ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުން މަސްވެރިން ނިކަމެތިކޮށްފި: މުއިއްޒު

މި ސަރުކާރުން މަސްވެރިން ނިކަމެތިކޮށް މަސްވެރިކަމުގެ ސިނާއަތް އިނދަޖައްސާފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދަކީ މަސްވެރިންގެ ދުވަހެވެ. މި ދުވަހާއި ދިމާކޮށް ކަނޑު މައްޗަށް ޖަމާވެ، ކަންނެލި މަސްވެރިންގެ ތަމްސީލް ކުރަން ވަކާލާތު ކުރާނެ ޔޫނިއަނެއް ވަނީ އުފައްދާފައެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނަމުގައި މި ޔޫނިއަން އުފެއްދުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގުޅިފަޅު ކަނޑުމައްޗަށް ގިނަ އަދަދެއްގެ ކަންނެލި ދޯނި ފަހަރު ޖަމާ ވެގެންނެވެ. މި ޖަލްސާގައި ހަތޭހައެއްހާ ދޯނިން ބައިވެރިވެފައިވެ އެވެ.

އެ ރަސްމިއްޔާތުގެ މަންޒަރުތައް ފެންނަ ފޮޓޯތަކާއެކު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން މަސްވެރިން ނިކަމެތިކޮށް މަސްވެރިކަމުގެ ސިނާއަތް އިނދަޖައްސާފައިވާ ކަމަށެވެ.

"މި ނާގާބިލް، ޒިންމާދާރުކަން ކުޑަ ސަރުކާރުން ވަނީ މަސްވެރިން ނިކަމެތިކޮށް މަސްވެރިކަމުގެ ސިނާއަތު އިނދަޖައްސާފައި،"

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނަމުގައި އުފެއްދި ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސްވެރިން ވަނީ ސަރުކާރުތަކުން އަބަދުވެސް މަސްވެރިންނަށް ދައްކަނީ ހުވަފެން ކަމަށާ މަސްވެރިންގެ ހައްގުގައި އެއްވެސް ކަމެއް ކޮށްނުދޭ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.