ސޭޝެލްސް

ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގެންފި

ސީޝެލްސްގެ ރައީސް ވޭވެލް ރާމްކަލާވަން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ސީޝެލްސްގެ ރައީސް ރާމްކަލާވަން އާއި އަނބިކަނބަލުން ލިންޑާ ރާމްކަލާވަން ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ރާމްކަލާވަން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހުންނަވާނެ އެވެ. ރާމްކަލާވަންގެ މިދަތުރުފުޅަކީ ސީޝެލްސްގެ ރައީސްއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެ އާއި ސީޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ބައެއް އެއްބަސްވުންތަކުގައި ސޮއެކުރައްވާނެ ކަމަށެވެ.

މިދަތުރުފުޅަކީ ދިވެހިރާއްޖެއާ ސީޝެލްސްއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅެ ސަބަބުން ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.