ވާހަކަ

ލޯބިން ބުނެލަން

(3 ޑިސެމްބަރ 2020 އާ ގުޅޭ)

މުބީންގެ ހާލު އޮޅުންފިލުވައިދެމުން އޭނާގެ ވައަތުފައިތިލަ ޗިސްވެ، ކަށިމަތިން ބިނދިފައިކަމާއި ނާށިގަނޑު ފަޅައިގެން ގޮސްފައި އޮތްކަން ޑަކްޓަރުން ކިޔާދިނެވެ. ފުރާނަ ސަލާމަތްވިޔަސް ވާގިނެތުމުގެ ފުރުޞަތު ބޮޑުކަން ޑަކްޓަރުން ބުނެފައި ވެސް އުންމީދު ކަނޑާނުލަން ބުނެލިއެވެ. ރައުދާގެ ގައިގާ ބައްދައިގަނެގެން ހުރެ ބާރަށް ސަނާ ރޮނީއެވެ. މިފްރާހަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އޭނާއަށް ވިސްނެމުންދިޔައީ މުބީންގެ ހާލާމެދުއެއްނޫނެވެ. ހޮސްޕިޓަލުގައި ހުރެ ވެސް އޭނާގެ ޚިޔާލުތަކުގައިވީ ކެންޒާއެވެ. ކައިވެނި ނުކުރެވިދާނެތީ އެކަމާ އިންތިހާއަށް އޭނާ ހާސްވަނީއެވެ.

އެންމެންގެ ތެރެއިން އެއްފަރާތް ވެލުމާއެކު ޖިންސުގެ ޖީބުން މިފްރާހު ފޯނު ނަގައިފިއެވެ. ކެންޒާގެ ޚިޔާލާ ދުރަށް ނުދެވިގެން އޭނާ ގުޅީ ނޫރާއަށެވެ. އެކޮޅުން ފޯނުކޯލު ނެގިލެއް އަވަސްކަމުން، ހީވީ ފޯނުކޯލުގެ އިންތިޒާރުގައި ނޫރާ ހުރި ހެންނެވެ. ފުރަތަމަ ވާހަކަދެއްކީ ވެސް ނޫރާއެވެ. މުބީންގެ ހާލު އޭނާ އެއްސެވެ. އެކަމުގެ ތަފްސީލު މިފްރާހު ދިނެވެ. އެނބުރި ގެއަށް އާދެވޭނެ އިރެއް ނޭނގޭކަން ބުނެފައި، ކެންޒާ ކޮބާތޯ މިފްރާހު އަހާލިއެވެ. ކޮޓަރިން ނުނިކުމޭކަން ނޫރާ ބުނެލިއެވެ. ވެގެން އުޅޭ އެއްވެސް ކަމެއް ކެންޒާ ގާތު ނުބުނަން މިފްރާހު ބުނެލީ ނިކަން އަވަހަށެވެ.

"ނުބުނާނަން، އެކަމަކު މިއަދު ހަމަ ކުރަނީތަ؟ ވަގުތު އަދި އެބައޮތެއްނު، ހޮސްޕިޓަލުން އެންމެންނަށް އާދެވޭނެ އިރެއްވެސް ނޭނގެއޭ ތިބުނީ... ދައްތަ ގުޅާލަފާނަމޭ އެންމެންނަށް، މާދަމައަށް ފަސްކުރިޔަސް ލަހެއްނޫނެއްނު." ޢާއިލާއާ މެދު ވިސްނާލާފައި ނޫރާގެ ޚިޔާލު ފާޅުކުރެވުނީއެވެ. ނަމަވެސް މިފްރާހުގެ ޖަވާބު އައީ ނުހަނު އަވަހަށެވެ.

"ނޫން، އެކަކަށްވެސް ނުގުޅާތި... އެގަޑިއަށް އަހަރެން ދާނަން، ޕާޓީގަ ބައިވެރި ނުވެވުނަސް ކައިވެނި މިއަދު ކުރާނީ، އެކަން އެއޮތީ ފައިނަލްވެފަ، އެއްވެސް ކަމެއް ބަދަލެއްނުވާނެ، މަންމަމެން ކޮބޯތޯ ކެން އަހައިފިއްޔާ ކޮންމެވެސް ގޮތަކުން ހަމަޖައްސާލާތި." މިފްރާހު ބުނަންވީ އެއްޗެއް ބުނުމަށްފަހު ފޯނުކޯލު ކަނޑާލައިފިއެވެ. އޭނާއަށް ލިބިފައިވާ ނުތަނަވަސްކަން ކުޑަނުވާކަން އަތުގައި ފޯނުން ތަޅާލި ގޮތުން ދޭހަވެއެވެ.

