ވާހަކަ

ލޯބިން ބުނެލަން

(8 ޑިސެމްބަރ 2020 އާ ގުޅޭ)

"ކެން..." މިފްރާހަށް ދުރުގައެއް ނުހުރެވުނެވެ. ކެންޒާއާ ގާތަށް ފިޔަވަޅު އަޅާލިއެވެ.

"މިފޫ..." މާހާ ގޮވާލީ ތިކުރީ ކީއްހޭ އަހާލާފަދައަކުންނެވެ.

"ދެޓްސް ނޮޓް ވަޓް ހެޕެން..." ދައްތަގެ މޫނުގައިވި އަސަރުތައް ފެނި އަމިއްލަ ދިފާއުގައި މިފްރާހު ވާހަކަދައްކަން އަވަސްވެލިއެވެ.

"އަދިވެސް ނުފެނޭތަ؟ ޕްލީޒް މިފޫ..." މާހާ އިޝާރާތްކުރީ ކެންޒާއާއި ލައިތު ތިބިގޮތް މިފްރާހަށް ނުފެނޭތޯއެވެ.

"ކެންޒާގެ ޕާސްޕޯޓު ބަލާ މިއައީ." ލައިތު ބުނާއިރަށް އަޑުގެ ކޮޅަށް ނުލިބޭނޭ މިފްރާހު ހަޅޭލަވައިގަނެއްޖެއެވެ.

އެންމެންގެ ސަމާލުކަން އަތުލީ ކަންފަތާ ހަމައަށް ފޯރި އަންހެނެއްގެ ގިސްލުމުގެ އަޑެވެ. ރައުދާ އެނބުރިލީ އެއީ ކާކުގެ އަޑެއްކަން އެނގިގެންނެވެ. ދެކަކޫ މައްޗަށް ތިރިވެ މޫނުގައި އަތްއަޅައިގެން އިން ސަނާ އެންމެންނަކަށް ނުފެނެއެވެ. ރައުދާ އަވަހަށް އައިސް ސަނާގެ ގާތުގައި ހުއްޓިއްޖެއެވެ. ޅީދަރިފުޅުގެ ކޮނޑުގައި ހިފާލަމުން އޭނާ ކޮޅަށް ނެގިއެވެ. އެހިނދު ކަރުނަ ފައިބަމުންދިޔަ ދެ ލޯ ރައުދާއާ އަމާޒުވެލިއެވެ. ދެފަރާތަށް ބޯހޫރާލި ގޮތުން މިވީ ކިހިނެއްހޭ ސަނާ އަހާލި ކަހަލައެވެ.

އެ ޢާއިލާ ބަލައިގަންނަން ކެންޒާ ބޭނުންނުވަނީ ކީއްވެކަން އެންމެންނަށް ވެސް މިހާރު ސާފުވެއްޖެއެވެ. މުބީންއަކީ ދަރިއެއްކަމަކު އެކުއްޖާއަށް މަގުގެއްލިއްޖެކަން މާކުރިން ވެސް ކަލީމާއި ރައުދާ ވަނީ ނިންމާފައެވެ. އެހެންވިޔަސް އެމީހުންގެ ހިތްތައް ވޭނުންފުރި ލަދުވެތިކަމާއެކު މޫނުވަތަށް ޖަހަންޖެހުނީ މިފްރާހުގެ ސަބަބުންނެވެ. އެމީހުން ފެށުނީއްސުރެ ވެސް އެންމެ ކަންބޮޑުވީ ކަމަކީ އެއީއެވެ. މުބީންގެ ވިޔާނުދާ ދިރިއުޅުމާ މިފްރާހު ގުޅުމެވެ.

"ސަނާ..." ސަނާގެ ބުރަކަށީގައި ފިރުމަމުން ރައުދާ ގޮވާލިއެވެ.

"މަންމާ، ކެންޒާ ހިފެހެއްޓުމުގެ އެއްވެސް ހައްޤެއް އަހަރެމެންނަކަށް ނެތް." ރައުދާގެ އަތުގައި ހިފާލުމާއެކު ވާހަކަދައްކާނޭ ހިތްވަރު ސަނާއަށް ލިބުނެވެ. ރައުދާ ނިކަން އަވަހަށް ބޯޖަހާލީ އެކަމާ އެއްބަސްވާތީއެވެ.

ސަނާ ފެނުމުން ކެންޒާ މޫނު އަނބުރާލަނީ ކީއްވެކަން ވަރަށް ރަނގަޅަށް މިއަދު އޭނާއަށް އެނގިއްޖެއެވެ. މުބީންދެކެ އަދިވެސް ލޯބިވާތީ އެކަމާ އަމިއްލަ ނަފްސުދެކެ ސަނާ ލަދުވެތިވެއެވެ. އެހެންވިޔަސް ހިތުގައި ފިރިމީހާއަށް ޓަކައި އޮތް ޖަޒުބާތުތައް ބަދަލެއްނުކުރެވުނެވެ. އޭނާއަށް އެވަގުތު ވިސްނުނު ގޮތަށް ޢަމަލުކުރީ އެހެންވެއެވެ. މަޑުމަޑުން އައިސް ކެންޒާގެ ކުރިމަތީ ސަނާ ހުއްޓުނެވެ. ދެކަކޫ މައްޗަށް ތިރިވުމާއެކު އޭނާ މަޢާފަށް އެދުނެވެ. މުބީނަށް މަޢާފުނުކުރިޔަސް އޭނާއަށް މަޢާފުކޮށްދޭން ބުންޏެވެ. ނަމަވެސް ކެންޒާގެ ނަޒަރު ދަތުރުކުރީ ސަނާއާ ދުރަށެވެ.

