޑެވެ.

ވިކްޓާ އަކީ ހެލިކޮޕްޓަރު އުފެއްދުމުގެ ރޮނގުން ރަޝިޔާގެ އެންމެ މަޝްހޫރު ކުންފުނީގެ ސީއީއޯ އެވެ. އޭނާ ރަޝިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ ލޯބިވެރިޔާ އާ ދެ މީހުން ޗުއްޓީ ހޭދަކުރަން ދިޔަ ރަށުން ކާން ލިބެނީ ހުސް އޯގަނިކް އެއްޗެތި ކަމަށެވެ. އެހެންވެ އާދައިގެ މޮސްކޯ ކެއުމެއް ކާލާ ހިތުން ހެލިކޮޕްޓަރެއް ކުއްޔަށް ހިފައިގެން ދާން ޖެހުނީ އެވެ. އަދި ބާގާ ކާލައިގެން ހެލިކޮޕްޓަރުގައި އަނބުރާ ޗުއްޓީ ހޭދަކުރާ ރަށަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.