މުބީން ނުނެރެނީސް އަނެއްކާ ވެސް ފުލުހުން އައިސް ޢާއިލާއާ ބައްދަލުކޮށްފިއެވެ. އެތަން ފެނި މިފްރާހު އަވަހަށް އެންމެންގެ ގާތަށް އަތުވެއްޖެއެވެ. މުބީންގެ މައްޗަށް ނޯޓިސް ނެރެވިފައިވާކަން އެނގުނީ ދެނެވެ. އޭނާ އެނބުރި ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރެވޭނެއެވެ. އޭނާގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމުގެ އިތުރުން ރާކެއްކުމާއި ބަނގުރަލުގެ ވިޔަފާރި ކުރާކަން ސާބިތުވެފައިވިއެވެ. އެހެންވިޔަސް ދެ ޤައުމުގެ މެދުގައި އެފަދަ ނޯޓިސްތަކަށް ޢަމަލުކުރުމަށް އެއްބަސްވުމެއް ހެދިފައި ހުރި ޤައުމުތަކުގެ ތެރޭ އޮސްޓްރޭލިއާ ނުހިމެނެއެވެ. އެހެންވެ އަނބުރާ ރާއްޖެއަށް މުބީން ފޮނުވާލުމަކީ އެ ޤައުމުގެ ޒިންމާއެއްނޫނެވެ. ހައްޔަރުކުރެވި މައްސަލަ ބަލައި ހެދޭނީ މުބީން ރާއްޖެ ދިޔަ ދުވަހަކުންނެވެ. އޭނާ ޢާއިލާގެ ގާތަށް އައި ބޭނުމަކީ ވެސް އެއީއެވެ. އެހެންނަމަވެސް ތަޤުދީރުގެ ނިޔާއިން ރެކި، ތަދުބީރުގެ މަގުން ހިނގާނެހާ އިންސާނުން ކުޅަދާނައެއްނޫނެވެ. ކިތަންމެ މޮޅަށް ރޭވި ނަމަވެސް އާޚިރުގައި އެކަން ކާމިޔާބުވުމާއި ނުވުން ގުޅިފައިވަނީ މިންވަރުފުޅާއެވެ.

ޢާއިލާއަށް އަނގަހުޅުވާލާނޭ ހިތްވަރެއް ނެތެވެ. މުބީން ދުރުގައި ބަހައްޓަން ޖެހުނީ އޭނާގެ ގޮތް އެންމެންނަށް ވެސް އެނގޭތީއެވެ. ރަނގަޅުވޭތޯ ޢާއިލާއިން ކުރި މަސައްކަތް ބޭކާރުވެގެންނެވެ. މުބީންގެ ނަމާ ގުޅިގެން ހެޔޮ ވާހަކައެއް އަޑެއް ނީވޭނެކަން އެ ޢާއިލާއަށް އެނގެއެވެ. އެހެންވިޔަސް މުބީންއަކީ އެ ޢާއިލާގެ މެންބަރެކެވެ. ކަލީމްއާއި ރައުދާގެ އެންމެ ދޮށީ ކުއްޖާއެވެ. ދަރިފުޅު އެހާލުގައި ވަނިކޮށް ނުބަލާން ދޫކޮށްލާނޭ ހިތްވަރެއް އެ މައިންބަފައިންގެ ގައިގާ ނުވެއެވެ.

* * * * *

ފާޚާނާއިން ކެންޒާ ނުކުތީ ޙައިރާންވެ ހުރެއެވެ. އެހެންނޫނީ ހެނދުނުގެ ނާސްތާ ގަޑި ޖެހެންވާއިރަށް މިފްރާހު އައިސް ގޮވާނެއެވެ. މިއަދު އޭނާގެ ހިލަމެއް ނުވީއެވެ. ތައްޔާރުވެލައިގެން ކޮޓަރިން ނުކުމެ މިފްރާހުގެ ކޮޓަރިއަށް ކެންޒާ ބަލާލިއެވެ. ނަމަވެސް އެ ކޮޓަރިއަށް ވަނުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ސިޑީގެ ހަރުފަތްތަކުން ފައިބައިގެން އައިސް ބަދިގެއަށް ކެންޒާ ވަނެވެ. ސަނާގެ ދޮށީ ދެބެންނާއި ނޫރާގެ ބޮޑުކުއްޖާ މޭޒުދޮށުގައި ތިއްބެވެ. ގެންގުޅޭ ކުއްޖާއަށް ކެންޒާ ފެންނައިރަށް ސައިތަށި އަޅައިދޭންވީތޯ އަހާލިއެވެ. މޭޒުދޮށުގައި އިނުމުގެ ބަދަލުގައި، ގެންގުޅޭ ކުއްޖާ ދިއްކޮށްލި ސައިޖޯޑު ހިފައިގެން ކެންޒާ ނުކުތީ ގޭގެ ބިއްދޮށް ފަރާތަށެވެ. ކުދިން ކުޅެން ނުކުމެ އުޅޭ ތަނަކަށްވާތީ ވަށައިގެން ޖަހާފައިވާ ލަކުޑި ފެންސުގެ އެތެރެއިން، ގޯތީގެ ހުސްބިން އެކުގައި އޮތީ ވިނަ ދޫލަ އަޅާފައެވެ. ފައިބަން ހުރި ހަރުފަތްތައް މަތީ ކެންޒާ އިށީނދެލައިގެން އިނެވެ. ގެންގުޅޭ ކުއްޖާ ކޭކުފޮއްޗެއް ތަށްޓަކަށް ލައިގެން ގެނެސް ކެންޒާއަށް ދިއްކޮށްލަ ދިނެވެ. ކެންޒާ ބޭނުންނުވާނެކަން އެނގިހުރެ ވެސް އިތުރު އެއްޗެއް ގެނެސްދެންތޯ އޭނާ އަހާލިއެވެ.

