ސައުތް އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ޖަމިއްޔާއަކީ މެންބަރު ގައުމުތަކަށް އިތުރު ލާބައާއި މަންފާ ލިއްބައިދެނިވި ގުޅުމަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގޮވައިލައްވައިފި އެވެ.
މިއަދު ފާހަގަކުރަމުންދާ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބާގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫންއަށް ފޮނުއްވި ހާއްސަ މެސެޖެއްގައި، ރައީސް ވިދާޅުވީ މި އަހަރުގެ ސާކް ޗާޓަރ ޑޭ ފާހަގަކުރަމުން މި ދަނީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތެއްގައި ކަމަށެވެ.
މިފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ސާކް ފަދަ ގުޅުންތަކުގެ މުހިންމުކަން އިތުރުވެގެން ގޮސްފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި، މި ހާލަތަކުން އަރައިގަތުމަށް ސާކްގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަކޮށް، ހެޔޮ އަދި މަންފާކުރަނިވި ކާމިޔާބީތަކެއް ހާސިލުކުރުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފަ އެވެ.
އަދި ކޮވިޑް-19 އިގެ ހާލަތާ ދުނިޔެ ބައްދަލުކުރުމާއެކު ސާކްގެ ގައުމުތަކުގެ ބައްދަލުވުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ، ސާކް ކޮވިޑް-19 އެމަޖެންސީ ރިލީފް ފަންޑް އެކުލަވައިލުން ވެގެންދިޔައީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދިން ކަމެއްގެ ގޮތުގައި ރައީސްގެ މެސެޖުގައި ސިފަކުރެއްވި އެވެ.
އިތުރަށް ވިދާޅުވީ މިއީ، ސާކްގެ ގުޅުމުގެ ފުރިހަމަ ލާބައާއި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރަން ޖެހިފައިވާ ހާލަތެއް ކަމުގައެވެ.
އަދި، މެންބަރު ގައުމުތަކުގެ މެދުގައި އިތުރަށް މަޝްވަރާކޮށް، ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމުގެ ބޭނުންތެރިކަން އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވަނީ 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ރާއްޖެއަކީ އެ ޖަމިއްޔާ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ހިދުމަތްތެރި މަސައްކަތްތަކެއް ކޮށްފައިވާ ގައުމެއްކަން ފާހަގަކުރައްވއި، އެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވާފައި އެވެ.
އަދި މުސްތަގުބަލުގައި ވެސް، މި ސަރަޙައްދުގެ ސުލްހަ މަސަލަސްކަމާއި، ތަރައްގީއާއި، ހަމަޖެހުމަށް މަސައްކަތް ކުރާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައި އެވެ.