ކޮވިޑް 19 ކޮންޓްރޯލް ކުރުމަށާއި އެ ބަލިމަޑުކަމުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން ބައެއް ގައުމުތަކުގެ ވެރިން ގުޅުއްވައި އެ މައުލޫމާތުތައް އޮޅުންފިލުއްވި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ފ. ބިލަތްދޫގައި މިއަދު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖެއިން އެޅި ފިޔަވަޅުތައް ގައުމުތަކުން ގަބޫލުކުރީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. އޭރުން ސަރުކާރުން އެޅި އެންމެ ރަނގަޅު ފިޔަވަޅަކީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލުން ކަމުގައިވެސް ވިދާޅުވި އެވެ.
ކޮވިޑް 19އާ މިސަރަހައްދުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އަވަށްޓެރި ސްރީލަންކާ އަށެވެ. ލަންކާގެ ހާލަތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ލަންކާއިން ހަދާފައިވާ އެންމެ ބޮޑު ގޯހަކީ އޭރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުން ކަމަށް އެ ގައުމުގެ ވަޒީރަކު އެމަނިކުފާނު އަރިހުގައި ދެންނެވި ކަމަށެވެ.
"ލަންކާގެ ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަހު ބޭއްވުމާއި ޓޫރިސްޓުންނަށް ހުޅުވާ ނުލައި ގިނަ ދުވަސްތަކެއްވުން އެއީ ލަންކާއަށް ހެދުނު އިތުރު ގޯހަކީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވުން އަވަސްކޮށް ފަތުރުވެރިންނަށް ރާއްޖެއިން އަވަހަށް މަރުހަބާ ކިޔުމަކީ ރާއްޖެއިން އެޅި ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ގައުމުތަކަށް މިހާރު ގަބޫލުކުރެވޭ ކަމަށެވެ.
ރައީސްއަށް ގުޅުއްވި ބޭފުޅުންގެ ތެރޭގައި ސީޝެލްސްގެ ރައީސް ވަވެލް ރަމަކަލަވަންގެ ނަން ފާހަގަކުރެއްވި އެވެ. ސީޝެލްސްގެ ރައީސް އޮޅުންފިލުއްވީ ރާއްޖެއިން އަޅަމުންދިޔަ ފިޔަވަޅުތައް ކަމަށާއި އެ މައުލޫމާތު ހިއްސާކުރެއްވުމާ ގުޅިގެން ރާއްޖެއިން އަމަލުކުރި ގޮތަށް ސީޝެލްސް އިން އަމަލުކުރި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް ވުރެ މާކުޑަ އާބާދީއެއް އޮތް ސީޝެލްގައި އޭގެކުރިން ރާއްޖެއަށް ވުރެ ގިނަ މީހުން މަރުވި. ރާއްޖޭގޭ ފިޔަވަޅުތައް ހިއްސާކުރުމާ ގުޅިގެން ސީޝެލްސް އިން އެކަން ބަލައިގެން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ދިވެހި ސަރުކާރުން ފިޔަވަޅު އަޅަމުން ގެންދިޔައީ ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ކަމަށެވެ. އެކަމަކުގެ ނަތީޖާ ފެނުނީ ރަނގަޅަށް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.