ހެނދުނުގެ އެވަގުތަކީ ގޭތެރޭގެ އަޑުފަށްގަނޑު ގަދަވާ ވަގުތެކެވެ. އެހެންމީހުންނާ ބައްދަލުނުވާ ދުވަހެއްގައި ވެސް ރައުދާއާއި ސަނާ ބަދިގޭގައި އުޅޭނެއެވެ. އެކަކުވެސް ސައިބޯން ނާންނަނީހެން ހީވެ އިތުރަށް ކެންޒާ ސުވާލު އުފެދުނެވެ.

"ގޭގައި ނެތީތަ؟" ކެންޒާއަށް އަހާލެވުނީ އަމިއްލަ ނަފްސު ކައިރީއެވެ. ހަމައެއާއެކު އޭނާއަށް ނިތްކުރީގައި އަތްތިލަ ހިންގާލެވުނެވެ. ކައިވެނީގެ ކަންތައް މިހާ ހެނދުނާ ފެށުނީއޭ ކެންޒާ ހިތަށް އެރީއެވެ. ފެންވަރާލުމުން ބޮލަށް ލިބުނު ލުއިކަން، ގަދަ ރިހުމަކަށް އަލުން ބަދަލުވީއެވެ.

ނޫރާ ބިއްދޮށަށް ނުކުންނަ ހުރި ބިއްލޫރި ދޮރުގައި ޓަކި ދިނުމާއެކު ކެންޒާ ފަސްއެނބުރި ބަލާލިއެވެ. އަންނާށޭ ބުނަން ނޫރާ އަތުން އިޝާރާތްކޮށްލިއެވެ. ކެންޒާ އެތެރެއަށް ވަދެގެން އައެވެ. ސައިބޮއެ ނިމުނީތޯ ނޫރާ އަހާލުމުން ކެންޒާ ބޯޖަހާލީއެވެ.

"އެކަކުވެސް ނެތް ގެއަކު، ބޭބީ އުރާލަދޭންވީނު... ސަލްކޮ ފެންވަރުވާލަން މިދަނީ، އަހަރެން އެކަނި މިއުޅެނީ."

ސަލްވާއަކީ ސަނާގެ އެންމެ ކުޑަ ދަރިއެވެ. އެއްއަހަރުވާން އުޅެނީއެވެ. ނޫރާގެ އެދުން ބޮލާލާ ޖަހާކަށް ކެންޒާއަކަށް ނުކެރުނެވެ. އޭނާ ކެންޒާ ގޮވައިގެން އައިސްވަނީ ކޮޓަރިއަށެވެ. އެނދުމަތީ ދަރިފުޅު ބާއްވާލައި އެތާ ކައިރީ ކެންޒާ މަޑުކޮށްލަން ނޫރާ ބުންނެވެ. ދެން އޭނާ ވަނީ ސަލްވާ ގޮވައިގެން ފާޚާނާއަށެވެ. އެގޭގައި ނޫޅޭ މީހަކަށް އެގެއިން ފެންނަ ކުޑަކުދީންނަކީ ކާކުގެ ދަރިއެއްކަން ބުނާކަށް ނޭނގޭނެއެވެ. ކޮންމެ މީހަކު ވެސް އެކުދީންނާއިގެން އުޅޭއިރު ހީވަނީ އެއީ އެމީހެއްގެ އުފަން ދަރި ހެންނެވެ. އެހެންވިޔަސް ކެންޒާގެ ހިތް ހެވެއް ނުކުރެވުނެވެ. ކުށެއްނެތްކަން އެނގޭއިރު ވެސް ސަނާގެ ކުދީންނާ ދުރުހެލިވެފައިވަނީ އެ ކުދީންނަށް ވެސް ފާހަގަވާ މިންވަރަށެވެ.

