ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތައް ބައެއް ބޭފުޅުން ހަނދާން ނެތިފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ހއ. އިހަވަންދޫއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ ސަބަބުން ކުރިމަތިވި ކަންކަން ހަނދާންނެތި، ފާއިތުވި ހަތަރު އަހަރު ރާއްޖޭގެ ރައްޔިތުން އުޅުނީ އާންމު ހާލަތުގައި ކަމަށް ދެކެވަޑައިގެން ބައެއް ބޭފުޅުން ވާހަކަ ދައްކަވާ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ދައުރުގެ ފަހު އަހަރުގައި ނުފަށާ އެއްވެސް މަސައްކަތެއް ނުބޭއްވޭ ވަރަށް ކަންކަން އޮތީ ޕްލޭން ކުރެވިފަ އެވެ. ނަމަވެސް ކަންކަން މަޑުޖައްސާލަން ޖެހުނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ކަމުގައި ވިދާޅުވި އެވެ.
"އެންމެ އިސްކަމެއް އޭރު ދިނީ ކޮވިޑްގެ ވަބާއިން ރާއްޖޭގެ ރައްޔިތުން ސަލަމާތްކުރުމަށް. ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް އަނބުރާ ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް. އިރާދަކުރެއްވިއްޔާ އެވިސްނުމާ އެކު ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެނޭ" ރައީސް ވިދާޅުވި އެވެ.
ރާއްޖެއާއި ކައިރި ބައެއް ގައުމުތަކާއި ދުނިޔޭގެ އެހެން ގައުމުތަކަށް ކުރިމަތިވި ފަދަ އިގްތިސާދީ ދަތި އުނދަގޫތަކެއް ނެތި ރާއްޖެ ކުރިއަށް ދިޔައީ އެ ދުވަހު ކުރި މަސައްކަތުގެ ނަތީޖާއިން ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވި އެވެ. އެދުވަހު ރާއްޖެ އަމަލުކުރި ގޮތާއި މިއަދު ތިބި ހިސާބަށް އާދެވުނު ގޮތް މުޅި ދުނިޔެވެސް ބަލައިގަންނަ ކަމަށާއި ޑަބްލިއުއެޗްއޯ އިންވެސް އެކަން ފާހަގަކޮށް އެހެން ގައުމުތަކާ ހިއްސާކުރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބައެއް ބޭފުޅުން އެކަމެއް ހަނދާނެއް މިއަދަކު ނެތް. ހަތަރު އަހަރު އެކީގައި އަޅުގަނޑުމެން އާންމު ހާލަތުގައި އުޅުނު ކަމަށް ދެކެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެބަގެންދޭ" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ފަސް އަހަރެއްގެ ތެރެއިން އާލަމީ ވަބާއިން ސަލާމަތްވެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް މިސަރުކާރަށް ލިބުނީ ދެ އަހަރު ކަމަށެވެ. ނަމަވެސް އެ ދެ އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް ފަސް އަހަރު ދުވަހު ނުކުރާވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވޭ ކަމުގައިވެސް ވިދާޅުވި އެވެ.
"އިހަވަންދޫއަށްވެސް މި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެވިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު އިހަވަންދޫއަށް އެކަނިވެސް 129.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރަރިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.