"މުބީންއާއި މިފްރާހު ކުރީ މަޢާފު ހައްޤުވާވަރުކަމެއްތަ؟" ލައިތު ސުވާލުކުރީ ސަނާއާ އެވެ. އޭނާ ވަގުތުން އިސް އޮބާލިއެވެ. އެހިނދު ކަލީމު ގޮވާލީ މާހާއަށެވެ. ސަނާ ގޮވައިގެން އެތެރެއަށް ދާން ބުންޏެވެ.

"އަހަންނާ މެރީކުރާނަމޭ ނުބުނަންތަ؟ ވީ މޭޑް އަ ޑީލް، މިހާރު ކީއްވެ ތިހެން ތިހަދަނީ." ކުއްލިއަކަށް މިފްރާހު ވާހަކަދެއްކިއެވެ. އޭނާ ކެންޒާގެ ކުރިމަތީ އިން ސަނާ ވެސް ނަގައިފިއެވެ.

"ކެންޒާގެ ޕާސްޕޯޓު." މިފްރާހު ބުނި އެއްޗަކަށް ފަރުވާލެއްނެއް ފަދައިން ލައިތު ބަލާލީ އެތާ ކައިރީ ހުރި ރައުދާއާއި މަހާއަށެވެ. އެވަގުތު ޔާދިން ވެސް ވާހަކަދެއްކިއެވެ.

"މިތާ އިތުރަށް ތިބުމުގެ ބޭނުމެއްނެތް، ކެންޒާގެ ޕާސްޕޯޓުވީ އޭނާގެ އަތުގަ." ޔާދިން ވާހަކަދެއްކީ ކަލީމާއެވެ. އަދި ވައަތުގެ ޝަހާދަތް އިނގިލިން އޭނާ އިޝާރާތްކުރީ މިފްރާހަށެވެ.

"ޔޫ ކާންޓް ލީވް މީ... ޔޫ ކާންޓް ޑޫ ދިސް ޓޫ މީ." މާޔޫސްކަމާއެކު މިފްރާހަށް ބުނެލެވުނެވެ.

"މިފްރާހު!" ކަލީމު ގޮވާލިއެވެ. އެއާއެކު ބައްޕަ ބުނަން އެ އުޅެނީ ކީކޭކަން މިފްރާހު ދެނެގަތެވެ.

"ނުދޭނަން..." ނިކަން އަވަހަށް މިފްރާހު ބުންޏެވެ. އެހިނދު މާހާއަށް އެނގެޔޭ ބުނެ ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ދައްތަގެ އަތުގައި ހިފައި ހިފެހެއްޓުވީ މިފްރާހެވެ.

"ކެން... ދޭ ކޮޓަރިއަށް، ފޮށްޓަށް ހުރިހާ އެއްޗެއް އަޅައި ތައްޔާރުކުރޭ، ޕާސްޕޯޓު ވެސް ލިބޭނެ." މާހާ ބުންޏެވެ. ނޫނެކޭ މިފްރާހު ބުނީ ވަރަށް ބާރަށެވެ. ދެން މާހާގެ ދެކޮނޑުގައި ހިފަހައްޓާލައިފިއެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް ދައްތައާ މިފްރާހު ކުރިމަތިނުލައެވެ.

"ސިސް ޕްލީޒް... އައި ލަވް ހާ." އާދޭހާއެކު މިފްރާހު ބުނެލިއެވެ.

"ދެން ހެޔޮ... ތީ ލޯތްބެއްނޫން، ގަދަކަމުން ފޭރިގަނެގެން، ބިރުދައްކައިގެންވާ އެއްޗެއްނޫން ލޯތްބަކީ، އޭނާ މަރުވެއްޖެއްޔާ ތި ލޯބި ލިބިދާނެތަ؟" މާހާ ހުރީ ހިތްހަމަނުޖެހިފައެވެ.

"އާން!... އެހެން މީހަކަށް ލިބުމަށްވުރެ މަރުވިއްޔާ..." މިފްރާހުގެ އަނގަމަތީ މާހާ ޖެހީއެވެ.

"ކަލޭ މަރާލެވުންނަމައޭ މިހާރު ހިތަށް އަރާ." ރުޅިއައިސް ރަތްވެފައި ހުރި ދެ ލޮލުން ލައިތަށް މިފްރާހު ބަލާލިއެވެ. އޭނާ ކުރިއަށް ޖެހިލީ ލައިތުގެ އަތުގެ ތެރެއިން ކެންޒާ ޖަހައިގަންނާށެވެ. ހަލުވިކޮށް އައި ތޯމަސް އެ ދެމެދަށް ވަދެއްޖެއެވެ. އޭނާ މިފްރާހަށް އިންޒާރު ދިނެވެ. ދުރުގައި ހުރުމަށެވެ.

"މިފްރާހު..." ރައުދާ ގޮވާލީ ތަންކޮޅެއް ބާރަށެވެ. އެހެންވިޔަސް އޭނާ ހުރީ މަންމަގެ އަޑު އަހަން ތައްޔާރަކަށް ނޫނެވެ. ބޮލުގައި އަތްހާކަމުން މިފްރާހު އެމީހުންނަށް ފުރަގަސްދިނެވެ. އޭނާ ގޮތް ހުސްވެ ބޯގޮވައިފިއެވެ.

"ކެން... ގޯ..." މާހާ ބުންޏެވެ. ކެންޒާ ބޯޖަހާލުމާއެކު ދާން ހިނގައިގަތުމުން، އޭނާއާއެކު ލައިތު ވެސް އައެވެ. އެމީހުންގެ ފަހަތުން ދިއުމަށް ތޯމަސް ގާތު ޔާދިން ބުންޏެވެ.

މިފްރާހު އެތެރެއަށް ހިނގައިގަތުމުން ޔާދިންއާއި ސެހްރާނު ވެސް ކޮޅަށް ތެދުވިއެވެ. އެމީހުން ތެދުވުމުން ކަލީމް ތެދުވިއެވެ. މިފްރާހުއާ މެދު ފިޔަވަޅު އަޅަން ބޭނުންވޭތޯ ކަލީމު އަހާލީ ދެނެވެ. ޔާދިން ބަލާލީ ފުން ނަޒަރަކުންނެވެ.