"ކޮންކަމަކާ ތިވިސްނަނީ؟" ކެންޒާ ކަމަކަށް ގެއްލިފައި އިންތަން ފެނި ނޫރާ އަހާލިއެވެ. ވާހަކައެއް ދެއްކުމުގެ ބަދަލުގައި ކެންޒާ ދެފަރާތަށް ބޯހޫރާލީއެވެ. ނޫރާ އަނގަހުއްޓާ ނުލައެވެ. ދެއްކީ ކުދީންގެ ވާހަކައެވެ. ދުވަސްކޮޅަކުން ކެންޒާއަށް ވެސް ކުއްޖަކު ލިބިދާނޭކަމާއި މިހާރުއްސުރެ ދަސްކުރަން އުޅެންވީކަން ނޫރާ ބުނެލިއެވެ. އިހުނަށްވުރެ ކެންޒާގެ މޫޑު ގޯސްވީ ދެނެވެ.

"ނުކުރާނަން ކައިވެންޏެއް..." ހިތާހިތުން ކެންޒާއަށް ތަކުރާރުކޮށް ބުނެލެވުނެވެ.

ގިނައިރަކު ނޫރާއާއެކު ކެންޒާ މަޑެއް ނުކުރިއެވެ. އެނބުރި ކޮޓަރިއަށް ވަންނަން އައިސްފަ ކެންޒާ މަޑުކޮށްލިއެވެ. ގޭގައި އެކަކުވެސް ނޫޅޭކަން އެނގުނީސްސުރެ ކެންޒާގެ ޚިޔާލުތައް ހުއްޓުމަކަށް ނާދެއެވެ. މިނޫނީ އޭނާއަށް މިނިވަންކަމުގެ އިޙްސާސް ކުރެވެނު ވަގުތެއް އަދި ނާދެއެވެ. ބިރުން ހުރެ ވެސް މިފްރާހުގެ ކޮޓަރީ ދޮރު ހުޅުވާލަން ކެންޒާ ހިފާލިއެވެ. ސިއްރުސިއްރުން ތަޅު އަނބުރާލި ހިނދު ހުޅުވިއްޖެއެވެ. އެތެރެއިން އޭނާއާ ބައްދަލުކުރީ ހިމޭންކަމެވެ. ކޮޓަރީގައި ހަރުލާފައި ހުރީ މިފްރާހުގެ ސެންޓުގެ ވަހެވެ. އޭސީ ނިވާނުލާ ހުރުމުން ކޮޓަރިތެރޭގައި ފިނިކަން ހަރުލާފައި ހުއްޓެވެ. އެނދުގެ ތަންމަތި އޮތީ ދެންމެ ހޭލައިގެން ތެދުވި ފަދައިން ތަރުތީބު ގެއްލިފައެވެ. ކޮޓަރިތެރޭގެ އެތަން މިތަން ކެންޒާ ހޯދަން ފެށިއެވެ. ފޮތްހަރުގަނޑުގެ ތެރޭގައި ހުރި "ސޭފް" ކެންޒާއަށް ފެނުނެވެ. އެ ހުރީ ތަޅުލާފައެވެ. ކެންޒާ އެ ހޯދާ އެތިވާނީ އޭގައިކަން ވިސްނުނީ ދެނެވެ. ކެންޒާގެ ވިސްނުން ހުރީ ފުރުޞަތުގެ ބޭނުން ހިފައި ފިލައިގެން ދާށެވެ. ކައިވެނި ހުއްޓުވާށެވެ. މިފްރާހު ވެސް ގޭގައި ނެތްކަން އެނގުމުން ކެންޒާ ބޭނުންވީ ޕާސްޕޯޓު ހޯދާށެވެ. އެ ހިފައިގެން އެގެއިން ނުކުންނާށެވެ. އޭރުން ކޮންމެވެސް ގޮތެއް އޭނާއަށް ފެނިދާނޭކަމުގެ އުންމީދުގައެވެ. ނަމަވެސް މިފްރާހު އެއަށްވުރެ ހުސިޔާރެވެ.

މީހަކަށް ފެނުމުގެ ކުރީން މިފްރާހުގެ ކޮޓަރިން ކެންޒާ ނުކުތެވެ. ފޫހިކަމާއެކު ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަތެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ލޯ މަރާލައިގެން އޮތުމަށްފަހު ކެންޒާ ބަލާލީ ކައިވެނި ކުރާ ހެދުމަށެވެ. އެ ހެދުން ވިދާކުދިކުދި ކޮށްލަން ކެންޒާގެ ހިތް ބުންޏެވެ. އެފަދަ ޚިޔާލުތަކެއްގައި އޭނާ އޮތީ ކިހާ އިރެއްވަންދެން ކަމެއް ނޭނގެއެވެ. ފޯނުން ލައިތުގެ ސޫރައަށް އޭނާ ބަލަންފެށީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އެކަމެއް ވެސް މިއަދު ނުވިއެވެ. ހުރިހާ ކަމެއް ނިމުމަކަށް އަތުވެއްޖެހެން ކެންޒާއަށް ޔަގީން ކުރެވޭގޮތްވިއެވެ. ލައިތުގެ ހާލެއް ނޭނގޭއިރު އޭނާ އަންނާނޭކަމުގެ ޔަގީންކަން ފަނޑުވެއްޖެއެވެ. ދެ މީހުން ދުވަހަކުވެސް ދެން ބައްދަލުވާނޭކަމެއް ބުނަން ކެންޒާއަކަށް ނޭނގެއެވެ. މިފްރާހުގެ އަނތްބަކަށް ނުވެ ސަލާމާތްވާނޭ ގޮތެއް ނެތްކަން ކެންޒާއަށް ވިސްނެންފެށިއެވެ.

