ކޮވިޑް-19ގެ ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެހީތެރިކަން ދޭނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
އެ ޔަގީންކަން އެ ޖަމާއަތުން ދީފައިވަނީ ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑޮކްޓަރު އަރުވިންދު މާތުރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރާތުގައެވެ. މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮވިޑް-19ގެ ހާލަތުގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ޑަބްލިއުއެޗްއޯއިން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަރްވިންދްގެ މަންދޫބު ކަމުގެ ދައުރުގައި އެ ޖަމިއްޔާއިން ރާއްޖެއާ މެދު ބަހައްޓަމުންދާ ގާތްކަމާއި ބަދަހިވަމުން ދިޔަ ގުޅުމަށް ރައީސް ޝުކުރު އަދާ ކުރެއްވިއެވެ.
ޑޮކްޓަރު އަރްވިންދް މާތުރު ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ތަރައްގީ އާއި ކާމިޔާބީއަށް ތައުރީފު ކުރައްވާފައެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެ ބަލީގެ ވެކްސިން ހޯދުމުގައި ރާއްޖެއަށް ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވެ ދެއްވާނެ ކަމަށް އަރުވިންދު ވިދާޅުވިއެވެ.