"އެކަމުންވާނީ ކޮންފައިދާއެއް، އެމީހުން މިކޮޅަށް އައިސް އެ ތިބީ ކުށަށް ފިލަން، އެކަމަކު ކުށެއްނުކުރާކަމަށްވާނެތަ؟ ލައިތާއި ކެންޒާއަށް ލިބުނު އަނިޔާގެ ބަދަލު ދެވޭނެތަ؟"

"އެނގިއެނގި ހުރެ އަނިޔާ ލިބޭތަން ބަލަން ތިބޭނޭ ހީވަނީތަ، އަހަރެމެންނަކީ އެކަހަލަ ބައެއްނޫން، މިގެއަށް އައި ފުރަތަމަ ދުވަހުން ފެށިގެން، ކެން ބަލައިގަތީ ދަރިއެއް ފަދައިން، އަހަރެމެންނަށް ފުރަތަމަ ކެން ފެނުނީ ވެސް އެ ދުވަހު، އެކުއްޖާއަށް އެއްވެސް ތަފާތެއް ނުކުރަން، މިފްރާހު މާލެ ދިޔައީ ކައިވެނި ކުރާ ކުއްޖާ ބަލާކަން އެނގިފަ އޮތީ، އޭނާ މާލޭގައި އުޅުނު ގޮތެއް އަހަރެމެން އެކަކަށް ވެސް ނޭނގޭ، ދެރައީ ކެން ވެސް އަހަރެމެންނަށް ހަޤީޤަތް ކިޔައިދޭން މަސައްކަތްނުކުރީމަ، އަނެއްކޮޅުން ޤަބޫލުވެސް ކުރަން އޭނާއަށް އެހެން އެވީ ކީއްވެކަން... މުބީންއާ ގުޅިއްޖެނަމަ އެއްވެސް ކަމެއް ރަނގަޅެއްނުވާނެކަން އެނގޭ." ކަލީމުގެ ބަދަލުގައި ރައުދާ ޖަވާބުދިނެވެ.

ކެންޒާ ކޮޓަރީގެ ދޮރުހުޅުވާލި ވަގުތު އޭނާގެ ފަހަތުގައި ހުރި ލައިތުގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ކޮޓަރިތެރޭ ހުރި ކައިވެނި ހެދުމެވެ. ނަމަވެސް ކެންޒާ އެނބުރި ލައިތަށް ބަލާލަން ވާއިރަށް އޭނާ ނަޒަރު އެހެން ދިމާއަކަށް ހުއްޓާލިއެވެ. އަދި އެތެރެއަށް ވަންނަންވީތޯ ލައިތު އަހާލިއެވެ. ކެންޒާ ނޫނެކޭ ބުނުމަށް ބޯހޫރާލުމުން ލައިތު މަޑުކޮށްލީ އެއްފަރާތުގައެވެ. ކޮޓަރީގެ ދޮރު ކައިރިކޮށްލުމާއެކު ތޯމަސް ހުއްޓިލީ ސީދާ ދޮރުމަތީއެވެ. ދުވަމުން ކަހަލަ ގޮތަކަށް އަރައިގެން އައި މިފްރާހާއި ލައިތު ހަތަރުކަޅި ބައްދަލުވިއެވެ. މިފްރާހުގެ މޫނުން ފޫހިކަމާއި ރުޅިވެރިކަން ފާޅުވެލިއެވެ. އޭނާ ކެންޒާގެ ކޮޓަރިއަށް ވަންނަން ދިމާކުރިއެވެ. ނަމަވެސް ތޯމަސް އެ ފުރުޞަތެއް ނުދިނެވެ. ތޯމަސް ކޮށްޕާލަން އުޅުމުން އޭނާ ހުސިޔާރުކަމާއެކު ލައިތުގެ ކަނާއަތުގައި ހިފައި އަނބުރާލުމާއެކު ކަނާއަތު ފައިގެ ކަކުލުގެ ދަށްފަރާތުގައި ފައިންޖެހިއެވެ. ވަގުތުން ދެ ކަކޫ މައްޗަށް މިފްރާހު ތިރިވިއެވެ. ތަދުވިކަން މިފްރާހު ލައްވާލި އަޑުން އެނގެއެވެ. ތޯމަސް އޭނާގެ އަތް ފުރަގަހަށް ވާހެން ހިފަހައްޓާލައިގެން ހުރީއެވެ. ދުރަށް ޖެހެން މިފްރާހަށް އޭނާ އިންޒާރު ދިނެވެ. އެއާއެކު އަމާންދިން މީހަކު ފަދައިން ދެން އޮތް އަތް މިފްރާހު މައްޗަށް އުފުލާލިއެވެ. ތޯމަސް އޭނާ ދޫކޮށްލީ ދެނެވެ. އަދި ފަހަތަށް ޖެހިލައި އިހު ހުރި ގޮތަށް ދޮރުމަތީ ހުއްޓިލިއެވެ.

މިފްރާހު ކޮޅަށް ތެދުވުމާއެކު ލައިތަށް ބަލާލިއެވެ. ދެން މަލާމާތުގެ ހީނލުމަކުން އޭނާ ހީނލީއެވެ. މަޑުމަޑުން އައިސް ލައިތުގެ ކުރިމަތީ އޭނާ ހުއްޓިލިއެވެ. ތޯމަސްގެ ސަމާލުކަން އެދިމާއަށް ދެވުނެއްކަމަކު އޭނާ މަޑުކުރީ ލައިތު އެގޮތަށް އިޝާރާތްކުރުމުންނެވެ.

"ސޯ... އެ ވީޑިއޯތައް ކަލޭ ބެލީތަ؟ ވަޓް އަ ޕާވާޓް..." މިފްރާހު ހީނގަތެވެ.