* * * * *

ހަވީރުގެ ވަގުތެވެ. ފަހެއް ޖެހުމާ ކައިރިވެއްޖެއެވެ. މިފްރާހުއާއެކު މާހާގެ ދެމަފިރިން ގެއަށް އައެވެ. ނޫރާ އެކަނިމާއެކަނި ހުރިހާ ކުދީންގެ ކަންތައްތައް ކުރަން ދަތިވާނޭތީއެވެ. ކައިވެނީގެ ޙަފުލާ ފަސްކުރަން ކަލީމާއި ރައުދާ އެދުމުން ވެސް މިފްރާހު ދެކޮޅު ހެދީއެވެ. ޢާއިލާގެ ބަސް އޭނާ ޤަބޫލުނުކޮށް މިއަދު ކޮންމެހެން ވެސް ކައިވެނިކުރަން ހިފާލުމުން ކަލީމު އެދުނީ އޭނާ ހަފުލާގައި ބައިވެރިވާނޭކަމުގައެވެ. ޢާއިލާގެ އެންމެންނަށް ބައިވެރިނުވެވުނަސް ކޮންމެވެސް އެއްބަޔަކު ތިބެންވާނޭކަން ކަލީމު އޮތީ ބުނެފައެވެ. މާހާ އަވަސްވީ ނޫރާގެ ގާތަށް އައުމަށެވެ. އޭރު ކެންޒާ ތައްޔާރުކޮށްދިނުމަށް މާހާގެ ގާތުން މިފްރާހު އޮތީ އެދިފައެވެ. ނޫރާގެ ގާތަށް ގޮސްފައި މާހާ އަންނަންވާއިރަށް މިފްރާހު ވަނީ ކެންޒާގެ ކޮޓަރިއަށެވެ.

* * * * *

ދުއްވަމުން ދިޔަ ކާރު މަޑުކުރަން ލައިތު ގޮވާލީ ހިތްއަވަސްވެފައި އިނދެއެވެ. ޑްރައިވަރު ކާރު އެއްފަރާތުގައި މަޑުކޮށްލުމާއެކު ލައިތު އުޅުނީ ފައިބާށެވެ. އެހިނދު އޭނާގެ އަތުގައި ހިފެހެއްޓީ ޖެހިގެން އިން ސެހްރާނެވެ.

"އެހެރަ ޕާކަށް އެ ވަންނަނީ ކެން... އައި އެމް ޝުއާ، އެއީ ކެން..." ލައިތު ވާހަކަދެއްކީ ނިކަން އަވަހަށެވެ.

"ލައިތު، ކެން ފެނުނީމަ އަހަރެމެންނަށް ވެސް އެނގޭނެއެއްނު... އެ އަންހެންކުއްޖާ ކެންއާ ވައްތަރެއްނޫން." ފެނުނު އަންހެންކުއްޖާ ކެންޒާ ހުންނަވަރަށްވުރެ މާބޮޑަށް ވެސް ހިއްކިކަން ޔާދިންއަށް ވެސް ފާހަގަވެއެވެ.

"އަހަރެން ބަލަން ބޭނުން، އަހަންނަށް ޔަގީން އެއީ ކެންޒާކަން." ލައިތު ބަލާލީ ޔަގީންކަމާއެކުއެވެ. އޭނާގެ އަތުން ސެހްރާނު ދޫކޮށްލިއެވެ. ޑްރައިވަރު ކައިރީ މަޑުކުރަން ބުނެފައި ލައިތާއެކު ސެހެރާނާއި ޔާދިން ވެސް ކާރުން ފޭބިއެވެ. އެމީހުން އައިސް އަންހެންކުއްޖާ ވަން ޕާކުގެ ތެރެއަށް ވަނެވެ. ދުރުގައި ހުރި ބޮޑުގަހެއްގެ ހިޔަލުގައި ހުރި ހަމައެކަނި ބެންޗުގައި އެ އަންހެންކުއްޖާ އިށީނދެ އިންތަން ފެނުނެވެ.

