ފިނިޕޭޖް

"ކްރިޝް 4"ގައި ރިތިކްގެ ލޯބިވެރިޔާގެ ރޯލަށް ކިއާރާ

މިދިޔަ އަހަރުގެ އެންމެ ބޮޑު ބްލޮކްބަސްޓާއަކީ ރިތިކް ރޯޝަންގެ "ވޯ" އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 300 ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިފައި ވެއެވެ. ނަމަވެސް އޭގެ ފަހުން އަހަރެއް ފާއިތުވީ އިރުވެސް ރިތިކްގެ އާ ފިލްމެއް އިއުލާން ކޮށްފައެއް ނުވެ އެވެ. ހޮޓް ސްޓާ އަށް މުޅިން އާ ޝޯއެއް ރިތިކް ބައިވެރި ވެގެން އުފައްދަން އުޅޭ ކަމުގެ ޚަބަރުތަކެއް ލިބުނު ނަމަވެސް މި ޝޯ ވެސް ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެ އެވެ.

މިހާރު ބެލެވޭ ގޮތުގައި ރިތިކްގެ "ކްރިޝް 4" ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން މިހާރު ވަނީ ފިލްމުގެ ސްކްރިޕްޓް ލިޔެ ނިންމާފައި ކަމަށާއި ފިލްމުގެ ބަތަލާއަކަށް ކިއާރާ އަދުވާނީ ހަމަޖައްސައިފި ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.

މި ފިލްމުގައި ދެ ބަތަލާ އަކަށް މުހިއްމު ރޯލުތަކެއް ހިމެނެ އެވެ. ކުރިން ހަމަޖެހިފައި އޮތީ ލީޑް ރޯލު ކްރީތީ ސެނޯން ކުޅޭ ގޮތަށެވެ. ނަމަވެސް ގިނަ ފިލްމުތަކެއްގައި ސޮއި ކޮށްފައި ވާތީ ކްރީތީ އަށް ތާރީޚުތައް ދެވެން ނެތިގެން ކިއާރާ ލީޑް ރޯލަށް ހަމަޖެއްސީ ކަމަށް ވެއެވެ.

ކިއާރާއަކީ ރީތި ބަތަލާއެއްގެ އިތުރުން ވަރަށް ރަނގަޅު ޕާފޯމާއަކަށް ވެފައި ރިތިކް އާއި ކިއާރާގެ ޖޯޑަކީ މުޅިން އާ ޖޯޑަކަށް ވާތީ މި ފިލްމަށް ކިއާރާ ޚިޔާރު ކުރީ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

"ކްރިޝް 4"ގެ ޓީމުން މިހާރު ގެންދަނީ ކިއާރާ އާ މި ފިލްމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ. ދެ ފަރާތުން އެއްބަސްވެވިއްޖެނަމަ މި ފިލްމު ކުޅެން ކިއާރާ ސޮއި ކުރާނެ އެވެ.

"ކްރިޝް 4" އާއެކު މި ސުޕަހީރޯ ފްރެންޗައިސް އާ އުސް މިނަކަށް ގެންދިއުމަކީ ރިތިކް އާއި އޭނާގެ ޓީމުން މިފަހަރު ބޭނުންވާ ގޮތެވެ. ވީމާ "ކްރިޝް" ގެ ކުރީގެ ފިލްމުތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް މި ފިލްމު މޮޅުވާނެ ކަމަށް ބެލެވެ އެވެ.