"މިވީ ތިންމަސް ދުވަހު އަހަރެންނާއެކު ކެންޒާ ކުރީ ކީއްކަން އެނގޭތަ؟ ޝީ އާސްކްޑް ފޯ އިޓް... ވަޓް އިފް ޝީ ގެޓްސް ޕްރެގްނެންޓް... އަހަރެންގެ ދަރިއަކަށް އޭނާ ބަލިވެ އިންނާނީ، އެކޮޓަރީގައި... ވީ ޑިޑް އެވްރިތިންގް، އައި ހޭވް ޓު ސޭ، ޝީ އިޒް ހޮޓް، ސޭމް ލައިކް އަ ކެޓް އިން ހީޓް." މިފްރާހު ވާހަކަދެއްކި ގޮތުން އޭނާ އެވާހަކަތައް އިއްވަން ބޭނުންވީ ހަމައެކަނި ލައިތަށްކަން ދޭހަވެއެވެ. މިފްރާހުގެ އަނގަމަތީ ޖެހިޖެހީނުން ދަތްޕިލަ އެތެރެއަށް މަޅާލަން ލައިތު ބޭޏުންވިއެވެ. ނަމަވެސް ދަތްކުނޑިވިކާލެވި ދެއަތްތިލަ މުއްކަވާލެވުނު އިރު ވެސް ލައިތު ރައްދެއްނުދެއެވެ.

"އައި ހޭވް ޓޭސްޓާ ހާ ފަސްޓް." މިފްރާހުގެ މޫނު ލައިތުގެ ކަންފަތާ ކައިރިކޮށްލައި ބުނެލިއެވެ. ދެން އޭނާ ލައިތާ ދިމާކުރިމަތިވާނޭހެން ހުރި ބިތުގައި ފަހަތަށް ގޮސް ޖެހިލައިފިއެވެ. ހެވިފައި ލައިތަށް ބަލަން ހުރި ގޮތުން މިފްރާހު ބޭނުންވަނީ ލައިތުގެ ހަމަވިސްނުން ގެއްލުވާލަން ކަހަލައެވެ. އޭނާގެ އެ މަޤުޞަދު ހާސިލުވިޔަ ދޭން ލައިތު ބޭނުންނުވީއެވެ.

"ޔޫ އާ ނޮޓް މައި ބްރަދާ... ޔޫ ޑޯންޓް ޑިޒާވް ހާ... އެއްވެސް އަންހެންކުއްޖެއްގެ ލޯތްބެއް މިފޫއަށް ހައްޤެއްނޫން." މާހާގެ އަޑު އިވުނެވެ. ފެންކަޅިވެފައި މާހާ ހުރިއިރު އޭނާއަށް މިފްރާހުގެ ވާހަކަތައް އިވިއްޖެއެވެ. ވަރަށް ބޮޑަށް ލަދުވެސް ގަނެއްޖެއެވެ. ހަމައެއާއެކު ލައިތުގެ ކެތްތެރިކަން ފެނުނެވެ.

ކެންޒާއަށް ފޮށްޓަށް އެއްޗެހި އަޅަން ހުރެފައި ހުއްޓުނެވެ. މާހާގެ އަޑު ކެންޒާއަށް އިވުނެވެ. ދޮރުކައިރިއަށް އައިސް ކައިރިކޮށްފައި ހުރި ދޮރު އޭނާ ހުޅުވާލިއެވެ. ތޯމަސް ފަސްއެނބުރި ބަލާލުމާއެކު ލައިތު ނިކަން އަވަހަށް ދޮރުކައިރިއަށް ޖެހިލިއެވެ. މިފްރާހު ބަލާލިއިރު ތުންފަތުގައިވި ވިހަ ހިނިތުންވުން ކެންޒާއަށް ފެނުނީ ދެނެވެ. ނަމަވެސް އެ ދެމެދަށް އެޅުނު ފަރުދާއަކަށް ލައިތުވިއެވެ. ކެންޒާގެ ދިމާކުރިމަތީ ލައިތު ހުއްޓުލީ އޭނާއަށް މިފްރާހު ނުފެންނާނޭ ހެންނެވެ. ލައިތުގެ އަތުގައި ހިފައި ކޮޓަރިއަށް ތެރެއަށް ކެންޒާ ދަމާލިއެވެ. މިފްރާހު ކުރިއަށް ފިޔަވަޅެއް އަޅާލައިފަ ވެސް ހުއްޓުނީ އޭނާއަށް ހުސިޔާރުވެ ތޯމަސް ހުރިކަން އެނގިގެންނެވެ.

ހުޅުވާފައި ހުރި ފޮށީގައި ބައެއް ހެދުންތައް ހުރިއިރު އަލަމާރިން ނުނަގާ ވެސް ހެދުންތައް ހުއްޓެވެ. އެތަނުން އެއްވެސް އެއްޗެއް ކެންޒާ ބޭނުންނުވާކަން ހާމަކުރިއެވެ. މިފްރާހު ގެނެދީފައި ހުރި ހެދުންކަން ކެންޒާ ބުނީ އިސްއޮބާލައިގެން ހުރެއެވެ.

"އެހެންވީރު ދަމާ..." ކެންޒާގެ އަތުގައި ހިފާލައި ގާތަށް ދަމާލަމުން ލައިތު ބުނެލިއެވެ. ކެންޒާ ބޯޖަހާލީ އެހެން ލައިތު ނުބުނެގެން ހުރި ފަދައިންނެވެ.