"މިތާ މަޑުކުރޭ..." ސެހެރާނާއި ޔާދިންއަށް އަތުން އިޝާރާތް ކުރަމުން ލައިތު ބުނެލިއެވެ. ޔާދިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ސެހެރާނުގެ ކޮނޑުގައި ހިފާލަމުން ހިޔާވެފައި އޮތް ދިމާއަކަށް ޔާދިން ހިނގައިގަތެވެ.

"އަހަންނަށް ހިޔެއްނުވޭ އެއީ ކެންއަށް ވެދާނެހެން. ވީ ނޯ ހައު ޝީ ލުކްސް" ސެހެރާނު ބުނީ ޔާދިންގެ ގާތުގައެވެ.

ނެގިނެގިފައި ތެޅެމުންދިޔަ ހިތުގެ ސަބަބުން ލައިތު މޭގައި ފިރުމާލިއެވެ. އެ ހިތާއި އޭނާގެ ޟަމީރު ވެސް ބުނަނީ ގޮނޑީގައި އިނީ ކެންޒާކަމެވެ. މަޑުމަޑުން އައިސް ގޮނޑީގެ ފަހަތުން ލައިތު މަޑުކޮށްލިއެވެ. ގޮނޑީގައި އިން އަންހެންކުއްޖާގެ ކަންފަތަށް ހެޑްސެޓް ޖަހާލާފައިވާއިރު އޭނާގެ ފޯނުން ފެންނަމުން ދިޔައީ ލައިތުގެ ސޫރަކަން އެއްވެސް ޝައްކެއްނެތެވެ. ބޭއިޚްތިޔާރުގައި ލައިތުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއިރު އެ ދެ ލޯ ފެންކަޅިވެއްޖެއެވެ. އެއީ ހަމަ އޭނާގެ ކެންޒާކަން ލައިތަށް ޔަގީންވިއެވެ.

ގަސް ކައިރިން މީހަކު ނުކުތްކަން ކެންޒާއަށް ފާހަގަވީ އިރުކޮޅެއް ފަހުންނެވެ. ފޯނުން ނަޒަރު ވަކިވީ ފަޅި ސިކުންތަކަށެވެ. އެސްފިޔަ ޖަހާލައި ހުޅުވާލި އިރު ކުރިމަތިން ލައިތު ފެންނަން ހުރުމުން ކެންޒާ ހިނިތުންވެލިއެވެ. ނަމަވެސް އޭނާއަށް ބަލަން ހުރި ލައިތަށް ފެނުނީ ދިރުންގެއްލިފައިވާ މޫނެކެވެ. ރޯންނޭނގިފައި ކެންޒާ އިން ކަހަލައެވެ. ލައިތު އައިސް ކެންޒާގެ ގާތުގައި އިށީނެވެ.

"މަންމައާއި ދޮންބެއާ ބައްދަލުނުވާނެކަން އެނގޭ... އެހެންވިޔަސް މިގޮތަށް ވަކިވެގެންދާން އެންމެ ރަނގަޅު." ވަރުބަލިވެފައިވާ އަޑަކުން ކެންޒާ ވާހަކަދެއްކިއެވެ. އޭނާ އަރިއަޅާލުމުން ލައިތު އަވަހަށް ހިފަހައްޓާލިއެވެ. ލައިތުގެ މޭގައި ކެންޒާ ފިރުމާލިއެވެ.

"ހަޤީޤަތަކަށް ނުވިޔަސް... މިވަގުތު ތިހެން އިންނައްޗޭ... ދުރަށް ނުދައްޗޭ... ދެ ލޯ މެރެންދެން ތި މޫނަށް ބަލަން ބޭނުމީ، ދެން ނުހޭލާނަން..."

ކަމެއް ގޯސްވެއްޖެހެން ހީވެ ކެންޒާގެ ނަމުން ލައިތު ގޮވާލިއެވެ. އެހެންވިޔަސް ލައިތުގެ އަތުގެ ތެރެއަށް ވަރުނެތިގެން ކެންޒާގެ ހަށިގަނޑު ދޫވަމުންދިޔައެވެ. އޭނާ ކެންޒާގެ ގާތުގައި އިންއިރު ވެސް ކެންޒާއަށް އެކަން ޤަބޫލުނުކުރެވޭ ކަހަލައެވެ. ކެންޒާގެ ކޯތާފަތުގައި ދެފަހަރު ލައިތު ފިރުމާލައި ގޮވާލިއެވެ. މެރެމުންދިޔަ ދެ ލޯ ކެންޒާ ހުޅުވާލަން ނޫޅޭތީ ލައިތު ކަންބޮޑުވިއެވެ. ސެހްރާނަށް ގޮވާލީ ނުހަނު ބާރަށެވެ. ޔާދިންއާއި ދެ މީހުން އެކުގައި އައީ ދުވެފައެވެ.

