ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑުގެ ހާލަތުން ނަގާ ނާޖައިޒު ފައިދާއަށް ޖަވާބުދާރީވާންޖެހޭނެ

Dec 9, 2020
1

ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ، މިފަދަ ހާލަތެއްގެ ނަޖާއިޒު ފައިދާ ނަގައި، ނުހައްގު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަން އެފަރާތްތަކުންވެސް ހަނދާންކުރަންޖެހޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރްޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ، ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައި ޝިއުނާ ވިދާޅުވީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއްނެތި ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފަސްނުޖެހޭ ކަމަށެވެ.

އަދި ކޮވިޑް-19 އިގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާއަށް ބިލިއަނުން އިންވެސްޓްމަންޓްތައް ކުރަމުންގެންދާއިރު، ހާލަތުގެ ގޮތުން، އިމަރޖެންސީ ޕްރޮކިއުމެންޓް މަރުހަލާއެއް ކުރިމަތިވުމަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ އިތުރު ފުރުސަތެއްކަމުގައި ދެކެވަޑައިގަންނަވާކަމަށް ޝިއުނާ ވިދާޅުވި އެވެ.

މިގޮތުން، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ދުވަސްވަރާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ހިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 ޝަކުވާއެއް އޭސީސީއަށް ހުށަހެޅިފައިވާކަން ހިތާބުގައި ވަނީ ހާމަކުރައްވައިފަ އެވެ.

"ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ، މިފަދަ ހާލަތެއްގެ ނަޖާއިޒު ފައިދާ ނަގައި، ނުޙައްގު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަން އެފަރާތްތަކުންވެސް ހަނދާންކުރަންޖެހޭ،" ޝިއުނާ ވިދާޅުވި އެވެ.

އެއާއެކު، އޭސީސީގެ އަމާޒަކީ، ރައްޔިތުންގެ ފައިސާއިން ނަޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު މަގާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި، ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުންކަމަށް ހިތާބުގައި ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ތެރެއިން ކަމާގުޅޭ ބައެއް އިދާރާތަކުން ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައި އެވެ.

މިގޮތުން، ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި، ކޮރަޕްޝަން ހިންގާފައިވާކަމަށް ހާމެވައިފާއިރު، އެކަމާ ގުޅިގެން ކުރިމަތިވި ޕްރެޝަރުތަކާއެކު، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އަދި އަމީނާއެކު ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންގެ މައްޗަށް ދައުވާކޮށް ދިނުމަށްއެދި އޭސީސީން ވަނީ ޕީޖީގައި އެދިފައި އެވެ.

ނަމަވެސް، އެކަށީގެންވާ ހެކިނެތްކަމަށް ބުނެ އެ މައްސަލަތައް އަނބުރާ ފޮނުވާލާފައިވާއިރު، އެ ނިންމުން މުރާޖައާ ކުރުމަށް އޭސީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ގެންދަނީ ޕީޖީއަށް ބާރު އަޅަމުންނެވެ.