މިފްރާހުގެ ކޮޓަރިއަށް ވަންނަން އައި މާހާ ހުއްޓުވީ ޚުދު މިފްރާހެވެ. އެހިނދު މާހާ އިނގިރޭސި ބަހުން ވާހަކަދެއްކީ ކެންޒާގެ ކޮޓަރި ދޮރުމަތީ ހުރި ތޯމަސްއާއެވެ. ކެންޒާގެ ޕާސްޕޯޓު ހިފައިގެން އަންނަން ދެން މިފްރާހު ހިފެހެއްޓުމަށް ތޯމަސްގެ ގާތުގައި މާހާ ބުންޏެވެ. ތޯމަސް ބޯޖަހާލުމާއެކު ކޮޓަރިން ނުކުތް ލައިތު ގާތު ތިރިއަށް ގޮސް ޔާދިންއާއި ސެހްރާނު ގާތު މަޑުކުރަން ބުނެލިއެވެ. އެމީހުން ސިޑިން ފައިބައިގެން ދާން ފެށުމުން ތޯމަސް އައީ މިފްރާހާ ދިމާއަށެވެ. ކޮޓަރިއަށް ވަދެ ދޮރުތަޅުލަން އުޅުނެއްކަމަކު މިފްރާހަށް ކާމިޔާބުވިޔަކަ ތޯމަސް ނުދިނެވެ. ކޮނޑުން ދޮރުފަތުގައި ޖެހިގެންފައި ކޮޅުފައިން ދޮރުގައި ޖަހައި ހުޅުވާލިއެވެ. މާހާއާ ދިމާއަށް މިފްރާހު ދިޔަނުދީ ތޯމަސް އޭނާ ހިފެހެއްޓިއެވެ. ފޮތްހަރުގަނޑުގައި ހުރި "ސޭފް" މާހާ އައިސް ހުޅުވިއެވެ. އޭގެ ތެރެއިން ކެންޒާގެ ޕާސްޕޯޓު މާހާ ނެގުމާއެކު ސޭފް ލެއްޕުމެއް ވެސް ނެތި ހަލުވިކޮށް ކޮޓަރިން ނުކުތީއެވެ. އޭނާގެ ފަހަތުން ތޯމަސް އައެވެ. މިފްރާހު ވެސް އެމީހުންގެ ފަހަތުން އައެވެ.

މާހާ ދުވެފައި އައިސް ކެންޒާއާއި ލައިތު ކުރިމަތީ ހުއްޓުނެވެ. ނިކަން އަވަހަށް ލައިތުގެ އަތުގައި ހިފާލުމާއެކު އުފުލާލައި އެއަތުގެ ތެރެއަށް ކެންޒާގެ ޕާސްޕޯޓު ލައިދިނެވެ. އަދި ކެންޒާ ގޮވައިގެން ދާށޭ މާހާ ބުނެލީ ނުހަނު އަވަސް އަރުވާލާފައެވެ. ލައިތު ބޯޖަހާލުމުން މާހާ ދެން ބަލާލީ ކެންޒާއަށެވެ.

"ސޮރީ... މިފޫ ކަންތައްކުރީ ރަނގަޅަކަށްނޫން، އުފާވެރި ދިރިއުޅުމަކަށް އެދެން." ކެންޒާގެ ބޮލުގައި ފިރުމާލަމުން މާހާ ބުންޏެވެ. އޭނާ މިހާރު ބޭނުންވަނީ ކެންޒާ ގޮވައިގެން ލައިތު އެގެއިން އަވަހަށް ދިއުމެވެ. މިފްރާހަށް އޭނާގެ ލޯބި ލިބެން މާހާ ބޭނުންވިޔަސް، މިފްރާހު ޚިޔާރުކުރި މަގު އެއްގޮތަކަށް ވެސް މާހާއަށް ކަމަކުނުދެއެވެ. ކޮއްކޮގެ ޢަމަލުތައް އޭނާ ކުށްވެރިކުރީ އެހެންވެއެވެ. ކެންޒާ ހައްޤުނުވެޔޭ އޭނާ ބުނީ ވެސް އެހެންވެއެވެ.

"ކެން ގޮވައިގެން ދޭ..." ސެހްރާނު ގާތު ލައިތު ބުނެލިއެވެ.

ކެންޒާއާއި ސެހްރާނު އެގެއިން ނުކުތުމުން ލައިތު ބަލާލީ މިފްރާހަށެވެ. ތޯމަސް ހުރަސް އަޅާފައި ހުރުމުން މިފްރާހު ހުރީ ކެންޒާގެ ފަހަތުން ނުދެވިފައެވެ. ކަލީމްއަށް ޔާދިން ދިއްކޮށްލި އަތުގައި އޭނާ ހިފިއެވެ. ޔާދިން އެދުނީ ކެންޒާއަށް މިފްރާހު ފުށުން އުނދަގުލެއް ވެއްޖެނަމަ މިފަހަރު ކަންތައް ކުރިހެން ދޫކޮށްނުލާނޭ ކަމެވެ. އެހެންވީމަ ޢާއިލާއިން އޭނާ ހިފެހެއްޓުމަށެވެ. ކެންޒާއަށް އުނދަގުލެއް ނުފޯރާނޭކަމަށް ކަލީމު އެއްބަސްވިއެވެ. އެއާއެކު ޔާދިން އައިސް ހުއްޓިލީ ލައިތުގެ ގާތުގައެވެ. މިފްރާހާ ގާތަށް ލައިތު ފިޔަވަޅު އަޅާލީ ވެސް މިފްރާހުއާ ނަޒަރު ވަކިކޮށްނުލައެވެ.

