ބޮލީވުޑް

ރިތިކް އާއި ކިއާރާ އެކުގައި ފިލްމެއް ކުޅެނީތަ؟

ރިތިކް ރޯޝަން އިއްޔެ ސޯޝަލް މީޑިއާގައި ޝެއާކުރި ފޮޓޮއެއްގައި ކިއާރާ އަދުވާނީ ޓެގްކޮށް އެ ފޮޓޮއާ މެދު ކިއާރާ ދެކޭ ގޮތް އޮޅުން ފިލުވަން އެދިއްޖެ އެވެ. ރިތިކްގެ މި ޕޯސްޓާއެކު ކިއާރާ އާއި ރިތިކް އާ ޕްރޮޖެކްޓެއްގައި އެކުގައި މަސައްކަތްކުރަން ތައްޔާރުވަނީ ކަމަށް ފޭނުން ދަނީ ބުނަމުންނެވެ.

މިހާތަނަށް ރިތިކް އާއި ކިއާރާ ކުޅޭ ފިލްމެއްގެ އެއްވެސް ވާހަކައެއް އިންޑިއާގެ މީޑިއާ ތަކުން ފެނިފައި ނުވެ އެވެ. ނަމަވެސް ރިތިކްގެ މި ޕޯސްޓުން އެ ފަދަ ފިލްމެއް އިއުލާންކުރުމުގެ މަރުހަލާގައި އުޅޭ ކަމުގެ އިޝާރާތެއް ވަނީ ލިބިފަ އެވެ.

މިއީ އަދި މިހާތަނަށް އެކުގައި ފެނިފައި ނުވާ ޖޯޑަކަށް ވެފައި ދެ އެކްޓަރުންނަކީ ވެސް ވަރަށް ރީތި ދެ މީހުންނަކަށް ވާތީ ފޭނުން ތިބީ މިފަދަ ފިލްމެއްގެ އިންތިޒާރުގައި ކަން އެމީހުން ކޮށްފައިވާ ކޮމެންޓްތަކުން ދޭހަވެ އެވެ.

ރިތިކް މިހާރު ސޮއިކޮށްފައިވަނީ ދީޕިކާ ޕަދުކޯން އާއެކު ކުޅޭ "ފައިޓާސް"ގައި އެކަންޏެވެ. އަދި "ކްރިޝް 4"ގެ މަސައްކަތް އޭނާ ވަރަށް އަވަހަށް ފަށަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރިފައި ވެއެވެ.

ކިއާރާ ބައިވެރިވަނީ ރިތިކްގެ "ކްރިޝް 4"ގައި ކަމެއް ނުވަތަ މުޅިން އާ ފިލްމެއްގައި ކަމެއް އަދި ޔަގީނެއް ނޫނެވެ.
ކިއާރާ މިވަގުތު މަސައްކަތް ކުރަމުންދަނީ "ޝޭރްޝާހް" ޕްރޮމޯޓް ކުރުމުގަ އެވެ. އޭނާ ކުޅެމުންދާ ފިލްމުތަކުގެ ތެރޭގައި ކާރްތިކް އާރްޔަން ބަތަލުގެ ބައި ކުޅޭ "ބޫލް ބުލައްޔާ 2" އާއި ވަރުން ދަވަން އާއެކު ކުޅޭ "ޖުގް ޖުގް ޖިޔޯ" ހިމެނެ އެވެ.