މިނިސްޓްރީ އޮފް އެޑިއުކޭޝަން

ރައީސަށް މަރުހަބާ ކިޔުމުގައި ދަރިވަރުން ނެރޭތީ ކަންބޮޑުވުންތަކެއް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހއ. އިހަވަންދޫ އަށް ވަޑައިގެންނެވި ވަގުތު މަރުހަބާ ކިޔުމަށް ސުކޫލު ދަރިވަރުން ޝާމިލުކުރުމާ ގުޅިގެން އެ މައްސަލަ ހޫނުވެއްޖެ އެވެ.

ރައީސަށް މަރުހަބާ ކިޔުމުގެ ގޮތުން ސަގާފީ ހެދުމުގައި އިހަވަންދޫ ސުކޫލުގެ ގުރޭޑް 1،2،3،4 އަދި 5 ގެ ދަރިވަރުންނާއި ބެލެނެވެރިން ނުކުތުމަށް އެ ސުކޫލުން ވަނީ އަންގާފަ އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި 2018 ވަނަ އަހަރުގެ ޑިސެމްބަރު ތިންވަނަ ދުވަހު ނެރެފައިވާ ސާކިއުލާގައިވާ ގޮތުން މިފަދަ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް ވަނީ އަންގާފަ އެވެ.

"ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް، ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވޭ،" އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސާކިއުލާގައި ބުނެފައިވެ އެވެ.

ނަމަވެސް، އެކި ބޭނުންތަކުގައި ސަރުކާރުގެ އިސް ވެރިން ރަށްރަށަށް ވަޑައިގަންނަވާއިރު މަރުހަބާ ކިޔުމުގައި ސުކޫލު ކުދިން ބައިވެރިކުރުމަކީ ވަރަށް ކުރީންސުރެ ފެށިގެން ބައެއް ސުކޫލުތަކުން ކުރަމުން އަންނަ ކަމެކެވެ.