"ނުހައްޤުން ހޯދާ އެއްވެސް އެއްޗަކުން ފައިދާއެއްނުކުރާނެ، މިއަދު އެކަން އެނގިއްޖެއެއްނު... ކެންޒާއަކީ އަހަރެންގެ ހައްޤެއް، ތިން މަސް ކީއްކުރަން، އަހަރުދުވަސް ފަހުން އަހަރެން އައިނަމަވެސް އޭނާ ކަލޭ ދޫކޮށްލާފައި އަހަރެންގެ ގާތަށް އަންނަން ސިކުންތެއް ވެސް ނުނަގާނެ، ގެޓް ދެޓް ޓު ޔޯ ތިކް ހެޑް... އެންޑް ވަޓް ޔޫ ޑިޑް ވިތް ހާ، ދެޓްސް ދި ރީޒަން ޔޫ ކޮމްޕްލީޓްލީ ލޮސްޓް ހާ، ނައު ހޫ އިޒް ދި ލޫޒާ." ލައިތުގެ އަތުގައި އޮތް ޕާސްޕޯޓުން އަނެއްއަތުގައި ޖަހާލިއެވެ. ޔާދިންގެ ކޮނޑު ޖަހާލަމުން ދެ ޒުވާނުން އެކުގައި އެގެއިން ނުކުންނަން ހިނގައިގަތެވެ.

"މަރާނުލައިގެންތަ ތިއުޅެނީ." މިފްރާހު ގޮވިއެވެ. ޢާއިލާގެ އެންމެން ތިބީ އަޖައިބުވެ އަންތަރީސްވެފައެވެ.

ގޭގެ ދޮރުން ލައިތާއި ޔާދިން ނުކުތުމުން ތޯމަސް ވެސް ނުކުންނަން އައެވެ. މިފްރާހު އެންމެ ހިނދުކޮޅަކަށް ވެސް މަޑެއްނުކުރިއެވެ. ގެއިން ނުކުތުމުން ކަލީމާއި މުރާދު ވެގެން މިފްރާހު ހިފެހެއްޓީއެވެ. ތޯމަސް ފަސްއެނބުރި ބަލާލި ގޮތުން ކަލީމާއި މުރާދު ވެސް އިންތިހާއަށް ސިހުނެވެ. ބްލޭޒާގެ ތެރެއަށް އޭނާގެ އަތް ވައްދާލި ގޮތް ކަލީމަށް ފާހަގަވިއެވެ.

"ގޯ..." ކަލީމު ނިކަން އަވަހަށް ތޯމަސްއަށް ބުނެލިއެވެ.

ރައުދާ އައިސް މިފްރާހުގެ ދެއަތުގައި ހިފިއެވެ. މިފްރާހު ކުރިމައްޗަށް އޭނާ ތިރިވެ އާދޭސްކުރިއެވެ. ކެންޒާގެ މަތިން ހަނދާންނައްތާލާށޭ ރައުދާ ބުނެލިއެވެ. މަންމަގެ އަތް ފޮޅުވާލުމާއެކު މިފްރާހު ގޭތެރެއަށް ވަނީއެވެ. އޭނާ އެ އައިގޮތަށް ކޮޓަރިއަށް ވަދެ ދޮރުފަތް ޖެހިއެވެ. އައިސްފައި ހުރި ރުޅިއާއި ހިތަށް ލިބުނު ނުތަނަވަސްކަމުގެ އަސަރު އޭނާ ބަލާލީ ދޮރަށެވެ.

* * * * *

ހޮޓެލްގެ ބޮޑު ސުވީޓަށް ވަދެގެން ހުރި ދޮރު ހުޅުވުމާއެކު ސޯފާގައި އިން ފަރުޒީނުގެ ސަމާލުކަން އެދިމާއަށް ދެވުނެވެ. އަވަސްއަވަހަށް ތެދުވެގެން ދޮރާ ދިމާއަށް އައީ ކޮންބައެއްކަން އެ އައީ އެނގިގެންނެވެ. ލައިތުގެ ގާތުގައި ހުރި ކެންޒާ ފެނުމުން ފަރުޒީނަށް ނުކަން އަވަހަށް ގޮވާލެވުނެވެ. ކެންޒާ ވަކިން ބޮޑަށް އިސްއޮބާލިކަން އެންމެންނަށް ވެސް ފާހަގަވިއެވެ. އޭނާ ހާސްވެ ފިނިވީ އެ ޢާއިލާއާ ކުރިމަތިލާނޭ ގޮތެއް ނޭނގޭތީއެވެ. އެމީހުން ކެންޒާއާ މެދު ހީކުރާނޭ ގޮތަކާމެދު ހިތްބިރުގަންނަނީއެވެ. ލައިތު ލޮލުން ކޮށްލި އިޝާރާތް ފަރުޒީނު ނިކަން އަވަހަށް ދެނެގަތެވެ.

"ކޮޓަރިއަށް މިދަނީ." ލައިތު ބުނެލިއެވެ.

ސެހްރާނާއި ޔާދިންއާއެކު ފަރުޒީނު ވެސް މަޑުކޮށްލައިގެން ހުރީ ލައިތުގެ ކޮޓަރިއަށް ކެންޒާ ގޮވައިގެން ގޮސް ވަންނަތަން ބަލާށެވެ. އެމީހުން ލޮލަށް ގެއްލުމުން ފަރުޒީނު އެނބުރިލީ ކައިރީގަ ތިބި ދެ ޒުވާނުންނާ ކުރިމަތިލާށެވެ. އެމީހުންގެ ގާތުން ކަންތައްވީގޮތް އޮޅުންފިލުވަން ފަރުޒީނު އަވަސްވިއެވެ.

"އޯށޯވެލަން ބޭނުންތަ؟" ކޮޓަރިއަށް ވަދެވުމާއެކު ލައިތު އަހާލިއެވެ.

"ފެންވަރާލަން ބޭނުމީ." ކެންޒާ ބުންޏެވެ.

"ހެދުމެއް ބޭނުންވާނެ ދޯ، އާންޓީއަތުން ހެދުމެއް މިވަގުތަށް ގެނެސްދެންތަ؟ ހެނދުނުން ފުރަތަމަ ކަމަކަށް އަހަރެމެން ޝޮޕިންއަށް ދާނީ. އޯކޭތަ؟" ލައިތު ޚިޔާލު ދިނެވެ. ލައިގެން ހުރި ހެދުން ދެވަނަ ފަހަރަށް ލުމަށްވުރެ ކެންޒާއަށް އެގޮތް ވެސް ކަމުދިޔައެވެ. ބޯޖަހާލީ އެހެންވެއެވެ.