"ކެންއަށް ކަމެއްވެއްޖެ..." ލައިތު ބުނެލިއެވެ. ސެހްރާނު ބަލާކަށް ނުހުއްޓެވެ. ލައިތުއާ ގާތްވެލުމާއެކު އަތްދަނޑި މައްޗަށް ކެންޒާ އުފުލާލައިފިއެވެ. ތިންމީހުންގެ މިސްރާބު ހުރީ ކާރާ ދިމާއަށެވެ.

* * * * *

ޕާކުގެ ތެރެއަށް މިފްރާހު އައިސް ވަނެވެ. ގޭގައި ނެތިއްޔާ ކެންޒާ އިންނާނީ އެތަނުގައިކަން އޭނާއަށް އެނގޭތީއެވެ. އެތަނުގެ ތެރެއިން ކެންޒާއެއް ނުފެނުނެވެ. ގަސްތަކާއި ދިގުކޮށް ހެދިފައި ހުރި ވިނަތަކުގެ ތެރެ މިފްރާހު ބެލިއެވެ. ހާސްވީ ދެނެވެ. ކެންޒާގެ ނަމުން އޭނާ ގޮވަން ފެށިއެވެ. ބެލެން ހުރި ހުރިހާ ދިމާއެއް މިފްރާހު ބެލިއެވެ. ޕާކުން ނުކުތް ގޮތަށް ދުވެފައި ގެއަށް މިފްރާހު އައެވެ. ސޯފާގައިން މާހާއާއި ނޫރާގެ ގާތުން ކެންޒާ ދުށިންތޯ އޭނާ އެއްސެވެ.

"ކިހިނެއްވީ؟" މިފްރާހުގެ މޫނުން ފާޅުވޭވޭ ހުރި ހާސްކަން މާހާ ދެނެގަތެވެ.

"މިފޫ އައިއިރު ވެސް ކެން ގެޔަކުނެތް، މިގަޑީގަ އޭނާ ބޭރަށް ނުކުމެއެއްނު..." ހައިރާންކަމާއެކު ނޫރާއަށް ބުނެވުނެވެ. އޭނާ ވެސް ކުދީންގެ ކަންތައްތައް ބަލަމުން ކެންޒާއަށް ސަމާލުކަން ނުދެވުނީއެވެ. އެއްވެސް ދުވަހަކު ކެންޒާ ގެއިން ނުކުންނަމުން އެކަކު ކައިރީ ވެސް ބުނެ ނުލާނެއެވެ. ކެންޒާ ނުކުތީ ކޮންއިރަކުކަމެއް ނޫރާއަކަށް ވެސް ނޭނގެއެވެ.

"ޕާކު ބެލިންތަ؟" މާހާ އަހާލިއެވެ.

"އެތާކުނެތް..." މިފްރާހު ބުނެލިއެވެ.

މިފްރާހު ހަލުވިކޮށް އައީ ކެންޒާގެ ކޮޓަރިއަށް ވަނުމަށެވެ. އެއްވެސް އެއްޗެއް މަދުތޯ އޭނާ ބެލިއެވެ. ނަމަވެސް ކޮޓަރި ތެރޭގައިވީ އިހު ވެސް ފެންނަ ތަރުތީބު ކަމެވެ. ރީތިވާ މޭޒުމަތީގައި ކެންޒާ ބޭނުންކުރާ ސާމާނު ހުއްޓެވެ. އަލަމާރީގައި ހުރިހާ ހެދުމެއް ހުއްޓެވެ. ފާޚާނާގައި ނެތްކަން އެނގޭއިރު ވެސް އަލުން ފާޚާނާ ބަލާލީ މިފްރާހުގެ ހިތްހަމަޖެހުމަށެވެ. އިތުރު ޔަގީންކަމަކަށެވެ.

"ކެ..ން..ޒާ..." އަޑަށް ބާރުލަމުން މިފްރާހަށް ބުނެލެވުނެވެ. އޭނާގެ ވިސްނުމަކަށް އެކައްޗަކަށް ވެސް ނާދެއެވެ. ކެންޒާ ދާނޭތަނެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ދަތްކުނޑިވިކާލެވުމާއެކު ފާރުގައި މިފްރާހަށް ޖެހުނެވެ.