ލައިތު ވަގުތުން ކޮޓަރިން ނުކުތެވެ. ފަރުޒީނުގެ ގާތަށް އައިސް ކެންޒާއަށް ހެދުމެއް ދެވިދާނެތޯ އެއްސެވެ. ސުވާލެއްކުރުމެއްނެތި ފަރުޒީނު ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ. ލައިތު ގޮވައިގެންނެވެ. އިސްކޮޅުން ފަރުޒީނު ދިގުވާނެތީ އޭނާގެ އެއްވެސް ހަރުވާޅެއް ކެންޒާއަށް ހެޔޮވަރުނުވާނޭކަން އެނގެއެވެ. އެހެންވެ އޭނާ ނެގީ ދިގު ކުރުތާއެކެވެ. ކެންޒާ ލާފައި ހުންނައިރު އެ ކުރުތާ ހީވާނީ ކުރު ހެދުމެއްހެންކަން ފަރުޒީނު ބުންޏެވެ. އެ ހިފައިގެން ލައިތު ހިނގައިގަތުމުގެ ކުރިން ފަރުޒީނު އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

"ކެންޒާ ކިހިނެއް؟" ފަރުޒީނުގެ އަޑުން ކަންބޮޑުވުން ފާޅުވެއެވެ.

"ނޭނގެ... މާގިނައެއް ވާހަކައެއް ނުދައްކާ." ލައިތު ބުނީ ކިތަންމެ އާދައިގެ ގޮތަކަށް ވިޔަސް ފަރުޒީނަށް އޭނާގެ ހިތުގައިވި ރިހުން ދެނެގަންނަން އެނގުނެވެ. އެކަކަށްވުރެ ވެސް ބޮޑަށް ކެންޒާއާމެދު ލައިތު ހުރީ ކަންބޮޑުވެ ހާސްވެފައިކަން އެނގެއެވެ. އެ ޖަޒުބާތުތައް ފާޅުކޮށްފިނަމަ ކެންޒާގެ ހާލަތު ބަދަލުވެދާނޭ ލައިތަށް ހީވަނީއެވެ. އެހެންވިޔަސް އެ ދެމެދުގައި ކުރިން އޮތް ގުޅުމެއްނެތް ކަހަލައެވެ. ދެމެދަށް ހުސްކަމެއް އައިސްފައިވާ ކަހަލައެވެ. އެގޮތުގައި ގިނަދުވަހު އެގުޅުން އޮންނަން ފުރުޞަތުދީގެން ލައިތު ހުންނާކަށް ނޭދެއެވެ. އޭނާ ލޯބިވި ކެންޒާ މިވަގުތު ފާޅުނުވިޔަސް، އެ އަންހެންކުއްޖާގެ ގެއްލިފައިވި ނަފްސު ލައިތު ހޯދާނެއެވެ. ފުނޑުފުނޑުވެފައިވި އެ ހިތުގެ އެތިކޮޅުތަކުން އަމިއްލަ ދެއަތް ޒަޚަމްވިޔަސް ހެޔޮކަމަށް ގުޅުވައި އެއްތަންކުރާނެއެވެ. ދެހިތުގެ ވިންދާ ރާގު އެކައްޗަކަށް ވާނޭކަން ލައިތު ޤަބޫލުކުރެއެވެ.

ފާޚާނައިގަ ހުރި ކުނިވަށިގަނޑު ތެރެއަށް ގައިގާ ހުރި އަންނައުނުތައް ވަކިކޮށް ކެންޒާ އަޅާލިއެވެ. އެނބުރިލި ހިނދު އެއްބިތުގައި ހުރި ބޮޑު ލޯގަނޑުން އަމިއްލަ ހަށިގަނޑު ފެނުމުން ކެންޒާ ކަންބޮޑުވިއެވެ. މިފްރާހުގެ ނިޝާންތައް އެ ހަށިގަނޑުގެ އެތަން މިތަނުގައި ފާޅުކަން ބޮޑުކޮށް ފެންނަން ހުރީއެވެ.

ކެންޒާ ނުކުންނަން އުޅެފައި އަލުން އެތެރެއަށް ދެމިގަތީ ކޮޓަރީގައި މަޑުކޮށްލައިގެން ލައިތު އިނީމައެވެ. ލައިތު ތެދުވެގެން އައިސް ފާޚާނާގެ ދޮރު ކައިރީ މަޑުކޮށްލިއެވެ. ޓަކި ދީފައި ހެދުން ހިފައިގެން އައީކަމުގައި ބުނެލިއެވެ. ކެންޒާ އެއްޗެކޭ ނުބުންޏަސް ލައިތު އަމިއްލައަށް ވިސްނުނެވެ. ކެންޒާ ތައްޔާރުވެފައި ގޮވާލަންދެން ކޮޓަރިން ބޭރުގައި މަޑުކޮށްލާނަމޭ ލައިތު ބުނެފައި ހިނގައިގަތެވެ.

ދޮރުމަތީ މަޑުކޮށްލައިގެން ލައިތު ހުރިއިރު އޭނާގެ ސިކުނޑީގެ ތެރެއިން މިފްރާހުގެ ވާހަކަތައް އެއްފަރާތް ނުކުރެވުނެވެ. ރުޅިއައުމަށްވުރެ ލައިތަށް އެވާހަކަތަކުން ލިބުނީ ހިތްދަތިކަމެވެ. ކެންޒާއާ ބައްދަލުވީއްސުރެ ލައިތަށް އިޙްސާސް ކުރެވެނީ ދުރުކަމެވެ. ބަސްމަދުވުމަކީ ކެންޒާގެ ގޮތެއްނޫނެވެ. ހޮސްޕިޓަލުގައި އޮވެ ހޭއެރި ފަހުން ކެންޒާއަށް ތަފާތު ހަރުކަށިކަމެއް ވެރިވެފައިވާ ކަހަލައެވެ. ވާހަކައެއް ބުނެލިޔަސް ލައިތުއާ ނަޒަރު ސީދާނުކުރާކަން ފާހަގަވެއެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ކަނދުރާގައި ވައަތުން ލައިތު ފިރުމާލިއެވެ. ދޮރުހުޅުވާލިކަން އެނގުމުން އޭނާ ފަސްއެނބުރި ބަލާލިއެވެ. ކެންޒާ އެއްޗެކޭ ނުބުނެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީއެވެ.