ގޭ ކައިރީ ހިސާބުތައް ބެލުމަށް މިފްރާހު ގެއިން ނުކުތެވެ. ބައްދަލުވާ މީހުންނަށް ފޯނުން ކެންޒާގެ ފޮޓޯ ދައްކައި ދުށީންތޯ އަހަށެވެ. ކައިވެނި ކުރަންވީ ވަގުތު ކުޑަތަންވަމުން އަންނަކަން އެނގޭއިރު މިފްރާހުގެ ކެތްތެރިކަން ވެސް ކޮޅުންލަނީއެވެ. ހޯދަން ދާނޭ ތަނެއް ނޭނގޭތީ އެންމެފަހުގެ ކަމަކަށް އޭނާއަށް ވިސްނުނީ ފުލުހުންނަށް އަންގާށެވެ. ރުޅިގަދަވެފައި ހުރިއިރު ވެސް މިފްރާހުގެ ހިތް ކެންޒާއަށް ގެއްލުމެއްވާން ނޭދެއެވެ. ކެންޒާއަށް ނޭނގޭ ހިސާބަކަށް ދެވުނީކަމަށް ވެދާނޭ މިފްރާހު އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެވެސް ވެދާނޭ ގޮތެއްކަން އެނގޭތީއެވެ. ފޯނެއް ވެސް ކެންޒާއަތުގައި ނޯންނާނެތީ ޢާއިލާއަށް އަންގާނޭ ގޮތެއް ވެސް ނޯންނާނޭކަން މިފްރާހަށް ވިސްނެއެވެ.

"ކައިވެންޏަށް ފިލަންވެގެން ދިޔައީތަ؟" މިފްރާހުގެ ސިކުނޑީގައި އެ ސުވާލު ތަކުރާރުވޭވޭ ހުއްޓެވެ. ވުން އެންމެ ގާތް ކަމަކީ އެއީކަމަށްވީމައެވެ. ކުރެވެން އުޅޭ ކައިވެންޏަކީ އެއްގޮތަކަށް ވެސް ކެންޒާ ރުހިގެން ކުރާ ކައިވެންޏެއްނޫންކަން މިފްރާހަށް ރަނގަޅަށް އެނގޭތީއެވެ. ކޮންމެ ގޮތަކުންވިޔަސް ކެންޒާއާ ކައިވެނި ކުރާނަމޭ އަމިއްލަ ނަފްސަށް މިފްރާހު ބުނެލީ އަޑު ހަރުކޮށެވެ. ފިލަން ދުވިޔަސް ހޯދާނޭކަން މިފްރާހު ބުނެލިއެވެ. މިތަނަކީ ކެންޒާއަށް އަޅާލާނޭ ބަޔަކު ތިބިތަނެއްނޫނެވެ. ރާއްޖެދާން ބޭނުންވިޔަސް ކެންޒާއަށް އެކަމެއް ވެސް ނުވާނޭކަން މިފްރާހަށް ޔަގީންވެއެވެ.

"ނުފެނުން..." މިފްރާހު އެނބުރި އައިސް ގެއަށް ވަނުމުން މާހާ ސުވާލުކުރިއެވެ. މިފްރާހު ހަމައެކަނި ބޯޖަހާލީއެވެ.

"ދެން ކިހިނެއް ހަދަން ގަސްދުކުރަނީ؟ އޭނާ ދާނޭ ތަނެއް މިކޮޅުގަ ހުންނާނެތަ؟ ބައްޕައަށް ގުޅަންވީނު، ޔާސިރުއާއެކު މިފޫ ދާންވީނު ކާރުގަ، އަދިވެސް ބަލާލަން." މާހާ ވެސް ހުރީ އިންތިހާއަށް ހާސްވެފައެވެ.

* * * * *

އެޑްމިޓްކުރެވިފައިވާ އޮތް ކެންޒާއަށް ބަލަން ލައިތު އިނެވެ. ކެންޒާގެ އަތްތިލައިގަ ހިފާލައިގެންނެވެ. އެ އަތްތިލައިގަ ދޭތެރެއަކުން އޭނާ ބޮސްދެއެވެ. ޑަކްޓަރުން ކެންޒާ ގިނައިރެއްނުވެ ހޭއަރާފާނޭކަން ބުނެފައި ދިޔަފަހުން، އެވަގުތުގެ އިންތިޒާރުގައި އޭނާ އިން ކަހަލައެވެ. ކޯތާފަތް ތެމޭއިރަށް ލައިތު އަވަހަށް ފުހެލައެވެ. އޭނާއަށް ކެންޒާގެ ދެއަތުގައި ހުރި ނިޝާން ފެނިއްޖެއެވެ. ކެންޒާ މަރުވާން މަސައްކަތްކުރާނޭ ލައިތު ހިތަށް ވެސް ނާރައެވެ. އަދި މިފަހަރަކީ މީ އޭނާ މަރުވާން އުޅުނު ފުރަތަމަ ފަހަރު ނޫންކަން ވެސް ލައިތަށް ދެނެގަންނަން އެނގުނީ އެ ދެއަތުގައި ފެންނަން ހުރި ނިޝާނުންނެވެ. ނިދާ ބޭސް ކާންޖެހޭ ވަރަށްވުރެ ގިނައިން ކެންޒާ ކެއީއެވެ. ފުރާނަ ސަލާމަތްވީ އަވަހަށް ހޮސްޕިޓަލަށް ގެނެވުނީތީއެވެ.

(ނުނިމޭ)