އެތެރެއަށް ވަދެގެން އައިސް އެނދުގައި ލައިތު އިށީނެވެ. ކައިރީގައި އަތް ޖަހާލައި އިށީނަން އައުމަށް ކެންޒާގެ ގާތުގައި އެދުނެވެ. މަޑުމަޑުން އައިސް އެނދުގައި ކެންޒާ އިށީނީ ދެމެދުގައި ދުރުމިން ބަހައްޓާފައެވެ. ކެންޒާއަށް ބަލަން އިރުކޮޅަކު ލައިތަށް އިނދެވުނެވެ. ދެން އޭނާ އެގޮތަށް އިނދެ ވާހަކަދެއްކިއެވެ.

"މެރީ ކުރަން ހިނގާ... މާލެ ދިއުމުގެ ކުރީން، މިކޮޅުގަ... ވީހާ ވެސް އަވަހަށް." ލައިތު ބުންޏެވެ.

"ކެންޒާ..." ކެންޒާގެ އިޝާރާތެއް ނުވެގެން ލައިތު ގޮވާލިއެވެ. އެއާއެކު ކެންޒާ ހޫން ލައްވާލިއެވެ.

"މެރީ ކުރަން ބޭނުންތަ؟" ލައިތު މިފަހަރު އެހީ ކެންޒާގެ ޚިޔާލަކަށެވެ. ކެންޒާ ބޯޖަހާލުމުން އެ އިޝާރާތް ލައިތު ޤަބޫލެއްނުކުރިއެވެ.

"އަޑެއްނީވޭ... އަނގައިން ވާހަކަނުދައްކަންޏާ އަހަންނަކަށް ނީވޭނެ." ލައިތު ގޮތުގައި ހިފަހައްޓާލިއެވެ.

"ބޭނުން..." ކެންޒާ ވާހަކަދެއްކިއެވެ. ލައިތު އިންތަނުން ފޫހިއްލާލައި ކެންޒާއާ ގާތަށް ޖެހިލިއެވެ.

"އެންމެން އަންނާނެތަ؟" އިސްޖަހާލައިގެން އިނދެ ކެންޒާ އަހާލިއެވެ.

"ނޫން، ފަރުޒީންއާންޓީ މިކޮޅުގައި ހުރީ، ދެން ސެހެރްއާއި ޔާދު... މީ ކައިވެނިކުރަން ބޭނުންވި ގޮތެއްނޫން، އެކަމަކުދެން ކެންއާ މެރީ ނުކޮށް ހުންނަންވެއްޖެއްޔާ އަހަރެން މޮޔަވެދާނެ." ކެންޒާގެ ކޮނޑުގައި ލައިތު ބޯއަޅާލީ ވަރުބަލިވެފައިވާ މީހަކު ފަދައިންނެވެ.

"އަހަރެން ކިޔަންވީ ކީކޭ؟ ރައިޒަންތަ؟ ލައިތުތަ؟" ކެންޒާ އަހާލިއެވެ. ހާސްކަމުގެ ތެރެއިން ލައިތަށް ހީނލެވުނެވެ. ކެންޒާގެ ކަނާއަތްތިލަ ހިއްލާލުމާއެކު ގެނެސް މޫނުގައި ލައިތު ޖައްސާލިއެވެ.

"ފުރަތަމަ ލޯބިވެވުނީ ކާކުދެކެ... އޭރު ތީ އަހަރެންގެ ސްވޯން ޕްރިންސެސް، ފަހުން ބައްދަލުވީ ފުއްގަނޑެއް ކަހަލަ ލޯބިލޯބި ޕެންޑާއަކާ." ހެމުންހެމުން ކެންޒާގެ ކޮނޑުން ބޯ ހިއްލާލައި ކޯތާފަތުގައި ލައިތު ބޮސްދިނީ ނުހަނު ލޯބިންނެވެ.

"ލައިފް އިޒް ނޮޓް އަ ފެއަރީޓޭލް." ކެންޒާ ބުނެލީ ރިހުން އެކުލެވިގެންވީ އަޑަކުންނެވެ.

"އައި އޭމް ސޮރީ، އަވަހަށް އަންނަން ބޭނުންވި... ސޮރީ މިހާ ލަހުން އާދެވުނީމަ، ސޮރީ ކެން ދަނީއޭ ބުނީމަ ވެސް ކަމެއްނުކޮށް އޮވެވުނީމަ... ޔޫ ހޭވް ނޯ އައިޑިއާ... ނުދާށޭ އަހަރެން ބުނިން، ހިފަހައްޓަން ބޭނުންވި، ކެން... ހުރިހާކަމެއް ރަނގަޅުކުރާނީ ކިހިނެއް؟ ޓެލް މީ... ބުނި ކޮންކަމެއް އަހަރެން ކުރާނަން." ކެންޒާގެ ހަށިގަނޑުގައި ލައިތު ދެއަތް ވަށާލިއެވެ. ލުއި ބޮސްދިނުމަކުން ކެންޒާގެ ކޮނޑުގައި ލައިތު ތުންފަތް ޖައްސާލިއެވެ.

"އަހަރެންގެ ކުށް..." ކެންޒާގެ އަޑު ހިނދުނަ ކަހަލައެވެ.

(ނުނިމޭ)